بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحـبِه أجمعـين.


ދިވެހިރާއްޖޭގެއަޑަށް ވިހި އަހަރުފުރި، އެކާވީސް ވަނަ އަހަރަށް ކުރިމަތިލީ އުފާވެރި ދުވަހު، ދިވެހިރާއްޖޭގެއަޑުގެ އާ ސްޓޫޑިއޯތަކާއި، އޮފީސް ޢިމާރާތުގެ ބިންގާ އަޅައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނުކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން.


އާދެ، މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެއަޑުގެ ހުރިހާ މުވައްޒަފުންނަށް ބާއްޖަވެރި އުފަންދުވަހެއްގެ ހެޔޮ އެދުންތައް ފޮނުވުމަކީވެސް، އަޅުގަނޑުގެ އުފަލެއްކަމުގައި ދެކެން. އަދި މި ހެޔޮއެދުންތަކުގައި އެތަނެއްގެ ބެލުމުގެދަށުން ދިވެހިރާއްޖޭގެއަޑު ހިނގަމުންދާ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ ވެރިންނާއި، މުވައްޒަފުންވެސް ޝާމިލުކުރަން.


ޝައްކެއްނެތް، ދެންމެ ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގެ ޑިރެކްޓަރ އެ ވިދާޅުވި ފަދައިން، ވިހި އަހަރުދުވަހުގެ ދިގުމުއްދަތެއްގެ ތެރޭގައި، ދިވެހިރާއްޖޭގެއަޑު އެކިއެކި ނަންނަމުގައި، ދިވެހި ޤައުމަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދީފި. އާދެ، [މާލޭ ރޭޑިއޯ]ގެ ނަމުގައި، ނުވަތަ [ސިނަކޯ ރޭޑިއޯ]ގެ ނަމުގައި، [މޯލްޑިވްސް އައިލެންޑްސް ބްރޯޑްކާސްޓިންގ ސްޓޭޝަން]ގެ ނަމުގައި، [ރޭޑިއޯ މޯލްޑިވްސް]ގެ ނަމުގައި. އަދި އެންމެފަހުން [ދިވެހިރާއްޖޭގެއަޑު]ގެ ނަމުގައި. 20 އަހަރުދުވަސްވަންދެން ދިވެހިޤައުމަށް، ދިވެހިރައްޔިތުންނަށް، ދިވެހިއުންމަތަށް، އެ އަދާކޮށްދިން ޚިދުމަތަކީ، އަޅުގަނޑުހިތުން، މިއަދު އަޅުގަނޑުމެންގެ ތެރެއިން ހަމަކޮންމެ މީހަކަށްވެސް ވަޒަންކުރެވޭނެ އަގުހުރި ޚިދުމަތެއް.


އަޅުގަނޑުމެންފަދަ ރާއްޖެއެއްގައި ރޭޑިއޯ ޚިދުމަތުގެ ބޭނުންތެރިކަމަކީ، އެއްވެސް މީހަކަށް ވަންހަނާވެގެން ވާނޭކަމެއް ނޫން. ދުނިޔޭގެ އެހެން ތަންތާނގައި، ޚަބަރު އަދި މަޢުލޫމާތު ފެތުރުމުގެ އާންމު ވަސީލަތްތައް ވަރަށްގިނަ. ނޫސްތަކުގެ ޒަރީޢާއިން، މަޖައްލާތަކުގެ ޒަރީޢާއިން، އަދި އެނޫން ގޮތްގޮތުންވެސް ޤައުމުގެ ރައްޔިތުންނަށް ޚަބަރާއި މަޢުލޫމާތާއި އިރުޝާދު ލިބިދޭ، ޚަބަރު ފެތުރުމުގެ އާންމު އެތައް ވަސީލަތްތަކެއްހުރޭ. ރާއްޖޭގައިވެސް ކޮންމެވެސް މިންވަރަކަށް އެ ވަސީލަތްތައް އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ނޫސްވެރިކަމަކީ، އެހެން ތަންތާނގެ ނޫސްވެރިކަމާ އަޅާބަލާއިރު މާ ކުރިއަރައިފައިވާ ނޫސްވެރިކަމެކޭ ދެންނެވޭކަށްނެތް. އެންމެ ހައިސިއްޔަތަކުން ބެލިޔަސް އެއީ، އެ ނޫސްވެރިކަމުގެ ޚިދުމަތް ޚާއްޞަ ވެފައިވަނީ ހަމައެކަނި މާލެއަށްކަމަށްވާތީ. މާލޭގައި ދިރިއުޅޭ މީހުންނަށް ދުވަހުނޫސްތައް ލިބެނީ. އޭގައިހުންނަ ޚަބަރުތަކާއި މަޢުލޫމާތުގެ ފައިދާ ލިބެނީ. ނުވަތަ އެ ޚިދުމަތް ލިބެނީ. ރާއްޖެތެރޭގެ ރައްޔިތުންނަށް ނޫސްތަކުގެ ޚިދުމަތް މާ ފުރިހަމައަކަށް ލިބެމުންދާ ގޮތަކަށް އަދި އަޅުގަނޑުމެންގެ ކަންތައްތައް ހަމަޖެހިފައެއްނުވޭ. އެކަން އެހެން އޮތުމާއެކު، ރާއްޖޭގެ ރައްޔިތުންނަށް، މުޅި ރާއްޖޭގެ ރައްޔިތުންނަށް، ޚަބަރާއި މަޢުލޫމާތުގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ވާސިލުކޮށްދޭ ފަރާތަކީ، ދިވެހިރާއްޖޭގެއަޑު ކަމުގައި ނުވެ ނުދާނެ. އެހެންވީމާ، އެހެނިހެން ޤައުމުތަކުގައި ރޭޑިއޯގެ ޚިދުމަތަށް ދެވޭ އަހަންމިއްޔަތަށްވުރެ، އަޅުގަނޑުމެންގެ   މި ދިވެހިރާއްޖޭގައި ރޭޑިއޯގެ ޚިދުމަތަށް ދެވޭ އަހަންމިއްޔަތު މާބޮޑު.


އާދެ، މިވޭތުވެދިޔަ 20 އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެއަޑު ނުވަތަ ރާއްޖޭގައި ރޭޑިއޯ ބްރޯޑްކާސްޓިންގގެ ޚިދުމަތް، އެތާނގެ ވާޖިބުތައް އަދާކުރަމުން ދިޔައީ ވަރަށް ދަތި ގޮތްތަކެއްގައި. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގެ އެހެނިހެން ކަންތައްތައްވެސް ހުރި ފަދައިން ރޭޑިއޯގެ ޚިދުމަތްވެސް އަދާކުރެވޭނެ ފުރިހަމަ ވަސީލަތްތަކާއި ފަސޭހަތައް އަޅުގަނޑުމެންނަށް ލިބިފައި ނުވާތީ. އެހެންނަމަވެސް، އެ ދަތިތަކުގެ ތެރޭގައިވެސް މެދުކެނޑުމެއްނެތި 20 އަހަރު ހޭދަކުރިކަން އެއީ، އަޅުގަނޑުމެން މިއަދު ފާހަގަކޮށްލަން ޖެހޭނެކަމެއް. ކޮންމެއަކަސް އަޅުގަނޑުމެންގެ ރާއްޖެ އެއްދުވަހުން އަނެއްދުވަހަށް ދަނީ ކުރިޔަށް. ހުރިހާ މައިދާނެއްގައިވެސް ދަނީ ކުރިޔަށް. އެގޮތުން ބަލާއިރު ރޭޑިއޯގެ ޚިދުމަތުގެ މައިދާނުގައިވެސް މިއަދު ދިވެހިރާއްޖޭގެއަޑު އެތައްތަނެއް ކުރިޔަށް ޖެހިލައިފި.


އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނޭފަދައިން، މިދިޔަ އަހަރުގެ މިދުވަހު އާދެ، ދިވެހިރާއްޖޭގެއަޑަށް އޮނަވިހިއަހަރު ފުރުނުދުވަހު ދިވެހިރާއްޖޭގެއަޑުގެ އާ ޓްރާންސްމީޓަރުތައް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. އޭގެ ފަހުން މިހާރު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށްވެސް ދިވެހިރާއްޖޭގެއަޑު ވަރަށް ސާފުކޮށް، ވަރަށް ރަނގަޅަށް ލިބޭކަމީ ޝައްކެއްނެތްގޮތުގައި ދިވެހިރާއްޖޭގެއަޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް. މިއަދު އަޅުގަނޑުމެން މިދެކެނީ ދިވެހިރާއްޖޭގެއަޑަށް ލިބޭ އާ ކުރިއެރުމެއްގެ ފެށުން. އާދެ، ދިވެހިރާއްޖޭގެއަޑުގެ އާ ސްޓޫޑިއޯތަކާއި، އާ އޮފީސް ޢިމާރާތުގެ ބިންގާ އެޅުނީ ދެންމެއަކު. މި ސްޓޫޑިއޯތަކާއި، މި ޢިމާރާތް ފުރިހަމަވުމުން، ދިވެހިރާއްޖޭގެއަޑަށް ކުރިޔަށް އޮތްތާނގައި ޚިދުމަތްކުރާނެ އިތުރު ވަސީލަތްތަކެއް، އިތުރު ފަސޭހަތަކެއް ލިބޭނެ ކަމާމެދަކު ޝައްކެއްނެތް.


އާދެ، މިހާރު އަޅުގަނޑުމެން މިދެކޭ މަޝްރޫޢަކީ، ތަފާތު ބައިތަކެއްގެ މައްޗަށް އެކުލެވިގެންވާ މަޝްރޫޢެއް. އޭގެތެރެއިން އެއްބައި މިހާރުވަނީ ނިމިފައި. އެއީ، ޓްރާންސްމީޓަރުތައް ހުޅުވުން. އޭގެ އަނެއްބަޔަކީ، މިތާނގައި ޢިމާރާތްކުރަން ހަމަޖެހިފައިވާ ސްޓޫޑިއޯތަކާއި އޮފީސް ޢިމާރާތް ބިނާކުރުން. ހަމައެފަދައިން، އެތަނަށް ބޭނުންވާ ތަފާތު ސާމާނު ޓެކްނިކަލް އިކްވިޕްމަންޓް ހޯދުން. ހަމަ އެއާއެކުގައި އެ ޚިދުމަތް އަދާކުރާނެ މީހުން ތައްޔާރުކުރުން. އާދެ، ތިޔަހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ކޮންމެ މަޝްރޫޢެއްގެވެސް، އެ މަޝްރޫޢެއްގެ މާއްދީ ބައިކަން، އާދެ، ތަނެއް ޢިމާރާތްކުރުމަކީ. މާދަތިކަމެއް ނޫން، މަދަރުސާއެއްވެސް ޢިމާރާތްކުރުމަކީ، ހޮސްޕިޓަލެއް ޢިމާރާތްކުރުމަކީ. އެކަމާބެހޭ ހަރަދު ލިބޭނެގޮތެއް ވެއްޖެނަމަ ދަތި ކަމަކަށް ނުވާނެ. އެހެންނަމަވެސް، ހަމައެކަނި ޢިމާރާތެއްކޮށްގެން ތަނުން ލިބެންވާ ޚިދުމަތްތަކެއް ނުލިބޭނެ. ކޮންމެ މަޝްރޫޢެއްގެވެސް އެންމެ މުހިންމު ބަޔަކީ    އެ މަޝްރޫޢެއްގެ އިންސާނީ ޢުންޞުރު، ނުވަތަ އެ މަޝްރޫޢެއްގައި ހިމެނޭ އިންސާނުންގެ މަސައްކަތުގެ ބައި.


އެހެންވީމާ، މިއަދު އަޅުގަނޑުމެން މިތާނގައި ސްޓޫޑިއޯތަކެއްގެ ޢިމާރާތުގެ ބިންގާ އެޅިކަމުގައި ވިޔަސް އަދި މާލަސްތަކެއްނުވެ، އެ ޢިމާރާތް އާރާސްތުވެގެން ދިޔަކަމުގައިވިޔަސް އެއިން ލިބެންޖެހޭ ފުރިހަމަ ޚިދުމަތް ލިބޭނީ އެތާނގައި މަސައްކަތްކުރާނެ މީހުން ތައްޔާރު ކުރެވިގެން. ދިވެހިރާއްޖޭގެއަޑުގެ ޕުރޮގުރާމުތަކަށް އެކަށީގެންވާ ކުރިއެރުމެއް ލިބިގެން. މިހާރުވެސް ތިޔަ ހުރިހާބޭފުޅުން ރަނގަޅަށް ގަބޫލުކުރައްވާނެ، މިވޭތުވެދިޔަ ދެތިންހަތަރު އަހަރުދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެއަޑުގެ ޕުރޮގުރާމުތަކަށް ލިބުނު ކުރިއެރުން. އެ ޕުރޮގުރާމުތަކުގެ ފެންވަރު މައްޗަށް ދިޔަދިޔުން. އެހެންނަމަވެސް، އެއަށްވުރެވެސް ފުރިހަމަ ގޮތެއްގައި، ދިވެހިރާއްޖޭގެއަޑުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކޮށްދޭ ޚިދުމަތްތަކުގެފެންވަރު މައްޗަށް ގޮސްގެންނޫނީ އަޅުގަނޑުމެން މިއަދު މިފާހަގަކުރާ މަޝްރޫޢުގެ ފެށުން ނުވަތަ މަޝްރޫޢުގެ ދެވަނަބައިގެ ފެށުން، އެއިން އެދެވޭ ނަތީޖާތަކެއް ލިބިގެނެއް ނުދާނެ. އެހެންވީމާ،     މި މަޝްރޫޢުވެސް ފުރިހަމަވުމުން އެއިން އެކަށީގެންވާ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ލިބޭނީ ދިވެހިރާއްޖޭގެއަޑުގެ ޕުރޮގުރާމުތައް މިހާރަށްވުރެ ތަރައްޤީވެ މިހާރަށްވުރެ ފެންވަރު މަތިވެގެން. އާދެ، އެއީ ފަހަރެއްގައިވެސް ސަރުކާރުން ހަނދާން ނައްތައިލާނެ ކަމެއްނޫން. އެހެންވީމާ، ދިވެހިރާއްޖޭގެއަޑުގެ ކަމާބެހޭ މުވައްޒަފުން ތަމްރީނުކުރުމާއި އެމީހުންނަށް އިތުރު މަޢުލޫމާތާއި ތަޖުރިބާ ހޯދައިދިނުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތެއްދޭ ކަމެއްކަމުގައި މިއަދު އަޅުގަނޑު ފާހަގަކޮށްލަން.


އާދެ، މި މަޝްރޫޢުގެ ނިމުމަކީ ހަމައެކަނި މިތާނގައި މި ޢިމާރާތްކުރެވޭ އާ ސްޓޫޑިއޯ ތަކާއި، ޢިމާރާތް ނިމުމެއް ނޫން. އޭގެ ފަހުންވެސް މަޝްރޫޢުގެ ބައެއް، ކުރިޔަށް އޮތްތާނގައި ކުރިޔަށް ގެންދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތްކުރާނެ. އާދެ، އަޅުގަނޑުމެންގެ ޤައުމަކީ، ވަރަށް ކުޑަކުޑަ ޤައުމެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނަކީ މިހިސާބުގަނޑުގައި ހިމެނޭ ހަމައެކަނި އިސްލާމީ ޤައުމު. އެއީ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ، ވަރަށް ބޮޑު މަސްއޫލިއްޔަތެއް. އެމަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން މިހިސާބުގަނޑުގައި ދިރިއުޅޭ އެހެނިހެން މުސްލިމު ޖަމާޢަތްތަކަށް އަޅުގަނޑުމެންގެ ފަރާތުންވެސް އެދެވޭ ޚިދުމަތްތަކެއް ލިބެންވާނެ. އަޅުގަނޑުމެންނަކީ، އިންޑިއާ ކަނޑުގައި އޮތް ހަމައެކަނި މުސްލިމު ޤައުމު. ހަމައެކަނި ސަތޭކައިން ސަތޭކަ މުސްލިމު ޤައުމު. ޤައުމަކީ، ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް، އިސްލާމްދީނުގެ މަތިވެރި ރިސާލަތު ރައްކާތެރިކޮށް، އިސްލާމް ދީނުގެ ރިސާލަތު އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކުގެ މުސްލިމުންނަށް ލިބޭގޮތް ހެދުމަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި ނުވެއެއް ނުދާނެ. އެހެންވީމާ، މި މަޝްރޫޢުގެ ތިންވަނަބައި، އާދެ، އެއީ، ދިވެހިރާއްޖޭގެ މުސްލިމު ރައްޔިތުންނަށާއި، އަދި އެހިސާބުގަނޑުގައި ހިމެނޭ އެހެނިހެން ޤައުމުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އެކަށީގެންވާ ދީނީ ޕުރޮގުރާމުތަކެއް ދިވެހިބަހުންނާއި، ޢަރަބިބަހުންނާއި އަދި އިނގިރޭސިބަހުން ފޮނުވައިދިނުމަށް ހަމަޖެހެމުންދާ މަޝްރޫޢެއް.


އާދެ، އެ މަޝްރޫޢު މިހާރުވަނީ އަޅުގަނޑުމެންގެ ވަރަށް އެކުވެރި އިސްލާމީ ޤައުމަކަށް ހުށަހެޅިފައި. އެފަރާތުގެ ތަރުޙީބު އެ މަޝްރޫޢަށް ލިބޭކަމުގެ އިޝާރާތެއްވެސްވަނީ ލިބިފައި. އެހެންވީމާ، އެ ޤައުމުން އެ މަޝްރޫޢަށް އެހީ ލިބޭގޮތަށް ހަމަޖެހިއްޖެނަމަ، އެއީ، އަޅުގަނޑު ދަންނަވާނީ މުޅި ދިވެހިރާއްޖެއަށް ލިބޭނެ، މުސްތަޤުބަލުގައި ލިބޭނެ ވަރަށް ބޮޑު ފަޚުރެކޭ. ކޮންމެއަކަސް، އަޅުގަނޑުމެންގެ ޤައުމީ ވާޖިބު، އަޅުގަނޑުމެންގެ ދީނީ ވާޖިބު، އަދާކުރުމުގައި އަޅުގަނޑުމެން އެއްވެސް ހާލެއްގައި ފަހަތަށް ޖެހިގެނެއް ނުވާނެ. އެއްދުވަހުން އަނެއްދުވަހަށް އަޅުގަނޑުމެން ޖެހެވޭތޯ ބަލަންވާނީ ކުރިއަށް.


އާދެ، ރޭޑިއޯ ބްރޯޑްކާސްޓް ކުރުމުގެ މުހިންމުކަން އެއީ، މިހާރުގެ ދުނިޔެ ވަރަށް ބޮޑަށް ގަބޫލުކުރާ ކަމެއް. ހަމައެކަނި ރޭޑިއޯ ބްރޯޑްކާސްޓް ކުރުމެއްނޫން. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ އާންމު ވަސީލަތްތަކުގެ މުހިންމުކަން އެއީ ދުނިޔޭގައި ވަރަށްބޮޑަށް މިހާރު ގަބޫލުކުރެވޭ މުހިންމު ކަމެއް. ތަންތަނުގެ އާންމު ރައުޔު އުފެއްދުމާއި އެކިއެކި ސިޔާސީ ނުވަތަ އިޖުތިމާޢީ މަޛުހަބުތަކަށް މީހުން ލެންބުމާއި، ޤައުމީ ޝުޢޫރު މީހުންގެ ހިތްތަކުގައި އުފެއްދުމާއި، މިހުރިހައި ކަމެއްގައި އެންމެ ބޮޑަށް މަސައްކަތްކުރާ ކަމަކީ ޚަބަރު ފަތުރާ އަދި މަޢުލޫމާތު ފަތުރާ އާންމު ވަސީލަތްތައް. އޭގެތެރެއިން އެންމެ މުހިންމު ވަސީލަތަކީ، ދިވެހިރާއްޖޭގައި، [ދިވެހިރާއްޖޭގެއަޑު].


އާދެ، ކުޑަކުޑަ މިސާލެއް އަޅުގަނޑު ދަންނަވައިލާނަން. 1950 ވަނަ އަހަރުތަކުގެ ތެރޭގައި ޢަރަބި ޤައުމުތަކުގައި އުފެދިގެންއައީ އެމީހުންގެ ވަރަށް ވަރުގަދަ ޤައުމީ ޝުޢޫރެއް. ޤައުމީ ޝުޢޫރުތަކެއް. ހުރިހާ ޢަރަބި ޤައުމުތަކަކީ، އެއް އުންމަތެއްކަމުގެ ޝުޢޫރުތަކެއް. އެ ޝުޢޫރުތައް އުފެއްދެވުމުގައި، މިޞްރުގެ ކުރީގެ ރައީސް ޖަމާލު ޢަބްދުއްނާޞިރު ވަރަށް ބޮޑުބައެއް އަދާކުރެއްވި. އެދުވަސްވަރު މުޅި ޢަރަބި އުންމަތުގައި، އެ ޝުޢޫރުތައް އެންމެ ވަރުގަދަޔަށް އުފައްދައިދިން ވަސީލަތަކީ، މިޞްރުގެ ރޭޑިއޯ. އާދެ، މިޞްރުގައި އެދުވަސްވަރު ސަރުކާރުން އުފެއްދެވި ޚާއްޞަ ރޭޑިއޯ ސްޓޭޝަނެއް. އެއަށް ޢަރަބިބަހުން އޭރު ކިޔައި އުޅެނީ [ޞައުތުލްޢަރަބް]. މިހާރުވެސް އެ އިސްޓޭޝަން އެބަހުރި. މިހާރުވެސް ކިޔަނީ އެހެން. ޢަރަބިންގެ އަޑު. އާދެ، ޢަރަބިންގެ އަޑުގެ ޒަރީޢާއިން ޖައްވުގެ ރާޅުތައް ހުރަސްކޮށް، މުޅި ޢަރަބި ދުނިޔެއަށް ފަތުރަމުން ގެންދިޔަ ވަރުގަދަ ޕުރޮގުރާމު ތަކެއްގެ ސަބަބުން، ޢަރަބިންގެ ހިތްތަކުގައި ޤައުމީ ޝުޢޫރު އާލާވެގެން ދިޔައީ ވަރަށް މަތީ ދަރަޖައަކަށް. އޭގެ ސަބަބުން މުޅި ޢަރަބި އުންމަތުގެ ހުރިހާތަނެއް މިނިވަންކަމުގެ މަގުގައި ޖިހާދުފެށީ. އޭގެ ނަތީޖާއެއްގެގޮތުން، ހުރިހާ ޢަރަބި ޤައުމުތައް މިނިވަން މުސްތަޤިއްލު ޤައުމުތަކަށް ވެގެން ދިޔައީ.


އޭރު ޢަރަބިންގެ ބައެއް ރަށްރަށުގައި، ބައެއް ޤައުމުތަކުގައި ތަޢުލީމީ ފެންވަރުހުރި ގޮތުންނާވެސް އެކުގައި އަޅުގަނޑު އަހައިފައި އޮތްގޮތުގައި އެކި ތަންތަނުގައި މީހުން ރޭޑިއޯ ގަންނަން ރޭޑިއޯ ވިއްކާ ފިހާރަތަކަށް ގޮސްވެސް ބުނަނީ  މި ރޭޑިއޯއިން ޞައުތުލްޢަރަބް ނުވަތަ ޢަރަބިންގެއަޑު ލިބޭނެހޭ. އަދި ވަކިން ޚާއްޞަކޮށް ޞައުތުލްޢަރަބްގެ އެންމެ މުހިންމު ބަޔާންތައް ދެއްވާ ފަރާތްކަމުގައިވާ، އަޙްމަދު ސަޢީދު، މި ނަމުން މަޝްހޫރުވެފައިވާ ބޭކަލެއް. އަޙްމަދު ސަޢީދުގެއަޑު މިރޭޑިއޯއިން ލިބޭނެހޭ. އެހެން އަހައިފައި، އަޙުމަދު ސަޢީދުގެއަޑު ލިބޭކަމަށްވަންޏާ، ރޭޑިއޯ ގަންނަނީ. އެހެންނޫނީ ރޭޑިއޯއެއް ނުގަނޭ. އެއިންވެސް ދައްކާއެއްޗަކީ، ރޭޑިއޯގެ މުހިންމުކަން. އޭރު ޢަރަބި އުންމަތުގައި     އެ އުފެދުނު ވަރުގަދަ ޤައުމީ ހޭލުންތެރިކަން އުފެއްދި އެއްޗަކީ، މިޞްރުގެ ރޭޑިއޯ ނުވަތަ ޢަރަބިންގެ އަޑު.


އާދެ، ޢަރަބި އުންމަތަކީ، އެމީހުން ބުނާ ގޮތުގައި خليج محيطـا. އާދެ، އެއީ، ޕާރޝިއަން ގަލްފާ އެޓްލާންޓިކް އޯޝަނާ ދެމެދުގައިވާ ތަނެއް. އެ ހުރިހާތަން ބެހިފައިވަނީ އެތަކެއް ޤައުމުތަކެއްގެ މައްޗަށް. އެހުރިހާ ޤައުމަކީ، އެއް އުންމަތެއް ކަމުގައި އެމީހުން ދެކެނީ. އެ ޝުޢޫރު އުފެއްދި ފަރާތަކީ، ޢަރަބިންގެ އަޑު، ނުވަތަ ޞައުތުލްޢަރަބް. އަދި އެޝުޢޫރު އެ އެންމެންގެ ހިތްތަކަށް ވާސިލުކޮށްދިން މީހަކީ ޖަމާލު ޢަބްދުއްނާޞިރުގެ ރޭއްވެވުމުގެ ދަށުން، މިދަންނަވާ އަޙުމަދު ސަޢީދު. އެހެންވީމާ، އަޅުގަނޑު މިދަންނަވަނީ ރޭޑިއޯގެ ޚިދުމަތުގެ ބޭނުންތެރިކަމުގެ ބޮޑުކަމަކީ މިއަދުގެ ދުނިޔެ ގަބޫލުކުރާ ކަމެކޭ. މިހާރުވެސް ދުނިޔޭގެ އެތަން މިތާނގައި ހިނގަމުންދާ ހާދިސާތަކުގެ ޚަބަރު އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ގެނެސްދޭ އެއްޗަކީ، ރޭޑިއޯ. އެ ރޭޑިއޯ އެއީ ބީ.ބީ.ސީ. ކަމުގައިވިޔަސް، ނުވަތަ ވޮއިސް އޮފް އެމެރިކާ ކަމުގައިވިޔަސް، ނޫނީ މޮސްކޯ ރޭޑިއޯ ކަމުގައިވިޔަސް، އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ދުނިޔޭގައި ކަމެއް ހިނގައިފިނަމަ، އެކަމެއްގެ ޚަބަރު ގެނެސްދެނީ ރޭޑިއޯގެ ޒަރީޢާއިން. އޭގެފަހުގައި އަޅުގަނޑުމެންނަށް ނޫސްތައް ލިބެނީ. ނުވަތަ އެކަމާބެހޭ ފިލްމެއް، ޚަބަރުފިލްމެއް، އަޅުގަނޑުމެންނަށް ޓީ.ވީ.އިން ފެންނަނީވެސް. އޭގެފަހުން އެންމެ ފުރަތަމަ މުޅި ދުނިޔޭގެ އެންމެން ހުޅުވައިދޭ އެއްޗަކީ، ރޭޑިއޯ. ދުނިޔޭގެ އާންމު ރައުޔު ވަކިފަރާތަކަށް ޖައްސައި، މީހުންގެ މެދުގައި ވަކި ޚާއްޞަ ޝުޢޫރުތަކެއް އުފައްދައި، ވަކިގޮތަކަށް މީހުން ލަންބުވާ އެންމެ މުހިންމު ފަރާތަކީ ރޭޑިއޯ ކަމާމެދަކު ޝައްކެއްނެތް.


އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި، ރޭޑިއޯއަށް ދޭންޖެހޭ އަހަންމިއްޔަތަކީ، އެހެން ތަންތާނގައި ދޭންޖެހޭ އަހަންމިއްޔަތަށްވުރެވެސް ބޮޑު އަހަންމިއްޔަތެކޭ އަޅުގަނޑު މިދަންނަވަނީ. އެއީ، ރާއްޖޭގައި ޚަބަރާއި، މަޢުލޫމާތު ފެތުރުމުގެ އެހެން ވަސީލަތްތައް މަދުކަމާއެކު. ސަރުކާރުން މި ބޭނުމަށްޓަކައި ދިވެހިރާއްޖޭގެއަޑު ތަރައްޤީކޮށް، ކުރިޔަށް ގެންދިއުމަށްޓަކައި މިހާބޮޑު މަސައްކަތްތަކެއް ކުރަމުން މި ގެންދަނީ. މި މަސައްކަތްތަކުގައި ބޭރުގެ ފަރާތްތަކުގެ އެހީ ލިބެމުންދާކަންވެސް މި މަޤާމުގައި އަޅުގަނޑު އުފަލާއެކު، އަދި ޝުކުރުވެރި ކަމާއެކު ފާހަގަކޮށްލަން ބޭނުންވޭ. އޭގެތެރެއިން އެއްފަރާތަކީ، އަޅުގަނޑުމެންގެ އެކުވެރި ޤައުމެއްކަމުގައިވާ، އޮސްޓްރޭލިޔާ. އޮސްޓްރޭލިޔާގެ އެހީގެދަށުން، އަޅުގަނޑުމެން މިދިޔައަހަރު މިހުޅުވި ޓްރާންސްމީޓަރތައް ބަހައްޓައި އެހުރިހާ މަސައްކަތްތަކެއް ނިމިގެންދިޔައީ. އަދި އޮސްޓްރޭލިޔާގެ އެހީގައި ދިވެހިރާއްޖޭގެއަޑަށް ފޮނުއްވައިފައިވާ ތަޖުރިބާކާރެއްވެސް ރާއްޖޭގައި އުޅުއްވާތާ ދުވަސްކޮޅެއްވެއްޖެ. އޭނާގެ ތަޖުރިބާ އިންނާއި، އޭނާ ދެއްވާ އިރުޝާދުގެދަށުން، އަދި އޭނާގެ ޚިދުމަތުން، މި ކަންތައްތައް ކުރެވެމުން މިދަނީ. އަދި މިހާރު މިތާނގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސްޓޫޑިއޯތަކާއި، އަދި އޮފީސް ހިންގާ ޢިމާރާތާބެހޭ އެކިއެކި ތަފާތު އިކުއިޕްމެންޓް ސާމާނުވެސް އެއީ، އޮސްޓްރޭލިޔާގެ އެހީގެދަށުން ލިބޭ އެއްޗެއްގެ ގޮތުގައިވަނީ ހަމަޖެހިފައި. އެހެންވީމާ، ދިވެހިރާއްޖޭގެއަޑަށް މިހާރު ލިބެމުންދާ ތަރައްޤީއަށްޓަކައި، އޮސްޓްރޭލިޔާ ސަރުކާރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު އަދާކުރުމަކީ، އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކެން. ހަމަ އެފަދައިން، އޮސްޓްރޭލިޔާ ސަރުކާރުން މި މަޝްރޫޢަށް ޚާއްޞަ ކުރައްވައިފައިވާ ތަޖުރިބާކާރު މިސްޓަރ ޖޯޖް ޑިލަރ ހާޕް އަށްވެސް ޝުކުރު އަދާކުރުމަކީ، އަޅުގަނޑުގެ ޚާއްޞަ އުފަލެއްކަމުގައި ދެކެން.


އާދެ، އެއާއެކު ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ ދިވެހިންގެ ތެރެއިންވެސް މިކަމުގައި އުޅޭ އެންމެންނަށް ޝުކުރުއަދާކުރުމަކީ، އަޅުގަނޑުމެންގެ މިއަދުގެ ވާޖިބެކޭ. ދިވެހި އިންޖިނޭރުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި. ދިވެހި ޓެކްނީޝަނުން އެބަތިއްބެވި. ދިވެހި އެނައުންސަރުން އެބަތިއްބެވި. ރޭޑިއޯ ޚިދުމަތުގައި ތަފާތު ވަޒީފާތައް އަދާކުރާ ދިވެހިންގެ ވަރަށްގިނަ ބަޔަކު އެބަތިބި. އެހުރިހާ އެންމެންގެ ތެދުވެރި އިޚުލާޞްތެރި ޚިދުމަތް މިހާތަނަށްވެސް ވަނީ ރޭޑިއޯއަށް ލިބިފައި. އަދި އެމީހުންގެ ޚިދުމަތާނުލައި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެއަޑު، އެތަނަށްޓަކައި ކިތަންމެ ބޮޑު ޢިމާރާތެއް ބިނާކުރެވުނު ކަމުގައިވިޔަސް އެޚިދުމަތެއް ލިބެމުންނެއް ނުދާނެ. އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ކޮންމެ މަޝްރޫޢެއްގެވެސް އެންމެ މުހިންމުބަޔަކީ، އެ މަޝްރޫޢެއްގެ އިންސާނީ ބައި. އިންސާނުން އަދާކުރަންޖެހޭބައި. އެހެންވީމާ، އަޅުގަނޑުމެން ދިވެހިރާއްޖޭގެއަޑުގެ މިމަޝްރޫޢުގެވެސް އިންސާނީބައި، އާދެ، އަޅުގަނޑުމެން ދިވެހިން އަދާކުރަންޖެހޭބައި އަދާކުރަމުން، ވަފާތެރިކަމާއެކު ގެންދާ ހުރިހާ މުވައްޒަފުންނަށް މިއަދު ޝުކުރާއި ތަހުނިޔާއާއި ތަޢުރީފު އަދާކުރުމަކީ އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.


އާދެ، ދިވެހިރާއްޖޭގެއަޑުގެ މުވައްޒަފުންގެ ތެރެއިން މިއަދު މި މަޤާމުގައި ދެތިން ހަތަރު މީހެއްގެ ނަން ފާހަގަކޮށްލުމަކީވެސް އަޅުގަނޑަށް ލިބޭ އުފަލެއް. އާދެ، އެއީ، އެތާނގައި އެންމެގިނަ ދުވަހު މިހާތަނަށް ޚިދުމަތް ކުރައްވައިފައި ތިއްބެވި މުވައްޒަފުން. އެތަނުން އެއްބޭކަލަކީ، އަޅުގަނޑުމެންގެ ދިވެހި އިންޖިނޭރު އަލްފާޟިލް ކޮނޑޭ ޢަލިމަނިކު. އޭނާ 16 ވަރަކަށް އަހަރު ނުވަތަ 16 އަހަރަށްވުރެ ގިނަދުވަސް ދިވެހިރާއްޖޭގެއަޑުގައި މެދުކެނޑުމެއްނެތި ވޭތުކުރައްވައިފި. ހަމައެފަދައިން، ކުރިން އޮޕަރޭޓަރެއްގެ މަޤާމުގައި މަސައްކަތް ފެށްޓެވި، އަދި މިހާރު ސީނިއަރ އޮޕަރޭޓަރަކަށް ބަދަލުވެފައިވާ ވަޙީދު އަޙުމަދު، އޭނާވެސް ދިވެހިރާއްޖޭގެ އަޑުގައި 15 ވަރަކަށް އަހަރު ހޭދަކުރައްވައިފި. ޢ.ދ. އަޙުމަދުފުޅު، ސަރުދާރެއް. އޭނާވެސް ދިވެހިރާއްޖޭގެ އަޑުގައި 15 އަހަރުދުވަހު ޚިދުމަތް ކުރައްވައިފި. މާދޫގޭ އާދަމްމަނިކު، ލަވަހޮޅި ބެލެހެއްޓުމުގެ ވަޒީފާ އަދާކުރައްވާ ބޭފުޅެއް. އޭނާވެސް ދިވެހިރާއްޖޭގެ އަޑުގައި 14 އަހަރަށްވުރެވެސް ގިނަދުވަހު ޚިދުމަތްކުރައްވައިފި. އެނައުންސަރުންގެ ތެރެއިންވެސް ޒާހިދާ އިބްރާހީމް 14 އަހަރު ވެއްޖެކަމަށް މިހާރު އަޅުގަނޑަށް އެނގިފައިވަނީ. އެހެންވީމާ، މިހުރިހާ މުވައްޒަފުން މެދުކެނޑުމެއްނެތި މިހާ ގިނަދުވަސް ވަންދެން ދިވެހިރާއްޖޭގެއަޑަށް ޚިދުމަތް ކޮށްދެއްވައިފައިވާތީ، އެ މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް އަދާކުރުމަކީ މިއަދު އަޅުގަނޑަށް ލިބޭ އުފަލެއްކަމުގައި ދެކެން.


އާދެ، އަޅުގަނޑު މިވާހަކަ މިތާނގައި ދަންނަވަންޖެހޭ ސަބަބަކީ، މިހާރު ސަރުކާރަށް ކުރިމަތިވެފައިވާ އެންމެދަތި އެއް މައްސަލައަކީ، މުވައްޒަފުންގެ މައްސަލަކަމަށްވާތީ. އެއްތަނެއްގައި ތިބޭ މުވައްޒަފުން، އެހެން ތަންތަނަށް ބަދަލުވެގެންދާތަން ފެންނަނީ ވަރަށްވެސް އަވަހަށް. އެހެންވީމާ، އެ މުވައްޒަފުންގެ ފަރާތުން ސަރުކާރުގެ އެއްވެސް ފަރާތަކަށް އެކަށީގެންވާ ޚިދުމަތެއް ލިބެއެކޭ ދެންނެވޭކަށް ނެތް. ކޮންމެ ތަނެއްގައިވެސް ދެތިން ހަތަރު މަސްދުވަސް، ނުވަތަ ދެތިން ހަތަރު އަހަރު ވޭތުކޮށްލައިފައި، އަނެއްތަނަކަށް ދަނީ. މުސާރަބޮޑު ތަނަކަށް ދަނީ. އެމީހާގެ ހިތުގައި އެމީހާ އެ އަދާކުރާ ވަޒީފާއަށް އެއްވެސް ކަހަލަ ޝައުޤުވެރިކަމެއް ނޯވޭ. ނުވަތަ އެ މީހާ އެ ޚާއްޞަވާން ބޭނުންވާ ރޮނގުން ކުރިޔަށް ދިޔުމުގެ ޝައުޤުވެރިކަމެއްވެސް ނޯވޭ. އެހެންވީމާ ވާގޮތަކީ، އެމީހުންނަށްވެސް ކުރިއެރުން ލިބޭލެއް ލަސްވަނީ. އަދި ތަނުގެ ޚިދުމަތަށްވެސް އެކަށީގެންވާ ތަރައްޤީއެއް ނުލިބެނީ. އެއާ ޚިލާފަށް މިދެންނެވި ކަހަލަ މުވައްޒަފުން ތަނުގައި ގިނަދުވަހު ތިބެގެން ކޮންމެ މީހަކުވެސް އެމީހެއްގެ ރޮނގުގައި ޝައުޤުވެރިކަމާއެކު ޚިދުމަތް އަދާކުރަމުންދާ ކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި ތަނުގެ ޚިދުމަތްވެސް ދާނީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށް. އަދި އެމީހުންނަށްވެސް ކުރިއެރުން ލިބޭލެއް އަވަސްވާނެ. އެހެންވީމާ، މި ދެތިންހަތަރު މުވައްޒަފުންގެ ނަން މިއަދު އަޅުގަނޑު ފާހަގަ މިކުރަނީ، މިއަދަކީ ދިވެހިރާއްޖޭގެ އަޑަށް 20 އަހަރު ފުރިގެން 21 ވަނަ އަހަރާ ކުރިމަތިލާ ދުވަސްކަމަށްވާތީ، އަޑުގެ މުވައްޒަފުންގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވިފައިވާ ގޮތުގައި އެންމެ ގިނަ ދުވަސްވީ މީހުންނަކީ، އެމީހުން ކަމުގައިވާތީ.


އާދެ، ހަމަ އެ ނޭވާގައި، ދިވެހި ސަރުކާރުގެ އެހެން ތަންތާނގައިވެސް ގިނަ އަހަރުތަކެއް ވަންދެން މެދުކެނޑުމެއްނެތި އެއްތަނުން އަނެއްތަނަށް ބަދަލުނުވެ، ތަނުގެ ޚިދުމަތުގައި ދެމިތިބި ހުރިހާ މުވައްޒަފުންނަށްވެސް މިތަޢުރީފާއި، މިޝުކުރު އަޅުގަނޑު މިއަދު ރައްދުކުރަން. ކުރިންވެސް އަޅުގަނޑު ދެންނެވިހެން ދިވެހިރާއްޖޭގެ އަޑަކީ، ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް އަދާކުރަމުންދާ ފަރާތެއް. އަދި އަޅުގަނޑުމެންގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި ދިވެހިރާއްޖޭގެ އަޑުން ޙިއްޞާ ކުރެވޭނެ މިންވަރަކީ، އެއީ ވަރަށް މަތީ މިންވަރެއް. އެހެންވީމާ، ކުރިޔަށް އޮތްތާނގައި އަޅުގަނޑުމެންގެ ހުރިހާ ކަމެއްގައިވެސް މިހާރަށްވުރެ ފުރިހަމަޔަށް ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ލިބެމުންދާނެކަމަށް އަޅުގަނޑު ޔަގީންކުރަން.


އާދެ، އަޅުގަނޑުމެންގެ ތަޢުލީމު ކުރިއެރުވުމުގައި، އަޅުގަނޑުމެންގެ ތެރޭގައި ޞިއްޙީ ހޭލުންތެރިކަމެއް އުފެއްދުމުގައި، އަޅުގަނޑުމެންގެ މެދުގައި ޤައުމީ ޝުޢޫރު އުފެއްދުމުގައި، އަޅުގަނޑުމެންގެ ސަޤާފަތަށް ރައްކާތެރިވުމުގައި، އަދި އެހުރިހާ ކަމަކަށްވުރެންވެސް ކުރިން އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް، ދިވެހިންގެ ހިތްތަކުގައި އޮންނަންޖެހޭ ޙުރުމަތްތެރިކަން އާލާކޮށް، ދީނުގެ މަތިވެރި އުސޫލުތަކަށް ދިވެހިން ލެންބުމުގައި، މިހުރިހާ ކަމެއްގައި ދިވެހިރާއްޖޭގެއަޑުގެ ފަރާތުން ވަރަށް އެކަށީގެންވާ ޚިދުމަތްތަކެއް މުސްތަޤުބަލުގައި ލިބޭނެކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަން. އަދި އެ ޚިދުމަތްތައް އަދާކުރުމަކީ، އެތަނުގެ އެންމެ މުހިންމު ވާޖިބުކަމުގައި އަޅުގަނޑުދެކެން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލުމުގެ ކުރިން ދިވެހިރާއްޖޭގެއަޑަށްވެސް ޚިދުމަތްކޮށްދެއްވާ ނުވަތަ އަޑުގެ ވާސިޠާއިން ދިވެހީންނަށް، ދިވެހި އުންމަތަށް، ދިވެހި ޤައުމަށް ޚިދުމަތް ކޮށްދެއްވާ ބައެއް ފަރާތްތަކަށް ޝުކުރު އަދާކުރުމަކީ، އަޅުގަނޑުގެ ވާޖިބެއްކަމުގައި ދެކެން.


އާދެ، އެކިއެކި ޕުރޮގުރާމުތައް ދިވެހިރާއްޖޭގެއަޑުން ތައްޔާރުކުރެއްވި ކަމުގައިވިޔަސް އެ ޕުރޮގުރާމުތަކަށް ބޭނުންވާ މަޢުލޫމާތުދެއްވާ އެހެން ފަރާތްތަކެއް ތިއްބަވާ. އަދި ދިވެހިރާއްޖޭގެއަޑުގެ ޕުރޮގުރާމުތަކުގެ ތެރެއިން ދިވެހިންނާ މުޚާޠަބު ކުރައްވާ އެހެން ފަރާތްތަކެއް އެބަތިއްބެވި. އެ ހުރިހާ ފަރާތްތަކަށްވެސް އިޚުލާޞްތެރިކަމާއެކު އަޅުގަނޑު މިއަދު ޝުކުރު ދަންނަވަން. އޭގެތެރެއިން އެއް ނަމެއް، އެއް ނަންފުޅެއް ފާހަގަކޮށްލުމަކީ އަޅުގަނޑުހިތުން އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންސާފަކަށްނުވާނެ. އާދެ، އެބޭފުޅަކީ، އަޅުގަނޑުމެންގެތެރޭގައި މިއިންނެވި އައްޝައިޚުލްއުސްތާޛް މުޙައްމަދު ޖަމީލްދީދީ. އާދެ، ޝައްކެއްނެތްގޮތުގައި އެމަނިކުފާނަކީ ދިވެހިރާއްޖޭގެއަޑުގެ ވާސިޠާއިން ދިވެހިންނަށް ވަރަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. ކޮންމެ ކަހަލަ ޕުރޮގުރާމެއްގައިވެސް އެންމެފަހު މިނިޓުގައި ދަންނަވަންޖެހެނީ މުޙައްމަދު ޖަމީލަށް. ދަންނަވައިފި ކޮންމެ ހިނދެއްގައި އެއްވެސްކަހަލަ އިޢުތިރާޟެއްނެތި، ޝަކުވާއެއްނެތި އޭނާ ވަޑައިގެންދެއްވާނެ. ވަޑައިގެން އެކަންތައް ހަމަ ކޮށްދެއްވާނެ. އެހެނިހެން ބޭފުޅުންވެސް އެގޮތަށް ޚިދުމަތްކުރައްވާ. އެހެންނަމަވެސް، އެހެން ބޭފުޅުންގެ މަސައްކަތްޕުޅުތަކާއި ވަގުތުތައް ހަމަޖެހިފައި އޮންނަގޮތުން ބައެއް ފަހަރަށް ކަނޑައެޅިފައި އޮންނަ ޕުރޮގުރާމަށް ވަޑައިނުގެންނެވޭނެގޮތް ދިމާވޭ. އެހެންދިމާވާ ކޮންމެ ފަހަރެއްގައިވެސް ދިވެހިރާއްޖޭގެއަޑުގެ މީހުން އަބަދުވެސް އެނބުރޭ ފަރާތަކީ، އައްޝައިޚުލްއުސްތާޛް މުޙައްމަދު ޖަމީލްދީދީ. ދުވަހެއްގައިވެސް އެމަނިކުފާނު ވަޑައިނުގެން ލަސްކުރައްވައިފައެއް ނެތް. ހަމަކޮންމެ ވަގުތެއްގައި ދަންނަވައިލި ކަމުގައިވިޔަސް ވަޑައިގެން އެ ޕުރޮގުރާމެއްގައި ވާހަކަފުޅު ދައްކަވައި، އެކަން ހަމަޖައްސަވައިދެއްވާ. އެހެންވީމާ، ދިވެހިރާއްޖޭގެ އަޑުގެ ޒަރީޢާއިން ދިވެހި ޤައުމަށް ޚިދުމަތްކުރައްވާ ފަރާތްތަކަށް، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑު މި ޝުކުރު ދަންނަވަނީ، އައްޝައިޚުލްއުސްތާޛް މުޙައްމަދު ޖަމީލްދީދީއަށް ޝުކުރު ދެންނެވުމުގެ ޒަރީޢާއިން.


އާދެ އަޑުގެ ޚިދުމަތް އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދިޔުމަކީ، އަޅުގަނޑުމެންގެ އެންމެންގެވެސް އުންމީދު. ދިވެހިރާއްޖޭގެއަޑަށް ވިހިއަހަރު ފުރި، އެކާވީސްވަނަ އަހަރަށް ކުރިމަތިލާދުވަހު، އަޅުގަނޑު ދިވެހިޤައުމަށާއި އަދި ދިވެހިރާއްޖޭގެއަޑުގެ އެހުންތެރިންނަށް ޔަގީންކޮށްދެނީ، ދިވެހިރާއްޖޭގެއަޑު އަބަދުވެސްވާނީ ތެދު ޚަބަރުދޭ، ތެދުބަސް ބުނާ، އަގުހުރި މަޢުލޫމާތާއި އިރުޝާދު ދިވެހި ރައްޔިތުންނަށް ރައްދުކޮށްދޭ ފަރާތެއްކަމުގައޭ. އާދެ، އަޑުގެ ޚިދުމަތް ރައްޔިތުންނަށް ލިބިދެވޭނީ އެ އަޑަކީ، ދިވެހިޤައުމަށް ތެދުވެރިއަޑެއް ކަމުގައިވަންޏާ. ދިވެހިޤައުމަށް، ދިވެހީންގެ ދީނަށް، ދިވެހި ޤައުމިއްޔަތަށް، ދިވެހި ސަޤާފަތަށް، ވަފާތެރި ތެދުވެރި އަޑެއްކަމުގައިވަންޏާ. އެހެންވީމާ، މިހުރިހާ ކަމަކަށް ތެދުވެރިވުމާއި ވަފާތެރިވުމާއެކު، ތެދު ޚަބަރާއި ތެދު މަޢުލޫމާތު، ދިވެހިންނަށް ލިބިދޭ ފަރާތެއް ކަމުގައިވަންޏާ. އާދެ، އެކަންއޮތީ އެހެންކަމަށް ވުމާއެކު، މިއަދު އަޅުގަނޑު ދިވެހި ޤައުމަށާއި، ދިވެހިރާއްޖޭގެއަޑުގެ އެހުންތެރިންނަށް ޔަގީންކޮށްދެނީ، އިރާދަކުރެއްވިއްޔާ މުސްތަޤުބަލުގައި، މިވޭތުވެދިޔަ ދުވަސްތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގެއަޑު ވާނީ މިދެންނެވިފަދަ ތެދުވެރި ޚިދުމަތްތަކެއް ދިވެހިރާއްޖޭގެ ރައްޔިތުންނަށް، ދިވެހިރާއްޖޭގައި އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަދާކޮށްދޭ ފަރާތަކަށޭ.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، ދިވެހިރާއްޖޭގެއަޑަށް ކުރިއެރުމާއި ތަރައްޤީއަށް އެދެމުން. ދިވެހިރާއްޖޭގެއަޑުގެ ސަބަބުން ދިވެހިރާއްޖޭގެއަޑުގެ ޕުރޮގުރާމުތަކުގެ ވާސިޠާއިން ދިވެހިޤައުމަށް، ދިވެހި އުންމަތަށް، ދިވެހި ރައްޔިތުންނަށް، ތަރައްޤީވެގެން އަންނަ ޕުރޮގުރާމުތަކެއް، ތަރައްޤީވަމުން އަންނަ ޚިދުމަތްތަކެއް، އެއްދުވަހުން އަނެއްދުވަހަށް ކުރިއަރައި، ރައްޔިތުންނަށާއި، ޤައުމަށް ފައިދާހުރި ޚިދުމަތްތަކެއް ދިވެހިރާއްޖޭގެ އަޑުގެ ވާސިޠާގެ ސަބަބުން ލިބޭނެކަމަށް އުންމީދުކުރަމުން.


والسّلام عليكم ورحمـة اللّـه وبركاته.