އިންޑޮނީޝިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ހިޒް އެކްސެލަންސީ ހަރިމަވަން ސުޔިޓްނޯ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑޮނީޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި އިންޑޮނީޝީޔާއާ ދެމެދުގައި ޤާއިމްކުރައްވާފައިވާ ގުޅުން އިތުރަށް ބަދަހިކުކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އިންޑޮނީޝިޔާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އޮތް ވިޔަފާރީގެ ފުރުޞަތުތައް ހުޅުވާލުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި، އިންޑޮނީޝިޔާ ސަފީރުގެ ދައުރުގައި ރާއްޖޭގެ ސަރުކާރާއެކު ބާއްވަވާފައިވާ ގާތްގުޅުން ފާހަގަ ކުރައްވައި، އެމަނިކުފާނަށް ފާގަތި މުސްތަޤްބަލަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

އިންޑޮނީޝީޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑޮނީޝީޔާއާ ދެމެދުގައި އޮނަރަރީ ކޮންސުލް އޮފީހެއް ޤާއިމް ކުރެއްވުމުން ދެޤައުމަށްވެސް ފައިދާ ވެފައިކަން ފާހަގަކުރައްވަމުން، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖޭގެ ސަރުކާރުން އެމަނިކުފާނަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.