އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ހިޒް އެކްސެލެންސީ އެމް. ޖޭ. އަކްބަރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް ގެ ސްޓޭޓް މިނިސްޓަރ ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، އިންޑިޔާގެ ބޮޑުވަޒީރާއި، ސަރުކާރާއި، ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ސްޓޭޓް މިނިސްޓަރގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިޔާ ފަސްޓް ޕޮލިސީއަށް އަލިއަޅުއްވާލައްވަމުން ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމަށް ރާއްޖޭގެ ސަރުކާރުން ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފަނުވަނީ އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރ ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދެމެދުގައިވާ ގާތް އެކުވެރި ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައާއި، ކުރިއަށް އޮތް ދުވަސްތަކުގައި މިހާރެކޭ އެއްގޮތައް އިންޑިޔާގެ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ދެއްވާނެކަން ޔަޤީންކުރައްވާކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް ގެ ސްޓޭޓް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށް އިންޑިޔާގެ ބޮޑުވަޒީރު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވިކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށާއި، ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށާއި މުޖުތަމަޢުގެ ހަމަޖެހުމާއި ރައްކާތެރިކަމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް ގެ ސްޓޭޓް މިނިސްޓަރ ތަޢުރީފުކުރެއްވިއެވެ. ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި އެމަނިކުފާނު ރާއްޖެއަށް މިކުރެއްވި ދަތުރުފުޅުގެ ބޭނުމަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދުގައި އޮންނަ ގުޅުމަށް އިތުރު ތާޒާކަމެއް ގެނުވުންކަމަށާއި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ވަރުދަގަކުރުމަށް އިންޑިޔާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ތަރައްޤީގެ މަގުގައި ކުރިޔަށްދާ ޞުލްޙަވެރި މުޖުތަމަޢެއް އޮންނަ ޤައުމަކަށްވުމަށް އިންޑިޔާއިން އަބަދުވެސް އެދޭކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި އިންޑިޔާއާ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވަކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރގެ އަރިހުގައި، އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި، އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީއާއި، އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޑެޕިއުޓީ ސެކްރެޓަރީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.