ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީގެ މިސްކިތާ އައިސް ޕްލާންޓް ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހަވީރު ގެމަނަފުށީގައި އެމަނިކުފާނު ހުޅުއްވައިދެއްވި މިސްކިތުގެ ނަމަކީ މަސްޖިދުލް އިބްރާހީމްއެވެ. މި މިސްކިތަކީ ގެމަނަފުށީ ބަޑިޔާގޭ އަލްމަރްޙޫމް އިބްރާހީމް އަޙްމަދުގެ ހަނދާނުގައި ޝީޝާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ގެމަނަފުށީގައި ބިނާކުރި 720 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝީޝާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަލްފާޟިލް އަޙްމަދު ޙަސަން މަނިކުވަނީ މަސްޖިދުލް އިބްރާހީމްގެ މިހުރާބެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.

މިސްކިތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތަށްފަހު އެމަނިކުފާނުވަނީ ގެމަނަފުށީގެ ބަނދަރު ޞަރަޙައްދަށް ވަޑައިގެން، އެ ޞަރަޙައްދުގައި ޤާއިމުކުރެވިފައިވާ އައިސް ޕްލާންޓް ހުޅުއްވާދެއްވާފައެވެ. ސަރުކާރުގެ ލޯން ސްކީމްގެ ދަށުން 3.75 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިފްކޯގެ ފަރާތުން ގެމަނަފުށީގައި ޤާއިމުކޮށްފައިވާ އައިސް ޕްލާންޓްގައި ދުވާލަކު 25 ޓަންގެ އައިސް އުފެއްދޭނެއެވެ.

އައިސް ޕްލާންޓް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ ގެމަނަފުށީ ބަނދަރު ޞަރަޙައްދުގައި ކުރިއަށްދިޔަ މަސްކެނޑުމުގެ މުބާރާތް ބައްލަވާލައްވާފައެވެ.