ސަރުކާރުން ކޮންމެ އަހަރަކު ދެއްވަމުން ގެންދަވާ، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމަކީ، ޤައުމާއި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި ވަކިވަކި މުއައްސަސާތަކުންނާއި، މަދަނީ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ކުރާ މަސައްކަތްތަކާއި، ދޭ ޚިދުމަތްތަކާއި، ހޯދާ ކާމިޔާބީތަކުގެ އަގު، ޤައުމީ ފެންވަރުގައި ވަޒަން ކުރެއްވުމުގެ ގޮތުން ޚާއްޞަ ގޮތެއްގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމެއް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ނަމަވެސް، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ފިޔަވައި، ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ދެއްވާ އެކިއެކި އިނާމު، ޤައުމީ އިނާމުގެ ނަމުގައި ދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިފައިވާ ކަމަށާއި، އެހެނިހެން މުއައްސަސާތަކުން ދެއްވާ އިނާމު މިގޮތަށް ދަރަޖަކުރެއްވުމުން، ސަރުކާރުން ކޮންމެ އަހަރަކު ދެއްވާ ޤައުމީ އިނާމަށް ދެވޭ ޤަދަރާއި އިޙްތިރާމް ކުޑަވެ، ކަމުގެ ހައިބަތަށް އުނިކަން އަންނާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވީމާ، ދައުލަތުގެ އެކި މުއައްސަސާތަކުން އިނާމު ދެއްވުމުގައި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށާއި ހިތްވަރުދިނުމުގެ ޤައުމީ އިނާމަށް ނިސްބަތްނުވާ ގޮތަށް، މީގެފަހުން އިނާމު ދެއްވަމުން ގެންދެވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.