ތަރައްޤީގެ މަޝްރޫޢުތަކުގައި ހިއްސާވުމަކީ ކޮންމެ ސަރުކާރެއްގެ ބޮލުގައި އެޅިފައިވާ މަސްޢޫލިއްޔަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ބަނދަރު ހުޅުވުމާއި، މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަށަކީ އާބާދީގެ ގޮތުން ކުޑަ ރަށަކަށް ވީނަމަވެސް، ބޮޑު ރަށަކަށް ވީނަމަވެސް، އަދި މާލެއާ ދުރުގައި އޮތް ރަށަކަށް ވީނަމަވެސް، އަދި ކައިރީގައި އޮތް ރަށަކަށް ވީނަމަވެސް، ކޮންމެ ރަށަކަށްވެސް ތަރައްޤީ ބޭނުންވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައިވިދާޅުވިއެވެ. މިގޮތުން، ކޮންމެ ސަރުކާރަކުންވެސް މަސައްކަތްކުރަނީ ރައްޔިތުން ބޭނުންވާ ކަންކަން ފޯރުކޮށްދޭންކަމުގައި ވިދާޅުވަމުން ޤައުމަށް ބޭނުންވަނީ ހަމައެކަނި ތަރައްޤީނޫންކަމަށާ ހަމަޖެހުންވެސް ބޭނުންވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑުމެންގެ ހުރިހާ ފިކުރަކަށްވާންވާނީ އަޅުގަނޑުމެން އިސްލާމީ އަޤީދާގައި ތިބެގެން އަޅުގަނޑުމެންގެ ނަފްސުތައް އަދި އަޅުގަނޑުމެންގެ އުޅުން ޒީނަތްތެރިކުރުމާއެކީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ހަމަޖެހުމަށް އިސްކަންދިނުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހި ކިޔަވާ ދަރިވަރުންނަށް ތަޢުލީމު ހާސިލުކުރުމުގައި ރަނގަޅު ނަތީޖާތައް ލިބިގެންދާނީ އަޅުގަނޑުމެންގެ ތެރޭގައި އަމާންކަމާ ސުލްހަވެރިކަން އޮތުމުންކަމަށާ އެ ކުދިންގެ ކަންކަން ބެލެހެއްޓުމަށްތިބި މީހުންނަށް ހިތްހަމަޖެހުން ލިބިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި މި ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށްކަމަށާ އަޅުގަނޑުމެން ތަޢުލީމީ ދާއިރާއަށް އިންވެސްޓް ކުރާނީ އެކަމުގެ އުފާ ހޯދަންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ރައްޔިތަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ އެބަޔެއްގެ ތެރޭގައި ޢިލްމީ، ރަނގަޅު، އިސްވެ އެރައްޔިތަކަށް ޚިދުމަތް ކޮށްދޭނޭ މީހުން ތިބުންކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނިލަންދެއަތޮޅު އުތުރުބުރީގެ ރައްޔިތުންނަށް ދެއްވި އުފާވެރި ޚަބަރެއްގެ ގޮތުގައި، ސަޢޫދީ ސަރުކާރުގެ އެހީގެ ދަށުން އެއަތޮޅުގައި ފެށުމަށް ހަމަޖެހިފައިވާ ބޮޑު މަޝްރޫޢަށް އަލިއަޅުއްވާލައްވާ އެ މަޝްރޫޢުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށާ މާލީ ގޮތުން އިތުރު ތަނަވަސްކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މަގޫދޫ ޒުވާނުންނަށް ޢަމާޒުކޮށް އެރަށުގައި ހަދަންފަށާފައިވާ ފުޓްސަލް ދަނޑު މިއަހަރުގެ ނިޔަލަށް ނިމިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މަގޫދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އެރުއްވިއެވެ. ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަލްފާޟިލް އަޙްމަދު މުބީންއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން މަގުދޫގައި ހަދާފައިވާ 500 ފޫޓު ދިގު، 250 ފޫޓު ފުޅާ ބަނދަރު ހެދުމަށް ސަރުކާރުގެ ފަރާތުންވަނީ 40.1 މިލިއަން ރުފިޔާ ހޭދަ ކުރައްވާފައެވެ. މިގޮތުން، މި ސަރުކާރުންވަނީ މިއަދާހަމައަށް 30 ރަށަކަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަމަށް ހައްލު ގެނެސްދެއްވާފައެވެ.