ތައިލެންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ ނޮޕޯން އަދްޗާރިޔަވަނިޗް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ތައިލެންޑް ސަފީރުގެ ދައުރުގައި ރާއްޖޭގެ ސަރުކާރާއެކު ބާއްވަވާފައިވާ ގާތްގުޅުން ފާހަގަ ކުރައްވައި، އެމަނިކުފާނަށް ފާގަތި މުސްތަޤްބަލަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި، ދެ ޤައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި، ރާއްޖެއާއި ތައިލެންޑާ ދެމެދުގައި ވިޔަފާރިއާއި، އިންވެސްޓްމަންޓް ގުޅުންތައް އިތުރަށް ހަރުދަނާވެ، ފުޅާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތައިލެންޑްގެ ސަފީރު ހިޒް އެކްސެލަންސީ މިސްޓަރ ނޮޕޯން އަދްޗާރިޔަވަނިޗް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތައިލެންޑާ ދެމެދުގައިވާ، އެއްޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި އެއްބާރުލުންދިނުމުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ، ރަހުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިބައްދަލުކުރެއްވުމުގައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ތައިލެންޑްގެ ސަފީރުގެ އަރިހުގައި ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ތައިލެންޑްގެ އޮނޮރަރީ ކޮންސަލް މުޙަންމަދު ޞާލިޙް ‏ބައިވެރިވެވަޑައިގެންނެވިއެވެ.