ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)ގެ ފަރާތުން ޖީ.އެމް.އާރު. - އެމް.އޭ.އެޗް.ބީ. ކޮންސޯޓިއަމް އާ ދެކޮޅަށް ކުރިއަށް ގެންދިޔަ އާބިޓްރޭޝަން މައްސަލާގައި، ދިވެހި ސަރުކާރުގެ ޤާނޫނީ ވަކީލުންގެ ގޮތުގައި ތަމްސީލުކުރެއްވި ރާއްޖޭން ބޭރުގެ ޤާނޫނީ ޓީމްގެ ލީޑް ކައުންސެލުންގެ ގޮތުގައި ހަރަކާތްތެރިވި މިސްޓަރ މައިކަލް ބްލޮކް ކިއު.ސީ. އާއި މިސްޓަރ ކެނެތު ޕެރޭރާ އާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފިއެވެ. އަދި މި ބައްދަލުކުރެއްވުމުގައި، އާބިޓްރޭޝަން މަރުހަލާގައި އެ ދެ ބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތަށް، ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެޓަރނީ ޖެނަރަލް އަލްއުސްތާޛް މުޙައްމަދު އަނިލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރާއި، ޑެޕިއުޓީ އެޓަރނީ ޖެނަރަލް އަލްއުސްތާޛް އަޙުމަދު އުޝާމާއި، އެމް.އޭ.ސީ.އެލް.ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް މޫސާއާއި، އެމް.އޭ.ސީ.އެލް.ގެ ބޯޑު މެންބަރު އަލްފާޟިލް އިބްރާހީމް މަހުފޫޒު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.