މިއަދު ރާއްޖޭގެ އާބާދީގައި ނިސްބަތުން ގިނައީ ޒުވާނުން ކަމަށްވުމާއެކު، ޤައުމީ ދުވަހާމެދު މިއަދުގެ ޒުވާނުން ވިސްނައި، ޤައުމަށްޓަކައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވުމުގެ މަތިވެރި ޢަޒުމް އާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިޙާދު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނުގެ މިކަމަށް އިލްތިމާސް ކުރެއްވީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ގއ. ވިލިނގިލީގައި ބޭއްވެވި ރަސްމީ ޖަލްސާގައި ‏‏ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަދަކީ އަޅުގަނޑުމެންގެ މި ދިވެހި ޤައުމު ޤައުމަކަށް ހެއްދެވި އެންމެހައި އަބްޠާލުންގެ ޒިކުރާ އާކުރަންވީ ދުވަސްކަމަށާއި، ޤައުމުގެ މުސްތަޤްބަލާމެދު ވިސްނައި، ތަރައްޤީގެ އިތުރު ހަރުފަތްތަކަށް ވާސިލުވުމަށް ޢަޒުމް ކަނޑައަޅަންވީ ދުވަސް ކަމުގައި ވިދާޅުވިއެވެ. މިގޮތުން ބޮޑުތަކުރުފާނު މާތްވެގެންވާ އިސްލާމްދީނަށާއި، ދިވެހި ޤައުމަށްޓަކައި ކޮށްދެއްވި އަގުބޮޑު ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، މިދުވަސް ގޮވާލާ އެއް ގޮވާލުންކަމަށާއި، ބޮޑުތަކުރުފާނު ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީއަކީ އަދި އެ ކުރެއްވި ޖިހާދަކީ ދުވަހަކުވެސް ފަނޑުވުމެއްނެތް ޤައުމީ ޖިހާދެއް ކަމުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ސިފަކުރެއްވިގޮތުގައި އެއީ އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރުމުގެ ދެވަނަ މިސާލެއް ނެތްފަދަ ވަރުގަދަ ޖިހާދެކެވެ.

މިއަދު ހެނދުނު ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ ކޮންމެ ތަނެއްވެސް ތަރައްޤީވާނީ، އެ ތަނެއްގައި ޞުލްޙަ އޮވެގެންކަމަށާއި، ޞުލްޙައާއި ހަމަޖެހުން ނެތް ތަނެއް ތަރައްޤީއެއް ނުވާނެކަމުގައެވެ. އަދި މިކަން ވަރަށް ރީތިކޮށް، މި ކުޑަކުޑަ ދިވެހިރާއްޖެއިން، މިވޭތުވެދިޔަ އެންމެ ތިން އަހަރުންވެސް ފެނިގެން ހިނގައްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން، ޤައުމު ތަރައްޤީ ކުރުމުގައި ދިވެހިންނަކީ އެއްގޮތްތަކެއް ގެންގުޅޭ އެއްބައިވަންތަ ބައެއްގެ ގޮތުގައި ތިބުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވާހަކަފުޅު ދައްކަވުން ވިދާޅުވިގޮތުގައި، މި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށް ގޮސްފައިވަނީ، ހީވެސްނުކުރާފަދަ ހަލުއި ދުވެއްޔެއްގައި ކަމަށާއި، ޤައުމުގެ ތަރައްޤީއަށާއި ޤައުމުގެ ސިޔާދަތު ހިފެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅައްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު ދެންނެވިއެވެ.