ޤުރުއާން ކިޔެވުމުގެ 31 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނަބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން މުޅި މުބާރާތުގެ ގޮފިތަކުންނާއި ބައިތަކުން 1 ވަނަ ޙާޞިލުކުރި ފަރާތްތަކަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެމަނިކުފާނުގެ އިތުރުން، ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ގޮފިތަކުންނާއި ބައިތަކުން 1 ވަނަ ޙާޞިލުކުރި ފަރާތްތަކަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނަބަލުން ފާޠިމަތު އިބްރާހީމެވެ. އަދި، ޤައުމީ ޤުރުއާން މުބާރާތުން 2 ވަނަ އަދި 3 ވަނަ ޙާޞިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދެވެ.

މިރޭގެ ޖަލްސާގައި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.