بســم اللّـه الرّحمـن الرّحيــم


ގަދަކީރިތިވަންތަ اللـّه سبحانه وتعالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محمّد رسول اللّـه صلّى اللّـه عليه وسلّم އަށް ޞަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.


ހިންމަފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އަދި މި ޖަލްސާގެ ކަންތައްތަކަށް ތައްޔާރުވުމަށާއި، އަދި އަޅުގަނޑުމެންނާއެކީ މާލެއިން ދަތުރުކުރައްވައި ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިން؛


السّلام عليــكم ورحـمــة اللّـه وبـركاتـه.


އާދެ، ޝައްކެއްވެސްނެތް، ހިންމަފުށިން ވަރަށް އުފާވެރިކަމުގެ ޝުޢޫރުތަކެއް، ވަރަށް ހިނިތުންވުމުގެ މޫނުތަކަކުން، އަޅުގަނޑުމެންނާ އިސްތިޤުބާލު ތިޔަކުރެއްވީ. ތިޔަބޭފުޅުންގެ ހިތްޕުޅުގައި އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް ގާތްކަން ކިތަންމެހާވެސް ރަނގަޅަކަށް ދައްކުވައިދެއްވައިފި. އެހެންވީމާ، ހިންމަފުށްޓަށް އަޅުގަނޑުމެން މިއައި އައުމުގައި، ތިޔަބޭފުޅުން ތިޔަ ވިދާޅުވި ހޫނު، އިޚްލާޞްތެރި މަރުޙަބާއަށްޓަކައި ތިޔަ އެންމެ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގައި އޮތް އެންމެ އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަޅުގަނޑު މިވާހަކަ ދައްކާއިރުވެސް ހަމަ ކްރައުޑްގެ ތެރެއިންވެސް ޒުވާން ބޭފުޅުން އަދިވެސް ހަމަ ހިނިފުޅުގައި ތިޔަ ތިއްބެވީ ދޮގެއްތޯ! ވަރަށްބޮޑަށް ޝުކުރިއްޔާ އިނގޭތޯ.


އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ، ރަށްރަށުގައި ނުފުދިހުރި، ޟަރޫރީގޮތުން ބޭނުންވެފައި ހުރި ކަންތައްތައް، ނުފުދިހުރި ކަންކަން ފުދިގެންދާއިރު، އެ ރަށްރަށަށް އެ ލިބޭ އުފަލާއި ހިތްހަމަޖެހުން. ރަށްރަށުގެ ރައްޔިތުންނަށް ލިބޭ އުފަލާއި ހިތްހަމަޖެހުމުގައި ބައިވެރިވުމަކީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑަށް، އަޅުގަނޑުގެ ސަރުކާރަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެހެންމެ ތިޔަބޭފުޅުންނަށް މި ޚިދްމަތްކޮށްދެވޭތީ، އަޅުގަނޑުމެން އެކަމުގެ ޝަރަފުވެސް ހާސިލުކުރަން.


އާދެ، ބިން ހިއްކުމުގެ މަޝްރޫޢުތަކުގައި އަދި ރާއްޖޭގެ އެކި ހިސާބުގައި ހިންގޭ މިކަހަލަ ޢިމްރާނީ މަސައްކަތްތަކުގައި، އެންމެބޮޑު ޝުކުރެއް ޙައްޤުވާ އެއް ބޭފުޅަކީ، މިއަދުގެ ހައުސިންގ މިނިސްޓަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު. އާދެ، މުޢިއްޒު އެ ކޮށްދެއްވަނީ، ވަރަށް ހީވާގި، ވަރަށް މުރާލި، ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް. އަޅުގަނޑުމެން ބަޖެޓުގައި ފައިސާ ކަނޑައަޅާފައި ހުރިނަމަވެސް، ވަގުތަށް ކަންކަން ނިންމަން، ބޮޑެތި މަޝްރޫޢުތައް ނިންމުމަށް، އެމަނިކުފާނާއި، އެމަނިކުފާނުގެ ޓީމުން އެ ދެއްވަނީ ވަރަށް ޚާއްޞަ އަހަންމިއްޔަތެއް. ވަރަށް ވަރުގަދަ ސަމާލުކަމެއް. އެކަމަށްޓަކައި ތިޔަ އެންމެ ބޭފުޅުންގެ ނަންފުޅުގައި އަދި އަޅުގަނޑުގެ ނަމުގައިވެސް ޑޮކްޓަރ މުޢިއްޒަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.


އާދެ، ޝުކުރުގެ ފިޔަވަޅުން ދުރަށް ދިޔުމުގެ ކުރިން، އަޅުގަނޑަށްވުރެން ކުރިން އިސްވެ ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑާ ދޭތެރޭގައި ތިޔަ ފާޅުކުރެއްވި އޯގާތެރި ޝުޢޫރުތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ކައުންސިލްގެ ރައީސް ޝާން އިބްރާހީމަށް. ޑޮކްޓަރ މުޢިއްޒަށް. އަދި އޭގެފަހުން އަޅުގަނޑުމެންގެ ޕާޓީގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަރަށް އިޚްލާޞްތެރިކަމާއެކީ، ވަރަށް ހެޔޮއެދިވަޑައިގަންނަވައިގެން، ވަރަށްގިނަ ވާހަކަފުޅުތަކެއް ދައްކަވައިފި. އެކަމަށްޓަކައި، މި ތިން ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުވެސް ހަމަ ޝުކުރު ދަންނަވަން.


އަޅުގަނޑު ހިތަށްއަރާ އަޅުގަނޑު މިރަށަށް އައިއިރު، ހިންމަފުށީގެ ރައްޔިތުން، ތުލުސްދޫގައި މި ހިނގައިދިޔަ ކަންތައްތައް އަޑު ނޭއްސެވިނަމަ، ހާދަ ރަނގަޅޭ. ނޫނީވިއްޔާ ޝާނަށް ދެއްވި ވަގުތުކޮޅު، ތަންކޮޅެއް ކުރުކުރެއްވިނަމަ ހާދަ ރަނގަޅޭ. ކޮންމެއަކަސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކޮންމެ ރަށެއްގެ ރައްޔިތަކަށްވެސް ބޭނުންވެފައި މިހެންހުރި ކަންތައްތައް ހަމަ ބައިވަރު. އެހެންނޫންތޯ! މިހެންހުރި ކަންތައްތައް ބައިވަރު. މިކަންތައްތައް ފުއްދައިދެވޭތޯ ކޮންމެ ސަރުކާރަކުންވެސް، ކޮންމެ ސިޔާސީ ލީޑަރަކުވެސް ފާޑުކިޔަންވީ. ނޫނީވިއްޔާ ވާހަކައެއް ބުނަންވީ. ރައީސް ޔާމީންގެ ސަރުކާރުން ހިންމަފުށީގެ ބިންހިއްކައި، ހިންމަފުށީގައި އޮތް ބިމުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި އިތުރުވެގެން މި ދިޔައީ. އަދި ހަމައެހެންމެ، އެ ނިމިގެންދިޔަ ބައިގެ ރިވެޓްމަންޓްވެސް އެއޮތީ އިރާދަކުރެއްވިއްޔާ ނިމިފައި. ދެން ހިންމަފަށްޓަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ލިސްޓުގެ ތަރުތީބުން ބަލާކަމަށްވަންޏާ، ނިމެން ކައިރިވެފައި އޮތް އެއްވެސް ކަމެއްގެ ވާހަކައެއް ޝާނެއް ހުށައެއްނާޅުއްވާ. މިހާރު ފެށެންވެފައި، ބިޑް އިވެލުއޭޓް ކުރަންވެފައި މިއޮތީ މިތަނުގެ ނަރުދަމާގެ ނިޒާމު.


އެހެންވީމާ، ނަރުދަމާއަކީ ލިބިފައި އޮތް އެއްޗެއް ކަމަށް ބައްލަވާފައި، އެ ލިސްޓްގައި ނަރުދަމާގެ ވާހަކަވެސް ނާންނަނީ. ނަރުދަމާ ނިމުމާއެކީ އިރާދަކުރެއްވިއްޔާ ހަމަ ތުލުސްދޫއާއި ހިންމަފުށީގެ ބޯފެނުގެ ކަންކަމަށް އަޅުގަނޑުމެންގެ ސަރުކާރުން އެނބުރިލާނަން. ބޯފެނާއި ނަރުދަމާގެ މަސައްކަތްތައް ހަމަ ގިނައިން މިދަނީ ދައުލަތުގެ ބަޖެޓުގެ ކޮންމެވެސް މިންވަރަކާއެކީ، ބޭރުގެ އެހީ ހޯދައިގެން. ދެން ބޭރުގެ އެހީ އިރާދަކުރެއްވިއްޔާ ކޮންމެ އަހަރަކުވެސް ލިބެމުން އެބަދޭ. ދެން އަޅުގަނޑުމެން ތަރުތީބު ކުރުމުގެ ތެރޭގައި ތިޔަބޭފުޅުންގެ އިލްތިމާސް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހިމަނައިގެން ހަމަ ކުރިއަށް ގެންދެވޭތޯ ބަލާނަން.


އެއާއެކީވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިރަށްރަށަށް މިކުރާ ޒިޔާރަތްތަކުގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ހަމަ ރައްޔިތުންނަށް ނުވެފައި ހުރި ކަންތައްތަކެއް ފުދިގެން ދިޔައިމަ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި ސަރުކާރާ ދޭތެރޭގައި އޮންނަ އިތުބާރާއި އިޙްތިރާމް އިތުރުވެގެންދާތަން. ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރެވޭތޯ ބަލާނީ، މިކަހަލަ ކަންތައްތަކެއް ކުރަން. ޒުވާން ކުދިންނަށް އަޅުގަނޑު ބުނަން ބޭނުންވަނީ، ދިވެހިރާއްޖެއަކީ، އެއްގޮތަކަށްވުރެ ގިނަ ގޮތްގޮތުން، ހަމަ ވިސްނާލައްވާ! އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުގެ އަޚު ސިޔާސީ ލީޑަރުންނަށްވެސް ދަންނަވާ ވާހަކައެއް. ކީއްވެގެންހެއްޔޭ، ރަށުގެ ތަރައްޤީއަށް، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އެކި ގިންތިތަކުގެ މީހުންގެ ތަރައްޤީއަށް ދައްކާ ވާހަކަ އަޅުގަނޑާއެކީ، ޖަދަލުކުރަން ނޫނީ ބަހުސްކުރަން ނޫޅެންވީ؟ ރައްޔިތުން ބޭނުންވަނީ ތަރައްޤީ. ކޮންމެ މީހަކުވެސް ބޭނުންވަނީ އޭނަގެ ޖީބުގެ ތަނަވަސްކަން އިތުރުވެގެންދާން. ނުފުދިހުރި ކޮންމެވެސް ބޭނުމެއް ފުދިގެންދާން. ފަރުދެއްގެ ފެންވަރުގައި، އާއިލާއެއްގެ ފެންވަރުގައި، މުޅި ރަށެއްގެ ރައްޔިތެއްގެ ފެންވަރުގައި، މުޅި ދިވެހިރާއްޖޭގެ ފެންވަރުގައި.


އަޅުގަނޑަށް ވިސްނައިދެވޭތޯ، އަޅުގަނޑުގެ ސަރުކާރަށް ވިސްނައިދެވޭތޯ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ސިޔާސީ ހުރިހާ ލީޑަރުންނަށް، އަޅުގަނޑާ އެއްކޮޅު ލީޑަރުންނަށްވެސް އަޅުގަނޑުމެންނާ ދެކޮޅު ލީޑަރުންނަށްވެސް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދައުލަތުގެ ފައިސާގެ ބޭނުންހިފައިގެން ކުރާ މަސައްކަތް ކަމުގައިވާތީ، މިއަށްވުރެން އަވަހަށް، މިއަށްވުރެން ޚަރަދުކުޑަކޮށް، މިއަށްވުރެން ރަނގަޅަށް ކުރެވޭނެ ގޮތެއް ވިދާޅުވެދެއްވާށޭ. އޭރަށް ހަމަގައިމުވެސް، މިއަހަރުގެ ދައުލަތުގެ ބަޖެޓުންވެސް، ހިންމަފުށްޓަށް ދެން ބޭނުންވެފައި ހުރި ކަންތައްތައް ކޮށްދެވޭތޯ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ. އެކަމަކު އޭގެ ބަދަލުގައި މުޅި އޮޑި ކައްޗާދުއްވާފައި، މުޅިން އެހެން ވާހަކަތަކެއް ދެއްކީމަ، ރައްޔިތުންނަށް އޮޅުން މިއަރަނީ. އާޚިރުގައި ނިމިގެންދާއިރު، ކޮންމެ ސިޔާސީ ލީޑަރަކުވެސް، ކޮންމެ ރަށެއްގެ ރައްޔިތެއްވެސް ބޭނުންވަނީ އެ ރަށަށް ތަރައްޤީ. ހަމަގައިމުވެސް ޝާނާއި، ކައުންސިލްގެ އެހެން މެންބަރުން ހިންމަފުށީގެ ބިން ނުހިއްކިގެން، ނޫނީވިއްޔާ ހިންމަފުށީގެ ނަރުދަމާ ނެތިގެން މުޒާހަރާ ކުރިނަމަކައެއް، މިއަދަކު އެކަމެއްނުވީސް. އެހާ ފަސޭހައެއް ނުވީސް. އެކަމަކު އޭގެ ބަދަލުގައި ސަރުކާރަށް ވިސްނައިދީފައި، ރައްޔިތުންގެ ދަތިހާލު އަޅުގަނޑުމެންނަށް ހުށަހަޅައި، އަޅުގަނޑުމެން ދިރާސާ ކުރުމަށްފަހު، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، މިއީ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤެއްކަން. ރައްޔިތުންނަށް ލިބެންޖެހޭ ޚިދްމަތެއްކަން. އެހެންވީމާ، އެ ޚިދްމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ، މި ސަރުކާރުން ހަމަ އުފަލާއެކީ ކުރާނެކަމެއް.


ދެންއޮތީ މިރަށުގެ އެއްކޮޅުގައި، އެ ވިދާޅުވި އެ ތަރައްޤީ ކޮށްދޭށޭ. އެހެންނަމަވެސް، ޝާން އަމިއްލައަށް ވިދާޅުވެއްޖެ، އެތަނުގައި އަދި ބޮޑުރާޅެއް ނުނަގައޭ. ފަހުންނޭ ބޮޑުރާޅު ނަގާނީ. އެހިސާބަށް ދިޔައިމަ، އެކަންވެސް، ޝާން ހަމަ ފުދިގެންދާނެ އިނގޭތޯ! އަޅުގަނޑު ތިޔަބޭފުޅުންނަށް ހުށަހަޅަން ބޭނުންވަނީ، ހަމަ ޒުވާން ކުދިން ކައިރީ ބުނެލަން ބޭނުންވަނީ، އެއީ ދެޖިންސުގެ ކުދިންނަށް. ދިވެހިރާއްޖެއާ ދޭތެރޭގައި ނަޒަރު ހިންގާލާށޭ. ދިވެހިރާއްޖެއަކީ، އެކަހެރިކޮށް ވަކިން އިންޑިޔާ ކަނޑުގައި އޮތް ޖަޒީރާ ޤައުމެއް، އެތައް ބައިވަރު ރަށްތަކެއް ހިމެނޭ. މީގައި، ރަނގަޅު ކަންތައްތަކާއި، ނޫނީ ރަށަށް ފައިދާހުރި ކަންތައްތަކާއި، އެހާ ފައިދާނޫން ކަންތައްތައް އެބަހުރޭ. ރަށްގިރުމާއި، ސުނާމީއެއްގެ ގެއްލުމާ، މިކަހަލަ ކަންކަމުގައި އަހަރެމެންނަށްވާނެ ގެއްލުންތަކެއް އެބަހުރޭ. އެކަމަކު ރިޒުޤެއްގެ ގޮތުގައި ބަލައިގެން، ނިޢުމަތެއްގެ ގޮތުގައި ބަލައިގެން، މިރަށްރަށް ތަރައްޤީކުރަން ބަލާކަމަށްވަންޏާ، މިއަށްވުރެން ވަކި ވަރުގަދަ ނިޢުމަތެއް އަހަރެމެންނަކަށް ނުލިބޭނެ.


އެހެންވީމާ، އެއްކޮޅުން ވިސްނާލާއިރު، އަހަރެމެންނަށް މީގައި ދަތިތަކެއް ހުއްޓަސް، އަހަރެމެން ނުވާނެ ނުކުމެ، ބޭރު ދުނިޔޭގައި ބުނާކަށް، ދިވެހިރާއްޖެ މިއޮއް ގަނބައިގެން ގެއްލިދަނިއްޔޭ. ދިވެހިރާއްޖެ މިއަދު މިއޮތީ، 50 ފޫޓު އަޑީގައޭ. މިވާހަކަ އަހަރެމެން ދައްކާކަށްނުވާނެ. މިވާހަކަ އަހަރެމެން ދައްކައިފި ކަމަށްވަންޏާ، އަހަރެމެންގެ ހުރިހާ ދިރިއުޅުމަށް ހޯދާ އާމްދަނީ ބަރޯސާ މިވަނީ، ޓޫރިޒަމުގެ ޞިނާޢަތަށާއި، ބޭރުގެ އެކި މެހުމާނުން ދިވެހިރާއްޖޭގައި އައިސް އިންވެސްޓް ކޮށްގެން ކުރާ މަސައްކަތްތަކަށް. މިކަހަލަ އެތައް ބައިވަރު ކަންކަމަކަށް. އެހެންވީމާ، ގަނބައިގެންގޮސް ނެތިގެންދާ ތަނަކަށް ބަޔަކުއައިސް އިންވެސްޓްކުރާކަށް ބޭނުމެއްނުވާނެ. އެހެންވީމާ، އެއީ ޤައުމުގެ ރައީސަކުވެސް ދައްކަން ހެޔޮވާވަރު ވާހަކައެއްނޫން.


މިކަހަލަ ކަންތަކާ ދޭތެރޭގައި މިއަދުގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ، ނޫނީ ހޭލުންތެރި ޒުވާނުން ވިސްނާށޭ. ދިވެހިރާއްޖޭގެ މިހިރަ ވަސީލަތްތަކަށް ބަލާކަމަށްވަންޏާ، އަނެއްކާވެސް ރަށްރަށް ގިނަވީމާ، ދައުލަތަކުން ބަޖެޓުން ހޭދަކޮށްގެން ކުރާ މަސައްކަތުގައި ރަށްރަށަށް ބޭނުންވާ ތަރައްޤީ އެއްފަހަރާ އައުމުގައި ދަތިތަކެއް ހުންނާނެ. އެކަން ގަބޫލުކުރަންވާނެ. އެއްރަށަށް، ދެ ރަށަށް ކަމެއްކޮށްދޭން ޖެހުމުގެ ބަދަލުގައި 183 ރަށަށް، އަދި 183 ރަށުގެ ތެރޭގައި އާބާދީ އެތުރިފައި އޮންނަގޮތުން، އެއް ރަށެއްގެ ދެކޮޅުގައި ދެ އަވަށް، ހަމަ ދެ ރަށްގޮތަށް، ތަމްސީލުވާ ދެ އަވަށް އޮވެއްޖެ ކަމަށްވަންޏާ، ވަކިން ޚަރަދުތައް ބޮޑުވެގެންދާނެ. ބަނދަރު ހެދިޔަސް، މަދަރުސާއެއް އެޅިޔަސް، އަދި އެނޫން އެހެން ކަމެއްކުރިޔަސް. އެހެންވީމާ، ތަރުތީބު ކުރުމަކީ، އެއީ އަހަރެމެންނަށް ކުރަންޖެހޭކަމެއް.


އެހެންވީމާ، އެގޮތުން ދިވެހިރާއްޖޭގައި ރަށްރަށް ގިނަވީމާ، ހަމަ ޒުވާން ކުދިންގެ ޚިޔާލަށްގެނޭ، އަހަރެމެން ބޭނުންވާ ހަލުވިމިނުގައި، ބޭނުންވާ ބާރުމިނުގައި މިކަންކަން ނުވަނީ. އެކަމަކު ހަމަ ރަށްރަށް ގިނަވީމަ، ހުރި ފައިދާތައް މަދެއްނޫން. މިރަށްރަށް ހެޔޮގޮތުގައި ބޭނުންހިފޭނެ އެތައް ބައިވަރު ކަންތައްތައްތަކެއް އެބަހުރި. ހަމަ ޒުވާން ކުދިންނަށް އަޅުގަނޑު ބުނެލާ ވާހަކައެއް މިއީ. ދިވެހިރާއްޖޭގެ ހުރިހާ ޒުވާން ކުދިންނަށް ބުނެލާ ވާހަކައެއް. މިހާރު މިކުރެވޭ ތަރައްޤީގައި މިކުރެވޭ މަސައްކަތަކީ، އެއް މަފުހޫމެއް، ނޫނީ އެއް ކޮންސެޕްޓަކުން ބުނާ ކަމަށްވަންޏާ، އެއް އިޞްޠިލާޙަކުން، ނޫނީ އެއް އައިޑިއާއަކުން ބުނާކަމަށްވަންޏާ، ކޮންމެ މީހެއްގެ ޖީބަށް ވަންނަ ފައިސާ، އެއީ މުޅި ޤައުމަށް ލިބޭ ފައިސާ، ބޯބޯ މައްޗަށް ބަހާލީމަ، އެވްރެޖްކޮށް ޖެހޭވަރު. އެ ވަންނަ ފައިސާ، އަހަރެމެން ކިޔަމުން އައީ، އަހަރެމެންގެ މީގެކުރީގެ ސަރުކާރު ފެށިގެން އައިއިރު، ގާތްގަނޑަކަށް 198 ނޫނީ 200 ވަރަކަށް ޑޮލަރު ބޮލަކަށްޖެހޭވަރު ބޮޑުވަމުން އައިސްފައި، އިހަށްދުވަހު އަހަރެމެން ހިސާބު ހެދިއިރު، އަހަރެމެންނަށް ގަބޫލުކުރެވޭ 8،000 އަށްވުރެ މަތީގައި މިއުޅެނީ ބޮލަކަށްޖެހޭވަރު.


އެހެންވީމާ، މުޅި ޤައުމަށް ބަލާކަމަށްވަންޏާ، މުޅި ޤައުމު އިންތިހާއަށް އިރާދަކުރެއްވިއްޔާ މުއްސަނދި އެބަވޭ. އަދި އަޅުގަނޑުމެން، އަޅުގަނޑުމެންނާއެކީ ރައްޔިތުން އަޅުގަނޑުމެންކުރާ މަސައްކަތުގައި އެއްބާރުލުން ދެއްވައިގެން، ރައްޔިތުންގެ ތެރޭގައި ހަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ރައްޔިތުންގެ މަޖިލީހަކީ މިކަހަލަ ކަންތައްތައް ނިންމުމުގައި، ދައުލަތަށް ވަރަށް މުހިންމު ދައުރެއް އަދާކޮށްދެވިދާނެ ބައެއް. މި އަދަދު އަހަރެމެން ބޭނުންވޭ 12،000 ޑޮލަރަށްވުރެ މައްޗަށް ޖައްސަން. އަދި އެބައޮތް، ދެ އަހަރު. އެ އަދަދު 12،000 ޑޮލަރަށްވުރެ މައްޗަށް ޖެއްސޭ ކަމަށްވަންޏާ، މީގެ ފައިދާ ފެނިގެންދާގޮތް، މި ރަށުގައި ގެސްޓްހައުސް ގިނަވެ، ޓޫރިޒަމްގެ ވިޔަފާރި ބޮޑުވީމާ، އެ މަސައްކަތްކުރާ މީހުންނަށް އިޙްސާސްކުރެވޭ ފަދައިން، މުޅި ދިވެހި ރައްޔިތުންނަށް އިޙްސާސްވާނެ.


ރާއްޖެއަކީ، އެއް ނަސްލެއްގެ ބައެއް އުޅޭ ތަނެއް. އެއް ދީނެއްގެ ބައެއް އުޅޭ ތަނެއް. އެއްބަނޑުއެއްބަފާ ބައެއް. އަދި ފަހަރެއްގައި އާއިލާގެ ތެރޭގައި ދެ ފިކުރުގެ ދެ ކުދިން، ދެ ޕާޓީގެ ތެރޭގައި ތިބިނަމަވެސް، އަޚުންނާއި އުޚުތުންނަށް ވާކަމަށްވަންޏާ، އެއީ، ޙައްލުނުކުރެވޭވަރު ކަންކަމެއްނޫން. އަދި މިއަދު މިވާހަކަ ދައްކާއިރު ހިތަށްއަރާ، އެހެން ޕާޓީތައް އެބައުޅޭބާއޭވެސް. އެހެންނަމަވެސް، ބުނަން މިއުޅޭ ވާހަކައަކީ، އެހެންވީމާ، ދިވެހިރާއްޖެއަށް މިގެންނަ ތަރައްޤީގައި، ކޮންމެ ޒުވާނަކަށް ވަޒީފާގެ ފުރުޞަތު ލިބިފައި، މި ތިން އަހަރުގެ ތެރޭގައި 94،000 ވަޒީފާ ހަމަޖެހިގެންގޮސް، މިދިޔަ ތިން އަހަރުގެ ތެރޭގައި، މާފުކުރައްވާތި! 64،000 ވަޒީފާގެ ފުރުޞަތު އެއޮތީ ހުޅުވައިދީފައި. މި ފަސް އަހަރުގެ މުއްދަތު ނިމިގެންދާއިރު، 94،000 ވަޒީފާ ލިބިގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން. އެވަރަށް އިޤްތިޞާދީ މަސައްކަތް އެބަ ކުރިއަށްދޭ. 2018 ވަނަ އަހަރުގެ ނިޔަލާ ހަމައަށްދާންވާއިރަށް، ޓޫރިޒަމަށް އިތުރަށް ހުޅުވެންހުރި ރަށްތަކަށް ބަލައިލައިފި ކަމަށްވަންޏާ މިއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް. ގެސްޓްހައުސްގެ ވިޔަފާރި ފެށިގެން، މިއަދު މުޅި ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއަށް ބަލާކަމަށްވަންޏާ، ގެސްޓްހައުސްގެ ވިޔަފާރިއަކީ ގާތްގަނޑަކަށް 21، 22 ޕަސެންޓު.


އެހެންވީމާ، މިކަހަލަ ރަށްރަށް، ހިންމަފުށި، ތުލުސްދޫ ކަހަލަ، މިކަހަލަ ރަށްރަށަށް މީގެ ފައިދާ ހޯދެން އެބައޮތް. މިއަންނަނީ ފަރުދުންގެ ޖީބަށް އަންނަ ތަނަވަސްކަން. ދިވެހިރާއްޖެ އަމާންތަނަކަށްވުމަކީ، އެންމެން އެކަކު އަނެކަކަށް އިޙްތިރާމްކުރާ ތަނަކަށްވުމަކީ، އަދި ދިވެހިރާއްޖޭގެ ކުދިންނަކީ، މަތީ ތަޢުލީމުގެ ވަނަތަކާ ހަމައަށްދާން، ނޫނީވިއްޔާ މަތީ ތަޢުލީމު ޙާޞިލުކުރާ ޔުނިވަރސިޓީއާ ހަމައަށްދާން ބަލާއިރު، ފުރަތަމަ ތަޢުލީމީ ނިޒާމުގެ ތެރޭގައި، މަތީ ފާސް، ނޫނީވިއްޔާ މަތީ އަދަދަކަށް ފާސްވާ ކުދިންތަކެއް އުޅޭ ޤައުމަކަށް ދިވެހިރާއްޖެ މިހާރު ވެއްޖެ. އަޅުގަނޑުމެންގެ ޓީޗަރުންނާއި، ސަރުކާރާއި، ބެލެނިވެރިންގެ އަތްމަތީގައި އޮތީ، މިކަން މިގޮތުގައި ހިފަހައްޓައި ދަމަހައްޓަން. އެހެންވީމާ، އަޅުގަނޑުމެންނަށް ބެލެނިވެރިންވެސް އަދި ކިޔަވާކުދިން ސާބިތުކޮށްދީފި، އެކުދިންގެ ހުނަރުވެރިކަން. އެކުދިންގެ ޤާބިލުކަން. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެންނަށް ނުހިފެހެއްޓޭންވީ ހަމަ އެއްވެސް ސަބަބެއްނެތް. ޞުލްޙަވެރިކަންއޮތް، ޤައުމުގައި ހަމަޖެހުމަށް ލޯބިކުރާ، ދެން ޢަދުލުއިންޞާފަށް ލޯބިކުރާ، ޤާނޫނަށް ތަބާވާ، ރިސޯސް އޮތް ރަށްތަކެއް ހުރި، އަދި އެ ރިސޯސް އާމްދަނީއަށް ބަދަލުކުރަން އެނގޭ ޓީމެއް ގޮވައިގެން މަސައްކަތްކުރާ ކަމަށްވަންޏާ، ދެން މިއަށްވުރެ ވަކި ސަޅި އެހެން ޤައުމެއް އޮންނާނެބާ! ނޯންނާނެ.


އެހެންވީމާ، މި ހިސާބަށްދާން، ދިވެހިރާއްޖެ މިހިސާބަށްދާން، އަޅުގަނޑުމެން ކީއްވެހޭ މަސައްކަތް ނުކުރަންވީ؟ އަޅުގަނޑު މިއީ، ސިޔާސީ ދެތިން ވެރިކަމެއް ހަމަ ދެކިފައި ހުރި މީހެއް. އަޅުގަނޑުމެންނަށް މި ފުރުޞަތު މީގެކުރިންވެސް އޮތް. އަޅުގަނޑުމެން ހިނގައްޖައިމު، އަޅުގަނޑުމެންގެ ހޮބީއަކީ، ނޫނީވިއްޔާ އަޅުގަނޑުމެންގެ އަޅުކަމެއްގެ ގޮތަށް، ނޫނީވިއްޔާ އަޅުގަނޑުމެންގެ ވަޒީފާއެއްގެ ގޮތަށް، ދެދުވަހުން އެއްދުވަހު، މަގުމަތީގައި ވަގުތުތަކެއް ނަގައިލި ދުވަސްތަކެއް ހިނގައްޖެ، މުޒާހަރާ ކުރުމުގެ ނަމުގައި. އެއަކުންނެއް ހަމަގައިމުވެސް، ރާއްޖޭގެ އެންމެ މަދަރުސާއެއްގައިވެސް، އެންމެ ކްލާސްރޫމެއްވެސް އިތުރުވެފައެއް ނުހުންނާނެ. އެއަކުންނެއް ހަމަގައިމުވެސް ޖީބަށް ވަންނަ އާމްދަނީ، އެންމެ މީހެއްގެ ޖީބަށް ވަންނަ އާމްދަނީވެސް އެވްރެޖްކޮށް، ޤައުމީ ނިސްބަތުން އިތުރުވެފައެއް ނޯންނާނެ. ނިމިގެންދިޔައިރު، އަޅުގަނޑުމެން ހިތާމަކުރަންޖެހެނީ، އޭރު އާރާސްތުވެފައި ހުރި އެތައް ބައިވަރު ކަންތައްތަކެއް ބިމާ ހަމަވެގެންދިޔަތަން. މިއަދު މިކުރެވޭ މަސައްކަތަކީ، އޭގެ ބަދަލުގައި އަޅުގަނޑުމެންގެ އުފެއްދުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް. ހަމަގައިމުވެސް، މަތީ ތަޢުލީމަށް ދާ ކުދިންގެ އަދަދު އިތުރުވެއްޖެ.


ރާއްޖޭގެ ސަރުކާރުން އެހީވެގެން، ރާއްޖޭގެ މަތީ ތަޢުލީމު ދޭ ތަންތަނުގައި، މުއައްސަސާތަކުގައި ތަޢުލީމު ޙާޞިލުކުރާ ކުދިން އިތުރުވޭ އެބަ. އަޅުގަނޑުމެންނަށް މިއިން ލިބޭ ސިގްނަލަކީ، ހުރިހާ ފެންވަރެއްގެ މީހުން، މަންމައިން ބައްޕައިން އަދި ޒުވާން ކުދިންވެސް، ތަޢުލީމާއި، އެކުދިންގެ ދިރިއުޅުން ކުރިއަށް ގެންދަން، އެ ކުދިންގެ ހިތްވަރު، ނޫނީވިއްޔާ އެކުދިންގެ ޢަޒުމު އޮތް މިންވަރު އެބަ ދައްކައިދޭ. ސަރުކާރުން މިތިބީ، އެވަރު ކުދިންނަށް އެހީތެރިވާން. ދެންމެ މިރަށުންވެސް އިޢުލާނުވެގެން އެ ދިޔައީ، މިފަހަރުގެ ޖީ.ސީ.އީ. އިމްތިޙާނުގެ މަތީ ވަނަތައް މިރަށުން ހާސިލުކުރި ކުދިންނަށް އެވޯޑް ނައިޓެއް ބާއްވާ ވާހަކަ. ހަމަ ކޮންމެ ރަށެއްގައިވެސް މިކަން ފާހަގަކުރަންވީ. ދިވެހިރާއްޖޭގެ ޤައުމީ ފެންވަރުގައިވެސް މިކަން އެބަ ފާހަގަކުރޭ. އެއީ، ދޮގެއްތޯ، ދިވެހިރާއްޖެ ކުރިއަށް ދާންވީގޮތަކީ؟ ދިވެހިރާއްޖެ ކުރިއަށްދާންވީ އެކަހަލަ ބިނާކުރަނިވި ކަންތައްތަކުގެ މަތީގައި ތިބެގެން، މި ސަރަޙައްދުގައި އޮތް، އެންމެ ކުރިއަރާފައި އޮތް ޤައުމަށް ދިވެހިރާއްޖެވާން، ކާކުތޯ ނޭދޭނީ. ކޮން ދިވެއްސަކުތޯ ނޭދޭނީ؟ އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ތެރޭގައި ހަނގުރާމަކުރާ ބައެއްނޫން. އަޅުގަނޑުމެންނަކީ، އަވަށްޓެރިންނާ ހަނގުރާމަކުރާ ބައެއްނޫން. އަޅުގަނޑުމެންނަކީ، ހަމަ ދިރިއުޅުމައިގެން ކުރިއަށްދާން ތިބި ބައެއް. އެހެންވީމާ، ކީއްވެގެންތޯ، މިކަން ކުރަން އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނަށް، އެއް މޭޒެއް ކައިރިއަށް ވާހަކަ ދައްކަން ނާދެވެނީ؟ އަޅުގަނޑުމެން ވާހަކަދައްކަން އަންނަންވީ މުޅިން އެހެން ކަންކަމުގައި.


އެހެންވީމާ، މިއަދު، މިރަށުގެ މި އުފާވެރި މުނާސަބަތުގައި، ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވަމުން، އަޅުގަނޑު ހަމަ ހުރިހާ ދިވެހި ޒުވާނުންނަށް، ކަންކަމާ ވިސްނާ ހުރިހާ އެންމެންނަށް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ އިލްތިމާސަކީ، ސަރުކާރުން މިކުރާ މަސައްކަތްތަކަކީ، ރައްޔިތުންގެ ފައިދާއަށް، ރައްޔިތުންނަށް ބިނާކުރަނިވި ކަންކަން ކަމަށްވަންޏާ، މިކަންކަމަށް ފާޑު ވިދާޅުވާށޭ. މިކަންކަން މިއަށްވުރެ ރަނގަޅަށް ކުރެވޭނެ ގޮތަކަށް ވިދާޅުވެދެއްވާ! އަދި މިކަންކަން ކުރުމުގައި، އަވަސްއަރުވާލައިގެން ކުރާތީ، މިއަށް ދާ ހޭދަ ބޮޑޭ ބުންޏަސް، މިއަދު ހިންމަފުށީ މީހުން ގަބޫލެއްނުކުރާނެ. ހިންމަފުށީގެ ރައްޔިތުންނަށް މި ބަނދަރު ހަދަން މި ނެގި މުއްދަތު، މީގެ ބަދަލުގައި ޚަރަދު ކުޑަކުރަން، އަދި މީގެ ދެ އަހަރު ފަހުން ނިމޭކަމަށްވަންޏާ، އެ ތިޔަބޭފުޅުންނަށް ގަބޫލުކުރެއްވޭނެތޯ! އެއެއް ގަބޫލެއްނުކުރެވޭނެ. އެހެންވީމާ، ހޭދަކޮށްގެން ބަނދަރު ހަނދަން މި ޖެހެނީ، ކުރު މުއްދަތެއްގެ ތެރޭގައި ބަނދަރު ހަނދަން މި ޖެހެނީ، އޭގެ އިންތިޒާރުގައި ތިބި ބައެއްގެ އިންތިޒާރު ފުރިހަމަކޮށްދޭން. އަޅުގަނޑުމެން މި ދެންނެވި ހިސާބަށް ދިވެހިރާއްޖެ ސަޅި، ނަލަ ދިވެހިރާއްޖެއެއްގެ ގޮތަށް، އަޅުގަނޑުމެން ގެންދަން މަސައްކަތް ކުރާކަމަށްވަންޏާ، ސަރުކާރުން މިކުރާ މަސައްކަތުގައި، ރައީސް ޔާމީންގެ ޓީމުން މިކުރާ މަސައްކަތުގައި، ހުރިހާ ރައްޔިތުން އެބަޖެހޭ އެއްބާރުލުން ދޭން.


އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ ދޮގެއްތޯ، އަޅުގަނޑުމެންގެ ބަލަދުވެރިން އަޅުގަނޑުމެންނާ ބީވެގެން ދިޔައިމަ، ނޫނީ ބަލަދުވެރިކަން ދޫކޮށްލީމަ ލިބޭ ގެއްލުން. ދެންމެ ރައްޔިތުންގެ ފަރާތުން ކައުންސިލްގެ ރައީސްގެ ވާހަކައިގައި، އެ ވާހަކަ އެ ފާހަގަކުރެއްވީ. އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުންނަށް އެ ފުރުޞަތު އެބަ ލިބޭކަންނޭނގެ. އެޕްރީލްމަހުގެ 15ގައި މިއޮންނަ އިންތިޚާބަކީ ހަމަ އެ ބަލަދުވެރިއެއްގެ ބަދަލުގައި، ހަމަ އެވަރުގެ ބަލަދުވެރި ޓީމެއް ސަރުކާރަށް އެހީތެރިވާން ދެއްކުމުގެ ފުރުޞަތު. އެ ފުރުޞަތު ނަގައިނުލައްވާ! އަޅުގަނޑުމެންގެ ސަރުކާރަށް އެ ފުރުޞަތު ދެއްވާ! ޕީ.ޕީ.އެމް. އަށް އެ ފުރުޞަތު ދެއްވާ! އެ ފުރުޞަތު ދެއްވާފައި މިފަހަރު މިރަށުން ނިކުންނަ ބަޔަކަށްވާތީ، ކަށަވަރު ކޮށްދެއްވަންޖެހޭ ކަމެއް އެބައޮތް. އެއީ މިފަހަރުޖެހޭނެ އެމީހުން ޕާޓީގެ ފިކުރަށް ބައިންޖަހަން. ޕާޓީގެ ފިކުރު ދޫކޮށްލާފައި އެހެން ދިމާލަކަށް ދިޔަދީގެން ނުވާނެ. އެހެންވީމާ، ބައިންޖަހާފައި، އެމީހުން ހޮވާފައި، ދައްކަން އެބަޖެހޭ މިފަހަރު. ދެން މިރަށް ތަމްސީލުކުރަން، ސަރުކާރާ ހަމައަށް މިރަށުގެ ދަތިތައް، މިރަށުގެ އުނދަގޫތައް ސަރުކާރާ ހަމައަށް ގެނެސްދޭން ތިބި ބަޔަކީ ކައުންސިލަރުން ގޮތަށް ދައްކަންޖެހޭ. އެކަމަކު އަނެއްކާ މިފަހަރުވެސް އެ ފުރުޞަތު ގެއްލިފައި، މުޅިން އެހެން ބަޔަކު އައިސްފިއްޔާ، އެއީ ހަމަ ޑިމޮކްރަސީއެއްގައި އޮންނަ ނަމޫނާއަކީ، ވޯޓުލީ އެއްޗެއް ނަތީޖާއަކަށް ނިކުންނާނީ. އެމީހެއްގެ ވޯޓުން ދައްކާނީ އެމީހެއްގެ ނަތީޖާ. އެހެންވީމާ، ވޯޓުފޮށި ގުނާއިރު އަޅުގަނޑުމެންނަށް އެ ތާއީދު، ނޫނީވިއްޔާ އަޅުގަނޑުމެން މި ބޭނުންވާ އެހީތެރިކަން ނުލިބިއްޖެ ކަމަށްވަންޏާ، އޭގައި ދެން ސަރުކާރަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. އެއީ ރައްޔިތުންގެ ނިންމުން ދޮގެއްތޯ؟


އެހެންވީމާ، ރައްޔިތުންގެ ނިންމުމާ ހަމައަށް ދާން، އަޅުގަނޑުމެން އިންތިޒާރު ކުރުމުގެ ޤާބިލުކަން، ކެރުންތެރިކަން އެބަ ހުންނަންޖެހޭ، 2018ގެ ވޯޓު ފޮށްޓާ ހަމައަށް ދާންވެސް. އޭގެކުރިން، ގޮތްގޮތަށް ސަރުކާރާ ތޮޅެން ކުރާ މަސައްކަތަކީ، އިރާދަކުރެއްވިއްޔާ އޭގައި އާރުލާ މަސައްކަތަކަށް ނުވާނެ. އަޅުގަނޑުމެންގެ ތެރެއިން ކުރިޔަސް، އަޅުގަނޑުމެންގެ ބޭރުން ކުރިޔަސް. ރައީސަކު ޤާނޫނާ ޚިލާފުނުވެ، ރައްޔިތުންގެ މަސްލަޙަތަށް ލޯބިކުރުމާއެކީ، ރައްޔިތުންގެ ތަރައްޤީއަށް މަސައްކަތްކޮށްދޭ ކަމަށްވަންޏާ، އެމީހަކާ އަބަދު ހަނގާކުރުމަކީ، އޭގެ ޒާތުގައި ރައްޔިތުންނަށް ފައިދާހުރި ނަތީޖާތަކެއް ނިކުންނާނެ ކަމެއް ނޫން. އެ ކުރެވެނީ ވަރަށްބޮޑު އިހާނަތްތެރި ކަމެއް. އެއީ ރައްޔިތުންނަށް، ކޮންމެ މީހަކުވެސް، ރައްޔިތުންގެ ލީޑަރަކަށްވާން ވަކާލާތުކުރާ ކޮންމެ މީހަކުވެސް، އެމީހަކު ކޮށްފައި ހުރި ހުވާ، ނޫނީވިއްޔާ އެމީހަކު ރައްޔިތުންގެ ކުރިމަތީގައި ތަސައްވަރު ދައްކައިދީފައި ހުރިގޮތާ ޚިލާފަށް ކުރެވޭކަމެއް އެއީ. އެހެނެއްނޫން، ރައްޔިތުންގެ މަޖިލީހުން ނިންމާ، ރައީސްކުރާ މަސައްކަތަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޞްލަޙަތު ގެއްލޭގޮތަށް ކުރާ ކަންތައްތައް ކަމަށް. ނޫނީވިއްޔާ ކުރާ ކަންކަމަކީ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނޭ ކަންކަން. އެހެންކަމަށްވަންޏާ، އެ ރައީސް އެބަޖެހޭ ވިސްނަން. އެހެން ނޫންކަމަށްވަންޏާ، ކޮންމެ ރައީސަކަށްވެސް އެބަ ފުރުޞަތު ލިބެންޖެހޭ، އެރައީސްގެ 5 އަހަރުގެ ދައުރު ނިންމަން. ޕާޓީ ތެރެއިންވިޔަސް، ޕާޓީ ބޭރުންވިޔަސް އެޔަކަށް ޖަދަލު ކުރުމަކީ ރައްޔިތުންގެ މަންފާއަށްޓަކައި ކުރެވޭ ކަމަކަށް ނުވާނެ.


އަޅުގަނޑު މި ވާހަކަ ދައްކާއިރުވެސް އަޅުގަނޑަށް އެނގޭ، ހަމަ މި އިލްތިމާސް އަޅުގަނޑުމެންނަށް އެނބުރި އެބަ އާދޭ، ކީއްވެގެންތޯ އެހެންވެއްޖިއްޔާ، ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅަކަށް، އެ ފުރުޞަތު ލިބިވަޑައިނުގަތީ؟ ނޫން. ފުރުޞަތު ލިބިވަޑައިގެންނެވި. އެކަމަކު އެ ލިބިވަޑައިގެންނެވި ފުރުޞަތުގައި އަޅުގަނޑު ހަމަ މިދެންނެވި ގޮތަށް، ކަން ހިނގާމަގު ނޫން އެހެން ގޮތަކަށް ކަންތައްތައް ކުރަން ނިންމި ހިސާބުން، އޭގެ ޖަވާބުދާރީވާން ޖެހުނީމަ، ޖަވާބުދާރީ ރައްޔިތުންގެ ކުރިމަތީގައި ނުވެވުނީމަ، އަމިއްލަފުޅު ނިންމެވުމަކުން އެ ދައުރު ކުރުވެގެން ދިޔައީ. އެއީކީ އެހެންބަޔަކު އެ ފުރުޞަތު ނުދިނީކީ ނޫން.


މިހާރު ޤާނޫނުއަސާސީއާ ޚިލާފަށް، ރާއްޖޭގެ ޝަރުޢީ މަރުޙަލާގައި ހުރި ކަންކަމާ ބެހި، ނޫނީވިއްޔާ ފަނޑިޔާރުންނާ ބެހި، އެކަހަލަ ކަންކަމެއް މިހާރަކު ނުހިނގާނެ. އަދި ކީއްތޯ؟ ސިޔާސީ ވާދަވެރިޔަކުވެސް، ސިޔާސީ ޕާޓީއެއްގެ މީހަކުވެސް، ޤާނޫނާއި ޝަރީޢަތުގެ ބޭރަކުންނެއް އަޅުގަނޑުގެ ސަރުކާރެއްގައި ބަންދެއްނުކުރާނެ. އަޅުގަނޑުގެ ހޯމް މިނިސްޓަރު ބަންދެއްނުކުރާނެ. ރައީސް އޮފީހަކުން އެއްޗެއް ނާންގާނެ. ހަމަ އެމީހަކު ކުރާކަމެއް އޮންނާނީ އެމީހަކު އެކުރާ ގޮތެއްގެ މަތިން. އެހެންވެގެން މިރަށުގައި އަދިވެސް މި އައްސޭރި ޖަލުވެސް މިހިރީ ދޮގެއްތޯ؟ އެހެންވީމާ، އެކަންކަން އެވަނީ އެބަޔަކު ކުރާ ކަންތައްތަކުގެ ނަތީޖާ. އެކަމަކު ދިވެހިރާއްޖޭގައި، މިއަދުވެސް ދަންނަވަން ބޭނުންވަނީ، ހަމަ ދުސްތޫރީ ޑިމޮކްރަސީއެއްގައި މި އޮންނަ ހުރިހާ ޙައްޤުތައް ދިވެހިރާއްޖޭގައި އެބައޮތް. އެއްގޮތަކަށްވެސް ރަށްރަށުގެ ރައްޔިތުންނާ ހަމައަށް މިވާހަކަ އޮޅުވައިލައިގެން އަޔަނުދެއްވާ! ދިވެހިރާއްޖޭގައި މިއަދުވެސް މުޒާހަރާ ކުރުމުގެ ޙައްޤު އެބައޮތް. މާލޭގައި މިހާރުވެސް މުޒާހަރާ ކުރުމުގެ ޙައްޤު އެބައޮތް. ނޫސްތަކުގައިވެސް ހަމަ ލިޔާނެ އެއްޗެއް ލިޔަންވީ މިހާރުވެސް. ހަމައެކަނި އަޅުގަނޑުމެން މިބުނާ ވާހަކަޔަކީ، މީސްމީހުންގެ އަބުރަށް އަރައިނުގަންނާށޭ. ހަމަ ތިމާގެ އަބުރު ރައްކާތެރިކުރަން ބޭނުންވާ ބީދައިން، އެހެން މީހުންގެ ޙައްޤުތަކަށް އަރައިނުގަންނާށޭ. އެހެންނޫނީވިއްޔާ މިހާރުވެސް ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ވާހަކަ، ލިޔާނެ ގޮތަކަށް ލިޔުނަސް، އަޅުގަނޑުމެންނަށް އެއީކީ މައްސަލައެއް ނޫން. އެކަމަކު ފަރުދުންނާ ބެހޭކަމަށްވަންޏާ، އެމީހާގެ ޒިންމާ އޮންނާނެ، އެމީހަކު ލިޔާ އެއްޗަކަށް ޖަވާބުދާރީވުން.


އެހެންވީމާ، މިއަދުވެސް ރާއްޖޭގައި މުޒާހަރާ ކުރަންވީ. މިރޭވެސް ކުރަންވީ. މާދަންވެސް ކުރަންވީ. ހަމައެކަނި ތަފާތަކަށް އަޅުގަނޑުމެން ކުރި ކަމަކީ، ރާއްޖޭގައި، މާލޭގައި މުޒާހަރާ ކުރާކަމަށްވަންޏާ، ހަމައެކަނި މިސްކިތާ 50 ފޫޓު ނޫނީ 100 ފޫޓު ދުރެއްނޫނޭ. މަގުމަތީގައި މުޒާހަރާ ކުރުމަކީ އާންމު ކަމަކަށް ނަހަދާށޭ. މުޒަހަރާ ކުރާނެ ސަރަޙައްދުތަކެއް އެހެރީ ކަނޑައަޅާފައި. ހަމަ އެތަނުގައި ދެވަނަ ދެކަމެއް ކުރާނެ ކަމެއްނެތް. ހަމަ އިރުއެރީއްސުރެ އިރު އޮއްސެންދެން މުޒާހަރާ ކުރަންވީ. އެހެންވީމާ، ރާއްޖޭގައި މިހުރިހާ ޙައްޤެއް އެބައޮތް. އެހެންވީމާ ރާއްޖޭގައި ޙައްޤެއް ނެތިގެން އުޅޭކަށްނުޖެހޭ. ދުނިޔޭގައި މަދުވާނެ، އަބުރުގެ ޤާނޫނަށް މި އިޞްލާޙު ގެނެސް ފާސްކުރަންދެން، ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ އަބުރާބެހޭވަރަށް، ދުނިޔޭގެ އެހެން ޤައުމެއްގައި ނުހުންނާނެ އަބުރާ ބެހިފައެއް. އަޅުގަނޑުމެން ތަޙައްމަލުކޮށްފީމު ނޫންތޯ.


އެހެންވީމާ، ރާއްޖޭގައި މިހާރު ނެތިގެން މިއުޅޭ އެއްޗަކީ، ކުރީގައި ލިޔުނުގޮތަށް، އެއްވެސްކަހަލަ ބަލައިލުމެއްނެތި މީހުންގެ އަބުރާއި، މީހުންގެ ޙައްޤުތަކާއި، މީހުންގެ ކަރާމާތަށް އަރައިގަންނަގަތުމަށް ނިމުމެއް ގެނައީ. މިއަދު އަޅުގަނޑުމެންނާ ބައްދަލުކުރައްވާ ދީނީ ހުރިހާ ޢިލްމުވެރިން އެބަ ވިދާޅުވޭ، މިއީ އިސްލާމްދީނުގައި މިކަން އޮތްގޮތޭ. އިސްލާމްދީނަށް އިޙްތިރާމްކޮށް، އިސްލާމްދީން ހިމާޔަތް ކުރާކަމަށްވަންޏާ، ހުޅަނގުގެ ޑިމޮކްރަސީގައި އެބުނާ ކަންތައްތޯ އިޚްތިޔާރު ކުރާނީ؟ ނޫނީވިއްޔާ ރިވެތިކަމާއެކީ އަޚުލާޤާއި، ސުލްޙަވެރިކަމާއި، މަސްލަޙަތު މިރަށްރަށުގައި އޮތުމަށްޓަކައި މީހުންގެ އަބުރަށް ހިމާޔަތްތެރިކޮށްހިތުމުގެ މަޖުބޫރު، ޤާނޫނުން ގެންނާނީތޯ؟ މީގެކުރީގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއް. އަޅުގަނޑުމެން އެއީ މަދަނީ ކުށަކަށް ހަދައިގެން އުޅުނީ. އެކަމަކު ޖިނާއީ ކުށަކަށް އޮވެގެން، ކިތައް މީހުންތޯ ޖަލުގައި ތިބީ؟ ނޫސްވެރިން. އެކަމަކު މިއަދު އަޅުގަނޑުމެން އަނެއްކާވެސް މިއީ ޖިނާއީ ކުށަކަށް ހަދައި، އަދަބު ކަނޑައެޅީމަ އެބަ އުނދަގޫވޭ. އެކަމަކު މީހުންގެ ޙައްޤުތަކަށް އަރައިގަންނައިރު، އަޅުގަނޑުމެން ވިސްނަންޖެހޭނެ މިކުރެވެނީ ކީއްތޯ؟


މަދަރުސާގެ ޓީޗަރުންނާ ދޭތެރޭގައި ވިސްނަވާ! މިކަހަލަ މަޢުޞޫމް ކުދިކުދި މުޖުތަމަޢަށް ވިސްނަވާ! މަދަރުސާއަށް އަންނަ ޓީޗަރެއް، ހަމަ އެއްވެސްކަހަލަ އަސާސެއްނެތި ޓީޗަރުގެ އަބުރާ ބެހި، ޓީޗަރަށް މަދަރުސާއަށް ކީއްކުރަންތޯ، ގެއިން ބޭރަށް ނުނިކުމެވޭ ވަރަށް އޭނައަށް ފުރައްސާރަ ކުރަން ފަށައިފި ކަމަށްވަންޏާ، ކީއްތޯ އެ ކުރެވުނީ؟ މައްސަލަ ބަލައި ނިމޭއިރު، އެއްވެސް އަސާސެއް، ޙަޤީޤަތެއް ނެތް މައްސަލައެއް. އެއީ ދޮގެއްތޯ! މީގެކުރިން އަޅުގަނޑުމެން ކަންކަން ކޮށްފައި ހުރިގޮތް. އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ދަންނަވާ ޑިމޮކްރަސީގެ އެއްވެސްކަހަލަ އަސާސަކަށް ބަދަލެއް ނާދޭ. ރަނގަޅު ވާހަކައެއް ނޫން އެއީ. މިހާރުވެސް މީހަކު އަންނާނެ ތަނަކަށް އަންނަންވީ. ދަތުރުފަތުރުކުރުމުގެ މިނިވަންކަން އެބައޮތް. ދައްކާނެ ވާހަކައެއް ދައްކަންވީ. އަދި ބޭރުގައި ތިއްބެވި ބޭފުޅުންވެސް އަދިވެސް ރާއްޖެއަށް ޒިޔާރަތް ކުރައްވާ! އެކަމަކު އެބޭފުޅުން އިޚްތިޔާރު ކުރައްވަންވާނެ، ރާއްޖެއަށް ޒިޔާރަތް ކުރައްވާއިރު، އެބޭފުޅުންގެ ޙުކުމްތަކެއް ހުރެއްޖިއްޔާ، ތިމަންނާ ދާނީ ގެޔަށްތޯ، ނޫނީ އެހެން ތަނަކަށްތޯ! އެއީ އެބޭފުޅުން ނިންމަވަންޖެހޭ ކަމެއް. އެކަމަކު ރާއްޖެއަށް ޒިޔާރަތް ކުރެއްވޭނެ. އަޅުގަނޑުމެން މަރުޙަބާވެސް ކިޔާނަން.


އެހެންވީމާ، މި ދިވެހިރާއްޖޭގައި މި ސަރުކާރު އައިސްގެންނެއް، ޑިމޮކްރެޓިކް އެއްވެސް އަޞްލަކަށް ބަދަލެއް ނާދޭ. އެއްވެސް އަޞްލަކަށް ބަދަލެއް ނާދޭ. އެވަރުގެ ބަދަލެއް ގެނެވޭނީ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނެސްގެން. ޤާނޫނުއަސާސީއަކަށް އަޅުގަނޑުމެން އެވަރުގެ އިޞްލާޙެއް ނުގެންނަން. ޤާނޫނުއަސާސީއަށް ހަމައެކަނި ގެނައި އިޞްލާޙަކީ މުޅި ދިވެހިރާއްޖޭގެ އާބާދީ ޒުވާންވެގެން ދިޔައީމަ، ރައީސްކަން ކުރާ މީހުންނާއި، ނައިބު ރައީސްކަން ކުރާ މީހުންނަކީ، ތަންކޮޅެއް ޒުވާން މީހުންގެ އުމުރުފުރައިގައި ތިބި މީހުންނަށް ކުރިމަތިލެވޭނެގޮތް ހަދައިދިނީ. މިނޫން އެހެން އެއްވެސް އަސާސަކަށް އަޅުގަނޑުމެން ބަދަލެއްނުގެންނަން. އެހެންވީމާ، ދިވެހިރާއްޖޭގައި ކޮން ޙައްޤެއް ގެއްލިގެންތޯ މިއުޅެނީ! އެކަމަކު އޭގެ ބަދަލުގައި ދިވެހިރާއްޖޭގައި މިއަދު ރާއްޖޭގެ ކޮންމެ ދިމާލަކަށް އަޅުގަނޑުމެން ދަތުރުކުރި ނަމަވެސް، ރައްޔިތުންނަށް ކަންކަން ވާ ވާހަކަ ރައްޔިތުންގެ ފަރާތުން އެބަ ވިދާޅުވޭ. އަދި އޭގެއިތުރަށް، އެކަންކަން ވާތީ، އެއަށްވުރެ އިތުރު ކަންކަން، އެއަށްވުރެ އަވަހަށް ކޮށްދޭން ހަމަ ޝާންމެން ކަހަލަ ކައުންސިލަރުން އަބަދު އަޅުގަނޑުމެން ކައިރީ އިލްތިމާސް ކުރައްވާނެ. އަޅުގަނޑުމެން ހަމަ ކީކޭތޯ ދަންނަވާނީ، އާދޭހޭ، އަޅުގަނޑުމެން ތިޔަ ބަލައިގެންފީމޭ. އަޅުގަނޑުމެންނަށް ވެވުނު އެންމެ ރަނގަޅަކަށް، ވެވުނު އެންމެ އަވަހަކަށް އެކަން ކޮށްދޭނަމޭ.


އެހެންވީމާ، މިއަދު ހިންމަފުށީގައިވެސް އަޅުގަނޑު ވާހަކަ ދައްކަމުން، ހަމަ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ހަމަ ޙަޤީޤަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ހޯދައިދޭން ކުރާ މަސައްކަތޭ. އަދި ހިންމަފުށްޓަށް ދެން އަންނަން ހުރި ކަންތައްތަކުގެ ތެރޭގައިވެސް ހަމަ ވަޒީފާގެ ފުރުޞަތު ތަނަވަސްވާނެ އިތުރު ކަންތައްތަކެއް ހުރީ.


އަޅުގަނޑު މިރަށަށް އަރައިގެން، އެންމެފުރަތަމަ ހަމަ ބަނދަރުމަތިން އައި ހިސާބުން ޝާނަށް އަޅުގަނޑު ދަންނަވާލިން. އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުވެސް ހަދަނީ މިރަށުގަދޯއޭ. ދެން ހަމަ އެކަންވެސް ޝާނަށްވެސް އެނގިލައްވާފައި އޮތީ. މިއީވެސް މިރަށުގެ މީހުންނަށް ހަމަ ވަރަށްގިނަ ވަޒީފާތައް އިތުރުވެގެންދާނެ ކަމެއް. އެހެންނޫންތޯ؟ އެހެންވީމާ، ވަޒީފާ ލިބޭނެ އިތުރު ކަންތައްތައް އަޅުގަނޑުމެން ކުރަންވީ. ޒުވާނުން އެ ވަޒީފާތަކަށް ނެރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ހަދަންވީ. މުޅި ރާއްޖޭގައި މިކަހަލަ ކަންތައްތައް އިތުރުވެގެން ދާންވީ. އެއީ ދޮގެއްތޯ، އަޅުގަނޑުމެން ކުރިއަށް ދިޔުމުގެ ރޫޙު ހުރެގެން މަސައްކަތް ކުރަންޏާ، ކުރެވޭނެ ކަމަކީ.


ދެން އަޅުގަނޑަށް ރިކްއެސްޓް ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ހިންމަފުށީގެ ކަރަންޓުގެ ވާހަކަ. ދެން އަޅުގަނޑު ހަމަ އެ ވާހަކަ ޝާން ވިދާޅުވީމަ އަޅުގަނޑު ބަލައިގަންނަން. އަޅުގަނޑު ހަމަ އިލްތިމާސްކޮށްލަން ބޭނުންވަނީ، ހިންމަފުށީގެ ކަރަންޓުގައި ތިޔައުޅޭ މައްސަލަތައް އަޅުގަނޑުމެންގެ އެނަރޖީ އޮތޯރިޓީއާއި އެނާރޖީ މިނިސްޓްރީއަށް އެނގުންވާވަރަށް، ދޭހަވާވަރަށް، ތިޔަ މަޢުލޫމާތު ގެނެސްދެއްވާށޭ. އަޅުގަނޑު މިއަދުވެސް ރައްޔިތުންގެ ކުރިމަތީގައި ކަށަވަރުކޮށް އަރުވަން ބޭނުންވޭ. އަޅުގަނޑުގެ ރައްޔިތުން ތިބި އެއްވެސް ރަށަކަށް، އެއްވެސް ރަށަކަށް އިންސާފުން ބޭރުން ވަކިގޮތެއް ހަދައިދީފައެއް ނޯންނާނެ. އެހެންވީމާ، ހިންމަފުށްޓަކަށް އެކަނި ދެރަވާގޮތެއް އައިސްގެނެއް ނުވާނެ. އެހެންވީމާ، ހިންމަފުށީގެ ކަރަންޓުގައި ތިޔައުޅޭ މައްސަލަ، ހަމަ ތެދުތެދަށް ދަންނަވަންޏާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހިންގަވާށޭ ފޮތްތައް ހިފައިގެން، ބިލްތައް ހިފައިގެން ބަލައިލަމާ. އެހެންވީމާ، ހިންމަފުށްޓަށް އާދަޔާޚިލާފު ތަކުލީފެއް އުފުލަން ޖެހިގެން މިއުޅެނީ ކީއްވެގެންތޯ އަޅުގަނޑުމެންވެސް ހަމަ ބޭނުންވޭ ބަލައިލަން. އެކަމަކު އެހެނެއް ނޫން. ދިވެހިރާއްޖެއިން މިހާރު މިކުރެވޭ މަސައްކަތުގައި، ކޮންމެ އެއްޗަކީ އަޅުގަނޑުމެން އަގުދީގެން ބޭރުން ހޯދާ އެއްޗަކަށްވެފައި އަދި ތެލުގެ އަގުތަކާ އެއްޗެހި މައްޗަށްގޮސް، ކުރާ ކޮންމެ ޚަރަދަކީ ބޮޑުވެގެންދާ ޚަރަދަކަށްވާތީ، ދައުލަތަކަށް، މި ހުރިހާ ކަންތައްތަކެއް ކުރަމުން، އާސަންދަ ހިންގަމުން، ހުރިހާ އެއްޗެއްގެ ސަބްސިޑީ ދެމުން އަދި ރައްޔިތުން ބޭނުންވާ ހުރިހާ ޚިދުމަތްތައް، އެ ބާރުމިނުގައި ދެމުންދާ ކަމަށްވަންޏާ، މީގެ ބައެއް އެއްޗެހި، އަޞްލު އަގާ ހަމައަށް ޖެހެން އެބަޖެހޭ. އެގޮތުން ކުރެވޭ މަސައްކަތްތައް މި ހުންނަނީ.


އެހެންވީމާ، ހިންމަފުށީގައި މިއުޅެނީ އާދަޔާޚިލާފު ކަމެއް ކަމަށްވަންޏާ، އަޅުގަނޑުމެން ހިންގަވާ، އިށީނދެ އެއެއް ބަލައިލަމާ ދޮގެއްތޯ؟ ބަލައިލާފައި އެހެން އުޅޭ މައްސަލައެއް ކަމަށްވަންޏާ، އެ މައްސަލަ ޙައްލުވާނެ. އެ ކަށަވަރުކަން އަޅުގަނޑު އަރުވަން. އެހެންނަމަވެސް، މިވެގެން އުޅޭ ގޮތެއް އަޅުގަނޑުމެންނަށް އެނގެން ޖެހޭނެ. ވަރަށް ގިނަ ރަށްރަށުން މިކަހަލަ ޝަކުވާ އައިމަ، އަޅުގަނޑުމެން ހަމަ ވަރަށްގިނަ ރަށްރަށާއެކީ އިށީނދެއްޖައިމު. އަދި އަޅުގަނޑުމެންގެ ޕީ.ޖީ. ގްރޫޕްގެ ފަރާތުންވެސް އަޅުގަނޑުމެންނަށް އެކިފަހަރުމަތިން މި މަޝްވަރާ ކުރެވިއްޖެ. އެހެންވީމާ، އަޅުގަނޑު މިއަދުވެސް ހަމަ ދަޢުވަތު އަރުވަން، މިކޮޅުން ކައުންސިލަރުންގެ ޓީމެއް ވަޑައިގަންނަވާ! ވަޑައިގެން އެނަރޖީ މިނިސްޓަރާއި އަދި އެނަރޖީ އޮތޯރިޓީއާއެކީ، ތިޔަބޭފުޅުންގެ ތިޔަހުރި ވާހަކަތައް ދައްކަވާފައި، މި މައްސަލަ ދިމާވެގެން މިއުޅެނީ ކިހިނެއްތޯ ހިންގަވާ ބަލައިލަމާ ދޮގެއްތޯ؟ އޭރުން އަޅުގަނޑަށް ހީވަނީ އެކަން ޙައްލުވެގެން ހަމަ ދާނެހެން.


ދެން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އަޅުގަނޑު މި ދޭތެރެއިން ކުރި ދަތުރެއް. އެއީ އަޅުގަނޑު މިއަންނަނީ ޢާންމުކޮށް ހަމަ ރައްޔިތުންގެ މިކަހަލަ ބޮޑެތި އުފަލުގައި ބައިވެރިވާން. ރަށްރަށަށް ބޭނުންވެފައި ހުރި ކޮންމެވެސް ބޮޑު ޚިދުމަތެއް ފަށްޓައިދިނުމަށްޓަކައި އަޅުގަނޑު މި އަންނަނީ. ނަރުދަމާގެ ނިޒާމުވިޔަސް، ބޯފެނުގެ ނިޒާމުވިޔަސް، ބަނދަރުވިޔަސް އަދި އެހެން ކަމެއްވިޔަސް. މިހެން ކުރާ ދަތުރަކީ އެއްގޮތަކަށްވެސް މުޅި އަތޮޅަށް ކުރާ ޒިޔާރަތެއް ނޫން. މިއަދު އަޅުގަނޑު ހިންމަފުށްޓަށާއި ތުލުސްދޫއަށް މިއައީ އެއްގޮތަކަށްވެސް މާލެއަތޮޅަށް ކުރާ ޒިޔާރަތެއްގައެއް ނޫން. މިއައީ ހަމަ މި ދެ ރަށަށް އެކަނި. މިދޭތެރެއިން މ. އަތޮޅުގެ ތިން ރަށަކަށް އަޅުގަނޑު ކުރި ޒިޔާރަތަކީވެސް، ހަމަ ތިންރަށުގައި ނިމިފައި ހުރި މުހިންމު ބޮޑެތި މަޝްރޫޢުތައް ފަށްޓައިދިނުމަށްޓަކައި އަޅުގަނޑު ކުރި ދަތުރެއް. އެއީކީ އެއްގޮތަކަށްވެސް އެތާ ކައިރި ކައިރީ ހުރި މ.އަތޮޅުގެ އެހެން ރަށްތަކަށް ޒިޔާރަތް ނުކުރުމުގެ މަޤްޞަދުގައެއް ނޫން. އެ ޒިޔާރަތުގެ ދަތުރު އަޅުގަނޑުވެސް ފަށާނެ ދޮގެއްތޯ! އަޅުގަނޑަކީ ހަމަ ޕްރައިމަރީގެ ތެރޭގައިވެސް އަދި ރިޔާސީ އިންތިޚާބުގައިވެސް، ހަމަ ރައްޔިތުންގެ އަރިހަށް އައިސް، ރައްޔިތުންގެ އިޙްސާސްތަކާއި، އަޅުގަނޑު މި ރާއްޖެއާ ދޭތެރޭގައި ދެކޭ ތަޞައްވުރު ރައްޔިތުންނަށް ވިސްނައިދެވޭތޯ ހަމަ ވަރަށްގިނަ ރަށްރަށަށް ޒިޔާރަތްކުރި މީހެއް.


އެހެންވީމާ، އެކަން ކުރަން އަޅުގަނޑަށް އަދިވެސް އިރާދަކުރެއްވިއްޔާ މިއަހަރުގެ ބަޔަކާއި، މިއަންނަ އަހަރު ހަމަ ފުލްކޮށް އެބައޮތް. އެހެންވީމާ، އެ ޒިޔާރަތް އަޅުގަނޑު ކުރާނަން. ރާއްޖޭގައި ހަމަ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރެވޭތޯ ބަލާނަން. އެކަމަކު ހަމަ ދަންނަވާލަން ބޭނުންވަނީ، މާލެއަތޮޅުގެ އެހެން ރަށްރަށްވެސް، ހަމަ މިހިސާބުގަނޑުގައި ހުރި އެހެން ރަށްރަށްވެސް ހަމަ އެއްވެސްގޮތަކަށް ވިސްނައިވަޑައިނުގަންނަވާށޭ، މިއީކީ އަތޮޅަށް ކުރާ ޒިޔާރަތެއް ނޫން. މިއީ މި ރަށްރަށުގައި ނިމިފައި ހުރި ބޮޑެތި މަޝްރޫޢުތައް ފަށްޓައިދިނުމަށްޓަކައި އަޅުގަނޑު ކުރާ ޒިޔާރަތެއް.


އަޅުގަނޑު އެދެނީ، ހިންމަފުށްޓަށް ހަމަ ހުރިހާވެސް ކާމިޔާބީއެއް. ހިންމަފުށްޓަކީ އަޅުގަނޑުމެންގެ ފިކުރަށް، އަޅުގަނޑުމެންގެ ޕީ.ޕީ.އެމް.އަށް ވަރަށް ތާއީދު ކުރައްވާ ބޮޑު އަޣުލަބިއްޔަތެއް އޮތް ރަށެއްކަން އަޅުގަނޑަށް އެބަ އެނގޭ. އެ އުފާވެރިކަން، އަޅުގަނޑުމެން މިރަށަށް އައިމަ، އަޅުގަނޑުމެންނަށް އިސްތިޤްބާލުން ފެނިގެންދިޔަ. ދެން ތުލުސްދޫގައި އަޅުގަނޑުމެން ހަމަ ވަރަށް ހޫނުކޮށް އުޅެފައި، ހަމަ މިތަނުގައި ވަރަށް ނަލަކޮށް ދޮގެއްތޯ މިދަނީ. އެހެންވީމާ، އެއީ ހަމަ އަޅުގަނޑަށް ގަބޫލުކުރެވޭ، ހަމަ ތިޔަބޭފުޅުންގެ މެހުމާންދާރީގެ ބައެއްގޮތަށް ތިޔައޮތީ އިންތިޒާމު ކުރައްވާފައި.


އަޅުގަނޑު ބޭނުންވަނީ ހަމަ ދިވެހިރާއްޖެއަށް، ހިންމަފުށްޓަށް، ތުލުސްދުއަށް، މާލެއަތޮޅުގެ ރަށްރަށަށް، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ތަރައްޤީ ގެންނަން. އެކަމަކު އެ ތަރައްޤީ ގެނައުމުގައި ކޮންމެވެސް އެކަކު އިސްވާންޖެހޭ. އެންމެންނަކަށް އެއްފަހަރާ ތަރައްޤީ ގެންނަންވީ ގޮތެއް ކިޔައިދޭކަށް ނޭނގޭނެ. އަޅުގަނޑަށް ވިސްނައިދޭންވީ އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޓީމުގެ ފަރާތުންވެސް، އަޅުގަނޑަށް ވިސްނައިދޭންވީ އަޅުގަނޑާ އިދިކޮޅަށް ވާހަކަ ދައްކަވާ ބޭފުޅުންވެސް. [ނޫނެކޭ ޔާމީން ތިޔަ ގެންނަނީ ތަރައްޤީއެއް ނޫނޭ. ތިޔަ ތަރައްޤީ ގެންނަންވީ މިވެނި ގޮތަކަށޭ.] އެ ވިސްނައިދީފި ކަމަށްވަންޏާ، އެއީ ރަނގަޅު ވާހަކައެއް ކަމަށްވަންޏާ، އަޅުގަނޑު ގަބޫލުކުރާނަން. އެހެން ނޫންކަމަށްވަންޏާ، އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނާ ދޭތެރޭގައި މިދެކޭ އެ ތަސައްވަރު ހާސިލުކުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބެންވާނެ.


އަޅުގަނޑު ބޭނުންވަނީ ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ފުދިގެން ދިޔުން. އަޅުގަނޑު ބޭނުންވަނީ، މިހެން ހިކޭ ބިންބިމުގައިވެސް، ހަމަ ޒުވާނުން، ދުނިޔޭގެ އެހެން ތަންތަނުގައިވެސް އުޅޭގޮތަށް، މަލްޓި ސްޓޯރީ އިމާރާތްތަކުގައި އުޅެވޭނެގޮތް ފަހިވެގެންދިޔުން. އޭރަށް އަނެއްކާވެސް ބިން ފުރުމުގެ ބިރުވެރިކަން އަޅުގަނޑުމެންނަށް ނެތިގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ، އަންހެން ބޭފުޅުންނަށްވެސް ގެއްލިފައި ހުރި ޙައްޤުތައް ހޯދައިދެވޭތޯ މަސައްކަތް ކުރުން. ފިރިހެންވެރިން ހަމަ ޙަޤީޤަތުގައިވެސް ވަރަށް ލާނެތް ދޮގެއްތޯ؟ އެހެންވީމާ، ކައިވެންޏެއްވެސް ވަކި ހިސާބަކަށްދާއިރު ރޫޅިފައި އޮންނަނީ.


އެހެންވީމާ، ޙައްޤުތަކެއް އެބަހުރޭ ހޯދައިދޭންޖެހޭ. ހަމަ ޝަރީޢަތުން ބޭރުންވެސް އިންސާނިއްޔަތަށްޓަކައި ހޯދައިދޭންޖެހޭ ޙައްޤުތަކެއް ހުރޭ. ހަމަ އެގޮތަށް، ދޮށީ ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރޭ. އެކަމަކު މިހުރިހާ ކަމަކާއެކީވެސް އަޅުގަނޑާ އެންމެ ގާތް ބައެއް ގޮތަށް އަޅުގަނޑު މިދެކެނީ ހަމަ ޒުވާނުން. އެއީ ކޮންމެ ޒުވާނަކާއެކީ، ޒުވާނެއްގެ މަންމައަކާއި ބައްޕައަކާއި އަދި އެ ޒުވާނަކަށްވުރެ ދޮށީ ބޭބެއަކާއި ދައްތައަކާވެސް ހިމެނޭނެ. އެހެންވީމާ، ޒުވާނަކަށް ކަމެއް ކޮށްދެވިއްޖެ ކަމަށްވަންޏާ، ހަމަ ބޮޑު ޢާއިލާއަކަށް ކަމެއް އެ ކޮށްދެވެނީ. ޒުވާނުންނާއެކީ، އަޅުގަނޑުމެން ތަރައްޤީއާއެކީ ކުރިއަށްދާން ބޭނުންވަނީ. ޒުވާން ލެޔާއެކީ ދިވެހިރާއްޖެ ހިނގާނީ. އަޅުގަނޑުމެން މި ހާސިލުކުރާ ތަޢުލީމާއެކީ، އަޅުގަނޑުމެން ދުނިޔޭގައިވެސް އަޅުގަނޑުމެންގެ އަޑު އުފުލާނެ، އަޅުގަނޑުމެން ގަބޫލުކުރާ ފިކުރާއި، އަޅުގަނޑުމެން ގަބޫލުކުރާ ވިސްނުން ތަމްސީލުކޮށްދޭނެ ހަމަ ޒުވާން ތަޢުލީމީ މީހުންތަކެއްވެސް އެބަ އުފައްދަންޖެހޭ. އޭރަށް ދިވެހިރާއްޖެއަކީ ހަމަ މި ސަރަޙައްދުގައިވެސް އަޅުގަނޑުމެން ފަޚުރުވެރިވާ އަދި ދުނިޔޭގެ ފެންވަރުގައިވެސް ދިވެހިރާއްޖެއަކީ ހަމަ ކަންތައްތައް އަމިއްލަ ޤާބިލުކަމާއެކީ ކުރެވުމުގެ ޤާބިލުކަން ހުރި ރައްޔިތަކަށްވެގެން، ޤައުމަކަށް ވެގެންދާނީ ދޮގެއްތޯ!


އެހެންވީމާ، އަޅުގަނޑުމެން ދާން ބޭނުންވަނީ، އަނެއް ދިވެހިރާއްޖެއަކަށް ނޫން. އަޅުގަނޑުމެން ދާން ބޭނުންވަނީ ސަޅި ދިވެހިރާއްޖެއަށް.


والسّلام عليــكم ورحـمــة اللّـه وبـركاتـه.