ފާދިއްޕޮޅު އަތޮޅު ހުރަވަޅި އައިލެންޑް ރިޒޯޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ހުޅުއްވައިދެއްވައިފިއެވެ.

ހުރަވަޅި އައިލެންޑް ރިޒޯޓަކީ ޗަމްޕާލާސް ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބިނާކޮށް އަދި ހިންގަމުންދާ، ހަމައެކަނި ބޮޑެތި މީހުންނަށް ޚާއްޞަކޮށް ހެދިފައިވާ، 40 މިލިއަން ޑޮލަރުގެ ރިޒޯޓެކެވެ.

400 މީޓަރު ފުޅާ އަދި 165 މީޓަރު ދިގު، ފަސް ތަރީގެ މި ރިޒޯޓަކީ 180 އެނދުގެ ރިޒޯޓެކެވެ. 90 ކޮޓަރިއާ 3 ރެސްޓޯރަންޓު ހިމެނޭ މި ރިޒޯޓު ނިންމާފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައެވެ. މި ރިޒޯޓުގައި ހިމެނޭ 3 ރެސްޓޯރަންޓުގެ ތެރެއިން އެއް ރެސްޓޯރަންޓަކީ ކަނޑުއަޑީގައި ބިނާ ކުރެވިފައިވާ ދުނިޔޭގެ އެންމެ ބޮޑު ރެސްޓޯރަންޓެވެ.

މިރޭގެ ޙަފްލާގައި، ހުރަވަޅި އައިލެންޑް ރިޒޯޓާބެހޭ މަޢުލޫމާތު ހިމެނޭ ޚާއްޞަ ސީޑީއެއްވަނީ އަލްފާޟިލް ޗަމްޕާ މުޙައްމަދު މޫސާ، ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާ ކުރައްވާފައެވެ.

ހުރަވަޅި އައިލެންޑް ރިޒޯޓް ހުޅުވުމަށް މިރޭ ބޭއްވުނު ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއާ މިނިސްޓަރ އޮފް ޓޫރިޒަމް އޮނަރަބަލް މޫސާ ޒަމީރުވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.