ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ މެދުގައި، އެއްބައިވަންތަކަމުގެ ގުޅުން ޤާއިމުވެފައި އޮތުމުގެ މަތިވެރި ނިޢުމަތް ދެއްވި ކަމަށްޓަކައި، މާތްﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރުމަކީ، އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.

ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުން އަންނަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި، ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން، ރާއްޖޭގެ ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމުގެ ގޮތުންނެވެ. އެ ހިތާމަވެރި ކާރިސާގައި، އަޅުގަނޑުމެންގެ ތެރެއިން މިދުނިޔެ ދޫކުރެއްވި އުޚުތުންނާއި އަޚުންގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ސުނާމީ ކާރިސާއަކީ، ފަހަކަށްއައިސް ރާއްޖެއަށް ކުރިމަތިވި އެންމެބޮޑު ނުރައްކާތެރި ޤުދުރަތީ ހާދިސާއެވެ. އެ ހާދިސާގެ ހިތާމައިގެ އަސަރުގަދަ ޝުޢޫރުތައް މިހާރުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ވެރިވަމުންދެއެވެ. ދިވެހިރާއްޖޭގައި ވަކިވަކިން މިއޮތް ޖަޒީރާ ރަށްތަކުގެ ރައްޔިތުން، އެ ކާރިސާއާ ގުޅިގެން ކުރިމަތިލާންޖެހުނު ހިތްދަތިކަމާއި، އެތައް ދުވަހެއްވަންދެން އުޅެންޖެހުނު ހިތްދަތި ގޮތްތައް، މިހާރުވެސް އަޅުގަނޑުމެންގެ ހިތްތަކުގައި އާވެ އާލާވަމުން ދެއެވެ.

ސުނާމީ ކާރިސާގެ ބިރުވެރިކަމާ ކުރިމަތިލާންޖެހުނު ދަނޑިވަޅުގައި ފެނިގެންދިޔައީ، އަމިއްލަ ފުރާނައަށްވުރެ އަނެކާގެ ފުރާނަ ސަލާމަތްކުރުމަށް އަޅުގަނޑުމެންދިން އަހަންމިއްޔަތެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް ދިން ސަމާލުކަމެވެ. މިއީ، ސުނާމީ ކާރިސާއިން ދިވެހި ރައްޔިތުން ދައްކަވައިދެއްވި އާދަޔާ ޚިލާފު ރީތި ނަމޫނާއެކެވެ. މި މަތިވެރި ނަމޫނާއިން މިއަދުވެސް ޢިބްރަތް ހާސިލުކޮށް، ޤައުމުގެ އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ޢަޒުމް އާކުރުމަކީ، އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ. އެހެންކަމާއެކު، އަޅުގަނޑުމެންގެ މެދުގައި ޚިޔާލު ތަފާތުވާ ކަންކަމުގައިވެސް، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު ކުރިއަށްނެރެ، ނަމޫނާ ދައްކަވާ ބަޔަކަށް ވުމަށް، ދިވެހިރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މާތްﷲ، ދިވެހިރާއްޖެއާއި ރާއްޖޭގެ ލޮބުވެތި ރައްޔިތުން، އެކިއެކި ނުރައްކާތެރި ކާރިސާތަކާއި އެފަދަ ބިރުވެރި ކަންކަމުން ސަލާމަތް ކުރައްވާށިއެވެ! ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި ޤައުމީ މަޞްލަޙަތު އިސްކޮށް، އަޚުވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާށިއެވެ! އާމީން.