"5.8"ގެ ނަމުން ނަން ދެވިފައިވާ ދުނިޔޭގެ ކަނޑުއަޑީގެ އެންމެ ބޮޑު ރެސްޓޯރަންޓު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިރޭ ހުޅުއްވާދެއްވައިފިއެވެ. މިރޭ އެކަމަނާ ހުޅުއްވައިދެއްވި ރެސްޓޯރަންޓު ޤާއިމުކުރެވިފައިވަނީ މިރޭގެ ކުރީގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުއްވައިދެއްވި ފާދިއްޕޮޅު އަތޮޅު ހުރަވަޅި އައިލެންޑް ރިޒޯޓްގައެވެ.

"5.8" ރެސްޓޯރަންޓަކީ ދުނިޔޭގައި މިހާތަނަށް ހަމައެކަނި ބިއްލޫރި ބޭނުންކޮށްގެން ހަދާފައިވާ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓެވެ. މި ރެސްޓޯރަންޓުގައި އެއް ވަގުތެއްގައި 24 ކަސްޓަމަރުންނަށް ޚިދުމަތް ދެވޭނެފަދަ އިންތިޒާމްވަނީ ހަމަޖެހިފައެވެ.

އިންޑިޔާ ކަނޑުގެ 5.8 މީޓަރު އަޑީގައި ޤާއިމުކުރެވިފައިވާ މި ރެސްޓޯރަންޓަކީ 74 ފޫޓުގެ ދިގުމިންހުރި ރެސްޓޯރަންޓެކެވެ.