މި ސަރުކާރުގައި އެއްވެސް ރައްޔިތަކު ހަވާސާނުވާނެ ކަމަށާއި، ޚާއްޞަކޮށް ޒުވާނުންނަށްޓަކައި ކުރެވޭ ކަންތައްތަކަކީ މުސްތަޤްބަލަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ ދާން ބޭނުންވާ މިސްރާބަކީ މި ސަރަހައްދުގައި އޮތް އެންމެ ހިތްގައިމު، އެންމެ އަމާން، އަދި އެންމެ ކުރިއެރުމާއި ތަހުޒީބަށް ލޯބިކުރާ ދިވެހިރާއްޖެއަކަށް ކަމުގައި ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ މަސައްކަތްޕުޅަކީ، ތަހުޒީބާއި ތަރައްޤީއަކީ ހަމައެކަނި ކޮންކްރީޓުން ގެންނަ އެއްޗެއް ނޫންކަން އަންގައިދިނުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރާއްޖޭގައި ޤާއިމްކުރަން ބޭނުންވަނީ އޯގާތެރި މުޖުތަމަޢެއް ކަމަށާއި، ބިނާކުރަން ބޭނުންވަނީ އަޅުގަނޑުމެންގެ ޚަޒާނާގެ ތަނަވަސްކަމުން ބިނާ ކުރާ އިމާރާތްތައް ދަމަހައްޓާނެ ރަގަޅު ރައްޔިތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ ބޭނުންފުޅަކީ ދިވެހި ޒުވާނުންނަކީ މުޖުތަމަޢުގެ ތަރައްޤީގެ ހިއްސާގައި ބައިވެރިވާ ބަޔަކަށް ހެދުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ކުދިންގެ ތަރުބިއްޔަތަށް ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވަމުން، ޒުވާންފުރައަށް އަންނަ ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ފެންވަރު ރަނގަޅު، ތަރުބަވީ ތަޢުލީމެއް ދިނުމުގެ ބޭނުމަކީ ދެން ބިނާ ކުރާ ޖީލަކީ އަމާން ޖީލަކަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. މިގޮތުން، ދީނަށް ލޯބިކުރާ، އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް ބިނާ ކުރުމަކީ ދިވެހިރާއްޖެއަށް އޮތް އެންމެ އަމާން ގޮތް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން އަޅުއްވާ މިފަދަ ފިޔަވަޅުތަކުގެ ނަތީޖާއަކަށްވާނީ، ހަމަޖެހޭ ދިރިއުޅުމެއް އުޅޭނެ، އެކެއްގެ ފަރާތުން އަނެކަކަށް އުފާވެރިކަން ގެނެސްދޭނެ، އެކެއްގެ ފަރާތުން އަނެއް އަވައްޓެރިޔާއަށް އުނދަގޫ ނުކުރާ ކަހަލަ ޒިންމާދާރު މުޖުތަމަޢެއް ބިނާވެގެން ދިއުން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަސައްކަތްޕުޅަކީ ދިވެހި ރައްޔިތުންނަށް އުފާ ފާގަތިކަން ހޯދައިދީ، ޖީބުގެ ތަނަވަސްކަން އިތުރުކޮށް، އަންހެން ބޭފުޅުންގެ ޙައްޤު މަގާމު ހޯދައިދިނުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.