މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމިއޮތުމުގެ ހެޔޮ ތައުފީޤު ދެއްވި ކަމަށްޓަކައި، މާތްﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. ހަމައެއާއެކު، މި އުފާވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ.

ޤައުމީ ދުވަހުގެ ޒިކުރާ އާކުރާއިރު، ޤައުމީ ދުވަހުގެ ބަޠަލު، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޒަމް، މާތްވެގެންވާ އިސްލާމްދީނާއި މި ލޮބުވެތި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށްޓަކައި ކުރެއްވި މަތިވެރި ޖިހާދުގެ ހަނދާން އާކޮށް، އެ ތަކުރުފާނުގެ ފުރާނަފުޅަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. ހަމައެއާއެކު، މި ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި ޤައުމީ އަބްޠާލުންގެ ހަނދާން އާކޮށް، އެ އަބްޠާލުންނަށްވެސް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ދަންނަވަމެވެ.

ޝައްކެއްނެތްގޮތުގައި އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުންނަކީ، މި ލޮބުވެތި ޤައުމަށްޓަކައި މަތިވެރި ޤުރްބާނީތަކެއް ވެވަޑައިގެންފައިވާ އަބްޠާލުން ތަކެކެވެ. އެބޭފުޅުންގެ ޖިހާދަކީ، މި ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޖިހާދެވެ. އެ އަބްޠާލުން ދައްކަވައިދެއްވާފައިވަނީ، ހިތްވަރުފުޅު ގަދަކަމާއި، ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ތިއްބެވިކަމެވެ. އެބޭފުޅުންގެ ހިތްޕުޅުގައި ޤައުމަށްޓަކައި އުފެދިފައިވާ މަތިވެރި ލޯތްބެވެ.

މި ލޮބުވެތި ޤައުމަށްޓަކައި ފަޚުރުވެރިވުމާއި، ޤައުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވުމާއި، ޤައުމުދެކެ ލޯބިވުމަކީ، އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުން ފަދައިން ކޮންމެ ދިވެހި ފަރުދެއްގެ ހިތުގައި ދިރިގެން އަންނަ އެންމެ މަތިވެރި ޝުޢޫރު ކަމުގައި ވާންޖެހޭނެއެވެ. މިކަން އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގިފައި އޮންނަންވާނީ، ޒަމާނެއްގެ ކޮޅުންވެސް އެއަށް ބަދަލެއް ނާންނާނެ މިންވަރަކަށެވެ.

އެހެންކަމާއެކު، މިއަދުގެ ޒުވާނުންނާއި، އަންނަންއޮތް ޖީލުތަކުން، އަޅުގަނޑުމެންގެ ޤައުމީ އަބްޠާލުންގެ ޤުރްބާނީތަކުން ޢިބްރަތް ޙާޞިލުކޮށް، ޤައުމާއިގެން ކުރިއަށްދިއުމުގެ އާ ޢަޒުމްތަކެއް ކަނޑައެޅުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި، މިޤައުމުގެ އެއްބައިވަންތަކަމަށް ލޮޅުންއަރާފަދަ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމަށާއި، އަންނަންއޮތް ޖީލުތަކަށް މި ޤައުމު ވާޞިލުކޮށްދިނުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއް ވުމުގައި ފަސްނުޖެހުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މާތްﷲ، މި ލޮބުވެތި ޤައުމު، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ލަހައްޓަވާށިއެވެ! މި ޤައުމަކީ، ޞުލްޙަމަސަލަސްކަން ޤާއިމުވެފައިވާ އެއްބައިވަންތަ ރައްޔިތުންތަކެއް އުފާފާގަތިކަމާއެކު ދިރިއުޅޭ ޤައުމެއް ކަމުގައި ލައްވާށިއެވެ! ރާއްޖޭގެ ތަރައްޤީއަށް ފާގަތި ދުވަސްތަކެއް މިންވަރު ކުރައްވާށިއެވެ! އަދި އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި ބަރަކާތް ލައްވާށިއެވެ! އާމީން.