ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފާނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި ހުޅުލޭގައި މިރޭ ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ހުޅުލެއަށް ވަޑައިގެންނެވުމާއިކު އެމް.އެން.ޑީ.އެފް.ގެ ފަރާތުން އެމަނިކުފާނަށް ރަސްމީގޮތުން މަރްޙަބާ ދެންނެވުމުގެ ގޮތުން ބިއުގަލް ކޯލެއް ‏‏ އެރުވުނެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިފްތިތާޙްކޮށްދެއްވުމުގެގޮތުން އެއަރޕޯޓްގެ ސައިންބޯރޑް ދިއްލާދެއްވާފައެވެ.

މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދު ވަނީ ވާހަކަފުޅުދައްކަވާފައެވެ. އަދި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑަށް އެއިރޮޑްރޯމް ލައިސެންސް ދެއްވާފައެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ރީބްރޭންޑް ކުރައްވައި، އެއަރޕޯޓުގެ ނަން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބަދަލުކުރެއްވުމަށް، ސަރުކާރުން ނިންމެވީ ދިވެހިރާއްޖެ ދެކެމުން އަންނަ ތަރައްޤީއާއި، ސަރުކާރުން ކުރިޔަށް ރާއްވަވާފައިވާ އިޤްތިޞާދީ އެޖެންޑާއާ ފައިހަމަކުރެވޭ ގޮތަށް، އަދި ތަރައްޤީއަށް މަގުފަހިކޮށްދޭ ތަނަކަށް އެއަރޕޯޓް ބަދަލު ކުރެއްވުމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އިފްތިތާޙްކޮށްދެއްވުމަށްފަހު އެންމެ ފުރަތަމަ އެއަރޕޯޓަށް ޖެއްސި ފްލައިޓަކީ މޯލްޑިވިއަންގެ ފްލައިޓެއްކަން ފާހަގަކޮށްލެވެއެވެ.

އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރާއި، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ ބައެއް އިސް ބޭފުޅުން ބައިވެރިވެޑައިގެންނެވިއެވެ.