ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑަށް އަލަށް ގެނެވުނު 5 ފާސްޓް އިންޓަސެޕްޓަރ ކުރާފްޓް (އެފް.އައި.އެސް) ކަމިޝަންކުރުމަށް މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ފާސްޓް އިންޓަސެޕްޓަރ ކުރާފްޓްތައް ޚިދުމަތަށް ނެރެދެއްވާފައެވެ. މިގޮތުން، ފާސްޓް އިންޓަސެޕްޓަރ ކުރާފްޓްތަކުގެ ޑްރައިވް-ބައި ބައްލަވާލައްވާ ޢިއްޒުއްދީން ފާލަމުގެ ކަނާތްފަރާތުގައި މަގަތު ކުރެވިފައިވާ ފާސްޓް އިންޓަސެޕްޓަރ ކުރާފްޓަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އަރާވަޑައިގަންނަވާ އެ ކުރާފްޓް ބައްލަވާލެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާވަނީ މި ރަސްމިއްޔާތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ކުރިއަށްގެންދެވުނު ފަލިޖެހުމާއި ރިޔަލުދޯނީގެ ހަރަކާތްތައް ފަށްޓަވައިދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.