މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދުގެ ދަށުން ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށްޓަކައި ރާވާފައިވާ 1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށްޓުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. މިރޭ ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި، ފަންނީ ދާއިރާތަކަކީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ދާއިރާތަކެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އަދުގެ ދުނިޔެއަކީ ވަޒީފާގެ މައިދާނުގައި ހުރި ވަޒީފާތަކަށް ނުކުތުމުގެ ބަދަލުގައި އަމިއްލައަށް ވަޒީފާ އުފައްދައިގެން ވަޒީފާ އަދާކުރާ ޒަމާންކަމުގައި އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ދިވެހި ޒުވާނުންނަށްޓަކައި ކޮމްޕިއުޓަރ ކޯޑިންގގެ ދާއިރާއިން ތަމްރީނުވުމަށް 1000 ފުރުސަތު މިއަހަރު ތެރޭގައި ހުޅުވައިލާނެކަން އިޢުލާނު ކުރެއްވިއެވެ. އަދި އޭގެ ސަބަބުން އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމުގައި ވިދާޅުވެ، ދިވެހި ޒުވާނުންނާމެދު ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ހުވަފެންފުޅަކީ މިއީ ކަމުގައި ބަޔާން ކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އިކޮނޮމިކް މިނިސްޓަރގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ދިވެހި ޒުވާނުންނަށްޓަކައި ފަހިކޮށްދެއްވަމުން ގެންދަވާ ފުރުސަތުތައް ފާހަގަކުރައްވަމުން، ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކޮށްދެއްވުމަށްޓަކައި އެމަނިކުފާނު ދެއްވާ އަހަންމިއްޔަތަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މިރޭ ފެށި 1000 ފޮޓޯގްރާފަރުންގެ ތަމްރީން ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށް ސަރުކާރުގެ ހުރިހާ ވުޒާރާއެއް ގުޅިގެން މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ކޯހުގެ ބައިވެރިންގެ ތެރެއިން އެންމެ މޮޅު 100 ކުދިންނަށް ބޭރު ޤައުމެއްގައި އިތުރަށް ތަމްރީންވުމުގެ ފުރުސަތު ދެއްވާނެ ކަމުގައިވެސް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ހަބާއި، ފޮޓޯގްރަފީ ކޯހުގެ ބައިވެރިން ނަގާފައިވާ ފޮޓޯތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވިއެވެ. 1000 ފޮޓޯގްރާފަރުންގެ ތަމްރީން ޕްރޮގްރާމްގެ ކޮންމެ ބައިވެރިއަކަށް ސަރުކާރުން އެންމެ ފަހުގެ ކެމެރާ ހޯއްދަވައިދެއްވާފައިވެއެވެ.