بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދުކުރަން. އެކަލާނގެ މި އުންމަތަށް ފޮނުއްވި މާތް ނަބިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ދަންނަވަން. އަދި އެ މާތް ނަބިއްޔާގެ އިތުރު އާލުންނާއި މިތުރު ސަޙާބީން މި ޞަލަވާތުގައި ޝާމިލުކުރަން.

ޢިއްޒަތްތެރި މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމް، ޢާއިޝާ. ދިވެހިބަހުގެ އެކެޑަމީގެ ޢިއްޒަތްތެރި ރައީސް އަލްފާޟިލް އަޝްރަފް ޢަލީ. އެކެޑަމީގެ މެންބަރުން، ދެންމެ އަޅުގަނޑުމެންގެ ކުރިމަތިން [އެކެޑަމީ އިނާމު] ހާސިލުކުރެއްވި ޚިދުމަތްތެރި އަދީބުންނާއި ޝާޢިރުން، މި ޖަލްސާގެ ލޮބުވެތި ހާޒިރީން، ދުރާއިގާތުން މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ، ލޮބުވެތި ރައްޔިތުން.

السّلام عليــكم ورحـمــة اللّـه وبـركاتـه.

އަޅުގަނޑުގެ އެންމެ ޚާއްޞަ އުފަލަކީ، ދިވެހިބަހުގެ ތިން ދާއިރާއިން، މިރޭ އެވޯޑު ހާސިލު ކުރެއްވި އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރަށާއި، އަލްފާޟިލް ހޯރަފުށީ މުޙައްމަދު ސަލީމަށާއި، އަލްފާޟިލް ރޯނުގޭ ޙަސަން މަނިކަށާއި، އަލްފާޟިލް ކުރޮޅި އާދަމް ޒާހިރަށާއި، އަލްފާޟިލް ޖާވިޝް ޙަމީދަށް މަރުޙަބާއާއި މުބާރަކުބާދު ދެންނެވުން. މަރުޙަބާ.

އެކި ރޮނގުތަކުން ދިވެހި އަދަބިއްޔާތަށް ތިޔަބޭފުޅުން ތިޔަ ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދަވާ ޚިދުމަތަކީ، ވަރަށް މަތިވެރި ޚިދުމަތެއް. ތިޔަ މަތިވެރި ޚިދުމަތުގެ އަގު ވަޒަންކޮށް، ސަރުކާރުން ތިޔަބޭފުޅުންނަށް ދެއްވި އެވޯޑު ނުވަތަ އިނާމު ވާންވާނީ، ތިޔަ މަތިވެރި ޚިދުމަތުގައި ތިޔަބޭފުޅުން ސާބިތުކަމާއެކު އަދިވެސް ކުރިއަށް ވަޑައިގަތުމަށް އެރުވުނު އިތުރު ހިތްވަރަކަށް.

އާދެ! ދިވެހިބަހުގެ ޢިލްމު ކުރިއެރުވުމާއި، ބަސް ދިރާސާ ކުރުމާއި، ދިވެހިބަހާއި ޓެކްނޮލޮޖީ ރައްޓެހި ކުރުވުމާއި، ލިޔުންތެރިކަމާއި ޅެންވެރިކަން ކުރިއެރުވުމާއި، ދިވެހި ތާރީޚު ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ، މިއަދު ވަރަށް މުހިންމުވެފައިވާ މަސައްކަތެއް.

މިދެންނެވި ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވާ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، އެފަދަ ފަރާތްތަކަށް [އެކެޑަމީ އެވޯޑު]ގެ ނަމުގައި އެވޯޑު ދެއްވަން ފެށްޓެވުމަކީ ވަރަށް މުހިންމު ނިންމުމެއް.

އަޅުގަނޑު ދެކޭގޮތުގައި، މި އެވޯޑުގެ ސަބަބުން، މިދެންނެވި ދާއިރާތަކުން ޚިދުމަތް ކުރުމުގެ ރޫޙު، އިހުނަށްވުރެ ބޮޑަށް އާވެގެންދާނެ. އޭގެ ސަބަބުން، އެ ދާއިރާތަކުން ދިވެހި އަދަބިއްޔާތަށާއި ތާރީޚަށާއި، އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ ޅެންވެރިކަމަށް ވަރަށްބޮޑު ދިރުމެއް އަންނާނެ. އެކެޑަމީން ތިޔަ ފެށްޓެވި މުހިންމު މަސައްކަތަށް އަޅުގަނޑު އެދެނީ އިތުރު ކާމިޔާބު.

އާދެ! އަމިއްލަ ބަހަކާއި އަކުރެއް ލިބިއޮތް ކޮންމެ ބަޔަކުވެސް، ޤައުމިއްޔަތެއް ބިނާކުރާނީ ނުވަތަ ކުރަނީ އެބައެއްގެ އަދަބިއްޔާތު ވުޖޫދަށް ގެނެސް، އެއީ ޤައުމިއްޔަތުގެ މުހިންމު ބަހާއެއް ކަމުގައި އަދަބިއްޔާތު ޝާމިލުކޮށްގެން. ޤައުމިއްޔަތެއް ކުރިއަރައި ދާންވާނީ އަދަބިއްޔާތާ އެކީގައި. އެއީ ޤައުމިއްޔަތެއްގެ ރުކުނެއްގެ ގޮތުގައި ހިތާއި ނިޔަތުން ބަލައިގަނެގެން.

އާދެ! އަޅުގަނޑުމެންނަކީ ހަމައެކަނި ބަހެއް، އަދި އެބަހުން ލިޔާނެ އަކުރުތަކެއް އެކަނި ލިބިފައިވާ ބައެއް ނޫން. ދިވެހި ޤައުމަށް ދިވެހި ކާބަފައިން ލީ ކޮންމެ ނޭވާއަކާއި، ދިވެހި ޖައްވުން އެމީހުން ކުރި ކޮންމެ އިޙްސާސަކާއި، މިވެށީގައި ވޭތުކުރި ޙަޔާތުން ހޯދި ކޮންމެ ހުނަރަކާއި، ކުޅަ ކޮންމެ ތަޖުރިބާއަކާއި، ހޯދި ކޮންމެ މޮޅަކާއި، ލިބުނު ކޮންމެ ނާކާމިޔާބީއެއްގެ ވާހަކަވެސް އެނގެން މިއޮތީ އަދަބިއްޔާތުގެ ތެރެއިން.

އެއީ، ރައިވަރަކުންވިޔަސް، ޅެމަކުން، ނޫނީ ފަރިއްސަކުންވިޔަސް، މަޒުމޫނަކުން ނުވަތަ ވާހަކައަކުންވިޔަސް، އެ ހުރިހާ ވާހަކަތައް ލިޔެވި ރައްކާކުރެވިފައި މިއޮތީ، އަދަބިއްޔާތުގެ ކޮންމެވެސް އެއް ދާއިރާއެއްގެ ތެރޭގައި. މި ޙަޤީޤަތް މިހެން ފެންނާން އޮތުމީ، އަދަބިއްޔާތުގެ މުހިންމުކަން ހާމަކޮށްދޭ ސާފު ހެތްކެއް. އާދެ، ދިވެހިބަހަކީ އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ ރީތި ބަހެއް. މުއްސަނދި ބަހެއް. އެކަން އިޙްސާސްވީވަރަކަށް ދިވެހިބަހުގެ އަގު އަޅުގަނޑުމެންނަށް ވަޒަން ކުރެވޭނެ.

އާދެ! ބަހުގެ އަދީބުން ވިދާޅުވާގޮތުގައި، ދިވެހިބަހަކީ، އިނގިރޭސިބަހުން އަޅުގަނޑު ދަންނަވާލާނަން. ފޮނެޓިކް ލެންގުއޭޖެއް ކަމަށް. އެއީ، ލިޔާގޮތަށް ކިޔޭތީ، ކިޔާގޮތަށް ލިޔެވޭތީ. [ފޮނެޓިކްސް] މި މާނަ ގެނެސްފައިވަނީ އަޅުގަނޑުމެންގެ އުސްތާޛު ޢަބްދުއްރަޝީދު ޙުސައިން. ނަމަވެސް އަޅުގަނޑަށް ވިސްނޭގޮތުގައި، ދިވެހި ފޮނެޓިކްސް ތެރޭގައި ޢިލްމީ ދިރާސާތައް ކުރަންޖެހޭ ވަރަށްގިނަ ކަންތައްތައް އެބަހުރި. މިސާލަކަށް، ހުސްނޫނު ކިޔުމާއި ނުކިޔުން. ބަހަށް އަންނަ ބަދަލު. އާންމު ބަހުރުވައިގައި ނެތް، އެހެންނަމަވެސް، ބައެއް ބަހުރުވަތަކުގައި ހުރި ލަފްޒުތަކާއި ޢިބާރާތްތައް. އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި އެކެޑަމީގެ ރައީސް، ހުވަދޫބަހުން ވިދާޅުވި އެއްޗެއް، ދެން އަޅުގަނޑަކަށް މާބޮޑަކަށް ފަހުމެއްނުވި. އެހެންނަމަވެސް، އަޅުގަނޑުވެސް ހުވަދޫބަހުގެ ބަހެއް ދަންނަވާލާނަން. މިސާލަކަށް [ރުކުރާ]. މި ލަފްޒު އާންމުކޮށް ކިޔައި ނޫޅޭ. އެހެންނަމަވެސް، ހުވަދުއަތޮޅުގައި އެއަށް ކިޔަނީ ދޯރާ. މިކަހަލަ ކިތަންމެ މިސާލެއް އެބަހުރި. މިހިރަ ކަންތައް ބަލައި، އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން ދިރާސާކުރަން އެބަޖެހެއޭ.

ކަންމިހެންހުރުމާއެކު، އަޅުގަނޑު ހިތުން ބަހުރުވައިގެ ބޮޑެތި ތަފާތުތައް ހުރި ބަހުރުވަތަކުގެ ވަކި ރަދީފުތަކެއް، އާންމު ބަހުރުވައިން އޭގެ މާނަ އެނގޭގޮތަށް އެބަ އުފައްދަންޖެހޭ. މިއީ ވަރަށް މުހިންމު ކަމެއް. ބައެއްކަހަލަ ބަސްތައް، އަޅުގަނޑަށް ހީވަނީ ބައެއް ބަހުރުވަތަކުގައި އެބަހުރި. އަޅުގަނޑު އަދިވެސް ދަންނަވާލާނަން، ހުވަދޫބަހުގެ ބައެއް ބަސްތައް. އާންމުކޮށް އަދިވެސް ބޭނުންކުރާތަން ނުފެންނާތީ. ރަދީފުގައި އެބަހުރި. މާފަ، މުންނަ. މި ދެ ބަހަކީވެސް ހުވަދޫބަހުގައި ބޭނުންކުރާ ދެ ބަސް. މިހާރު ރަދީފުގައި ހިމެނިފައި އޮތީ. އެހެންނަމަވެސް، އާންމުގޮތެއްގައި އެ ބަސް ބޭނުންކުރާތަނެއް ނުފެނޭ. ހަމަ އެގޮތަށް މިހާރު އައްޑޫބަސްވެސް، ފުވައްމުލަކު ބަސްވެސް، ވަރަށް މުއްސަނދި ބަހުރުވައެއް. އެހެންވީމާ، އެ ބަސްތަކުން ރަދީފެއް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދަންނަވަން. އަޅުގަނޑު ގައިމުވެސް، އަޅުގަނޑަށް އެނގެނީ ހުވަދޫބަސް. ހުވަދޫ ބަހުރުވަ. ހުވަދޫ ބަހުން ނުވަތަ ހުވަދޫ ބަހުރުވައިން ރަދީފު ހެދުމުގައި އެކެޑަމީއަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް އަޅުގަނޑުގެ ފަރާތުން ލިބޭނެކަމުގެ ޔަގީންކަން އަރުވަން. ދާދިފަހުން އަބޫބަކުރު ސްކޫލްގައި، ތިނަދޫގެ އަބޫބަކުރު ސްކޫލްގައި ބޭއްވި މިކަހަލަ ދިވެހި ދުވަހަކު އަޅުގަނޑު ދިޔައިން. އެތަނުގައި ވަރަށް ގިނަ ހުވަދޫބަހުން ހަދާފައިހުރި އެކިއެކި ނަންތައް ހުރި. އަޅުގަނޑަށްވެސް ބައެއް ނަންތަކެއް ނޭނގޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާނީ ވަރަށް ފުރިހަމައޭ، އަބޫބަކުރު ސްކޫލުގައި އެކަން ގެންދިޔަގޮތް. މިހާރުވެސް ތިޔަބޭފުޅުން ބޭނުމިއްޔާ އެ ބަސްތައް، އަބޫބަކުރު ސްކޫލާ ގުޅުއްވައިގެން ހޯދުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރެއްވިދާނެ ކަމެއް. މިހާރުވެސް ބަހުގެ އެކެޑަމީންނާއި، ބަހުގެ ޢިލްމު އުނގެނޭ ދަރިވަރުން، ބަހުގެ ދިރާސާތައް ހަދާކަން އަޅުގަނޑަށް އެނގޭ. އެފަދަ ދިރާސާތަކުގެ އަލީގައި ނުވަތަ އިތުރު ދިރާސާތައް ކޮށް، އަޅުގަނޑުމެންގެ މި ރީތި ބަސް ކުރިއަރުވަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވޭ.

އާދެ! އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި އެކެޑަމީގެ ރައީސްވެސް ޓެކްނޮލޮޖީއާއި ދިވެހިބަހާ ހުރި ގާތްކަން ނުވަތަ ގާތްކުރަންޖެހޭ ސަބަބުތައް ވިދާޅުވެއްޖެ. އަޅުގަނޑުވެސް ކޮންމެވެސްވަރަކަށް އެބައި އަލިއަޅުވައިލާނަން. މިޒަމާނަކީ މުޅި ދުނިޔެ، އަތުގައި އޮންނަ ފޯނާ ހަމައަށް ގެނެވިފައިވާ ޒަމާނެއް. އެހެންކަމުން، ޓެކްނޮލޮޖީއާއި ދިވެހިބަސް ރައްޓެހިކުރަން، މިހާރަށްވުރެ ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އަޅުގަނޑު ދަންނަވަން. ދިވެހިރާއްޖޭގެ ރީތިކަން މުޅި ދުނިޔެއަށް ހާމަކުރާ ފަދައިން، ދިވެހިބަހުގެ މުއްސަނދިކަން މުޅި ދުނިޔެއަށް އެބަ ދައްކަންޖެހޭ. ދިވެހިބަހަކީ، ދުނިޔެ ބަލައިގަންނަ، ދުނިޔޭގެ އެތަންމިތަނަށް ފެތުރިފައިވާ ބައިނަލްއަޤްވާމީ ބަހަކަށް ހަދަން ޢަޒުމް ކަނޑައަޅަންވެއްޖެ.

އާދެ! ދިވެހި ސަރުކާރުގެ ސިޔާސަތަކީ، މާދަރީބަހަށް އިސްކަންދީގެން، ޤައުމީ ތަރައްޤީ ކުރިއަށް ގެންދިއުމުގެ ސިޔާސަތު. އެ ސިޔާސަތު ތަންފީޒު ކުރަން ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ. ދިވެހިބަހުގެ އެކެޑަމީން މި ކުރައްވާ މަސައްކަތްތަކަކީ އެކަމުގެ ވަރަށް އަލިގަދަ ދަލީލެއް.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެންމެ އިސްކަންދެއްވާ ޤައުމީ ސިޔާސަތުތަކުގެ ތެރޭގައި، ދިވެހިބަސް ކުރިއެރުވުމަކީ ވަރަށް މުހިންމު ސިޔާސަތެއް. އެކަމަށްޓަކައި ޤާނޫނެއް ވުޖޫދަށް އައިސް، އެ ޤާނޫނުގެ އެހީތެރިކަމުގައި މުހިންމު މަސައްކަތްތަކެއް ކުރެވެމުން އެބަދޭ! މި މަސައްކަތުގެ ވާހަކަ ދިވެހިބަހުގެ އެކެޑަމީގެ ރައީސްވެސް ވިދާޅުވެދެއްވައިފި. އެހެންކަމާއެކު، ޢިއްޒަތްތެރި ރައީސަށް ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. ހަމަ މި ނޭވާގައި، އަޅުގަނޑު ހަމަ ޢިއްޒަތްތެރި މިނިސްޓަރ ޑޮކްޓަރ ޢައިޝަތު ޝިހާމް ދިވެހިބަސް ކުރިއެރުވުމަށްޓަކައި ކުރައްވާ މަސައްކަތަށްވެސް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މި ފުރުޞަތުގައި، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއަށާއި، ބަހުގެ އެކެޑަމީގެ މެންބަރުންނަށާއި، މުވައްޒަފުން ތިޔަ ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، މި އިޙްތިފާލު މިހާ ކުލަގަދަކޮށް އޯގަނައިޒް ކޮށްދެއްވި ކަމަށްޓަކައި އަދިވެސް އެއްފަހަރު އެކެޑަމީއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިބަހަށް އިތުރު ކުރިއެރުން ދެއްވައި، ދިވެހި އަދަބިއްޔާތު، އޭގެ ބަހާރު މޫސުމުގައި އަބަދުމެ ފަރިވެ ފޮޅެމުން ދިއުން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން އަދިވެސް އެއްފަހަރު މިރޭގެ ޚާއްޞަ ވަނަ ހޯއްދެވި 5 ބޭފުޅުންނަށް، ތިޔަބޭފުޅުންގެ ނަމުގައި، އަޅުގަނޑުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

والسّلام عليــكم ورحـمــة اللّـه وبـركاتـه.