ރައްޔިތުންނަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާލެއަތޮޅު ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ނިންމުން ފާހަގަކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި މަޝްރޫޢުގެ ދަށުން ހިންމަފުށީގައި 21.6 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ހިންމަފުށީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރާ ހިއްސާކުރުމުން އެކަންކަން ފުއްދައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާ ކަމުގައި ބަޔާންކުރެއްވިއެވެ. މީގެ ބަދަލުގައި ސަރުކާރާ ދެކޮޅަށް އަބަދު އެކި ކަންކަމާ މުޒާހަރާ ކުރުމުން ރައްޔިތުންގެ ތެރޭގައި އުފެދޭނީ ފިތުނަ ފަސާދަކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި، ސަރުކާރަށް ފާޑު ކިއުމުގައިވެސް، ސަރުކާރުން ކުރާ މަސައްކަތްތައް އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ފާޑު ކިޔުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ އަމާން، އެކަކު އަނެކަކަށް އިހްތިރާމް ކުރާ ބަޔަކު އުޅޭ ޤައުމަކަށް ހެދުމަކީ ހުރިހާ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއްކަން ހަނދާން ކޮށްދެއްވިއެވެ. މިގޮތުން، ސުލްހަވެރިކަމާއި ޤައުމުގެ ހަމަޖެހުމަށާއި އަދުލު އިންސާފަށް ލޯބިކުރާ، އަދި ޤާނޫނަށް ތަބާވާ ރައްޔިތަކު އުޅޭ، އެ ޤައުމެއްގައި ވަސީލަތްތައް ތަނަވަސްވެފައި އޮތް ރަށްތަކެއް ހުރި، އަދި އެ ވަސީލަތްތައް އާމްދަނީއަށް ބަދަލުކުރަން އެނގޭ ޓީމެއް މަސައްކަތް ކުރާ ޤައުމަކަށް ވެވިއްޖެނަމަ، ދިވެހިރާއްޖެއަށްވުރެ ފުރިހަމަ އެހެން ޤައުމެއް ނޯންނާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ޕީ.ޕީ.އެމް.ގެ ނައިބު ރައީސް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މާލެ އަތޮޅުގެ ތުލުސްދުއަށާއި ހިންމަފުއްޓަށް މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.