ރާއްޖޭގައި ކުރާ ވިޔަފާރިތަކާ ގުޅިގެން ހުށައަޅާ މައްސަލަތައް، ޝަރުޢީ ދާއިރާއިން ތަންފީޛު ވެގެންދާ އަވަސްމިނަކީ ރާއްޖޭގައި ވިޔަފާރިކުރުމަށް އިންވެސްޓަރުންނަށް އޮންނަ އިތުބާރު ދެމެހެއްޓުމުގައި އެންމެ މުހިންމު އެއް ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، [ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމުކުރުން ޝަރުޢީ ނަޒަރަކުން ބަލައިލުން] ކޮލޯކިއަމް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިޔަފާރިއެއްގެ ސަބަބުން ބޭންކްތައް ފަދަ މާލީ މައި އިދާރާތަކަށް އަސަރުކުރާ ބޮޑެތި ޤަނޫނީ މައްސަލަތައް، ކޯޓަށް ހުށައެޅޭ ހިސާބުން 5 ނުވަތަ 6 މަސް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ނިންމުމާ ހިސާބަށް ވާސިލްވެވޭނެ ގޮތަށް ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރެވެމުންދާކަން އުފަލާއެކު ފާހަގަ ކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓް ކުރިއެރުވުމަށްޓަކައި ރާއްޖޭގައި ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ދުނިޔޭގެ އެކި ހިސާބުތަކުގައި ރޯޑް ޝޯތައް ބާއްވައި، ރާއްޖޭގައި އިންވެސްޓްކުރުމަށް ބޭރުގެ ފަރާތްތަކަށް ހުރި ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު އެފަރާތްތަކާ ހިއްސާކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓް ޤާނޫނެއް ފާސްކޮށް، ޤާނޫނީ ގޮތުންވެސް އެތަކެއް އިސްލާހު ގެނެސްފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ އަމާޒަކީ، ދިވެހިރާއްޖެއަކީ ވިޔަފާރިއާއި މާލީ ކަންކަމުގައި، މި ސަރަޙައްދުގައާއި، މުޅި ދުނިޔޭގައިވެސް ކުރިއަރާފައި އޮތް ޤައުމަކަށް ވެގެންދިއުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، މުޅި ދުނިޔޭގައިވެސް ވިޔަފާރި ކުރުމުގައި ފަސޭހަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ތަމްސީލުވެ، ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުވެގެން ދިއުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އުއްމީދެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން، ދިވެހިރާއްޖެއަކީ ވިޔަފާރި ކުރުމުގައި ގެއްލުންތައް ފޫބައްދައިދެވޭ، ބޮޑެތި ގެއްލުން ނުވާނެކަމުގެ ކަށަވަރުކަމެއް ވިޔަފާރިވެރިންނަށް އޮންނަ ޤައުމަކަށް ވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ މުސްތަޤިއްލު މިނިވަން ދައުލަތެއް ނަމަވެސް މާލީ ކަންކަމުގައާއި، ވިޔަފާރީގެ ކަންކަމުގައި މިނިވަންކަން ނޯންނަކަން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ އިޤްތިޞާދަކީ ދުޅަހެޔޮ، ވަރުގަދަ އިޤްތިޞާދެއް ކަމަށާއި، މިކަން މިގޮތަށް ދެމެހެއްޓޭނީ ޤަނޫނީ ދާއިރާއިން ގެންނަންޖެހޭ އިސްލާހުތައް ގެނެސް، ޤަނޫނުތައް ތަންފީޒުކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.