بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العـالمـين، والصّـلاة والسّـلام عـلى خاتم الأنبئاء والمرسلين، وعلى آلـه وصحبه أجمعـين.

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި ޢިއްޒަތްތެރިން، ބަނގްލަދޭޝްގެ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ މިސްޓަރ އޭ.އެމް.އޭ. މުޙިޠު، އެކުވެރި ދައުލަތްތަކުގެ ސަފީރުން، ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެހައި އަޚުންނާއި އުޚުތުން، އަދި މާލެއާއި ރާއްޖެތެރޭގައި ތިއްބެވި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުން؛

السّلام عليكم ورحمة اللّـه وبركاته.

ދިވެހިރާއްޖޭގެ 15 ވަނަ ޖުމްހޫރީ ދުވަސް އަޅުގަނޑުމެންނާ ވަކިވެގެން މިދަނީ އަޅުގަނޑުމެންގެ ލޭނާރުތަކުގައި ވަރުގަދަ ޤައުމީ ޝުޢޫރުތަކެއްގެ ހޫނުކަން ގެނެސްދެމުން. އަދި އަޅުގަނޑުމެންގެ ހިތްތަކުގައި މަތިވެރި ޢަޒުމްތަކަކާއި ފޮނިއުންމީދުތަކެއް ހޭލައްވަމުން. ހަމައެއާއެކު، އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙަށް ވަރަށް މުހިންމު ބަދަލުތަކެއްވެސް ގެނެސްދެމުން.

ޝައްކެއްނެތް، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ އިޙުތިފާލުތަކަކީ ތަފާތު މާނަތަކަކަށް ރަމްޒުކުރާ އިޙުތިފާލުތަކެއް. ތެދުވެރި ޒުވާނުންތަކެއްގެ ޚިދުމަތް ލިބެމުންދާނެ، އުފާވެރި މުސްތަޤްބަލަކަށް ރަމްޒުކުރާ ކުޑަކުދިންގެއިޞްލާޙިއްޔާގެ އިޙުތިފާލު، ރާއްޖޭގެ މަސައްކަތްތެރިކަމާއި ފަންނީ ހުނަރުވެރިކަން ތަރައްޤީވަމުންދާކަން ދައްކައިދޭ އަތްތެރި މަސައްކަތުގެ މައުރަޒު، ދިވެހި ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ފާޅުކަންބޮޑުގޮތެއްގައި މުޅި ދުނިޔެއަށް ތަމްސީލުކޮށްދޭނޭ އިސްލާމީ މަރުކަޒެއްގެ ބިންގާއެޅުން. ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނޭ ޤައުމީ ބެންކެއް ހުޅުވުން. އަދި އަޅުގަނޑުމެންގެ ޒުވާން ހިތްވަރުގަދަ ސިފައިން އަބަދުވެސް ތިބޭނީ ޤައުމުގެ ދިފާޢުގައި، ވަރުގަދަ ޖޯޝަކާއި ފޯރިއަކާއެކު ހޭލައިކަން ހާމަކޮށްދޭ ބަޑިބޭހުގެ ކުޅިވަރު.

އާދެ، ދިވެހި ޖުމްހޫރިއްޔާގެ އުމުރުން އެއްއަހަރު މާޒީއާ އެކުވެގެންދާއިރު، އަޅުގަނޑުމެންގެ ޤައުމީ މަސްރަޙުގެ މައްޗަށް ބަލައިލުމަކީ، އަޅުގަނޑުހިތުން މިއަދު ކޮންމެ ދިވެހި މުވާޠިނެއްގެވެސް ވާޖިބެއް. އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙަށް ބަލައިލާއިރު ފެންނަނީ ހަމަޖެހުމާއި، އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމާއެކު ތަރައްޤީވަމުންދާތަން. މާތްﷲގެ ރަޙުމަތްފުޅުން އަޅުގަނޑުމެންގެ ރާއްޖޭގައި ހަމަޖެހުމާއި އިފްތިޚާރު ވަރަށް ހަރުދަނާގޮތެއްގައި ސާބިތުވެފައިވާތަން. އަޅުގަނޑުމެންގެ ސިޔާސީ ކަންތައްތައް އޮމާންކަމާއެކު، އެއްދުވަހުން އަނެއް ދުވަހަށް އިޞްލާޙުވަމުން ތަރައްޤީވަމުންދާތަން. އަޅުގަނޑުމެންގެ ޚާރިޖީ ގުޅުންތަކުގެ ދާއިރާއަށް ވިސްނާއިރުވެސް، އެގުޅުންތައްދަނީ އެއްދުވަހުން އަނެއްދުވަހަށް ބަދަހިވަމުންކަން އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ. ދިވެހިރާއްޖެ ދަނީ އިތުރު ޤައުމުތަކަކާ އެކުގައި އެކުވެރިކަމާއި ރަޙުމަތްތެރިކަމުގެ ގުޅުން އުފައްދަމުން. އިތުރު ޖަމާޢަތްތަކެއްގެ މެންބަރަކަށްވަމުން.

އާދެ، ދާދިފަހުން ދިވެހިރާއްޖެ، ކޮމަންވެލްތުގެ މެންބަރަކަށް ވެގެންދިޔަކަން އެއީ މި މަޤާމުގައި ޚާއްޞަގޮތެއްގައި ފާހަގަކޮށްލަން ބޭނުންވާ ކަމެއް. ކޮމަންވެލްތަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ދުނިޔެއަށް މަޝްހޫރު ޖަމާޢަތެއް. އެ ޖަމާޢަތަކީ ވަކި ސިޔާސީ މަޛްހަބަކަށް ތާއީދުކުރާ ޤައުމުތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެއް ނޫން. ވަކި ދީނީ ފަލްސަފާއަކަށް ތަބަޢަވެގެންވާ ޤައުމުތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެއް ނޫން. އިޤުތިޞާދީ ގޮތުން ބަލާއިރުވެސް ވަކިޚާއްޞަ މަޞްލަޙަތުތަކެއް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޤައުމުތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެއް ނޫން. ޙަޤީޤަތަށް ވިސްނާއިރު ކޮމަންވެލްތަކީ ދުނިޔޭގެ ތަފާތު ޘަޤާފަތްތަކާއި، ތަފާތު ތާރީޚުތަކާއި، ތަފާތު މާޒީތައް ޙިއްޞާކޮށްފައިވާ ޤައުމުތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތެއް. އެ ޖަމާޢަތުގެބާރު އަދި އެޖަމާޢަތުގެ ކުރިއެރުން، އެ ޖަމާޢަތުގެ ތަރައްޤީ، އެ ޖަމާޢަތުގެ ޚާއްޞަ ޝަޚްޞިއްޔަތު ބިނާވެފައިވަނީ، މި ދެންނެވި ކަންތައްތަކުގެ މައްޗަށް. އެއީ ހުރިހާ ވައްތަރެއްގެ ޤައުމުތަކަކުން، ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކާއި، މުއްސަނދި ޤައުމުތަކާއި، ފަޤީރު ޤައުމުތަކާއި، ހުޅަނގުގެ ޤައުމުތަކާއި، އިރުމަތީގެ ޤައުމުތަކާ، މިހުރިހާ ޤައުމުތަކުގެ މައްޗަށް އެކުލެވިގެންވާ ޖަމާޢަތަކަށް އެ ޖަމާޢަތްވާތީ.

ކޮންމެއަކަސް، އަޅުގަނޑުމެންގެ ދިވެހިރާއްޖެ ކޮމަންވެލްތުގެ ޤައުމަކަށް ވެގެންދިޔުމުން، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ ތަރައްޤީއަށް އިތުރު ކުރިއެރުމެއް، އިތުރު ބަދަހިކަމެއް އަންނާނެކަމާމެދަކު ޝައްކެއްނެތް. ރާއްޖެއަށް ދުނިޔޭގައި ލިބެމުންދަނީ އިތުރު ތަޢާރުފް. ކުރިން އަޅުގަނޑުމެން ނުދަންނަ ކިތަންމެ ބަޔަކު މިހާރު އަޅުގަނޑުމެން ދަނޭ. އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސަތު، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކަކުން ގަބޫލުކުރޭ. ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު، އިސްލާމީ އުސޫލުތަކަށް ތަބަޢަވެ، ޙައްޤުގެ މައްސަލަތަކަށް ތާއީދު ކުރުމުގެ ސިޔާސަތު. މި ސިޔާސަތަކީ، އެންމެން އިޙުތިރާމުކުރާ، އެންމެން ޤަދަރުކުރާ ސިޔާސަތަކަށް މިއަދުވަނީ ވެފައި. އަޅުގަނޑުމެންގެ އިޤުތިޞާދީ ކަންތައްތަކަށް ބަލައިލާއިރު، ތަފާތު މަންޒަރުތައް ފެނޭ. ޝައްކެއްނެތްގޮތުގައި، އިޤުތިޞާދީ ގޮތުން ދިވެހިރާއްޖެ ކުރިއަށްދާކަމުގެ ވަރަށްގިނަހެކިތައް، އަޅުގަނޑުމެން ބަލައިލި ކޮންމެދިމާއަކުން ފެންނަން އެބަހުރި. އަޅުގަނޑުމެންގެ މަސްވެރިކަން ދަނީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް. އަޅުގަނޑުމެންގެ ޓޫރިޒަމް ދަނީ ތަރައްޤީވަމުން. އަޅުގަނޑުމެންގެ ބޯޓުފަހަރު ދުއްވުންވެސް ދަނީ ކާމިޔާބީއަކުން ކާމިޔާބީއަކަށް ބަދަލުވަމުން. އެއާއެކުގައި އަޅުގަނޑުމެންގެ ރާއްޖޭގައި އެކިއެކި އިޤުތިޞާދީ މަސައްކަތް ފެށި، އެމަސައްކަތްތައްވެސް ދަނީ ތަރައްޤީވަމުން. އެހެންވުމާއެކު، އިޤުތިޞާދީ މައިދާނުގައި ދިވެހިރާއްޖެ ދަނީ ކުރިއަށްކަމާމެދަކު ޝައްކެއްނެތް. އެހެންނަމަވެސް، އިޤުތިޞާދީ ކަންތައްތަކަށް ވިސްނާއިރު، ހައްތާ ފެންނަނީ ކާމިޔާބީތަކެއް ނޫން. ހައްތާ ފެންނަނީ ކުރިއެރުންތަކެއްނޫން. ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެންނަށްވެސް ވަރަށްދަތި އިޤުތިޞާދީ މައްސަލަތަކަކާ މިއަދުވަނީ ކުރިމަތިލާން ޖެހިފައި.

އާދެ، ދުނިޔޭގެ އެންމެ ބޮޑެތި ޤައުމުތަކާވެސް މިފަދަ މައްސަލަތައް ކުރިމަތިލައިފައިވޭ. ދުނިޔޭގެ އެންމެ ބާރުގަދަ، އެންމެ މުއްސަނދި ޤައުމެއް ކަމަށް އަޅުގަނޑުމެން އަހަނީ އެމެރިކާ. އެމެރިކާގެ ކުރިމަތީގައިވެސް މިވަގުތުވަނީ ވަރަށްބޮޑު އިޤުތިޞާދީ ވަޅުގަނޑެކޭ ދެންނެވިދާނެ. ހަމައެފަދައިން، ޔޫރަޕުގެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ކުރިމަތީގައިވެސް ވަނީ އިޤުތިޞާދީ އަނދިރިތަކެއް. އެކަން އެހެން އޮތުމާއެކު، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ކުރިމަތީގައިވެސް އިޤުތިޞާދީ ޖައްވުގެ ބަނަކަން، އެ ޤައުމުތަކަށް އިޙުސާސް ކުރެވެމުން އެބަދޭ. އެއްވެސް އިސްތިސްނާއެއް ނެތްގޮތުގައި ދިވެހިރާއްޖެއަށްވެސް އެކަންތައްތައް މިއަދު އޮތީ އިޙުސާސް ކުރަން ޖެހިފައި. އަޅުގަނޑުމެންގެ ކުރިމަތީގައި ބޮޑެތި އިޤުތިޞާދީ މައްސަލަތަކެއްވާކަން، އަޅުގަނޑުމެން އެންމެން ރަނގަޅަށް ދަންނަންޖެހޭނެ. ވަރަށް ކުޑަކުޑަ މިސާލެއް އަޅުގަނޑު މި މަޤާމުގައި ޖަހާލި ކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހޭ ދަތިތައް އިޙުސާސް ކުރެއްވޭނެ.

އާދެ، އެއީ މި އަހަރު އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެބޮޑު އާމްދަނީއެއް ހޯދައިދޭ މަސްވެރިކަން. އެ މަސްވެރިކަމުން އަޅުގަނޑުމެންގެ އާމްދަނީއަށް ލިބޭ އެއްޗެއް އުނިވެގެންދިޔަ އުނިވުން. އެއީ އަޅުގަނޑު މިދަންނަވާ މިސާލަކީ. އަޅުގަނޑުމެން ބާނާ ނުވަތަ ހިފާ މަސް ގެންދަނީ ބޭރު ޤައުމުތަކަށް ވިއްކަމުން. ވަކި އަގެއް އެކަމަށް ކަނޑައެޅިފައި އޮވޭ. އެހެންނަމަވެސް، ކުއްލިއަކަށް މިއަހަރު ދުނިޔޭގެ ބާޒާރުތަކުގައި މަހުގެ އަގަށް އައި ބޮޑު ބަދަލެއްގެ ސަބަބުން އަޅުގަނޑުމެންގެ އާމްދަނީ ވަރަށްބޮޑުތަން މިއަހަރު އުނިވެގެން ހިނގައްޖެ. އެއީ އަޅުގަނޑުމެންނަށް މިވަގުތު ކުރިމަތިލާން ޖެހިފައިވާ ހިތި ޙަޤީޤަތެއް. ހަމައެއާއެކު، އަޅުގަނޑުމެންގެ ރާއްޖޭގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ، އަޅުގަނޑުމެންގެ އަތުގައި ނެތްކަން އެއީވެސް އިޤުތިޞާދީ ގޮތުން ބަލާއިރު ވަރަށް ބޮޑު ދަތިކަމެއް.

އާދެ، ދުނިޔޭގައި ކުރިއަރަމުން އަންނަ ޤައުމުތަކުގައި، އެ ޤައުމުތަކުގައި ހިންގަން ފަށާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ ހުންނަ ވާހަކައެއް އަޅުގަނޑު ނުދަންނަވަން. އެ ޤައުމުތަކުގައިވެސް އެ ފައިސާއެއް ނުހުރޭ. އެކިގޮތްގޮތުން ފައސާ ހޯދަމުން ގެންދަނީ ބޭރު ޤައުމުތަކުގެ އެހީގައި ނުވަތަ ބޭރުގެ ޖަމާޢަތްތަކުގެ އެހީގައި. ދިވެހިރާއްޖެވެސް ވަނީ އެ މިޞްރާބަށް ކުރިމަތިލައިފައި. މިހާތަނަށްވެސް އަޅުގަނޑުމެންނަށް ބޭރު ޤައުމުތަކުން ވަރަށް ގިނަގުނަ އެހީ ލިބިފައިވޭ. އަދި ބޭރުގެ ޖަމާޢަތްތަކުންވެސް އެހީ ލިބިފައިވޭ. އެހެންވުމާއެކު، އަޅުގަނޑުމެން މިހާރުވެސް އިތުރަށް ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކަށް ހޯދަން ބޭނުންވާ ފައިސާ އެއީ އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ވަރަށްބޮޑު ދަތިކަމެއް. ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖެއަކީ މުއްސަނދި ރާއްޖެއަކަށް ނުވާކަން. އަޅުގަނޑުމެންގެ ރާއްޖޭގައި ޤުދުރަތީ މުއްސަނދިކަމުގެ ވަސީލަތްތައް މަދުކަން.

ހަމައެފަދައިން، އަޅުގަނޑުމެންނާ އިޤުތިޞާދީ ގޮތުން ކުރިމަތިވެފައިވާ އެންމެބޮޑު އަނެއްދަތިކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ކޮންމެ ކަމަކަށްވެސް އެކަށީގެންވާ އަދަދަށް ތަމްރީނު ލިބިފައި ތިބި މީހުން ނެތްކަން. ރާއްޖޭގައި ތަފާތު މަސައްކަތްތައް މިހާރު ކުރެވެމުން އެބަދޭ. ތަފާތު ކަންތައްތައް އެބަ ހިންގޭ. ތަފާތު މަޝްރޫޢުތައް ކުރިއަށް ގެންދެވޭ. އެހުރިހާ ކަމަކަށް ބޭނުންވާ މީހުން، ކަމުގެ ތަޖުރިބާ ލިބިފައިވާ މީހުން ފުދޭވަރަކާ ގާތަށްވެސް އަޅުގަނޑުމެންގެ ރާއްޖެއަކު ނެތް. އެހެންވުމާއެކު، އަޅުގަނޑުމެންގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވަރަށްބޮޑު ހުއްޓުމެއް އަންނާނެކަން ކަށަވަރު. މިހުރިހާ އިޤުތިޞާދީ މައްސަލަތަކެއް ވަނީ އަޅުގަނޑުމެންނާ ކުރިމަތިވެފައި. އެހެންނަމަވެސް، މައްސަލައެއް ކުރިމަތިނުވާ އެއްވެސް ޤައުމެއް ދުނިޔެއަކު ނެތް. ކޮންމެ ޤައުމެއްގެ ރައްޔިތުންވެސް މަސައްކަތް ކުރަނީ އެ ޤައުމަކާ ކުރިމަތިވެފައިވާ މައްސަލަތައް ވީ އެންމެ ރަނގަޅު ގޮތަކަށް ޙައްލުކުރެވޭތޯ. އެގޮތުގެމަތިން އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންވެސް، އެންމެން އެކުވެގެން އެކަތިގަނޑަކަށްވެގެން، ރައްޔިތުންނާއި ސަރުކާރާއި އަދި ސަރުކާރުގެ ވިޔަފާރި ހިންގާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކާ، މިހުރިހާ ފަރާތެއް އަތާއަތް ގުޅައިލައިގެން ހިތްވަރާއެކު މަސައްކަތް ކުރަމުން ގެންދާ ކަމަށްވަންޏާ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ކުރިމަތީގައި މިހާރުމިވާ އިޤުތިޞާދީ ދަތިތަކުން ސަލާމަތްކަމުގެ އައްސޭރިއަށް ދެވޭނެމަގު ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފެންނާނެ.

އާދެ، އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙަށް މުހިންމު ބަދަލުތަކެއް އައި ވާހަކަ އަޅުގަނޑު ދެންމެ ދަންނަވައިލިން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިމަހު ރައްޔިތުންގެ މަޖިލީހުން ޤާނޫނުތަކެއް ފާސްކުރައްވައިފި. ސަރުކާރުން ހުށަހަޅައިގެން ބައެއް މިނިސްޓްރީތައް އިތުރަށް އުފެދިއްޖެ. އަނެއްބައި ތަންތަން އުވައިލެވިއްޖެ. މިނިސްޓްރީތަކާއި ޑިޕާޓްމަންޓްތަކުގެ މަސައްކަތްތައް އަލުން ބަހައިލެވިއްޖެ. މިހުރިހާ ކަމެއް މިހެން ގެންދިޔުމުގެ މަޤްޞަދަކީ، ދައުލަތް ހިންގުމުގެ މެޝިނަރީއަށް އިތުރު ހަލުވިކަމެއް ގެނައުން. ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ކުރަން އޮތް މަސައްކަތާ އެންމެ އެކަށީގެންވާ ގޮތަކަށް ދައުލަތުގެ މެޝިނަރީ ރޭވުން. ހަލުވިކަމާއެކު ކުރިއަށްދާނެ ގޮތްތައް ރޭވުން. އާދެ، އެހެންވީމާ، މިދެންނެވި ބަދަލުތައް ސިޔާސީމަސްރަޙަށް އައިސްފައި އެވަނީ. ހަމައެއާއެކު، ސަރުކާރުގެ މަތީ މަޤާމުތަކަށްވެސް ބަދަލުތަކެއް އަތުވެއްޖެ. އެކަމުގައި ބެލިފައި ވަނީ ހިންގުންތެރި، ތަޖުރިބާކާރު ބޭފުޅުންގެ ޚިދުމަތް، ސަރުކާރަށް އެންމެ ފުރިހަމަ ދަރަޖަޔަކަށް ގެނައުމުގެ މައްޗަށް.

ޝައްކެއްނެތް، އަޅުގަނޑުމެންގެ ރާއްޖެއަކީ ޒުވާން ރާއްޖެއެއް. އަޅުގަނޑުމެންގެ ކަންތައްތައް ކުރިއަށް ގެންދެވޭނީ، ޒުވާނުން އެކި ކަންކަމުގެ މަސްއޫލިއްޔަތު ކޮނޑުގައި އެޅި މިންވަރަކުން. އަޅުގަނޑުމެންގެ އެންމެމަތީ މަޤާމުތަކަށް މިވަގުތު ވަނީ ޒުވާން ލޭ ބޭނުންވެފައި. އެހެންވުމާއެކު، އަޅުގަނޑު މިދެންނެވި ބަދަލުތައް މި ގެނެވުނީ. މުސްތަޤްބަލުގައިވެސް އެފަދަ ބަދަލުތައް އަންނަންޖެހޭނެ. އެއީ ޠަބީޢީކަމެއް. ކޮންމެ ބަޔަކުވެސް އެބައެއްގެވާޖިބު އަދާކުރުމަށްފަހު، އެހެންބަޔަކަށް އެވާޖިބު ހަވާލުކުރަންޖެހޭނެ. އަދި ދުނިޔޭގެ ޠަބީޢަތު ނިޔާކުރާގޮތުގެމަތިން އަބަދުވެސް އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އުފުލާ ފަރާތްތައް ބަދަލުވަމުންދާންޖެހޭނެ. އާދެ، ޝައްކެއްނެތް، މިއަދު އަޅުގަނޑުމެންގެ ސިޔާސީ މަސްރަޙަށް މިއައި ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ މަސައްކަތްތަކަށް އިތުރު ހަލުވިކަމަކާއި ތަރައްޤީއެއް ލިބެމުންދާނެ.

އާދެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑަށް މާފުކުރައްވާނެ ކަމަށް ހީކުރަން. މިއަދު އެބޭފުޅުންނާ އަޅުގަނޑު ބައްދަލުކުރި ކުރުމެއްގައި ދެއްކި ވާހަކައެއްގެ ޚުލާޞާ މިތާނގައި ދަންނަވައިލި ކަމަށްވަންޏާ. އާދެ، އަޅުގަނޑު ޚިޔާލުކުރާގޮތް އެބޭފުޅުންނަށް މިއަދު އަޅުގަނޑު ދަންނަވައިލިން. އަޅުގަނޑު ދެންނެވީ، އަޅުގަނޑުމެންގެ ރާއްޖެ މިވަގުތު ބޭނުންވެފައިވަނީ ޢަމަލީ މަސައްކަތްތަކުގައި އުޅުއްވާނެ ވަޒީރުންނަށޭ. ކޮންމެ ވަޒީރަކުވެސް އެބޭފުޅެއްގެ ދާއިރާއަށް ނުކުމެވަޑައިގެން، މީހުންނަށް ފެނިދެނިވެ، މީހުންގެމައްސަލަތައް ބައްލަވައި، މީހުންގެ ޝަކުވާތަކަކީ ކޮބައިތޯ ބައްލަވައި، އެކަންތައްތައް ރަނގަޅުކުރެވޭތޯ ބައްލަވާ ވަޒީރުންނަށޭ. މާކުރީ ޒަމާނެއްގައޭ، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އަދި ދުނިޔޭގެ އެހެން ތަންތާނގައިވެސް ވަޒީރުންނަކީ ނުވަތަ ދައުލަތް ހިންގަވަން ތިއްބަވާ ވެރިންނަކީ، މާމަތީ މަޤާމުތަކެއްގައި ތިއްބަވާ ބޭފުޅުން ކަމަށް ބެލި، އެބޭފުޅުންނަކީ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގޮތެއްގައި ތިއްބަވާ ބޭފުޅުން ކަމުގައި ތިއްބެވި ޒަމާނެއް އެއީ، މާކުރީ ޒަމާނެކޭ. މިހާރު ޒަމާން ބަދަލުވެގެން އަތުވެއްޖެއޭ. މިހާރު އަޅުގަނޑުމެން ބޭނުންވަނީ، ދައުލަތުގެ އެންމެމަތީ މަސްއޫލިއްޔަތުތައް އުފުލާ މީހުންވެސް މީހުންގެ ތެރެއަށް ގޮސް، ކޮންމެ މީހަކުވެސް އެމީހެއްގެ ދާއިރާގައި ޢަމަލީގޮތުން ބައިވެރިވެ، އެމީހެއްގެ ދާއިރާގެ ކަންތައްތައް ރައްޔިތުންނަށް އެންމެ ފައިދާހުރި، އެންމެ ރަނގަޅު ގޮތެއްގައި، ޤައުމަށް އެންމެ ފައިދާހުރި، އެންމެ ހަމަޖެހޭ ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތަކީ ކޮބައިތޯ ބަލާ ވަޒީރުންނަށް.

އާދެ، އެއީ އަޅުގަނޑުދެކޭގޮތުގައި ވަޒީރުކަމަކީ ޝަރަފެއްނޫން. އެއީ މަސްއޫލިއްޔަތެއް. ވަޒީރުކަން ލިބިވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެ ކޮނޑުފުޅުގައި، އެ އެޅެނީ ވަރަށްބުރަ ޤައުމީ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތަށް ތެދުވެރިކަމާއެކުގައި ޢަމަލުކުރައްވަމުން ގެންދެވުމަކީ އެބޭފުޅެއްގެ ވާޖިބެއް. އެ މަސްއޫލިއްޔަތަށް ތެދުވެރިވެވަޑައިގެންނެވޭނީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ދާއިރާއަށް ނުކުމެވަޑައިގަންނަވައިގެން ޢަމަލީގޮތުން ކަންތައްތައް ކުރެއްވުމުގައި ބައިވެރިވެވަޑައިގަނެގެން.

އާދެ، ހަމައެކަނި ވަޒީރުންގެ މަޤާމާ ދޭތެރެއަކު ނޫން، އަޅުގަނޑުގެ ޚިޔާލު މިގޮތަށް އޮތީ. ޚުދު ރައީސުލްޖުމްހޫރިއްޔާއަކީވެސް އަޅުގަނޑު ދެކޭގޮތުގައި ޝަރަފުވެރި މަޤާމެއްގައި ހުންނަ މީހެއް ނޫން. އޭނާ އެއީވެސް ވަރަށްބޮޑު މަސްއޫލިއްޔަތެއް ކޮނޑުގައި އަޅައިގެން ހުންނަ މީހެއް. އޭނާގެ މަސްއޫލިއްޔަތުވެސް ފުރިހަމަގޮތެއްގައި އަދާކުރެވޭނީ، އޭނާވެސް ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންގެ ހާލު އަހުވާލު ބަލައި، ރައްޔިތުންގެ ޝަކުވާތައް އަހައި، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދެވޭތޯ މަސައްކަތް ކޮށްގެން.

އާދެ، ޝައްކެއްނެތް، ރައްޔިތުންގެ ތާއީދު ލިބިފައި އޮތުމަކީ، ވަރަށްބޮޑު ޝަރަފެއް. އެ ޝަރަފަށްޓަކައި އަޅުގަނޑު ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެހެންނަމަވެސް، އެ ޝަރަފަކީ ހަމައެކަނި އެއީ ރައްޔިތުންގެ ތާއީދު ލިބިފައިވާކަން. ދެން މަޤާމުގެ ގޮތުން ކުރަން ޖެހިފައިވާ މަސައްކަތްތައް އެއީ އެއްވެސް ހާލެއްގައި ޝަރަފެއް ނޫން. އެއީ ވަރަށްބޮޑު މަސްއޫލިއްޔަތެއް. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި މިހާރު އަޅުގަނޑުމެންގެ ސަރުކާރު ހިންގަވަން ތިއްބެވި ވެރިންގެ ސިޔާސަތަކަށްވާންވީ، މީހުންގެ ތެރެއަށް ނިކުމެވަޑައިގެން، ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދާއިރާގައި އެބޭފުޅަކާ ކުރިމަތިވެފައިވާ މައްސަލަތައް ބައްލަވައި، އެ ދާއިރާގެ ކަންތައް ވީހާ ރަނގަޅަކަށް ކުރިއަށް ގެންދެވޭތޯ ބެއްލެވުން. ފަހަރެއްގައިވެސް އޮފީހެއްގައި އަބަދު އިންނަވައި، މީސްމީހުންގެ ރިޕޯޓު ނުވަތަ އެކި ފަރާތްފަރާތުގެ ސިޓީން ލިބިވަޑައިގަންނަވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަންތައްތައް ނުކުރެއްވުން.

އާދެ، އަޅުގަނޑުމެންގެ އިޤުތިޞާދީ ކުރިއެރުން އެއީ މިވަގުތު އެންމެންގެ ޚިޔާލުގައި، އެންމެ އިސްކަންދެވޭ ކަންތައް. އެހެންވާންޖެހޭ ސަބަބަކީ، އިޤުތިޞާދީ ކުރިއެރުމަކީ އެއާނުލައި އަޅުގަނޑުމެންގެ އެއްވެސް ކަމެއް ކުރިއަށްނުދާނެ ކަމަކަށްވާކަން. އަޅުގަނޑުމެންގެ ތަޢުލީމީ ފެންވަރު ކުރިއަށް ގެންދަން ބޭނުންކަމުގައިވިޔަސް، އިޤުތިޞާދީ ފެންވަރު ކުރިއަށް ގެންދަން ބޭނުންވޭ. އެއީ އަޅުގަނޑުމެން މަދަރުސާތައް އަޅަން ބޭނުންވާ ހަރަދު ކޮންމެވެސްތާކުން ހޯދަންޖެހޭ. މުދައްރިސުންނަށް ދޭނެ މުސާރަ ކޮންމެވެސް ތާކުން ހޯދަންޖެހޭ. ކިޔަވާކުދިންނަށް ބޭނުންވާ ފޮތް، ފަންސުރު އަދި ޓެކްސްޓް ފޮތް ކޮންމެވެސް ގޮތަކުން ހޯދަންޖެހޭ. ހަމައެފަދައިން، ޞިއްޙީ ޚިދުމަތްތަކަށް ވިސްނައިލިޔަސް، ޞިއްޙީ ޚިދުމަތްތަކަކީވެސް އާމްދަނީއެއް ދައުލަތުގައި ހުރެގެން ރައްޔިތުންނަށް ފޯރުވައިދެވޭނެ ޚިދުމަތްތަކެއް. އެހެންވީމާ، ކޮންމެ ކުރިއެރުމަކީ ޙަޤީޤަތުގައި އިޤުތިޞާދީ ކުރިއެރުމެއް. އިޤުތިޞާދީ ކުރިއެރުމާ ނުލައި، ދައުލަތުން އާންމުންނަށް ނުވަތަ ރައްޔިތުންނަށްދޭ އެއްވެސް ޚިދުމަތެއްވެސް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރަމުންނެއް ނުގެންދެވޭނެ. އެހެންކަމަށްވުމާއެކު، އިޤުތިޞާދީ ކުރިއެރުން އެއީ މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެންމެ މުހިންމު އަމާޒުފަތްގަނޑަކީ. އެ އަމާޒުފަތްގަނޑާ ހަމަޔަށް ވާސިލުވެވޭތޯ ދިވެހިރާއްޖޭގެ ރައްޔިތުން އެކުވެގެން އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރަންޖެހޭނެކަން އެއީ އަޅުގަނޑު ހިތުން ކޮންމެ ދިވެއްސަކުވެސް ގަބޫލުކުރަންވެއްޖެ ޙަޤީޤަތެއް.

އަޅުގަނޑުމެންގެ ރާއްޖޭގައި ތަފާތު މަސައްކަތްތައް މިހާރު ހިނގަމުން އެބަދޭ. އެއިން ކޮންމެ މަސައްކަތަކުންވެސް އެ މަސައްކަތްކުރާ ބަޔަކަށާއި، އަދި ޤައުމަށް އެކަށީގެންވާ ފައިދާތަކެއް ލިބެމުންދޭ. އެހެންނަމަވެސް، ބައެއްކަހަލަ މަސައްކަތްތައް ކުރަމުންގެންދާއިރު، އެ މަސައްކަތްތަކުގެ ސަބަބުން އެހެނިހެން ބައެއް މަސައްކަތްތަކަށް ހިސާބަކަށް ބުރޫއަރާގޮތް މެދުވެރިވޭ. ނުވަތަ އުނިކަން ލިބޭގޮތްވޭ. އެއީ އަޅުގަނޑު ދެކޭގޮތުގައި ފަހަރެއްގައިވެސް އެކަންވާންވީގޮތެއް ނޫން. އަޅުގަނޑުމެން އެންމެންވެސް ވިސްނަންވީ ޤައުމުގެ މަޞްލަޙަތަށް. މުޖުތަމަޢުގެ މަޞްލަޙަތަށް. މުޖުތަމަޢުގެ މަޞްލަޙަތު އޮތީ ކޮންގޮތެއްގައިކަން އަޅުގަނޑުމެން އެންމެންވެސް ދަންނަންޖެހޭނެ. ތިމާ އެކުރާ މަސައްކަތަކުން ތިމާއަށް ކިތަންމެ ފައިދާއެއް ލިބުނު ކަމުގައިވިޔަސް، ނުވަތަ ތިމާގެ ޢާއިލާއަށާއި، ތިމާ ގެންގުޅޭ މީހުންނަށް އޭގެ ތަނަވަސްކަން ލިބުނު ކަމުގައިވިޔަސް ނުވަތަ ޖަމާޢަތުގެ ވަކިބަޔަކަށް އޭގެ ފައިދާތައް ލިބެމުންދިޔަ ކަމުގައިވިޔަސް، އެ މަސައްކަތުގެ ސަބަބުން އުންމަތުގައި ދިރިއުޅޭ އެހެން މީހުންނަށް ކިތަންމެކުޑަނަމަވެސް އުނިކަމެއް ލިބެމުންދާ ކަމަށްވަންޏާ، އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންގޮސްގެނެއްނުވާނެ.

އާދެ، މިއީ، އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންވެއްޖެ ނުކުތާއެއް. އަޅުގަނޑުމެންގެ ރާއްޖޭގައި އަލަށް އުފެދިގެން ކުރިއަރަމުންދާ މަސައްކަތްތަކުގެސަބަބުން އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ މަސައްކަތްތަކަށް ކިތަންމެކުޑަނަމަވެސް އުނިކަމެއް ލިބޭކަމަށްވަންޏާ، އަޅުގަނޑުމެންގެ ރޭވުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށްލަންވާނެ. އެއްގޮތަކަށްވެސް އަޅުގަނޑެއް ނުދަންނަވަން، ފަށައިގެން ގެންދާ މަސައްކަތްތައް ހުއްޓައިލަން ވެއްޖެއެކޭ. އެހެނެއްނޫން އަޅުގަނޑު މިދަންނަވަނީކީ. އަޅުގަނޑު މިދަންނަވަނީ ޤައުމުގެ މަޞްލަޙަތު އޮތީ ކޮންމެ މަސައްކަތަކުންވެސް ލިބޭ ފައިދާ، އެހެން މަސައްކަތަކަށް އޭގެ ސަބަބުން އެއްވެސްކަހަލަ ބުރުލެއް ނާރާގޮތަކަށް އޮތުމޭ. ޤައުމުގެ މަޞްލަޙަތު އޮތީ ހުރިހާ މަސައްކަތަކުންވެސް ހުރިހާ ވައްތަރެއްގެ އިޤުތިޞާދީ މަސައްކަތަކުން ޤައުމަށް ލިބޭ ފައިދާ އެއީ، އެއްވެސް އެހެން މަސައްކަތަކަށް އެކަމަކުން އުނިކަމެއް ނުލިބޭގޮތަށް އޮންނަ ކަމަކަށްވުމޭ. އެހެންވީމާ، އެ ނުކުތާއާދޭތެރޭގައި އަޅުގަނޑުމެންގެތެރޭގައި އެކިއެކި އިޤުތިޞާދީ މަސައްކަތްތައް ކުރާ މީހުން ވަރަށް ބޮޑަށް ވިސްނަންވެއްޖެ. ހަމައެފަދައިން، ސަރުކާރުންވެސް އެ މައްސަލަޔާދޭތެރޭގައި ވަރަށް ބޮޑަށް ވިސްނައި ޙައްލެއް ހޯދޭތޯ ބަލަންވެއްޖެ.

އާދެ، އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވީއްސުރެ ދިގު މުއްދަތަކަށް ރާއްޖެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއް ރޭވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަ ގެންދަން. އެންމެ ފުރަތަމަ ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުފައްދައިގެން، އެ އޭޖެންސީގެ އެންމެ މުހިންމު މަސްއޫލިއްޔަތެއްކަމުގައި ހެދިފައި އޮތީ ރާއްޖެއަށް އެކަށީގެންވާ ތަރައްޤީގެ މަޝްރޫޢެއް ރޭވުން. ފަސް އަހަރުދުވަހުގެ މަޝްރޫޢެއް ރޭވުން. އެ މަސައްކަތް ވަރަށް އެކަށީގެންވާ ދަރަޖަޔަކަށް، އެ އޭޖެންސީގެ ފަރާތުން ގެންދެވި. އެހެންނަމަވެސް، ދިމާވި އެތައް ސަބަބުތަކަކަށްޓަކައި އެ މަޝްރޫޢު އަދި ނިމުމަކާ ހަމަޔަކަށް ނާދޭ.

ކޮންމެއަކަސް، މިހާރު ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވި، އޭގެ ބަދަލުގައި މިނިސްޓްރީއެއް އުފެދުމުން، އެ މިނިސްޓްރީގެ ފަރާތުން އެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ގެންދަވާނެކަމަށް އަޅުގަނޑު އުންމީދުކުރަން. އެގޮތަށް އެ މަޝްރޫޢު ކުރިއަށް ގެންދެވިގެން ނިމުމަކާ ހަމަޔަށް ގެނެވިއްޖެނަމަ، އެ މަޝްރޫޢުގައި ރާއްޖެ ތަރައްޤީވާން ބޭނުންވާ ހުރިހާ ކަންތައްތަކެއް ހިމެނިފައި އޮންނަންވާނެ. އަދި ހިމެނިފައި އޮންނަންވާނީ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކޮންމެ މަސައްކަތަކުންވެސް އެހެން މަސައްކަތްތަކަށް އޭގެ ފައިދާ ލިބޭގޮތަކަށް. އެއްވެސް މަސައްކަތަކުން އެހެން މަސައްކަތްތަކަށް އުނިކަމެއް ނުވަތަ ގެއްލުމެއް ލިބޭގޮތަކަށެއް ނޫން.

އާދެ، އެހެންވީމާ، އަޅުގަނޑުމެންގެތެރެއިން ކޮންމެ މީހަކުވެސް ވިސްނަންވީ ޤައުމީ މަޞްލަޙަތަށް. ތިމާގެ އަމިއްލަ މަޞްލަޙަތުގެ ކުރިއަށް، ޤައުމީ މަޞްލަޙަތު ނެރުމުގެ މައްޗަށް. މުޖުތަމަޢުގެ މަޞްލަޙަތު ނެރުމުގެ މައްޗަށް. ޤައުމީ މަޞްލަޙަތުގެ ވާހަކަ ދައްކާއިރު، ނުވަތަ ޤައުމީ މަޞްލަޙަތުގެ އަލީގައި ވިސްނާއިރު، މި މަޤާމުގައި ވަރަށް މުހިންމު ދެތިން ނުކުތާއެއް ފާހަގަކުރަން ބޭނުންވޭ. އެއް ނުކުތާއަކީ، ސަރުކާރުގައި އުޅުމަށް ނުވަތަ ސަރުކާރުގެ ވަޒީފާ އަދާކުރުމަށް އެކަށީގެންވާ އަހަންމިއްޔަތެއް ލިބުން. އާދެ، އަޅުގަނޑު މިހެން ދަންނަވަންޖެހޭ ސަބަބަކީ މީގެކުރީ ދުވަހެއްގައިވެސް ހަމަ މި މަޤާމުގައި ހުރެގެން އަޅުގަނޑު ވާހަކަ ދެއްކިން. ސަރުކާރަށް މުވައްޒަފުން ނުލިބޭވާހަކަ. ޙަޤީޤަތުގައި ސަރުކާރަކީ ކޮން އެއްޗެއްކަން ބަޔާންކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރިން. ސަރުކާރަކީ ރައްޔިތުންގެ ޚިދުމަތުގައި އުފެދިފައިވާ ތަނެކޭ. އަޅުގަނޑު ދެންނެވިން، ސަރުކާރަށް ޚިދުމަތް ކުރުން އެއީ، ޙަޤީޤަތުގައި ރަނގަޅު ޢިބާރާތެއް ނޫނޭ. އޭގެ ބަދަލުގައި އޮންނަންވީ ރައްޔިތުންނަށް ޚިދުމަތް ކުރުމޭ. އެއީ ސަރުކާރުން ކޮށްދޭ ޚިދުމަތަކީ، ރައްޔިތުންނަށް ކޮށްދޭ ޚިދުމަތް ކަމަށްވާތީ.

ރައްޔިތުންނަށް ބޭނުންވާ ހުރިހާ އާންމު ޚިދުމަތްތަކެއް ކޮށްދޭ ފަރާތަކީ ސަރުކާރު. ބައްލަވައިލެއްވި ކޮންމެދިމާއަކުންވެސް، އަޅުގަނޑު މިދެންނެވިބަހުގެ ހެކިތައް ފެނިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ޅަދަރިންނަށް ތަޢުލީމު ދޭން އަޅުގަނޑުމެން ބޭނުންވޭ. ތަޢުލީމު ދިނުމުގައި އިސްނަގައި، އޭގެ މަސައްކަތްތައް އެންމެ ފުރިހަމަ ދަރަޖަޔަކަށް ކުރާފަރާތަކީ ސަރުކާރު. ސަރުކާރު ނޫން އެހެން ފަރާތްތަކުންވެސް ތަޢުލީމުގެ މަސައްކަތްތައް މާލެއާއި ރާއްޖެތެރޭގައި ކުރައްވާ. އެހެންނަމަވެސް، ތަޢުލީމު ދިނުމުގެ އެންމެބޮޑު މަސްއޫލިއްޔަތު އުފުލާ ފަރާތަކީ ސަރުކާރު. ހަމައެފަދައިން، ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުވައިދޭ ފަރާތަކީ ސަރުކާރު. ޑޮކްޓަރުން ގެނެސްގެން ނުވަތަ ޑޮކްޓަރުން ވަޒީފާއަށް ލައްވައިގެން. ހޮސްޕިޓަލްތައް އަޅައިގެން ބަލިމީހުންނަށް ބޭނުންވާ ބޭސް ރާއްޖެއަށް އެތެރެކޮށްގެން. މިނޫންވެސް ގޮތްގޮތުން. ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ހުރިހާ ޚިދުމަތްތަކެއް ހޯދައިދޭ ފަރާތަކީ ސަރުކާރު. މުވާޞަލާތުގެ ޚިދުމަތް ރައްޔިތުންނަށް ގެނެސްދޭ ފަރާތަކީވެސް ސަރުކާރު. ޓެލެފޯނުގެ ޛަރީޢާއިން ވާހަކަދެއްކުން. ކޭބަލް، ޓެލިގްރާމް، ޓެލެކުސް އެއްޗެހި ފޮނުވުން. މިއީ މިޒަމާނުގެ ކޮންމެ ކަމަކަށްވެސް ބޭނުންވާ ކަންތައްތައް. އިޤުތިޞާދީ ކޮންމެ މަސައްކަތަކަށް އެންމެ ބޭނުންވާ ކަމަކީ، ހަލުވިކަމާއެކު މުއާޞަލާތުގެ މަގުތައް ތަނަވަސްވެފައި އޮތުން. އެ މަގުތައް ތަނަވަސްކޮށްދޭ ފަރާތަކީވެސް ސަރުކާރު.

ކާބޯތަކެތި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރައްޔިތުންނަށް ފަސޭހަވާކަހަލަ އަގަކަށް ރާއްޖެއަށް އެތެރެކޮށްދީ، އަދި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭ ފަރާތަކީވެސް ސަރުކާރު. ތަރައްޤީއަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އުފައްދައި، އެ ވަސީލަތްތައް ހިންގައި، އެދެވޭ ފެންވަރެއްގައި އެކަން ކުރިއަށްގެންދާ ފަރާތަކީވެސް ސަރުކާރު. މިސާލެއްގެ ގޮތުން ދަންނަވަންޏާ އެއަރޕޯޓް. މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، ސަރުކާރުން ވަރަށްމަތީ އަދަދަކަށް ފައިސާ ހަރަދުކޮށްގެން ހަދައިފައިވާ ތަނެއް. އެތާނގެ ފައިދާ ލިބެނީ ހަމައެކަނި ސަރުކާރަކަށް ނޫން. މުޅި ދިވެހިރާއްޖެއަށް. ޓޫރިޒަމަށް ޚާއްޞަކޮށް. މި އެއަރޕޯޓް ނެތްނަމަ ރާއްޖޭގައި ޓޫރިޒަމް ތަރައްޤީވެގެން ނުދާނެކަމާމެދަކު ޝައްކެއްނެތް. އަދި ޓޫރިޒަމް ފިޔަވައި ވިޔަފާރީގެ ކަންތައްތައްވެސް މި އެއަރޕޯޓް ނެތްނަމަ، މިހާރު އެ ކުރިއަށްދާ ފެންވަރަކަށް ކުރިއަކަށްނުދާނެ.

އެހެންވީމާ، މިދެންނެވި ވަސީލަތްތައް މިއީ އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދަން ބޭނުންވާ ވަސީލަތްތަކެއް. ހަމައެފަދައިން، އަޅުގަނޑުމެންގެ ވިޔަފާރިއާއި އަޅުގަނޑުމެންގެ އިޤުތިޞާދީ މަސައްކަތްތައްވެސް އެއީ ކުރިއަށް ގެންދަން ބޭނުންވާ ވަސީލަތްތަކެއް. އެޔާއެކުގައި ދަންނަވަންޖެހެނީ ތަނުގެ އަމަންއަމާންކަން ހިފެހެއްޓުން އެއީ ދައުލަތުގެ އެންމެއިސް ވާޖިބޭ. އެއްވެސް ތަނެއްގައި އަމަންއަމާންކަން ނެތްކަމުގައިވަންޏާ، އެތަނެއްގައި އެއްވެސްކަހަލަ މަސައްކަތެއް ކުރިޔަކަށްނުދާނެ. އެއްވެސްކަހަލަ ހަމަޖެހޭ ދިރިއުޅުމެއް ތަނުގެ ރައްޔިތުންނަށްވެސް، ޖަމާޢަތަކަށްވެސް ނުފެންނާނެ. އަމަންއަމާންކަން ރައްކާތެރިކޮށްދޭ ފަރާތަކީވެސް ސަރުކާރު. މީހުންގެ ގެދޮރާއި މުދާތައް ރައްކާތެރިކޮށްދޭ ފަރާތަކީވެސް ސަރުކާރު. އެހެންވީމާ، މިހުރިހާ މުހިންމު ޚިދުމަތްތައް ރައްޔިތުންނަށް ރައްދުކޮށްދޭ ފަރާތަކީ ސަރުކާރު ކަމަށްވުމާއެކު، ސަރުކާރުގައި އެ ޚިދުމަތްތައް އަދާކުރަން މީހުން ނުތިބޭކަމަށްވަންޏާ، އެ ޚިދުމަތްތައް އެއީ ފަހަރެއްގައިވެސް ރައްޔިތުންނަށް ލިބޭނެ އެއްޗަކަށްނުވާނެ.

އެހެންވީމާ، އަޅުގަނޑު މި ނުކުތާއަށް އަބަދުވެސް އިޝާރަތް ކުރަނީ. ސަރުކާރުން ރައްޔިތުންނަށް މިވެދޭ ޚިދުމަތްތަކާ ހަވާލުވާނެ ބަޔަކު ދިވެހިރާއްޖޭގައި ތިބެންޖެހޭނެ. އެފަދަ ބަޔަކު ރާއްޖޭގައި ނެތްކަމުގައިވާނަމަ، މި ޚިދުމަތްތައް މިއީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަށްދާނެ ޚިދުމަތްތަކެއް ނޫނޭ. އަދި މިހާރު މިހުރި ފެންވަރަށްވެސް ރައްޔިތުންނަށް ރައްދުކޮށްދެވޭނެ ޚިދުމަތްތަކެއް ނޫނޭ. އެހެންވީމާ، ޙަޤީޤަތުގައި ޓޫރިޒަމުގެ މަޞްލަޙަތު އޮތީވެސް ސަރުކާރަށް މުވައްޒަފުން ލިބުމުގައި، ވިޔަފާރީގެ މަޞްލަޙަތު އޮތީވެސް ސަރުކާރަށް މުވައްޒަފުން ލިބުމުގައި. ބެންކުތަކުގެ މަޞްލަޙަތު އޮތީވެސް ސަރުކާރަށް މުވައްޒަފުން ލިބުމުގައި. އަދި އެނޫންވެސް ރާއްޖޭގައި ހިނގާ ކޮންމެ ކަމެއްގެ މަޞްލަޙަތު އޮތީ، އެކަމެއްގެ ކުރިއެރުން އޮތީ، އެކަމެއްގެ ތަރައްޤީ އޮތީ، ސަރުކާރަށް އެކަށީގެންވާ އަދަދަށް މުވައްޒަފުން ލިބުމުގައި. އެހެންނަމަވެސް، ޙަޤީޤަތަކީ މުވައްޒަފުން ނުލިބޭކަން. ނުލިބެނީ ހަމައެކަނި މަތީ ފެންވަރުގެ މުވައްޒަފުންނެއް ނޫން. އެންމެ އާދައިގެ މުވައްޒަފުންވެސް މިހާރު ނުލިބޭ. ކާތިބުންވެސް ނުލިބޭ. ޕިޔޯނުންވެސް ނުލިބޭ. އަދި ކީއްކުރަންތޯ، މަސައްކަތު މީހުންވެސް ނުލިބޭ. އެހެންވީމާ، އަޅުގަނޑުމެން މިކަންކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަންވެއްޖެ. ސަރުކާރުގެ މި ޚިދުމަތްތަކުގައި އުޅޭނެ ބަޔަކު އަޅުގަނޑުމެން ކޮންމެ ގޮތަކުންވެސް ހޯދަންޖެހޭނެ.

ދެން ނުކުންނަ މައްސަލައަކީ، މުސާރައިގެ މައްސަލަ. އާދެ، މުސާރަ. ސަރުކާރުންދޭ މުސާރަ އެއީ، އަމިއްލަ ފަރާތްތަކުންދޭ މުސާރައަށްވުރެ ދަށް އެއްޗެއް. އެކަން އޮންނާނެ ގޮތަކީވެސް އެއީ. ދުނިޔޭގެ ކޮންމެ ތަނެއްގައި އޮންނަ ގޮތަކީވެސް އެއީ. އެއީ ސަރުކާރަކީ ވިޔަފާރި ހިންގާ ތަނެއް ނޫން. ނުވަތަ ސަރުކާރުގެ އާމްދަނީ ބިނާވަނީ ވިޔަފާރީގެ މަސައްކަތްތަކެއްގެ މައްޗަކަށް އެކަންޏެއްނޫން. އެހެންވީމާ، ހަމައެކަނި އާމްދަނީއަށްޓަކައި މަސައްކަތްކުރާ ފަރާތަކަށް ލިބޭވަރުގެ އާމްދަނީއެއް ސަރުކާރަކަށް ނުލިބޭނެ. އެފަދަ ފަރާތްތަކުން ދޭވަރުގެ މުސާރައެއް ސަރުކާރުން، ސަރުކާރުގެ މުވައްޒަފުންނަކަށް ނުލިބޭނެ.

އަޅުގަނޑު ސަރުކާރު ހިންގުމާ ހަވާލުވިއިރު ތިބީ ގާތްގަނޑަކަށް ހަތަރުހާސް މުވައްޒަފުން. މިހާރު އެމީހުންގެ އަދަދު ހަތްހާހަށް ބަދަލުވެގެން ހިނގައްޖެ. އެއީ މަސައްކަތްތައް ގިނަވެ، އަދި ސަރުކާރުން އާންމުންނަށް ކޮށްދޭ ޚިދުމަތްތައް އިތުރުވެގެން ދިޔުމުގެ ސަބަބުން އެ ޚިދުމަތްތައް ކުރާނެ މީހުން ބޭނުންވާތީ. ކޮންމެއަކަސް، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، ސަރުކާރު ދޫކޮށްލައިފައި ޓޫރިޒަމުގެ މަސައްކަތަށް، ނުވަތަ ބެންކުތަކުގެ މަސައްކަތަށް ނުވަތަ އެހެނިހެންވެސް އިޤުތިޞާދީ މަސައްކަތްތަކަށް ނުވަތަ އަމިއްލަ ވިޔަފާރިވެރިންގެ މަސައްކަތްތަކަށް މީހުން ދާކަމަށްވަންޏާ، އެންމެފަހު ނަތީޖާއަކަށްވާނީ އެކަންތައްތައްވެސް ހުއްޓުމޭ. ކުރިން ދެންނެވިހެން އެއަރޕޯޓް ހިންގާނެ ބަޔަކު ނެތީވިއްޔާ ޓޫރިސްޓުން ރާއްޖެއަށް އަންނާނީ ކިހިނެއްތޯ، ތިޔަބޭފުޅުން ވިސްނަވައިލަބައްލަވާ! ސަރުކާރުގެ އެހެނިހެން ކަންތައްތައްވެސް، ޚިދުމަތްތައް ރައްޔިތުންނަށާއި އަދި އިޤުތިޞާދީ މަސައްކަތްތައް ހިންގާ ފަރާތްތަކަށް އެދެވޭ ފެންވަރަކަށް ނުލިބޭ ކަމަށްވަންޏާ، އެ އިޤުތިޞާދީ މަސައްކަތްތައް ކުރިއަށްދާނީ ކިހިނެއްތޯ ތިޔަބޭފުޅުން ވިސްނަވައިބައްލަވާ! ޝައްކެއްނެތް އެއީ ފަހަރެއްގައިވެސް ވާނެ ކަމެއް ނޫން.

އެހެންވީމާ، ސަރުކާރަށް މުވައްޒަފުން ހޯދުމުގައި މިހާރު ވަރަށް ބޮޑަށް ސަރުކާރުން އެބަ ވިސްނަވަމުން ގެންދޭ. ވަރަށްގިނަ ފިޔަވަޅުތައްވެސް އެބައަޅާ. ރާއްޖޭގައި ހެދިފައި ހުރި ބައެއް ޤާނޫނުތައް އެބަހުރި. މީގެކުރިން ޢަމަލުނުކުރެވިހުރި އެ ޤާނޫނުތަކަށް މިހާރު ޢަމަލުކުރަން ފެށިއްޖެ. އެއީ ސަރުކާރުގެ މަދަރުސާތަކުގައި، ސަރުކާރުގެ ހަރަދުގައި ކިޔަވާކުދިން ސަރުކާރަށް ގެނައުން އެއީ އޭގެތެރެއިން އެއް ފިޔަވަޅު. އެ ޤާނޫނު ފާސްވެފައި އޮންނަނީ މީގެ ހަތަރު ފަސް އަހަރު ކުރިން. އެހެންނަމަވެސް، އޭރުއްސުރެ ފެށިގެން 1980 ވަނަ އަހަރާ ޖެހެންދެން، އެ ޤާނޫނަށް އޮތީ ކޮންމެވެސް ސަބަބަކާހުރެ ޢަމަލުނުކުރެވި. ވަރަށްގިނަ ކުދިންތަކެއް ޖީ.ސީ.އީ ކިލާހުގައި ބައިވެރިވެފައި ސަރުކާރަށް ނުވަދެ އަމިއްލަ ފަރާތްތަކުގެ މަސައްކަތަށް ވަނީ ގޮސް ނިމިފައި. 1980 ވަނަ އަހަރުން ފެށިގެން މި މައްސަލައިގެ ދަތިކަން ސަރުކާރަށް އިހުސާސްވާން ފެށުމުން، އެ ހިސާބުން ފެށިގެން ޖީ.ސީ.އީ ކިލާހުގައި ބައިވެރިވާ ހުރިހާ ކުދިން މިގެންދަނީ ސަރުކާރަށް ގެންނަމުން. އަދި ދާދިފަހުން ވަޒީރުންގެ މަޖިލީހުން ނިންމެވީ، އޭގެކުރިންވެސް ސަރުކާރަށް ޚިދުމަތްނުކޮށް އެހެން އަމިއްލަ ފަރާތްތަކަށް ގޮސް ތިބި ކުދިން އަނބުރާ ސަރުކާރަށް ގެނައުމަށް. އެއީ ޤާނޫނު އެގޮތަށް ތަންދޭތީ. އެ ޤާނޫނަށް ޢަމަލުކުރުމުގެ ގޮތުން.

އާދެ، އެކުދިން ސަރުކާރު ދޫކޮށްލައިފައި، އެހެން ތަންތަނަށް އެދަނީ ހަމައެކަނި އެންމެ ބޭނުމެއްގައި. އެއީ، އެތަންތަނުން ލިބޭ މުސާރަ ރަނގަޅުވީމާ. އަޅުގަނޑުގެ ވާހަކަޔަކީ ޤައުމުގެ ކުރިއެރުމުގައި ހަމައެކަނި އަޅުގަނޑުމެން ބަލަންވީ އެއްޗަކީ ފައިސާއެއް ނޫނޭ. ހަމައެކަނި އަޅުގަނޑުމެންނަށް ލިބޭ ލާރިކޮޅެއްނޫނޭ. އެގޮތަށް އަޅުގަނޑުމެންގެ ޚިޔާލު ބަހައްޓައިފިކަމަށްވަންޏާ، ދުވަހެއްގައިވެސް އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ. އެންމެބޮޑަށް ވިސްނަންވީ ޤައުމުގެ މަޞްލަޙަތަށް، ޖަމާޢަތުގެ މަޞްލަޙަތަށް. އަޅުގަނޑު ހިތުން އިތުރަށް ފައިސާ ލިބުމުން، އެ ލިބޭ ހިތްހަމަޖެހުމަށްވުރެ، ތިމާގެ ވާޖިބު އަދާކުރެވިއްޖެކަން އިހުސާސް ކުރެވުމުން ތިމާއަށް ލިބޭ ހިތްހަމަޖެހުން ކުޑަތަންކޮޅެއްވެސް ކުޑައެއްނުވާނެ. އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މި ނުކުތާއާދޭތެރޭގައި ވިސްނެވުން. ސަރުކާރުން އިތުރު ފިޔަވަޅު މިހާރު އަޅަން ގަސްދުކުރޭ، ޤައުމީ ޚިދުމަތުގެ ގޮތުގައި.

ދުނިޔޭގެ އެހެން ތަންތާނގައި އޮވޭ، ޤައުމީ ޚިދުމަތުގެ ޤާނޫނުތައް. ރާއްޖޭގައި އަދި ހެދިފައެއް ނެތް. މީގެކުރިން އަޅުގަނޑު އެހެން މުނާސަބަތެއްގައި އެކަމަށް އިޝާރާތް ކުރިން، އަޅުގަނޑުމެންވެސް އެފަދަ ޤާނޫނެއް ހަދަންޖެހޭދުވަސް ކައިރިވަނީކަމަށް އަޅުގަނޑަށް ފެނެއޭ. އެއީ ޤައުމީ ޚިދުމަތަށް މީހުން އަންނަލެއް މަދުކަމުން. ދުނިޔޭގެ ބައެއް އެހެންތަންތާނގައި ސްކޫލްތަކުން ނިމޭ ކުދިން ދޮޅުއަހަރު، ނުވަތަ ދެއަހަރު، ނުވަތަ ތިންއަހަރު، ވަކިގޮތަކަށް ޤައުމީ ޚިދުމަތުގައި އުޅެފައި ނޫނީ އަމިއްލަ އެއްވެސް މަސައްކަތަކަށް ނުދެވޭ. ރާއްޖޭގައި މީގެކުރިން އެކަހަލަ ކަމެއް ކުރަން ޖެހިފައި ނެތުމާއެކު، އެފަދަ ޤާނޫނެއް ނުވަތަ ގަވާއިދެއް ހެދިފައި ނެތީ. މިހާރު އެހިސާބަށް ދިޔައިމާ، އަޅުގަނޑު ހިތުން އެފަދަ ޤާނޫނެއް ނުވަތަ ގަވާއިދެއް ހަދަންވެއްޖެ.

ހަމައެއާއެކު، ދަންނަވަންޖެހެނީ، ސަރުކާރުން ސަރުކާރުގެ މުވައްޒަފުންނަށްދޭ މުސާރަ، ވެވުނު ވަރަކުން ދަނީ އިތުރުކުރަމުންނޭ. ކޮންމެ އަހަރަކުހެން ގާތްގަނޑަކަށް ކޮންމެވެސްވަރަކަށް މުސާރައަށް އިތުރުކަމެއް ގެނެވޭ. ކޮންމެ އަހަރަކު ނުގެނެވުނު ކަމުގައިވިޔަސް، ވަރަށްގިނަ އަހަރުތަކުގައި އެކަން އެގޮތަށް ހިނގާ. ސަރުކާރަށް ލިބޭ އާމްދަނީއަކުން މުވައްޒަފުންގެ މުސާރަ އިތުރުކޮށްދެމުން ގެންދަނީ. އެހެންނަމަވެސް، ކުރިންވެސް އަޅުގަނޑު ދެންނެވިހެން، ވިޔަފާރީގެ މަސައްކަތްކުރާ ފަރާތްތަކާ ސަރުކާރުން ވާދައެއް ނުކުރެވޭނެ. މުސާރަ ދިނުމުގައި އަދި ވާދަކުރުމަކީވެސް ބޭނުންކަމެއް ނޫން. އެހެންވީމާ، ސަރުކާރުގެ މުވައްޒަފުންނަށް ސަރުކާރުގެ ވަޒީފާގައި ތިބުމަށް ބާރުއަޅައިދޭ، ބައެއް އެހެންކަހަލަ ކަންތައްތައް ހަމަޖެއްސުމާމެދުވެސް މިއަދު ސަރުކާރުން ވިސްނަންވެއްޖެއޭ.

އާދެ، މިސާލަކަށް ގޯތިދިނުން. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބަޔަކަށް ވަނީ ގޯތި ބޭނުންވެފައި. ގޯތި ދިނުމުގައި އެއްވެސްކަހަލަ ތަފާތުކުރުމެއްނެތި، ސަރުކާރަށް ޚިދުމަތްކުރާ މީހުންނާއި، ސަރުކާރަށް ޚިދުމަތް ނުކުރާ މީހުންނާ އެއްވެސް ތަފާތުކުރުމެއްނެތި ދެމުން ގެންދަނީ. އެހެންނަމަވެސް، ކުރިއަށް އޮތް ތާނގައި ސަރުކާރުން ވިސްނަންޖެހޭނެ، އެބައެއްގެ ޚިދުމަތް ސަރުކާރަށް ލިބޭ ބަޔަކަށް އިސްކަން ދިނުމާ ދޭތެރޭގައި.

ހަމައެފަދައިން، ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުން. ސަރުކާރުން ހަރަދުކޮށްގެން މަދަރުސާތައް ހިންގަނީ. ސަރުކާރުން ހަރަދުކޮށްގެން މުދައްރިސުން ގެނެސްގެން ކިޔަވައިދެމުން ގެންދަނީ އެއްވެސް ފީއެއްނެތި. އެހެންވީމާ، ސަރުކާރުން ޢިނާޔަތެއްގެ ގޮތުގައި ރައްޔިތުންނަށް ކޮށްދޭ ޚިދުމަތެއް ލިބުން އެންމެ ބޮޑަށް ޙައްޤުވެގެންވަނީ، އެބައެއްގެ ޚިދުމަތް ސަރުކާރަށް ލިބޭ ބަޔަކަށް. އާދެ، އެބައެއްގެ ޚިދުމަތް ސަރުކާރަށް ލިބޭ ބަޔެކޭ މި ދަންނަވަނީ މަޖާޒީގޮތުން. އެ ޙަޤީޤަތަކީ އެބައެއްގެ ޚިދުމަތް ސީދާ ރައްޔިތުންނަށް ލިބޭ ބަޔަކަށް. އެއީ ސަރުކާރުގައި އުޅޭ މީހުންގެ ޚިދުމަތް އެ ލިބެނީ ރައްޔިތުންނަށް ކަމަށްވާތީ. ރައްޔިތުންނަށް ޚިދުމަތްކޮށްދޭ ބަޔަކަށް، ރައްޔިތުންނަށް ސަރުކާރުންދޭ ޢިނާޔަތްވެސް ލިބުން އެންމެ ބޮޑަށް ޙައްޤުވެގެންވަނީ. މިފަދަ ކަންތައްތައް ސަރުކާރުން ކުރަންޖެހޭނެ މުސްތަޤުބަލުގައި. އެއީ އަޅުގަނޑު މި ދަންނަވާ އުސޫލުގެ މަތިން ކޮންމެ މީހަކުވެސް ބަލަނީ، އެމީހަކަށް ލިބޭ މުސާރައަށް ބަލައިފައި، އެ މަތީ މުސާރަ ލިބޭ ތާކަށްދާގޮތް އޮންނާތީ.

އަޅުގަނޑު ހިތުން މިކަމުގައި ބެލެނިވެރިންނާއި މައިންބަފައިންގެވެސް ވަރަށްބޮޑު މަސްއޫލިއްޔަތެއްވޭ. މައިންބަފައިންވެސް ބައްލަވަންޖެހޭނީ، ކުދިންގެ ހިތްތަކުގައި ޤައުމީ ރޫޙެއް އުފެއްދޭތޯ. ޤައުމީ ޚިދުމަތުގެ ރޫޙެއް، އެކުދިންގެ ހިތްތަކުގައި އުފެއްދޭތޯ. އެއްގޮތަކަށްވެސް ބެލެނިވެރިން ނުވަތަ މައިންބަފައިން ކުދިންނަށް ނަޞޭޙަތް ދެއްވައިގެނެއް ނުވާނެ. ސަރުކާރަށް ވަނީމާ ލިބޭނީ ހަތަރުސަތޭކަ ރުފިޔާއޭ، ބެންކަކަށް ވަދެއްޖެއްޔާ އަށްސަތޭކަ ރުފިޔާ ލިބޭނެއޭ. އެހެންވީމާ، ބެންކަށްދާށޭ. އެކަހަލަ ނަޞޭޙަތް މައިންބަފައިން ނުވަތަ ބެލެނިވެރިން ކުދިންނަށް ދެއްވާކަމުގެ ނަތީޖާއެއްގެ ގޮތުން މިކަހަލަ ކަންތައްތައް މި ދިމާވަނީ. ބެލެނިވެރިންގެ ވާޖިބަކަށްވެސް ވާންޖެހޭނީ ނުވަތަ މައިންބަފައިންގެ ވާޖިބަކަށްވެސް ވާންޖެހޭނީ އަދި މަދަރުސާތަކުގެވެސް ވާޖިބަކަށް ވާންޖެހޭނީ، ޤައުމީ ޚިދުމަތުގެ އަހަންމިއްޔަތު ކުދިންނަށް އިހުސާސްކޮށްދެއްވުން. ޤައުމީ ޚިދުމަތުގެ އަހަންމިއްޔަތު ކުދިންނަށް އިހުސާސްވެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މިހާރު މި ފެންނަ މަންޒަރުތަކެއް ފެންނަމުންނެއް ނުދާނެ.

އާދެ، މިއީ އަޅުގަނޑު މިރޭ ދަންނަވަން ބޭނުންވި އެއް ނުކުތާއަކީ. ދެން މި މަޤާމުގައި އަޅުގަނޑު ދަންނަވަން ބޭނުންވާ އަނެއް ނުކުތާއަކީ، މަސައްކަތްތެރިކަމުގެ އަޚުލާޤު އަޅުގަނޑުމެން ލިބިގަންނަމާތޯއޭ؟ މަސައްކަތްތެރިކަމުގެ އަޚުލާޤޭ އަޅުގަނޑު މިދެންނެވީ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ވީހާ ފުރިހަމަޔަކަށް، ވީހާ ރަނގަޅަކަށް ކުރެވޭތޯ ބެލުމަށް އަހަންމިއްޔަތު ދިނުމަށް. އާދެ، އަޅުގަނޑުމެންގެ ތެރެއިން މިހާރު ވަރަށްގިނަ މީހުންނަކީ ބާވަތް ބާވަތުގެ މަސައްކަތް ކޮށްގެން ދިރިއުޅޭ މީހުން. ވަރަށް ތަފާތު ގިނަ މަސައްކަތްތައް ރާއްޖޭގައި އުފެދިގެން ކުރިއަރަމުން އެބަދޭ. އިމާރާތް ކުރުމުގެ މަސައްކަތް، ވަޑާމުގެ މަސައްކަތް، އަދި އެނޫންވެސް އެކި ކަންތައްތައް. ޓޫރިސްޓުންނަށް ބޭނުންވާ އަތްތެރި މަސައްކަތުގެ ކަންތައްތައް ކުރުމުގެ މަސައްކަތް. ވަރަށްގިނަ ތަފާތު ބާވަތް ބާވަތުގެ މަސައްކަތްތައް ކުރިއަރަމުން ހިނގަމުން އެބަދޭ. އެ މަސައްކަތްކުރާ މީހުން، އެމީހަކު އެކުރާ މަސައްކަތެއް ވީހާ ފުރިހަމަޔަކަށް ކުރެވޭތޯ ބެލުމަށް ސަމާލުކަން ދެމާތޯއޭ؟

އާދެ، ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ، އެމީހަކު އެކުރާ މަސައްކަތެއްގެ ފެންވަރާ ދޭތެރޭގައި. ތިމަންނާ އެ ހެދި އެއްޗެއް އެއީ ޒަމާނަށް ދެމިހުންނާނެ އެއްޗަކަށްވުން. އެއީ ތިމާއަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ނުވަތަ ފަޚުރެއް ލިބެންވީ ކަމެއް. މިހާރު އެކަމަކު އަޅުގަނޑުމެންގެ ތެރޭގައި މިދެންނެވި އަޚުލާޤު، މަސައްކަތްތެރިކަމުގެ އަޚުލާޤު އެގޮތަށް އޮތެކޭ އަޅުގަނޑަށް ދެންނެވޭކަށްނެތް. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކާ އެ ހަވާލުވި މަސައްކަތެއް، ވީ އެންމެ އަވަހަކަށް ކޮށްލައިފައި އެއިން އަތް ދޫކޮށްލުން. އެ ލިބެންވީ ފައިސާކޮޅު ލިބުނީމާ އެ ނިމުނީ. އޭގެފަހުން އެމީހަކު އެކުރި މަސައްކަތަކަށް ކޮންމެގޮތެއް ވެގެންދިޔަޔަސް އެއީ އެމީހާ އެއްވެސްކަހަލަ އަސަރެއްކުރާނެ ކަމަކަށްނުވޭ. އިމާރާތްކުރާ ފަރާތްތަކުންވެސް ސަރުކާރުން ކޮންމެވެސް ފަރާތަކާ ވަރަށްބޮޑު އަގަކަށް އިމާރާތެއްކުރަން ހަވާލުކޮށްފާނެ. އިމާރާތްކޮށް ނިމުމުން އެމީހާއަށް އެ ލިބެންވާ ފައިސާކޮޅު ލިބުނީމާ އެމީހާގެ ހިތްހަމަޖެހުނީ. އެއްމަސް ދުވަސްވެސް ނުވަނީސް އިމާރާތުން ވެލި ފައިބަން ފަށާފާނެ. ފުރާޅުން ވާރޭވެހެން ފަށާފާނެ. ފަންގިފިލާ ހަލާކުވެދާނެ. ކުޑަދޮރުތައް އެހެންގޮތެއް ވެދާނެ. މިހެންގޮސް ތަނަށް ވަރަށްގިނަ ގެއްލުންތައް ލިބެމުން ހިނގައިދާނެ. އެއީކީ އެއްގޮތަކަށްވެސް އެ މަސައްކަތްކުރި މީހަކު ބަލައިލާ ތަންކޮޅެއް ނޫން. އެކަމަކު އެއީތޯ އެކަން ވާންވީގޮތަކީ؟ މަސައްކަތްތެރިކަމުގެ މުޖުތަމަޢުތަކުގައި އެއީއެއް ނޫން އެކަންތައް އޮންނަގޮތަކީ. ކޮންމެ މީހަކުވެސް އެމީހަކާ އެ ހަވާލުވާ މަސައްކަތް ކުރަނީ އެމީހަކަށް ވެވުނު އެންމެ ފުރިހަމަ ދަރަޖަޔަކަށް. އަދި އެ މަސައްކަތް ގިނަދުވަހަށް ދެމިހުރުން އެއީ އެމީހަކު ދެކެނީ އެމީހަކަށް ލިބޭ ފަޚުރެއް ކަމުގައި.

މިހާރު ބައްލަވާ! ދިވެހިރާއްޖޭގައި ހުރި އިމާރާތްތަކުގެ ތެރެއިން މުލީއާގެ. ވަރަށް ޒަމާނުއްސުރެ ހެދިފައި ހުރި ތަނެއް. އެހެންނަމަވެސް، ތަން ހެދިފައި ހުރިލެއް ފުރިހަމަކަމުން އަދިވެސް ތަނުގެ އަސްލު އިމާރާތަށް އެއްވެސް މަރާމާތެއް ކުރާކަށްނުޖެހޭ. ވަރަށްގިނަ ދުވަސްވެއްޖެ އެހެން ހުންނަތާ. މަރާމާތު ކުރަންޖެހެނީ ވަރަށް އާދައިގެ ކުދިކުދި ތަންތަނަށް. އަސްލު އިމާރާތަށް އެއްވެސްކަހަލަ ބަދަލެއް ގެންނާކަށް ނުޖެހޭ. އެއީ އެތަން ހެދިފައި ހުރިލެއް ފުރިހަމަކަމާއި މޮޅުކަމުން. އެކަހަލަ އިމާރާތެއް މިހާރު އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކު އެއްގޮތަކަށްވެސް ނުއުފެއްދޭ. ހަދާ ކޮންމެ ތަނެއް އެއްމަސް، ދެމަސް، ތިންމަހުގެތެރޭގައި ނުވަތަ އަހަރުދުވަސްވާއިރު އޮންނާނީ އަލުން ހަދަންޖެހިފައި، ވީރާނާވެފައި. އެހެންވީމާ، އެއީ އަޅުގަނޑު މިދަންނަވާ ވާހަކަޔަކީ. އަޅުގަނޑުމެން ކުރާ މަސައްކަތް، އެ މަސައްކަތް އެއީ އިމާރާތެއް ކަމުގައިވިޔަސް، ނުވަތަ ކުޑަވެގެންގޮސް ގޮނޑިޔަކަށް ކަމުގައިވިޔަސް، ވަޑާންކުރާ މީހަކު ޖަހާ ގޮނޑިޔަކަށް ކަމުގައިވިޔަސް، އޭނާ އެ ފަޚުރެއް ހާސިލުކުރަންޖެހޭނެ، ރަނގަޅަށް އެ ގޮނޑި ޖެހުމުގައި. އެ ގޮނޑި އެއީ އޭނާގެ މަސައްކަތްތެރިކަމާއި ހުނަރުވެރިކަން ދައްކައިދޭ ދަލީލަކަށް ހަދަން އޭނާ ބޭނުންވާންޖެހޭނެ. އެހެން ނޫން ގޮތެއްގައިވިއްޔާ އަޅުގަނޑުމެންނަށް މަސައްކަތްތެރިންގެ އަޚުލާޤު ލިބިގަނެވުނީ ކަމަކަށްނުވާނެ.

އަޅުގަނޑުމެންގެ މާތްވެގެންވާ ދީނުގައިވެސް މިކަންކަމަށް ވަރަށްފުރިހަމައަށް އިޝާރާތް ކުރައްވައި މި އަޚުލާޤު ލިބިގަތުމަށް އަންގަވައިފައިވޭ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވޭ. [إِنَّ اللَّـهَ يُحِبُّ إِذَاعَمِلَ أَحَدُكُمْ عَمَلاً اَنْ يُتْقِنَهُ] އާދެ، ހަމަކަށަވަރުން اللّه سبحانه وتعالى ލޯބިވެވޮޑިގެންވެއޭ ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް ކަމެއް ކޮށްފިނަމަ އެކަމެއް ވީހާ ރަނގަޅަކަށް ކުރެވޭތޯ ބެލުމަށް. އެކަމެއް ވީހާ ފުރިހަމަކޮށް، ވީހާ މޮޅުކޮށް ކުރެވޭތޯ ބެލުމަށް اللّه سبحانه وتعالى ލޯބިވެވޮޑިގެންވެއޭ. ހަމައެފަދައިން، ކީރިތި ރަސޫލާ ޙަދީޘްކުރައްވާ. [إِنَّ اللَّـهَ كَتَبَ الإِحْسَانَ فِى كُلِّ شَىْءٍ] ހަމަކަށަވަރުން اللّه سبحانه وتعالى ކޮންމެ ކަމެއްގައިވެސް އިޙުސާންތެރިކަން ލިޔުއްވައި މިންވަރުކުރައްވައިފައިވެޔޭ. އެކަމަކީ ހަމައެކަނި އަޅުގަނޑުމެން ކުރާ އަޅުކަމެއް ނޫނޭ. ނަމާދުކުރުމުގައިވެސް އިޙުސާންތެރިވާން ބޭނުންވެޔޭ. ރޯދަހިފުމުގައިވެސް އިޙުސާންތެރިވާން ބޭނުންވެޔޭ. ދީނީ ފަރުޟުތައް އަދާކުރުމުގައިވެސް އިޙުސާންތެރިކަން އޮންނަންޖެހޭ ފަދައިން، އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތުގައި ކުރާ ކޮންމެ ކަމެއްގައިވެސް އެ އިޙުސާންތެރިކަން އޮންނަން އެބަޖެހޭ. އެހެންވީމާ، ރަސޫލާ އެ ޙަދީޘްކުރައްވަނީ ހުރިހާ ކަމެއްގެ މައްޗަށް  اللّه سبحانه وتعالى އިޙުސާންތެރިކަން ލިޔުއްވައި މިންވަރުކުރެއްވިއޭ. މިއީ އަޅުގަނޑުމެންގެ ދީނުގައިވެސް އަންގަވައިފައިވާ އުސޫލުތަކަކީ. އަޅުގަނޑުމެންގެ އަޚުލާޤު ހުންނަންވީ ގޮތަކީ މިއީ.


އެހެންވީމާ، އަޅުގަނޑުމެން މިއަދު އިޤުތިޞާދީ ގޮތުން ކުރިއަރަމުންދާއިރު، ބޭރު މީހުންނާ ގުޅިގެން އެކިއެކި މަސައްކަތްތައް ފަށައިގެން ހިންގަމުންދާއިރު، މި މަތިވެރި އަޚުލާޤުގެ މައްޗަށް އަޅުގަނޑުމެންގެ ސަމާލުކަން ވަރަށްބޮޑު ދަރަޖަޔަކަށް ދޭންޖެހޭނެކަމާމެދަކު ޝައްކެއްނެތް. ހަމައެފަދައިން، އަޅުގަނޑުމެން ވިސްނައިލަންޖެހޭ އެހެން ނުކުތާއެއް، އަޅުގަނޑުމެންގެ ޝަރަފު ހިފެހެއްޓުން. އެހެން މިދަންނަވަނީވެސް މިހާރަކަށްއައިސް އަޅުގަނޑުމެންގެ ރާއްޖޭގެ މީހުން ބިދޭސީންނާ ގުޅިގެން އެކިއެކި މަސައްކަތްތައް ހިންގަމުން އެބަގެންދޭ. ވަރަށްގިނަފަހަރަށް ދިމާވާގޮތެއް، ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ދެފަރާތުގެ ދެމެދުގައި ހަމަނުޖެހުން އުފެދި އެންމެފަހުން މައްސަލަ ޝަރީޢަތަށްދާގޮތް ދިމާވޭ. ގިނަފަހަރަށް ދިމާވެފައި އޮންނަނީ އަޅުގަނޑުމެންގެ މީހާ، އެ ދިވެހި މީހާ، ކޮންމެވެސްކަހަލަ މަކަރެއް ހަދައިފައި އޮންނަނީ. ކޮންމެވެސްކަހަލަ ގޯހެއް ހަދައިގެން، ފުރުޞަތުގެ ބޭނުންކޮށްގެން އެ ބިދޭސީ މީހާގެ ނުވަތަ ފަރާތުގެ ފައިސާ ނުޙައްޤުގޮތުގައި އަތުލައިފައި އޮންނަނީ. މިއީ ވަރަށްދެރަ ކަމެއް. މިކަހަލަ ކަންތައް ދިމާވުމުން، އޭގެ ހުތުރު އެ ރައްދުވަނީ ހަމައެކަނި އެކަންކުރާ މީހަކަށް ނޫން. އޭގެ ހުތުރު އެ ރައްދުވަނީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް.

އެހެންވީމާ، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް އަޅުގަނޑުމެންގެ ޝަރަފު ހިފެހެއްޓޭތޯ ބަލަންވާނެ. ހަމަ މިއަދު އެކުރާ ކަމަކުން އަޅުގަނޑުމެންނަށް ފަންސާސްހާސް ރުފިޔާ ލިބުނު ކަމުގައިވިޔަސް، އަދި އެއްލައްކަ ރުފިޔާ ފައިދާއަކަށް ލިބުނު ކަމުގައިވިޔަސް، މާދަމާ އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނީ ހުތުރު ނަމެއް ކަމުގައިވަންޏާ، އެ ލިބުނު ފަންސާސްހާސް ރުފިޔާގެ ނުވަތަ އެއްލައްކަ ރުފިޔާގެ ބޭނުމަކީ ކޮބައިތޯ! އެއްވެސް ބޭނުމެއް ނެތްކަން ޔަގީން. އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި މިއަދު ދުނިޔެއަށް ނުކުމެގެން މިދަނީ. އަޅުގަނޑުމެންގެ އަފްރާދުން ދުނިޔޭގެ އެހެން މީސްމީހުންނާ ގުޅިގެން ތަފާތު މަސައްކަތްތައް ފަށައިގެން ހިންގަމުން މިގެންދަނީ. އެހެންވީމާ، އަޅުގަނޑުމެން އެމީހުންނާ މުޢާމަލާތުކުރާއިރު، އަޅުގަނޑުމެންގެ އަމިއްލަ ޝަރަފު ހިފަހައްޓަންޖެހޭނެ. އަޅުގަނޑުމެންގެ ޤައުމުގެ ޝަރަފު ހިފަހައްޓަންޖެހޭނެ. އެހެންނޫނީ ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންނަށް މިހާރު މި ލިބެމުން އަންނަ ފުރުޞަތުތައްވެސް ގެއްލިގެން ހިނގައިދާނެ. ދެން ބޭރުމީހުން އައިސް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ބަދަލުގައި އެމީހުން އެހެން ތަންތަނަށް ދާން ފަށައިފާނެ. އެއީ އެއްވެސްކަހަލަ އަމާންކަމެއް، އިތުބާރެއް ނެތީމާ. އެހެންވީމާ، އަޅުގަނޑުމެންގެ އިތުބާރު ހުންނާނީ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގައި، އަޅުގަނޑުމެންގެ ޝަރަފު ވެވުނު އެންމެމަތީ ދަރަޖަޔަކަށް ހިފަހައްޓައިގެން. މަސައްކަތްތެރި މުޖުތަމަޢެއްގައި މިދެންނެވި ކަންތައްތައް ހުރުމަކީ ކޮންމެހެން ބޭނުންކަމެއް.

ހަމައެފަދައިން، މިރޭގެ އަޅުގަނޑު މި ވާހަކަކޮޅު ނިންމައިލުމުގެ ކުރިން އަދިވެސް އެއް ވާހަކައެއް ދަންނަވައިލަން ބޭނުންވޭ. އެއީ އަޅުގަނޑުމެންގެ މުޖުތަމަޢު މިހާރު ކުރިއަރަން މިކުރާ މަސައްކަތްތަކުގައި އަންހެނުންގެ ޚިދުމަތް ލިބެން ބޭނުންވެފައިވާލެއް ބޮޑުކަން. އާދެ، އަޅުގަނޑަށްވެސް އެނގޭ، ރާއްޖޭގެ އަންހެނުން މިހާރު ކުރިއަށްވުރެ ވަރަށްބޮޑުތަން އިޖުތިމާޢީ މަސައްކަތްތަކުގައި ކުރިއަށް ވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވާކަން. އަންހެނުންގެ ޚިދުމަތްތައް އިހަށްވުރެ ބޮޑަށް ލިބެމުންދާކަން. އެހެންނަމަވެސް، އަދި އަޅުގަނޑަށް ފެންނަގޮތުގައި ފުދޭވަރަކަށް އަންހެނުންގެ ޙިއްޞާވުމެއް އަޅުގަނޑުމެންގެ ކަންތައްތަކަކު ލިބެމުންނެއްނުދޭ. އަންހެނުންނަކީ މުޖުތަމަޢުގެ ދެބައިކުޅައެއްބައި، ޖަމާޢަތުގެ ދެބައިކުޅައެއްބައި. އަންހެނުންގެ މަސައްކަތް ޚާއްޞަވެފައި އޮންނަނީ، ހަމައެކަނި ގޭގެ ދާއިރާއަށް ކަމަށްވަންޏާ، އަޅުގަނޑު ހިތުން އެހެން ޤައުމުތައް ކުރިއަށްދާ ހަލުވިކަމަކާއެއްވަރަށް އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ.

އާދެ، އަޅުގަނޑުވެސް އެއްބަސް، އަންހެނުންގެ ޚާއްޞަ ވާޖިބުތަކެއް ހުރޭ. އެ ވާޖިބުތައް އެއީ ފިޠުރަތީ ގޮތުން، ޤުދްރަތީ ގޮތުން، ޠަބީޢީގޮތުން އަންހެނުން އަދާކުރަންޖެހޭނެ ވާޖިބުތަކެއް. ދީނީގޮތުންވެސް އަންހެނުން އަދާކުރަންޖެހޭނެ ވާޖިބުތަކެއް. އެހެންނަމަވެސް، އެ ވާޖިބުތައް އަދާކުރުމާ އެކުގައި، މުޖުތަމަޢުގެ ފައިދާއަށްޓަކައި، ޖަމާޢަތުގެ ފައިދާއަށްޓަކައި، ޖަމާޢަތުގެ މަސައްކަތްތަކުގައި އަންހެނުން ބައިވެރިވުމަކީވެސް ބޭނުންތެރި ކަމެއް ކަމަށް އަޅުގަނޑު ދެކެން. އެއީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް ހުއްދަކުރައްވައިފައިވާ ކަމެއް. އަދި އަޅުގަނޑުމެންގެ މި އިސްލާމީ އުންމަތުގެ ކުރީކޮޅުގައި، އިސްލާމީ އުންމަތުގެ އަންހެނުންވެސް އާންމު ވަރަށްގިނަ މަސައްކަތްތަކުގައި ފިރިހެނުންނާއެކު ބައިވެރިވެވަޑައިގެންފައިވާކަން ތާރީޚުން އަޅުގަނޑުމެންނަށް އެނގެން އެބައޮތް. އެހެންވީމާ، އަންހެނުންވެސް އަޅުގަނޑުމެންގެ ޤައުމީ މަސައްކަތުގައި ފުދޭވަރަކަށް ބައިވެރިވެގެން ނޫނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެން މި އެދޭ މިންވަރަކަށް އެދޭ ހަލުވިކަމާއެކު ކުރިއަކަށް ނުދެވޭނެކަން ކަށަވަރު.

އާދެ، ޤައުމީ މަސައްކަތްތަކުގެ ވާހަކަ ދައްކާއިރު ކުޑަކުޑަ ދެކަމަކަށް، ކުޑަކުޑަ ދެކަމެކޭ ދެންނެވިޔަސް އެއީ ވަރަށްބޮޑު ދެކަމެއް. ނުވަތަ ތިންކަމެއް. އެ ކަންތައްތަކަށް އިޝާރާތްކޮށްލާހިތް އަޅުގަނޑު އެބައޮތް. އޭގެތެރެއިން އެއްކަމަކީ މިދޭތެރެއިން ގަވާއިދާ ޚިލާފަށް މި ވަނތް ބޯޓު ހިފުމުގައި ސިފައިން ކުރެއްވި ހިތްވަރު. އެއީވެސް ޤައުމީ ޚިދުމަތުގެ ވަރަށްބޮޑު މިސާލެއް، ސިފައިން އަޅުގަނޑުމެންނަށް އެ ސާބިތުކޮށްދެއްވީ. އަޅުގަނޑުމެންގެ ޒުވާން ހިތްވަރުގަދަ ސިފައިން އަޅުގަނޑުމެންގެ ކަނޑުގެ ސަރަޙައްދު ރައްކާތެރި ކުރެއްވުމުގައި އެ އަދާކުރެއްވި މަތިވެރި ވާޖިބަށްޓަކައި، ދައުލަތުގެ ނަމުގަޔާއި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ސިފައިންނަށް ޝުކުރު އަދާކުރަން.

ހަމައެފަދައިން، މުޖުތަމަޢަށް ފައިދާހުރި އެކިއެކި ބޮޑެތި މަސައްކަތްތައް ކުރުމުގައި ރައްޔިތުން ބައިވެރިވެލައްވާ މިންވަރު، ރައްޔިތުން ބައިވެރިވެވަޑައިގަންނަވާ މިންވަރު އަޅުގަނޑަށް އިހުސާސް ކުރެވޭތީ، އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ރާއްޖެތެރޭގެ ވަރަށްގިނަ މަސައްކަތްތަކުގައި ރައްޔިތުން އެއްވެސް މުޤާބިލެއްނެތި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވާ. އެކި ރަށްރަށުގައި މިސްކިތް އިމާރާތް ކުރުން، ނުވަތަ ރަށުތެރެ ސާފުކުރުން، ފަޅުކޮނުން މިހެންގޮސް ރަށަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކުގައި ރަށްރަށުގެ ރައްޔިތުން ނިކުމެވަޑައިގެން މަސައްކަތް ކުރައްވާ. އެކުރައްވާ މަސައްކަތަކީ ވަރަށްބޮޑު، ވަރަށް މުހިންމު އިޖުތިމާޢީ މަސައްކަތެއް. އެ މަސައްކަތުގެ ފައިދާ އެ ރަށްރަށަށް ލިބޭ. އަދި އޭގެސަބަބުން އަޅުގަނޑުމެންގެ ދިވެހި ޤައުމަށްވެސް އިތުރު ތަރައްޤީއެއް ލިބޭ. ހަމައެއާއެކު، މާލޭގައިވެސް މާލޭގެ ރައްޔިތުންގެ ފަރާތުން އެ ފެންނަމުންދާ ހަރަކާތްތެރިކަން އެއީ، އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. މާލޭގެ މަގުތައް ހަލާކުވެގެން އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ކެތްނުކުރެވޭ ހިސާބަށް ދިޔުމުން ސަރުކާރުގެ މުވައްޒަފުން ނުކުމެގެން މަގުތައް ހެދުމުގެ މަސައްކަތްކުރި. ހަމަ އެއާވިދިގެން މާލޭގެ އަވަށްއަވަށުގެ ރައްޔިތުންވެސް ނިކުމެވަޑައިގެން، އެ މަސައްކަތް ވަރަށް ފޯރިއާއި ވަރަށް ތެދުވެރިކަމާއެކު ކުރައްވައިފި. އެހެންވީމާ، މާލޭގެ ރައްޔިތުންވެސް ޤައުމީ ޚިދުމަތުގައި މިފަދަ ބޮޑު މަސައްކަތެއްގައި އެ ދެއްކެވި ރީތި ނަމޫނާއަށްޓަކައި މާލޭގެ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ، މި އުފާވެރި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމުން. އަޅުގަނޑުގެ އިލްތިމާސަކީ ކުރިއަށް އޮތް އަހަރަކީ ޤައުމީ ޚިދުމަތުގެ އަހަރެއްކަމުގައި ހެދޭތޯ އަޅުގަނޑުމެން އެންމެން މަސައްކަތް ކުރުން. ދިވެހިރާއްޖޭގެ އެންމެން އެއްވެސް އިސްތިސްނާއެއްނެތި، ދިވެހިރާއްޖޭގެ އަންހެނުންނާއި ފިރިހެނުން، ދިވެހިރާއްޖޭގެ ކުޑަކުދިންނާއި ބޮޑެތި މީހުން، ދިވެހިރާއްޖޭގެ ޒުވާނުންނާއި ހަރުމީހުން، އެންމެން އެކަތިގަނޑަކަށްވެގެން ކުރިއަށް އޮތް އަހަރު އެއީ ޤައުމީ ޚިދުމަތުގެ އަހަރެއް ކަމަށް ހެދޭތޯ މަސައްކަތް ކުރަމާ ހިންގަވާށޭ!

والسّـلام عليـكم ورحـمة اللّـه وبـركاتـه.