ރާއްޖޭގައި މިއަދުގެ މަސައްކަތު އާބާދީގެ %45 އަކީ އަންހެނުންކަން ފާހަގަ ކުރައްވަމުން، ވަޒީފާގެ ހުރިހާ ކަމެއްގައާއި، މަސައްކަތުގެ ދާއިރާގައި ކުރިމަތިލައްވާ މަސައްކަތްތަކުގައި، އަންހެނުންނާއި ފިރިހެނުންގެ އެއްވެސް ތަފާތެއް އޮވެގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ހީވާގި ކަނބަލުންގެ އެކްސްޕޯ – 2017" މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހީވާގި ކަނބަލުންގެ މަޢުރަޒަކީ، ދިވެހި އަންހެން ކަނބަލުންގެ ބައިވެރިވުން ދިވެހި ޤައުމީ އުފެއްދުންތެރިކަމުގައި ހިއްސާކުރާ މިންވަރު އިތުރު ކުރުމަށް މަގުފަހިކޮށްދީ، އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކޮށް، އަންހެން ކަނބަލުންގެ މަސައްކަތްތެރިކަމުގެ ހުނަރާއި ތަޖުރިބާ ފުޅާ ދާއިރާއެއްގައި ހިއްސާކުރުމުގެ ފުރުސަތު ދިވެހި އަންހެން ކަނބަލުންނަށް ފަހިކޮށްދިނުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިސްނަންގަވައިގެން ބާއްވަވާ މައުރަޒެކެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ގެންގުޅުއްވާ އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ސަރުކާރުން ހިތްވަރުދެއްވަނީ އަންހެނުންނަށް ލިބެންވާ ޙައްޤުތައް ހޯދައިދިނުމަށް އެކަނި ނޫންކަމަށާއި، އެމީހުންނަކީ އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެދުމަކީވެސް ސަރުކާރުގެ ވަރަށް އިސް އަމާޒެއް ކަމުގައި ވިދާޅުވިއެވެ. އަދި، އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މިގޮތުން، ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ހުރިހާ ކުންފުނިތަކެއްގައި ޑިރެކްޓަރުންގެ ބޯޑުގެ %40 އަކީ އަންހެން ބޭފުޅުންނަށް ހެދުމުގެ ސިޔާސަތުގެ ދަށުން މިހާރުވެސް އާންމު ގޮތެއްގައި %20 އަށްވުރެ ދަށް ނުވާނެހެން އަންހެން ބޭފުޅުން ހަރަކާތްތެރިވަމުންދާކަން އުފަލާއެކު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ މައުރަޒެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުކަމަށް ވާނީ ދާއިމީކޮށް އަންހެން ބޭފުޅުންގެ މިކަހަލަ ހުނަރުތައް ފެނިގެން ދިއުންކަމުގައި ވިދާޅުވިއެވެ. އަދި، މިފަދަ މަސައްކަތްތަކުގެ ސަބަބުން ގޭގައި ހުރެގެންވެސް އާމްދަނީ ލިބޭނެ މަސައްކަތްތަކެއްކޮށް، ދިވެހި އަންހެނުންނަކީ ހީވާގި ކަމުގެ އިތުރަށް އަމިއްލަ ފުދުންތެރިކަމެއްގައި ޚާއްޞަވާ ކަނބަލުން ކަމުގައި ވެގެން ދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.މިގޮތުން، އަންހެން ބޭފުޅުން ތައްޔާރުކުރައްވާ ތަފާތު ބާވަތްތަކަށް ބާޒާރު ލިބޭނެ ގޮތްތަކެއް ފަހި ކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ރަސްމީ ތަޢުލީމުގެ މުޤައްރަރަށް މި ސަރުކާރުން ގެންނަވާފައިވާ ބަދަލުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، އެއްވެސް ކުއްޖަކީ ތަޢުލީމީ ނިޒާމުން، އަދި އޭގެ ފަހުން މަސައްކަތުގެ ވެށިން ބާކީވެގެންދާނެ ކުއްޖަކަށް ނުވާނެ ގޮތަކަށް ރާއްޖޭގެ ތަޢުލީމީ ނިޒާމު ރާއްވަވާފައިވާކަމުގައި ވިދާޅުވިއެވެ. އަދި، ތަޢުލީމީ ނިޒާމުގެ ތެރެއަށް ބީ ޓެކް ސްޓްރީމް ތަޢާރަފު ކުރެއްވުމުގެ ބޭނުންފުޅަކީ މަތީ ތަޢުލީމާ ހަމައަށްދާން ދަތިތަކެއް ހުންނަ ކުދިންނަށް އަމަލީ މަސައްކަތްތަކެއް ދަސްކޮށްގެން ސްކޫލް ނިންމައި، ވަޒީފާ އަދާކުރެވޭނެ ފުރުޞަތުތަކެއް ތަނަވަސްކޮށްދެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ފޮތުގެ ތަޢުލީމުގެ އިތުރަށް ހުނަރުތަކެއް ދަސްކުރަން ބޭނުންވާ ކުދިންވެސް އުޅޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ތަޢުލީމީ ނިޒާމުގެ ތެރެއިން ސްކޫލް ދަރިވަރުންނަށް ދިރިއުޅުމުގެ މުހިންމު ހުނަރުތައް ދަސްވެގެންދާކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، "ހީވާގި ކަނބަލުން" މައުރަޒު އިންތިޒާމް ކުރެއްވި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރަހީމްގެ ބުރަ މަސައްކަތްޕުޅަށް ތަޢުރީފު ކުރެއްވިއެވެ. އަދި އަންހެނުންގެ މަސައްކަތްތައް ކުރިއަރުވައި، އަންހެނުން ބާރުވެރިކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށް ހެއްދެވުމަށްޓަކައި އެކަމަނާ ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތްޕުޅަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި އެކަމަނާގެ މަސައްކަތްޕުޅުގައި ސާބިތުކަމާއެކީ ކުރިއަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވިއެވެ.

"ހީވާގި ކަނބަލުން" މައުރަޒުގައި 4 ދާއިރާއަކުން 640 ބައިވެރިން 21 ގިންތިއެއްގައި ބައިވެރިވެފައިވެއެވެ. މައުރަޒުގެ ބައިވެރިންގެ ތެރެއިން، މުޅި މައުރަޒުން ވަނަވަނަ ހާސިލް ކުރެއްވި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ގިންތި އަދި ދާއިރާތަކުން އެއްވަނަ ހާސިލްކުރެއްވި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.