ސްރީލަންކާގެ ފޮރިން މިނިސްޓަރ އޮނަރަބަލް މަންގަލަ ސަމަރަވީރާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ސްރީލަންކާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި، ސްރީލަންކާގެ ރައީސަށް ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް ފޮރިން މިނިސްޓަރގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި ޤާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ސްރީލަންކާއަކީ ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ، ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން ޞިއްޙީ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިން އިތުރަށް ބަދަހިކުރެވޭނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ސްރީލަންކާގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަރާތުން ސްރީލަންކާއަށް އަބަދުވެސް އެއްބާރުލެއްވުން ދެއްވާކަމަށްޓަކައި ޝުރުކުއަދާކުރެއްވިއެވެ. ސްރީލަންކާގެ ފޮރިން މިނިސްޓަރ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށާއި، ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ތަޢުރީފުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޒާހިޔާ ޒަރީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ފޮރިން މިނިސްޓަރގެ އަރިހުގައި، ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި، ސްރީލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.