އަޅުގަނޑުމެން މަސައްކަތްކުރަންވާނީ އަޅުގަނޑުމެންނަށް ލިބިފައިވާ މަތިވެރި ނިޢުމަތްތަކުގެ ބޭނުންކޮށްގެން ކުރިއަށްދެވޭތޯކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ހުވަދުއަތޮޅު އުތުރުބުރިއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު ވިލިނގިލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވިލިނގިޔަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ވިލިނގިލީގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ފެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންގެންދާކަމަށާ އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅުގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވިލިނގިލިފަދަ ބިން ބޮޑު ރަށްރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަގުތަކުގެ ދަތިކަންކަމަށް ފާހަގަކުރައްވަމުން އެމަނިކުފާނުގެ އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި ވިލިނގިލީގެ މަގުތައް ހެދުމުގެ ގޮތުން ފަށާފައިވާ މަޝްރޫޢު ނިމި، އެކަމުގެ ލުއި ފަސޭހަ ވިލިނގިލީގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް ދިމާވާ ކޮންމެ ހަމަލައަކުން ރާއްޖެ ދިފާޢުކުރަން އަބަދުވެސް ތައްޔާރަށް ތިބޭނީ ޔުނިފޯމް އެޅި ބޭފުޅުންކަމަށާ މި ބޭފުޅުންނަށް ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދޭން ތިބޭނީ ދިވެހި ޒުވާނުންކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަށް ދިމާވާ ކޮންމެ މައްސަލައެއްގައި އެމަކާ ކުރިމަތިލާން ތިބީ ދިވެހި ޒުވާނުންކަމަށެވެ. އަދި، މި ސަބަބަށްޓަކައި ދިވެހި ޤައުމަށް ދިވެހި ޒުވާނުން މުހިންމު ވާކަން އެމަނިކުފާނު ފާހަގަކުރައްވަމުން ޒުވާނުންގެ ތަރައްޤީއަށް މި ސަރުކާރުން އިސްކަންދެއްވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޤައުމު ތަރައްޤީކުރުމަށް މި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކަށް އިޝާރާތްކުރައްވަމުން، މިހާރު ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެންމެމަދުވެގެން 2 މަޝްރޫޢު ހިންގަމުންދާނެކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، ޞިއްޚީ ދާއިރާ ތަރައްޤީކުރުމަށްޓަކައި މި ސަރުކާރުން ކުރައްވާ މަސައްކަތްތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައެވެ.

މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް މޫސާ ޒަމީރުއާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދު ބައިވެރިވެވަޑައިގެންނެވިއެވެ.