ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުގެ ތެރެއިން، ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަހަރުގެ ރިޔާސީބަޔާން ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވަވައިފިއެވެ. ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2017 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ދިވެހިންގެ މެދުގައި ޚާއްޞަކޮށް، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އިސްލާމީ ވަޙުދަތާއި، އިސްލާމީ ޙަޟާރަތާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމުގެ ޤައުމީ މަޝްރޫޢެއް ހިންގަން ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި، ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި މި މަޝްރޫޢު ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، މިދިޔަ އަހަރަކީ ރާއްޖޭގައި މީގެކުރިން ދުވަހަކުވެސް ތަރައްޤީގެ މަސައްކަތްތައް ހިނގާފައިނުވާ ހަލުވިމިނެއްގައި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ހިނގައިދިޔަ އަހަރެއްކަން ފާހަގަކުރައްވައި، ސަރުކާރުން ވެފައިވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަޅަމުންދާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތް ކުރިޔަށްދާގޮތުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި، ހުޅުމާލެ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި އައްޑޫސިޓީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 1500 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ށ. ކޮމަންޑޫ، ރ. މަޑުއްވަރި، ބ.އޭދަފުށި، ޅ. ހިންނަވަރު، ޅ. ނައިފަރު، ދ. މީދޫ، ދ. ކުޑަހުވަދޫ އަދި އައްޑޫސިޓީ ފޭދޫގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 600 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް، މިއަހަރުގެ ތެރޭގައި ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށާއި، ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، މަސްވެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ޓުއަރިޒަމްގެ ދާއިރާއާއި، އަދުލު އިންސާފުގެ ދާއިރާއާއި، އިޖްތިމާޢީ ދާއިރާއިން ސަރުކާރުން ޙާޞިލްކުރައްވާފައިވާ ލަނޑުދަނޑިތަކާއި، މިދާއިރާތަކުން ކުރިއަށް ރާއްވަވާފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ޙިއްޞާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީބަޔާނުގައި، ޒުވާނުންނަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ކަންކަން ޚާއްޞަގޮތެއްގައި ފާހަގަ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ޒުވާނުންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށާއި، ވަޒީފާ ބޭނުންވާ ޒުވާނުންނަށް އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގައި ޒުވާނުންނަށް ވަޒީފާ ހޯދައިދީ، ވަޒީފާގެ މަޢުލޫމާތު ފޯރުވައިދިނުމުގެ މަސައްކަތް މިހާރުވެސް ކުރަމުންގެންދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި، ސަރުކާރުން ހިންގަމުންދާ ޢުމްރާނީ ތަރައްޤީގެ ޕްރޮގްރާމްތަކާއި، އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޝްރޫޢުތަކުގެ ސަބަބުން ޒުވާނުންގެ މެނިފެސްޓޯގައި ހިމެނޭ 94,000 ވަޒީފާގެ ފުރުޞަތުގެ ދަށުން، މިވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި، 64,000 އަށްވުރެ ގިނަ ވަޒީފާ ރާއްޖޭގެ އެކި ދާއިރާތަކުގައި އުފެދިފައިވާ ކަމަށް އަންދާޒާ ކުރެވޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް، މިއަހަރުތެރޭ ހުޅުވެން ހުރި ރިސޯޓުތަކާއި، ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫޢުތަކަށް ބަލާއިރު، މިއަހަރަކީވެސް ވަޒީފާގެ ބާޒާރު ތިޔާގި އަހަރަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާވިގޮތުގައި ސްކޫލް އުމުރުފުރާގެ އެންމެ ކުއްޖަކުވެސް ބާކީނުކޮށް، އެކުދިންގެ ޤާބިލިއްޔަތުކަމާއި ހުނަރާއި ބޭނުންތައް ދެނެގަނެ، ތަޢުލީމުގެ ނިޒާމަށް ގެނެވުނު ބަދަލާއެކު، ރާއްޖޭގެ ތަފާތު ޞިނާޢަތްތަކަށް ބޭނުންވާ މަސައްކަތާއި، ހުނަރު އުނގަންނައިދިނުމުގެ މަސައްކަތްތެރިކަމުގެ ސްޓްރީމްގައި މިހާރު 40 އިންސައްތަ ކުދިން ކިޔަވަމުންދާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީބަޔާނުގައި، ޞިއްޙީ ދާއިރާއިން ސަރުކާރުން އެންމެބޮޑު އިސްކަމެއް ދިނީ ރާއްޖެއިން ލިބެންނެތް ބައެއް ޞިއްޙީ ޚިދުމަތްތައް އައި.ޖީ.އެމް.އެޗް.ގައި ޤާއިމުކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ނޭޝަނަލް ކާޑިއެކް ސެންޓަރެއް ޤާއިމުކޮށް، އެ ސެންޓަރުން ޚިދުމަތްދޭން ފެށުމާއި، ނޭޝަނަލް ޔޫރޯ-ރީނަލް އެންޑް ފަރޓިލިޓީ ސެންޓަރެއް ޤާއިމުކޮށް، ކިޑްނީގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ފަރުވާ ލިބޭނެ އިންތިޒާމު، އައި.ޖީ.އެމް.އެޗް.ގައި ވަނީ ހަމަޖައްސާދީފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު، ޑިޖިޓަލް އެކްސްރޭގެ ޚިދުމަތް އައި.ޖީ.އެމް.އެޗްގައި ފެށިގެން ދިޔުމަކީ ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކަކީ، އެންމެފަހުގެ ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ފަރުވާދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު އިއްވެވި ރިޔާސީބަޔާނުގައި، ޙާއްޞަ އިޤްތިޞާދީ ސަރަޙައްދުތައް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، ދިވެހިރާއްޖޭގެ އެންމެ އުތުރުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ، އައިހެވަން މަޝްރޫޢުގެ ތަފްޞީލު ޕްލޭންތައް، މިއަހަރުގެ އެޕްރީލްގެ ކުރިން ނިމޭނެކަމުގައި ވިދާޅުވިއެވެ. މިއާއެކު، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމުގެ މަސައްކަތް ކުރެވިގެންދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދާއި ވިޔަފާރީގެ ހަރަކާތްތައް ދިވެހިރާއްޖޭގައި އިތުރުކުރުމަށް، ފާއިތުވެދިޔަ އަހަރު އެންމެބޮޑު އިންވެސްޓްމަންޓްތަކެއް ކުރެވިފައިވަނީ، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގައި ޢުމްރާނީ ގޮތުންނާއި، ވަސީލަތުގެ ގޮތުން ހުރި ދަތިތައް ޙައްލުކުރުމަށްކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީއަށް ފާއިތުވި 3 އަހަރު ހިންގިފައިވާ އަދި ހިންގަން ފަށާފައިވާ މަޝްރޫޢުތަކުގެ ޖުމްލަ އިންވެސްޓްމަންޓް އަދަދަކީ ގާތްގަނޑަކަށް 900 މިލިއަން އެމެރިކާ ޑޮލަރުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ ބަޔާން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިއްމު އަމާޒަކީ، ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންނަށް ދުޅަހެޔޮ އަދި ފެންވަރު ރަނގަޅު ދިރިއުޅުމެއް ފަހިކޮށްދިނުންކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އަވަހަށް ފުއްދައިދިނުންކަމުގައެވެ. އަދި، މި ސަރުކާރުގެ ފުރަތަމަ 3 އަހަރު ނިމިގެން ދިޔައިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިމިގެން ގޮސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުރިއަށް އޮތް ތާނގައިވެސް ދިވެހި އުންމަތަށް ފާގަތި ދުވަސްތަކެއް ފަހިކޮށްދޭން މި ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެއްވާފައެވެ.