ރާއްޖޭގައި މީގެ ކުރިން އައި ސަރުކާރުތަކާއި މި ސަރުކާރާ އޮތް ތަފާތަކީ، ރައްޔިތުން ބޭނުންވާ ކަންކަން އެނގުމާއެކު އެ ކަންކަން ކުރެވޭތޯ މަސައްކަތް ކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ނާލާފުއްޓަށް ވަޑައިގެން، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ދަތިވެފައިހުރި ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައި ބަޔާންކުރެއްވިއެވެ. އަދި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްނުދީ، ރައްޔިތުންގެ ސަމާލުކަން ހޯދުމަށް މި ސަރުކާރުން ހަމައެކަނި އެ ކަންކަމުގެ ވާހަކަ ނުދައްކާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނާލާފުށީ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މި ޒަމާނުގެ މުޖުތަމަޢެއްގައި އުޅޭއިރު އަޅުގަނޑުމެންނަކީވެސް އެކި ދާއިރާތަކުގައި ދުނިޔޭގެ ފެންވަރުގައި ފައިތިލަ ސާބިތުކުރާ ރައްޔިތަކަށް ވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެން ބޭނުންވާ ރާސްތާއެއްގައި ކުރިއަށް ދެވޭނީ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ޤާބިލް، ކެރޭ ޖީލެއް އުފެއްދުންކަމަށާއި، ބޭނުމަކީ އަމާން ސުލްހަވެރި ދިވެހިރާއްޖެއެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.