ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، އައި.ޖީ.އެމް.އެޗްގައި އަލަށް ޤާއިމު ކުރެވުނު މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމާއި އުރަމަތީގެ ބަލިތަކުގެ ޚާއްޞަ ކްލިނިކް މިއަދު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މިއަދު އިފްތިތާޙުކުރެވުނު މެމޯގްރަފީގެ އެހީގައި އުރަމަތީގެ ކެންސަރަށް ސްކްރީންކުރުމާއި އުރަމަތީގެ ބަލިތަކުގެ ޚާއްޞަ ކްލިނިކްގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރަން ބޭނުންވާ، އުމުރުން 40 އަހަރުން މަތީގެ ކޮންމެ އަންހެން ބޭފުޅަކަށްވެސް ޑޮކްޓަރަކަށް ނުދައްކާ އުރަމަތީގެ ޑިޖިޓަލް އެކްސް-ރޭ ކަމުގައިވާ މެމޯގްރަފީ ހެދޭނެގޮތްވަނީ ހަމަޖެހިފައެވެ. އަދި މެމޯގްރަފީ ހެދުމަށްފަހު އިތުރު ފަރުވާ ބޭނުންވާ ބޭފުޅުންނަށް އެ ކްލިނިކުން އަލްޓްރާ ސައުންޑް ސްކޭން އަދި އެމް.އާރް.އައި ސްކޭން ހެދުމަށްފަހު ޑޮކްޓަރުންގެ އިރުޝާދު ހޯދޭނެފަދަ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހުގައި، މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް ޢަބްދުﷲ ނާޡިމް އިބްރާހީމްއާއި އައި.ޖީ.އެމް.އެޗް ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީ.އީ.އޯ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުހަތު ޝަހީރު ބައިވެރިވެވަޑައިގެންނެވިއެވެ.