ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނަބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ. ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވެވި މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުޞަތު ނުދެއްވާނެކަމަށް ތަފާތު އެކި އެކި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަން ފާހަގަކުރެއްވިއެވެ. އަދި މި ވޭތުވެދިޔަ ތިން އަހަރުން އެކަނި ވެސް އެމަނިކުފާނުގެ ހިތްޕުޅުގައި އިސްލާމްދީނަށް ދެއްވާފައިވާ މަތިވެރި ޤަދަރު ހާމަވާކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މި ޖަލްސާގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ވަނީ އިސްލާމީ ދަޢުލަތް ފެށިގެންއައި ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި، އިސްލާމްދީނަކީ ކުރިޔަށް އޮތް ޖީލުތަކަށް ރައްދުކޮށްދޭން ޖެހޭ ޢަމާނާތެއްގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
މީގެ 890 އަހަރު ކުރިން ދިވެހިރާއްޖެ އިސްލާމްވި ދުވަހާއި ގުޅޭގޮތުން އަލްފާޟިލާ އާމިނަތު މިނުހާ ނާސިޙް ވަނީ ޒުވާނެއްގެ ހައިސިއްޔަތުން މި ޖަލްސާގައި ވާހަކަފުޅުދައްކަވާފައެވެ.
މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް އަޒްލީން އަޙްމަދުގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.