ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، އިންޑިޔާގެ ނައިބު ރައީސް އެމް. ހާމިދު އަންސާރީއާ މިރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ އިންޑިޔާގެ ނައިބު ރައީސްގެ ރަސްމީ ގެކޮޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ސަރަޙައްދީ ރައްކާތެރިކަމާ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރިގެ މުޢާމަލާތްތައް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ. މިގޮތުން، ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކުރުމުގެ މުހިންމުކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަލްފާޟިލް އަޙްމަދު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އަލްފާޟިލް އިލްހާމް އިދްރީސްއާއި އިންޑިޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ޗީފް އޮފް މިޝަން އަލްފާޟިލާ ޝަޒްރާ ޢަބްދުލްސައްތާރު ބައިވެރިވެވަޑައިގެންނެވިއެވެ.