ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ)ގެ އަހަރީ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މިރޭ މާލެއިން ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، މި ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުޙައްމަދު ނަޖީބް ބިން ތުން ޙާޖީ ޢަބްދުއްރައްޒާޤާ ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ދެ ޑެޕިޔުޓީ ލީޑަރުން ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވައެވެ. އަދި ޕީ.ޕީ.އެމް.ގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްވެސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.