ރާއްޖޭގައި ބޭރުގެ ފަރާތްތަކުން ކުރާ ބޮޑެތި އިންވެސްޓްމަންޓްތަކަކީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ރާވާފައިވާ މައި މަޝްރޫޢުގެ އެއްބައި ކަމުގައި ދަންނަވަމެވެ. މި މާރިޗު މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން، ރާއްޖޭގެ އެއްވެސް އަތޮޅެއް ބޭރުގެ ފަރާތަކަށް ވިއްކާފައެއްނުވެއެވެ. އަދި ނިލަންދެއަތޮޅު އުތުރުބުރިއަށް ގެންނަ ތަރައްޤީއަކީ، ގެދޮރުވެރިކަމާއި، މަތީ ފެންވަރުގެ ތަރައްޤީއާއި، އެތައް ޓޫރިސްޓް ރިސޯޓަކާއި އެއާޕޯޓްތައް ފަދަ، އެކި ދާއިރާތަކުގެ ތަރައްޤީ ހިމެނޭ ގޮތަށް ހިންގުމަށް ރާވާފައިވާ ބޮޑު، ބިޔަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ކުރާ އެތައް ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.

ބޭރުގެ ފަރާތަކަށް އެ އަތޮޅު ވިއްކާލައިފިކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ސަރުކާރުން އިންކާރު ކުރަމެވެ. އެހެންނަމަވެސް، މި ސަރުކާރުގެ ކާމިޔާބު އިޤްތިޞާދީ އެޖެންޑާގައިވާ ކަންކަން ހާސިލް ކުރުމަށްޓަކައި، ބޭރުގެ އެކިއެކި އިންވެސްޓަރުންނާއެކު މަސައްކަތް ކުރުމަކީ މި ސަރުކާރުން މަރުހަބާ ކިޔާ ކަމެކެވެ. 2014 އިން ފެށިގެން، ރާއްޖޭގެ އިޤްތިޞާދު ދަނީ އަހަރަކު %4 ގެ ކުރިއެރުމެއް ހޯދަމުންނެވެ. އިންފްލޭޝަން ހުރީ %1 އަށްވުރެ ކުޑަކޮށެވެ.

ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ހުރިހާ މަޝްރޫޢެއް ކުރިއަށް ގެންދިއުމުގައިވެސް، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާން ވެފައިވާ ހަމަތަކަށް ސަރުކާރުން އިޙްތިރާމް ކުރާނެއެވެ. އަދި، ތަރައްޤީގެ އެއްވެސް މަޝްރޫޢެއް ކުރިއަށް ގެންދެވޭނީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށާއި، ތިމާވެށީގެ ޤަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައިގެނެވެ. ރާއްޖޭގެ ތަރައްޤީގެ ޤާނޫނުތައް ހިމެނެނީ، ދުނިޔޭގެ އެންމެ ހަރުކަށި މި ފަދަ ޤާނޫނުތަކާ އެއްފަންތިއެއްގައެވެ.

މި ފަހުގެ ތާރީޚެއްގައި ބައިނަލްއަޤްވާމީ މާލީ ފަރާތްތަކުން ރާއްޖޭގައި ކުރިއަށް ގެންދިޔަ އިޤްތިޞާދީ ދިރާސާތަކުގައި، މޫޑީސް އިން ރާއްޖެއަށް ދިން ރަނގަޅު ކްރެޑިޓް ރޭޓިންގ ފަދަ، ރަނގަޅު ނިންމެވުންތައް ރާއްޖެއާމެދު ނިންމަވާފައިވާކަމީ، ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާވުމުގެ ހެއްކެކެވެ. އަދި މި ކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑެތި އިންވެސްޓްމަންޓްތައް ހޯދުމުގައި، ރާއްޖެއާމެދު އެ ފަރާތްތަކުގެ އިތުބާރު ބޮޑުވެއެވެ. ދުނިޔޭގެ ކުރިއަރަމުންދާ އިޤްތިޞާދުތަކުން ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ދުވަސްވަރެއްގައި، އިޤްތިޞާދީ ރޮނގުން ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތައް މި ސަރުކާރުން ފާހަގަ ކުރަމެވެ. 2016 ގައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ އިނީޝަލް އިންވެސްޓްމަންޓްގެ ގޮތުގައި އެކަނިވެސް 1.48 ބިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން، ކުރިއަށްއޮތް 5 އަހަރު ދުވަހުގެ ތެރޭގައި ލިބޭނެއެވެ. މިގޮތުން، 2017 ގައި %4.7 އަށް އިޤްތިޞާދު ކުރިއަރާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި، ދައުލަތުގެ އާމްދަނީގެ ގޮތުގައި 1.42 ބިލިޔަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރިއާއި ރާއްޖޭގެ އެހެން ސަރަހައްދުތައް ތަރައްޤީ ކުރެއްވުމަށް ދިވެހި ސަރުކާރުން ރޭވުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތްތަކެއް ފަހި ކޮށްދިނުމެވެ. މި ސަރަހައްދުގައިވެސް، އަދި ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް، ބޭރުގެ ފަރާތްތަކުން އެކި ޤައުމުތަކުގައި އިންވެސްޓް ކުރުމަކީ އާންމު ކަމެކެވެ. ތަރައްޤީގެ އެކި ދާއިރާތަކުން ރާއްޖޭގައި އިންވެސްޓްކުރާނެ ފަރާތްތައް އުތުރު އެމެރިކާއާއި، ޔޫރަޕާއި، އޭޝިޔާއާއި، މެދު އިރުމަތީގެ ޤައުމުތަކުން ރާއްޖެއިން ދަނީ ހޯދަމުންނެވެ. ރާއްޖެއިން އިތުރު އިންވެސްޓަރުން ހޯދުމަށް ކުރާ މަސައްކަތްތަކާ ދެކޮޅު ހެދުމަކީ، ވަރަށް ހިތާމަހުރި، ދެފުށް ދެގޮތް އަމަލެކެވެ.

މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން، މި ދައުރު ނިމުމުގެ ކުރިން 94000 ވަޒީފާ އުފެއްދުމަށް ވެފައިވާ ވައުދު ކައިރި މުސްތަޤްބަލެއްގައި ހާސިލް ކުރެވިދާނެ ކަމުގެ އުއްމީދު ބޮޑެވެ. މިގޮތުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ރާއްޖޭގައި 64000 ވަޒީފާ އުފައްދާފައިވެއެވެ. ރާއްޖޭގެ މައިދޮރޯށި "ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު"ގެ ތަރައްޤީގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. އަދި މާލޭ ބަނދަރަށް އެކަށީގެންވާ ކުރިއެރުންތައް ހޯދާފައިވެއެވެ.

މިއީ ހަޤީޤީ، މާއްދީ ކާމިޔާބީތަކެވެ. ދިވެހި އިޤްތިޞާދު ފުޅާ ކުރުމުގައި ހަޤީޤީ ކުރިއެރުން ހޯދަމުން އެބަދެއެވެ. އިޤްތިޞާދީ ކަންކަމާ ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ފާޅުކުރާ ޚިޔާލުތަކަށް މި ސަރުކާރުން މަރުހަބާ ކިޔާ ނަމަވެސް، ހަމަ އެއާއެކު މިފަދަ ކަންކަމުގައި، ދެކުނު އޭޝިޔާ ސަރަހައްދުގައި ރާއްޖެއަކީ ހުރިހާ ފަރާތްތަކަށް މަރުހަބާ ކިޔާ، ހަރަކާތްތެރި، އިސްނަގާ ޤައުމެއްގެ ގޮތުގައި ސިފަކުރާނެ ކަމަށް އުއްމީދު ކުރަމެވެ. ވަކި ފަރާތަކަށް ޖެހިފައިވާ، އެއްވެސް އަސާސެއްނެތް ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، މި ސަރުކާރުން އެދެނީ ރާއްޖޭގެ ރަށްރަށަށް ގެންނަމުން މިދާ ތަރައްޤީ ފާހަގަ ކުރުމަށެވެ. އަދި، މި ސަރުކާރުގެ އިޤްތިޞާދީ އަމާޒުތަކަށް ވާސިލްވުމަށް ސާބިތުކަމާއެކު ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ އައްސޭރިފަށަށް، ދިވެހި ރައްޔިތުންނަށް، މައުނަވީ ބަދަލުތަކެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފާހަގަ ކުރުމަށާއި، މި ކަންކަމާ ދެކޮޅަށް ކުރާ ދެކޮޅު ނުޖެހޭ ބަހުސްތަކަށް އަޅައިނުލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލަމެވެ.

"އިރާއި ހުޅަނގުގައި ދިރިއުޅޭ އަޅުގަނޑުމެންގެ ރަހުމަތްތެރިންނެކޭ އެއްގޮތަށް، އަޅުގަނޑުމެން ދެމިތިބޭނީ ހުޅުވައިލެވިފައިވާ، ދުނިޔޭގެ އިޤްތިޞާދުގައި ފާހަގަ ކުރެވޭ ބައިވެރިއެއްގެ ގޮތުގައި. މެދު ފަންތީގެ އާމްދަނީއަކާ ދިމާއަށް ވިހާވެސް ގިނަ ދިވެހިން ވާސިލްކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާ ކުރުމުގެ ފުރުޞަތު އަޅުގަނޑުމެންނަށްވެސް ލިބެންޖެހޭ" ކަމަށް، މިކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.