އިސްލާމް ދީނުގައި، އެކި މީހުންގެ ތަފާތުތަކާއި އެކު ވެސް އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކެތްތެރިވާން ދަސްކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެރިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން އިންތިޒާމްކޮށްގެން ބާއްވަވާ ފުރަތަމަ އިންޓަރނޭޝަނަލް ކޮންފަރަންސް އޮން އިސްލާމިކް އެވޭކަނިންގ ޝަރަފުވެރިކޮށްދެއްވައި އެ ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ކޮންފަރަންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި މީހެއްގެ ނަޞްލަކަށް، ޖިންސަކަށް، ޤައުމަކަށް ބެލުމެއް ނެތި އެންމެ ފުރަމަތަ އެންމެންނަކީ ވެސް އިންސާނުންކަމަށާއި، އެކަކު އަނެކަކާއި ދޭތެރޭގައި ވިސްނާލާ ނަމަ ދުނިޔެއަކީ އަމާން ތަނަކަށް ވެގެންދާނެކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަނީ އިސްލާމް ދީނުގެ ސަބަބުން މީސްތަކުންގެ މެދުގައި އެއްބައިވަނަތްކަން އުފެދެމުންދާގޮތުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ. މިގޮތުން، މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވުމުގެ ބާރަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، މުޅި އުންމަތުގެ މެދުގައި އެއްބައިވަންތަކަން އުފެދުމުގެ އަސްލަކީ މާތްﷲ އާއި ރަސޫލާއަށް އަދާކުރާ ކިޔަމަންތެރިކަން ކަމުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މުޅި އިސްލާމީ އުންމަތައް ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، އިސްލާމް ދީނަކީ ޞުލްޙައަށް ލޯބިކުރާ، ބައިބައިވުމާއި ގަދަ ބާރު ބޭނުންކޮށްގެން މައްސަލަތައް ޙައްލުކުރަން ބާރުއަޅާ ދީނެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީމޭރުމުން ވާހަކަފުޅުދައްކަވަމުން އިސްލާމް ދީނަކީ އެހެން ދީންތަކަށް ވެސް ޖާގަ ދީގެން، އިޚްތިރާމްކޮށްގެން ކެތްތެރިކަމާއި އެކު އުޅެން ބާރުއަޅާ ދީނެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވިގޮތުގައި އިސްލާމީ އުންމަތަކީ މުޅި ދުނިޔެއަށް ނަމޫނާ އުންމަތެއްކަމުގައި ވާން ޖެހޭނެކަމަށާއި، އެހެން މީހުންނަށް ވެސް ޖާގަ ދީގެން އުޅޭ ބަޔަކަށް ވާންޖެހޭނެކަމުގައި ވިދާޅުވިއެވެ.