ގެމަނަފުށީގެ ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް 2017 ވަނަ އަހަރު ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާންކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ހުވަދުއަތޮޅު އުތުރުބުރިއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ގެމަނަފުށީގައި މިރޭ ބޭއްވުނު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހީވާގިކަމާއެކު މަސްވެރިކަން ކުރަމުންގެންދާ ދިވެހި މަސްވެރިންނަށް އެބޭފުޅުން އެ ކުރައްވާ ބުރަ މަސައްކަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ ޓެންޒޭނިޔާގެ މިނިސްޓަރ އޮފް ފިޝަރީޒް މިސްޓަރ ޙަމަދް ރާޝިދު މުޙައްމަދުއަށް ޝުކުރުއަދާކުރައްވާ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށްތަކައި ޓެންޒޭނިޔާއާއެކު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިރޭ ސޮއެ ކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ މައިގަނޑު 3 ގޮންޖެހުމެއްގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ފުރަތަމަ ގޮންޖެހުމަކީ އެންވެރިކަން ނެތިގެންދިއުން ކަމަށް ފާހަގަކުރައްވާ ރާއްޖޭގެ އެންވެރިކަން ޙިމާޔަތްކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެޗަރީއެއް ހެދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ދެވަނަ ގޮންޖެހުމަކީ މަސްވެރިކަން ކުރަން ބޭނުންކުރާ ދޯނިފަހަރު ހަލާކުވާން މެދުވެރިވާ މައްސަލަކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން، ދޯނިފަހަރު ޙިމާޔަތްކުރެވޭނީ ބޮޑެތި ބަނދަރުތައް ހެދިގެންކަމަށާ މި ސަރުކާރުން ރާއްޖޭގެ އެކި ޞަރަޙައްދުގައި ބޮޑެތި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތިން ވަނަ ގޮންޖެހުމެއްގެ ގޮތުން އެމަނިކުފާނު ފާހަގަކުރެއްވީ ދޯނިފަހަރުގެ އާބާތުރަފިލުވުމަށްދިމާވެފައިވާ ދަތިތަށްކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެގޮތުން ދަޅުގައި މަސް ބަންދުކުރުން އިތުރުކުރުމަށްޓަކައި މި މަސައްކަތް ކުރެވޭނެފަދަ ކާރުހާނާތަކެއް ރާއްޖޭގެ ދެ ތިން ޞަރަޙައްދެއްގައި ޤާއިމުކުރުމުގެ މަސައްކަތްވަނީ ފެށިފައެވެ. އަދި، އެމަނިކުފާނުގެ ވާހަކަފުޅުގައި 2017 ވަނަ އަހަރުގެ ތެރޭގައި ގެމަނަފުށީގައި އެރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުޅުވިގެންދާނެކަމުގައިވެސް އިޢުލާންކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން އަލަށް ތަޢާރަފްކުރި ސްޓޭމްޕް ސެޓް ނެރެދެއްވާފައެވެ. އަދި ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި އެކި ފަރާތްތަކުން ކުރައްވާ ޙިދުމަތްތައް ފާހަގަކޮށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން ދެއްވި ހަނދާނީ ފިލާ އެބޭފުޅުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ކޮށްދެއްވާ ޙިދުމަތްތައް ފާހަގަކުރުމުގެ ގޮތުން އެމަނިކުފާނަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙައްމަދު ޝައިނީ ޚާއްޞަ ހަދިޔާއެއް ވެދުމަށް އެރުވިއެވެ.