ސަރުކާރުން މަސައްކަތް ކުރައްވަނީ ތަރައްޤީ ގެނައުމުގައި ހަމަހަމަކަމާއެކު ތަރައްޤީ ގެނައުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރަންސް ޝަރަފުވެރިކޮށްދެއްވާ ބަންޑޮސް އައިލެންޑް ރިސޯޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ ކޮންފަރަންސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ޤައުމު ތަރައްޤީކުރުމުގައި އިސްލާމީ އިޤްތިޞާދަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި، މޯލްޑިވްސް އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް އިންޑަސްޓްރީގެ މައިގަނޑު މަޤްޞަދަކީ ދެކުނު އިރުމަތީ އޭޝިޔާ ޞަރަޙައްދުގެ ޤައުމުތަކުން ދިވެހިރާއްޖެއަކީ އިސްލާމިކް ފައިނޭންސްގެ މައި ތަނަށް ހެދުންކަމަށް އެކަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވިގޮތުގައި ޙަލާލް ފަތުރުވެރިކަމަކީ ބައިނަލްއަޤްވާމީ ދުނިޔޭގައި ކުރިއަރަމުންދާ ކަމެއްކަމަށާ މި ސަރުކާރުން މިހާރު މަސައްކަތް ކުރައްވަނީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިރާއްޖެއަކީވެސް ޙަލާލް ފަތުރުވެރިކަން ކުރާ ތަނެއްކަމުގައި ހެދުމަށްކަމަށެވެ.