އެހެން ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން ކުރާ ކޮންމެ ކަމަކީ ޤާނޫނާއި ޝަރީޢަތުގެ ހުކޫމަތުގެ ތެރެއިން ކުރާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން މަސައްކަތް ކުރަނީ ސާބިތުކަމާއެކީ ދާންވީ މަންޒިލާއި މިސްރާބު އެނގި ތިބެ ކަމުގައި ބަޔާން ކުރެއްވިއެވެ. މިގޮތުން، ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ހައްލުކޮށް، ހުރިހާ ދާއިރާއަކަށް ބޭނުންވާ ތަރައްޤީ ގެނައުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ މަސައްކަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީގެ މާނައަކީ ހަމައެކަނި މާއްދީ ތަރައްޤީއެއްނޫން ކަމަށާއި، ރާއްޖެއަކީ ދުނިޔޭގެ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް ޝަރަފާއި އިއްޒަތާއި އަބުރާއި ކަރާމަތްތެރި ކަމާއެކީ ދުނިޔޭގެ މުއްސަސާތަކުގައި ފައިތިލަ ހަމަކުރެވޭތޯ މަސައްކަތް ކުރުމަކީވެސް މި ސަރުކާރުގެ އިސް އަމާޒެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.