އަންނަ އަހަރުގެ މެދަށް ރާއްޖޭގެ އާބާދީގެ %50އަށް ސާފު ބޯފެނުގެ ޚިދުމަތް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުލަކަތޮޅު ދިއްގަރުގައި ރައްކާތެރި ބޯފެނުގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދިއްގަރުގާ ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވަމުން މި އަހަރުގެ ތެރޭގައި ދިއްގަރަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެނެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަށްރަށަށް ބޭނުންވާ ކަންކަން ފުރިހަމަވެގެން ދިއުމުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ފާހަގަކުރައްވަމުން މިފަދަ ލުއިފަސޭހަކަން ލިބިގެންދަނީ ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ ބައިވެރިވުމާ ތާޢީދު ލިބިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް މިފަދަ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުން ދަތިތަކާ ކުރިމަތިލާން ޖެހެނީ ސިޔާސީ ކުލަ ފެނިގެންދާ ހިސާބުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރައްޔިތުން ޒީނަތްތެރިވަނީ ޒުވާނުންނަކީ ބޭކާރުކޮށް ވަގުތު ހޭދަނުކޮށް ހަށިގަނޑުގެ ތަރުބިއްޔަތަށް ބޭނުންވާ ކުޅިވަރުކުޅޭ ބަޔަކަށްވެ، މުޖުތަމަޢު ބިނާކުރުމުގަ މުޖުތަމަޢަށް ޚިދުމަތްކުރުމުގަ ދެމިތިބޭބައެއްގެ ގޮތުގައި ޒުވާނުން ދެމިތިބުމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިއްގަރުގެ ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާފައިވާ ކަންތައްތައް ފާހަގަކުރުމުގެ ގޮތުން އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ހަނދާނީ ފިލައެއް ވެދުމަށް އެރުއްވިއެވެ. ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވީ ދިއްގަރު ކައުންސިލްގެ ރައީސް އަލްފާޟިލް ޢިމްރާން އިސްމާޢީލްއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހީމްވަނީ ދިއްގަރުގެ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތް ފައްޓަވާދެއްވާފައެވެ.