ސައުތް އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ އަރުޖުން ބަހާދުރު ތާޕާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ރާއްޖޭގެ ސަރުކާރާއެކު އެމަނިކުފާނު ބާއްވަވާފައިވާ ގާތްގުޅުން ފާހަގަ ކުރައްވައި، ޝުކުރު އަދާކުރައްވައި އެމަނިކުފާނަށް ފާގަތި މުސްތަޤްބަލަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި. އަދި، މިހާރު އުފައްދާފައިވާ ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) އެގްރިމަންޓްގެ ސަބަބުން ދެކުނު އޭޝިއާ ޞަރަޙައްދުގެ ޤައުމުތައް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ތަރައްޤީވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ޞަރަޙައްދުގެ ޤައުމުތަކުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހި ކުރުމަކީ މުހިންމު ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމްއާއި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.