ޗައިނާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކޮންގ ޒުއަންޔޫ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކުރެވިފައިވާ ގުޅުމަށް ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށްޓަކައި ޗައިނާއިން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުންވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ކުރިއަށް އޮތްތާނގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދަވާ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން، ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން ރަމްޒުވާ ކަމުގައި ވިދާޅުވިއެވެ. ކުރިއަށް އޮތްތާނގައިވެސް ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށާއި، ޗައިނާއިން ރާއްޖެއަށް ދެމުންގެންދާ އެހީތެރިކަން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒަޢާމަތުގައިވެސް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާގެ އެސިސްޓެންޓް ފޮރިން މިނިސްޓަރގެ އަރިހުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގ ފުކަންގާއި، ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރޑް ސެކްރެޓަރީ ބައިވެރިވެވަޑައިގެންނެވިއެވެ.