ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންތައްތައް ދެނެގަނެ، އެކަންކަމަށް އިސްކަންދީގެން އެކަންކަން ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލެއަތޮޅު ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިންމުމަށް މިއަދު ތުލުސްދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއަށް އަންނަ ކޮންމެ ކުރިއެރުމަކީ އަޅުގަނޑުމެން އެންމެންނަށް ލިބޭ ކުރިއެރުމެއްކަމަށާ އެއީ އަޅުގަނޑުމެން އެންމެން ޝާމިލުވާންޖެހޭ އުފަލެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، އަންހެންކަނބަލުންގެ އާދޭސްތަކާ ކެކުޅުންތަކަށް އަޅުގަނޑުމެންނަށް ނިމުމެއް ގެނެސްދެވޭކަމަށްވާނަމަ އަދި ޒުވާނުން ބޭނުންވާ ކަންކަން ފުރިހަމަ ވެގެންދާކަމަށްވާނަމަ އެއީ މި ސަރުކާރުގެ ދެ ވަޢުދެއް ފުދިގެން ދިޔައީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތައް ނިސްބަތްވަނީ ހަމައެކަނި ވަކި ޞަރަޙައްދަކަށްނޫންކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ތަރައްޤީއަކީ ހަމައެކަނި ތަރައްޤީގެ ފޭރާން ހެޔޮކުރަން ގެންނަ ތަރައްޤީއެއް ނޫންކަމަށާ މި ތަރައްޤީގެ ޢަމާޒަކީ ރައްޔިތުންގެ އުޅުމާ ރައްޔިތުންގެ ވިސްނުމުގެ ފޭރާންވެސް ހެޔޮކުރުންކަމަށެވެ.

މީގެ އިތުރުން، ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ތަފާތު މަޝްރޫޢުތަކަށް އަމިއްލަ ފަރާތްތަކުން އެބައެއްގެ ޤާބިލުކަން ހުރި މިންވަރަކުން އެއްބާރުލުމާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ސަރުކާރުން އެންމެ ޚާއްޞަ ބައެއްގެ ގޮތުގައި ބަލައިގަންނަނީ ޒުވާނުންކަމަށާ މީގެ ސަބަބަކީ ޒުވާނުންނަކީ ޤައުމުގެ މުސްތަޤްބަލުކަމުގައިވުންކަމަށް ފާހަގަކުރެއްވިއެވެ. އަދި ޒުވާނުންނަށް އިންވެސްޓުކުރުމަކީ ރާއްޖޭގެ މުސްތަޤްބަލަށް އިންވެސްޓުކުރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޒުވާނުން ގެދޮރުވެރިވެގެން ދިއުމާ، ޒުވާނުންގެ ޙައްޤުތައް ލިބިގެންދިއުމާ، އަދި ޒުވާނުންނަށް ތަޢުލީމުގެ ފުރުޞަތު ލިބިގެން ދިއުމަކީ އަޅުގަނޑުމެންގެ މުސްތަޤްބަލު އުޖާލާކުރަން ހަދާ އިންވެސްޓްމަންޓެއްކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ތުލުސްދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އެރުއްވިއެވެ. ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވީ ތުލުސްދޫ ކައުންސިލުގެ ރައީސް އަލްފާޟިލް އަޙްމަދު އަނީސްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި މި ރަސްމިއްޔާތުގައި، ޕީ.ޕީ.އެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުﷲއާއި ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކުރީގައި 35 ހެކްޓަރުގެ ބިން އޮތް ތުލުސްދޫގައި ސަރުކާރުގެ ފަރާތުން ޖުމްލަ 10 މިލިއަން ޑޮލަރު ހޭދަ ކުރައްވައިގެން، 33 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.