بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.

އޭ.ސީ.ސީ.ގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ ޝަހީމް، މި މަހާސިންތާ ސްޕޮންސަރ ކުރައްވާ ފަރާތް ކަމަށްވާ ފެނަކައާއި، މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީއާއި އަދި ޕީ.އެސް.އެމް. ފަރާތުން ވަޑައިގެންނެވި އެތަންތަނުގެ ސީ.އީ.އޯސް، އަދި އެތަންތަނުގެ އިސްވެރިން. މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ދައުލަތުގެ މުއައްސަސާތަކާއި އަދި އެހެން ފަރާތްތަކުގެ ހީވާގި މުވައްޒަފުން.

السّلام عليــكم ورحـمــة اللّـه وبـركاتـه.

އާދެ، މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި އޭ.ސީ.ސީ.ގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއަށް އަދި އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މިއީ މިގޮތުން އެންމެ ފުރަތަމަ ބާއްވާ ޙަފުލާއަށް ކަމަށްވެސް ފަހަރެއްގައި ވެދާނެކަންނޭނގެ. އެހެންނަމަވެސް، މީގެކުރިން އަޅުގަނޑު އޭ.ސީ.ސީ.ގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތަށް އައިއިރު، އެ އިފްތިތާޙު ކުރުމުގެ ރަސްމިޔާތުގައި ދެއްކި ވާހަކަވެސް އަޅުގަނޑު ހަނދާން އެބަހުރި. އަދި އެ ސްޓްރެޓީޖިކް ޕްލޭންގައި ހުރި ބައެއް ކަންތައްތަކުގެ ވާހަކަވެސް ހަނދާން އެބަހުރި. އެ ސްޓްރެޓީޖިކް ޕްލޭންގައި ހުރި ބައެއް ކަންތައްތަކުގެ ތެރެއިން މި މަހާސިންތާގެ ވާހަކަވެސް ލިޔުއްވާފައި އެބައޮތް. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ އަދިވެސް އެއްފަހަރު އޭ.ސީ.ސީ.ގެ ރައީސަށް، މިކަހަލަ ކަމެއް ފަށްޓަވައިދެއްވި ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

ކޮރަޕްޝަންގެ މައްސަލަތައް ޙައްލުކުރުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރަން ފަށާފައިވާކަން މިއަދު މި މަހާސިންތާއިން މި ފެންނަނީ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި އަވަސްކަމާއެކު ފިޔަވަޅު އެޅިއްޖެނަމަ، ކޮރަޕްޝަންގެ ގެއްލުން އެތައްތަނަކުން އަޅުގަނޑުމެންނަށް ކުޑަކުރެވޭނެކަމަކީ، އަޅުގަނޑުމެން އެއްވެސް ބަޔަކު ދެކޮޅުހަދާނެ ވާހަކައެއް ނޫން.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަކީ މުޅި ޤައުމުގެ މަޞްލަޙަތު، އެކަމެއްގެ މައްޗަށް ހުއްޓިފައިވާ ކަމެއް. ކޮރަޕްޝަންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ޖިނާއީ ޢަދުލުގެ ނިޒާމު، ޒަމާނާ އެކަށޭނަގޮތަށް ބައްޓަން ކުރެވެންޖެހޭނެ. އަޅުގަނޑަށް ހީވަނީ ޕީ.ޖީ މިކަމަށް ވަރަށްބޮޑަށް އިޢުތިރާފުވާނެހެން. ޖިނާއީ ޢަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ ހުރިހާ އިދާރާއެއްގެ ވިސްނުން، އެއް ނާރެހަކަށް އަމާޒުކުރެވެންޖެހޭ. ތަންފީޒީ އިދާރާތަކާ ހަވާލުކުރެވިފައިވާ ޤައުމީ މަސްއޫލިއްޔަތު، އެއްވެސް ޖެހިލުމެއްނެތި، ފަސްޖެހުމެއްނެތި އަދާކުރެވެމުންދާތަން ރައްޔިތުންނަށް ފެންނަންޖެހޭ.

ކޮރަޕްޝަންގެ މައްސަލަތައް ޙައްލުކުރުމުގައި ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން އަދި ވަރަށްގިނަ ޖަމާޢަތްތަކާއި، ދުނިޔޭގެ ޤައުމުތަކުން ގުޅިގެން އެތައް މަހާސިންތާއެއް، ކޮންމެ އަހަރަކު ދަނީ ބާއްވަމުން. މި މަހާސިންތާތަކުގައި އޭ.ސީ.ސީ.ގެ ފަރާތުންނާއި އަދި ކަމާބެހޭ ފަރާތްތަކުންވެސް ރާއްޖޭގެ ފަރާތުން ތަމްސީލުކުރޭ. ބޭނުމަކީ، ކޮރަޕްޝަންގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ޙައްލުކުރުމާއި، އަލަށް ކުރިމަތިވާ މައްސަލަތަކަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޙައްލު ހޯދުން. މިއަދު ދިވެހިރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިކަމާއެކު ކުރިއަރައި، ވިޔަފާރީގެ މުޢާމަލާތްތައް ފުޅާވެގެންދާއިރު، ކޮރަޕްޝަންގެ ހިޔަނި އެއްވެސް ކަމަކަށް އެޅުމަކީ މި ސަރުކާރުން ބޭނުންވާ ގޮތެއްނޫން.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ ޚިޠާބުގައި، ރާއްޖޭގެ ލޮބުވެތި ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާ ފަދައިން، ރާއްޖޭގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ސަރުކާރުން ގެންދަނީ ހިންގަމުން. އަދި މިއީ، މިއިން ދުވަހަކުވެސް ރާއްޖޭގައި ހިންގާފައި ނުވާފަދަ ބޮޑެތި މަޝްރޫޢުތަކެއް. މިފަދަ ކިތަންމެ ގިނަ އަދަދެއްގެ މަޝްރޫޢުތަކަކާއި ޙަރަކާތްތައް ހިންގާއިރު، އެއިން އެއްވެސް ކަމެއްގައި، ކޮރަޕްޝަންގެ ޢަމަލެއް ހިންގުމަކީ، ސަރުކާރުން ތަރުހީބުދޭ ކަމެއްނޫންކަން، އެމަނިކުފާނެކޭ އެއްގޮތަށް އަޅުގަނޑުވެސް މި ފުރުޞަތުގައި ދަންނަވަން.

ރާއްޖެއަށް ތަރައްޤީ އަންނަންޖެހެނީ ކޮރަޕްޝަނާ ނުލާ. އިރާދަކުރެއްވިއްޔާ، މި ސަރުކާރަކީ ކޮރަޕްޝަންގެ ޢަމަލުތައް ބެލުމުގައި އަދި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ޖެހިލުމެއްނެތި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ފިޔަވަޅު އަޅާނެ ސަރުކާރެއް.

ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ޙައްލު ހޯދައި، ތަންފީޒީ އިދާރާތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތައް ދެނެގަނެ، ކޮރަޕްޝަންގެ މައްސަލަތައް އަވަހަށް ނިންމުމުގައި ޢިލްމީ އަދި ތަންފީޒީ ނަޒަރަކުން ގޮތްތަކެއް ހޯދަންވަނީ ޖެހިފައި. އެހެންކަމާއެކު، މި ނޭވާގައި އޭ.ސީ.ސީ. އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން މިއަދު މި ފަށްޓަވާފައިވާ މަސައްކަތަށް އަޅުގަނޑު އިޚުލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ޝުކުރިއްޔާ.

ކޮރަޕްޝަން ނައްތައިލުމުގައި ޤައުމީ ފެންވަރުގައި މަޝްވަރާކޮށް ޙައްލު ހޯދުމަކީ، މުޖުތަމަޢަށް އެންމެ މަންފާހުރި ގޮތް. ސަރުކާރުގެ އިދާރާތަކުން ނުވަތަ ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ހާމަކަމާއި ޒިންމާދާރުކަމާއެކު ދެފުށް ފެންނަ އަދި ފަސޭހަ ގޮތްތަކަށް ޚިދުމަތް ދިނުމަށް މުވައްޒަފުން ސަމާލުކަން ދޭންޖެހޭ.

އަޅުގަނޑު އުންމީދު ކުރަނީ، މި މަހާސިންތާގެ ސަބަބުން، ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ތަޙުޤީޤު ހިންގުމުގައާއި، ދަޢުވާ އުފުލުމުގައި އަދި ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާއާއި މުދާ އަނބުރާ ހޯދުމުގައި، އާ ވިސްނުންތަކެއް ތަޢާރުފު ކުރެވި، މިހާރަށްވުރެ އެ މަސައްކަތްތައް ހަލުވިވެގެންދާނެ ކަމަށް.

ޖިނާއީ ޢަދުލުގެ ނިޒާމު ހިމެނޭ ޤާނޫނުތަކުގެ ތެރެއިން، މުޅިން އާ ޤާނޫނުލްޢުޤޫބާތަކާއި، ކްރިމިނަލް ޕްރޮސީޖަރ ކޯޑެއް މިހާރުވަނީ އަޅުގަނޑުމެންނަށް ލިބިފައި. އަދި މާލަސްތަކެއްނުވެ ހެތްކާބެހޭ ޤާނޫނެއް އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. މި ޤާނޫނުތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރުފުވުމާއެކު އަދި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގެ މަސައްކަތް އިހުނަށްވުރެ ހަލުވިވެގެންދާނެކަން ޔަޤީން. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގައި ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށް، އިންސާނީ ވަސީލަތްތައް ބިނާކުރުމުގައި، ސަރުކާރުން ދޭންޖެހޭ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން، ތިޔަ ހުރިހާ ބޭފުޅުންނަށް އަރުވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެކުރިން، މި މަހާސިންތާގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކުން ވަރަށް ތަޢުލީމީ އަދި ވަރަށް މަޢުލޫމާތުން ފުރިގެންވާ ޕޭޕަރތަކެއް ހުށަހަޅާނެ ވާހަކަ، އޭ.ސީ.ސީ.ގެ ރައީސްވެސް ވިދާޅުވެފައި އޮތީމައާއެކީ، އަޅުގަނޑު ހިތަށްއަރާ، މީގެ ޕޭޕަރެއް އަޅުގަނޑަށްވެސް ލިބޭނެނަމައޭ. އިރާދަކުރެއްވިއްޔާ، އެ ޕޭޕަރުގެ އަލީގައި ސަރުކާރުން ނިންމަންޖެހޭ ހުރިހާ ނިންމުމެއް ނިންމުމުގައި އެއްބާރުލުންދޭނެ ކަމުގެ ޔަޤީންކަން، އޭ.ސީ.ސީ. އާއި އަދި ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް އަޅުގަނޑު ހަމަ މިއަދު މިފުރުޞަތުގައި ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ކޮރަޕްޝަނާ ދެކޮޅަށް އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި، މާތްﷲގެ ހެޔޮ ތައުފީޤު މިންވަރުކޮށްދެއްވުން. އަދި ރާއްޖެއަށް އަދަށްވުރެ ފަހި މުސްތަޤުބަލެއް ދެއްކެވުން. އަދި މި މަހާސިންތާއަށް ކާމިޔާބު ލެއްވުން.

والسّلام عليــكم ورحـمــة اللّـه وبـركاتـه