بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، ދެވަނަ ޖުމްހޫރިއްޔާއަށް 48 އަހަރު ފުރިގެން ޖުމްހޫރީ ދުވަސް ފާހަގަކުރާއިރު، އަޅުގަނޑަށް ލިބޭ އެންމެ މަތިވެރި އުފަލަކީ، މި ޖަލްސާއަށް ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރިންނަށް، ދިވެހި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، ޖުމްހޫރީ އުފަލުގައި ބައިވެރިވެވަޑައިގެން ދެއްވުން އެދި އަދި ޤައުމު ބިނާކުރުމުގައި ތިޔައިން ކޮންމެ ބޭފުޅެއްގެ ޒިންމާ އުފުއްލަވާނެކަމުގެ އުންމީދުކުރާ ވާހަކަ ދަންނަވާލުން.

އާދެ، މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ޤައުމެއް ބިނާކުރުމުގައި ރައްޔިތުންގެ ޙިއްޞާ އޮންނަ މިންވަރު. އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހެނީ، ރައްޔިތުންގެ ޙިއްޞާ ޤައުމު ބިނާކުރުމުގައި މަތިވެރިވެގެން މިދަނީ، އެއީ އެންމެ މީހަކު ކުރާ މަސައްކަތަކަށް ނުވާތީ. އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ޝަރަފުވެރި، ފަޚްރުވެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅުން. އަދި އެބޭބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް، ކޮންމެ އަހަރަކު ޖުމްހޫރީ ދުވަހު ކުރާ އެންމެ މުހިންމު މަސައްކަތަކީ، އެބޭފުޅުންނަށް މަތިވެރި ޝަރަފު އެރުވުން. ދިވެހި ދައުލަތުގެ ނަމުގައި އެރުވޭ އެންމެ މަތިވެރި ޝަރަފު އެރުވުން.

އާދެ، މިރޭ ޝަރަފުގެ އިނާމު ހާސިލު ކުރެއްވީ 4 ބޭފުޅަކު. ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، އެބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުންވަނީ، ތިޔަ ކުރައްވާ މަސައްކަތުގައި އަދިވެސް ޢަޒުމް ވަރުގަދަ ކުރައްވައިގެން، ސާބިތުކަމާއެކީ އިތުރު މީހުންނަށް ތިޔަ ހުނަރު ދަސްކޮށްދެއްވާށޭ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ބޭފުޅެއް، އާދަމް ޢަބްދުއްރަޙްމާނަކީ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރު ބޭފުޅެއް ކަށިމާ އަޙްމަދު ޝާކިރަކީ. ހަމައެހެންމެ، އަޅުގަނޑުމެންނަށް މިހާރު ފަރިތަ ބޭފުޅަކަށް ނިޒާރު ވެގެން މިދިޔައީ. އަދި އެބޭފުޅެއްގެ ހަނދާނަށް އަޅުގަނޑުމެން މި ވެދުންކުރާ މަތިވެރި ޝަރަފަކީވެސް އަޅުގަނޑުމެންނަށް، ވަރަށްގިނަ މީހުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދިން ވަރުގަދަ ލަވަކިޔުންތެރިއެއް، މިޔުޒީޝަނެއް. އާދެ، އަލްމަރްޙޫމް އަޙްމަދު ނާޝިދު.

އާދެ، މިރޭ ހަމައެކަނި ޝަރަފުވެރިންނަކީ މި 4 ބޭފުޅުންނެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، އެބޭފުޅުންގެ ދާއިރާގައި އެންމެ މަތިވެރި ވަނަތައް ހޯއްދެވި ބޭފުޅުންނަކީ، މިއަހަރުގެ ތެރޭގައި ފާހަގަކުރާ މި 4 ބޭފުޅުން. އެހެންނަމަވެސް، އެއާއެކީ އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ 22 ބޭފުޅަކު. އެބޭފުޅުންގެ ފަންނުގައި ހިތްވަރު އެރުވުމުގެ ގޮތުން އެކުރައްވާ މަސައްކަތަށް އަޅުގަނޑުމެން ހިތްވަރު އެރުވުމުގެ އިނާމު އެރުވިތަން.

އާދެ، މިބޭފުޅުންނަށް ހިތްވަރުގެ އިނާމެއް، ޝަރަފުގެ އިނާމެއް، ނޫނިއްޔާ ޤައުމީ ކުރުނީސްއެއް އެރުވުމަކުންނެއް، މިބޭފުޅުންގެ ޙައްޤު މަސައްކަތްޕުޅަކަށް ބަދަލުދެވޭކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން. އެހެންނަމަވެސް، މިބޭފުޅުން މިކުރައްވާ މަސައްކަތަކީ، ދިވެހިރާއްޖޭގައި އަޅުގަނޑުމެން ފާހަގަކުރާ އެންމެ މުހިންމު ދުވަހު، މުޅި ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ދުވަހެއްގައި އެބޭފުޅުންގެ އަގު ވަޒަންކޮށް ދެވޭ އިނާމަކަށްވާތީ، ޝައްކެއްވެސްނެތްގޮތުގައި، މި ދީލަތިކަމާއެކީ މި އެރުވޭ އިނާމުގެ އަގު އެބޭފުޅުން ވަޒަންކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ޝައްކެއްވެސްނެތްގޮތުގައި، ޖުމްހޫރީ ދުވަހުގެ އެންމެ އުފާވެރި ތަހުނިޔާ މިބޭފުޅުންނަށް ދަންނަވާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، ހަމަގައިމުވެސް އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، މީހުން ބިނާކުރުމަކީ ޖުމްހޫރިއްޔަތެއްގައި ކުރެވޭ އެންމެ ވަރުގަދަ މަސައްކަތް. ޖުމްހޫރިއްޔަތަކީ މީހުންގެ މައްޗަށް އެކުލެވިފައި އޮންނަ ނިޒާމެއް. މިރޭ އަޅުގަނޑުމެންގެ ހަނދާނަށް ގެންނަންޖެހެނީ، މިއީ އަދި ޓީޗަރސް ޑޭ ނޫން ކަމުގައިވީނަމަވެސް، މުދައްރިސުން، އުސްތާޛުން މިކޮށްދެއްވާ ވަރުގަދަ މަސައްކަތް. މުދައްރިސުން، އުސްތާޛުން އެކި ފަންނުތަކުގައި ކުރައްވާ މަސައްކަތުގެ ނަތީޖާ، އަޅުގަނޑުމެން މިކަހަލަ ކޮންމެ ޙަފްލާއެއްގައި މި ފާހަގަކުރަމުން ގެންދަނީ. އާދެ، އެހެންވީމާ، މިރޭ އަޅުގަނޑުގެ ޝުކުރު، މުދައްރިސުންނާއި އުސްތާޛުންނަށްވެސް، އެބޭފުޅުންގެ އަރިހަށް އަރިސްކުރަން.

ނޮވެންބަރު މަހުގެ ތެރޭގައި މިކަހަލަ އުފާވެރި ޙަފްލާއެއް ބާއްވައިގެން އަޅުގަނޑުމެން ކުރިއަށް ގެންދާއިރު، އަޅުގަނޑުމެންގެ ހަނދާނުގެ މައްޗަށް އެބަ ގެންނަންޖެހޭ، ޖުމްހޫރީ ދުވަހެއްގައި ހަނދާން އިޙުތިފާލު ކުރަމުންދާއިރު، މި ޖުމްހޫރިއްޔަތު، އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތެއްގެ ގޮތުގައި އަދި ދިވެހި ދައުލަތް މިނިވަންކަންމަތީ އޮތީ ކީއްވެގެންތޯ؟ ޝައްކެއްވެސްނެތް، މިއަދު އަޅުގަނޑުމެން ހަނދާނަށް އެބަ ގެންނަންޖެހޭ، 1988 ވަނަ އަހަރުގެ ނޮވެންބަރުން 3 ގައި އަޅުގަނޑުމެންނާ ކުރިމަތިލީ ވަރުގަދަ ޢުދުވާން. ޝަހީދުވި ބޭފުޅުންތަކެއްވެއްޖެ. މިބޭބޭފުޅުންނަކީ އަޅުގަނޑުމެންގެ ޖުމްހޫރިއްޔާ ދިފާޢު ކުރައްވަން، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލުގެ ޙައްޤުގައި ޤުރްބާންވެވަޑައިގެންނެވި ބޭފުޅުން. މިއީވެސް ހަމަ މިބޭފުޅުންނަށް ޙައްޤު ޝުކުރު އަދާކުރަންޖެހޭ މަޤާމެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

އާދެ، ހަމައެއާއެކީ، ދެވަނަ ޖުމްހޫރިއްޔާއެއް އަންނާނީ ޝައްކެއްވެސްނެތްގޮތުގައި، ކުރު ނަމަވެސް، އެއްވަނަ ޖުމްހޫރިއްޔާއެއް ނިމިގެން. އަޅުގަނޑުމެންގެ ދިވެހި ޖުމްހޫރިއްޔާގެ 5 ރައީސުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މިއަދުގެ ތަހުނިޔާ އަރިސް މިކުރަނީ، އަޅުގަނޑުމެންގެ ހިތުގައި އެބޭފުޅުންގެ ޙިކުމަތާ ދޭތެރޭގައި އުފެދިފައިވާ ޝައުޤުވެރިކަން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަމުން. އާދެ، ޖުމްހޫރިއްޔާގެ ބާނީއަކީ، ހޯމް މިނިސްޓަރު އަރިހުން މަޢާފަށް އެދެމުން އަޅުގަނޑު ދަންނަވާލާނަން. ޖުމްހޫރިއްޔާގެ ބާނީއަކީ، އަޅުގަނޑުގެ ވިސްނުމުގައި މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު. ޖުމްހޫރިއްޔަތަކަށް ދިވެހިރާއްޖެ ބަދަލުވާންޖެހުނު ޙާލަތާ ދޭތެރޭގައި ލިޔުންތެރިން ލިޔުއްވާފައި ހުންނަ މަޒުމޫނުތަކަށް ބަލާކަމަށްވަންޏާ، މިއީ ދެބަސްވެވޭނެ ވާހަކައެއް ނޫން. ޖުމްހޫރިއްޔަތަކީ އޭރު ހަމަ އެންމެ ބޭފުޅެއްގެ މައްޗަށް ބިނާވެގެންދިޔަ ނިޒާމެއް ކަމުގައި ދެންނެވުމަކީ ކުށަކަށްވާނެ ކަމަކަށް އަޅުގަނޑަކަށް ހިއެއްނުވޭ. ދިވެހިރާއްޖޭގައި ހިނގަމުންދިޔަ ދިގު ރަސްކަމެއް ނިމެންޖެހުނު ސަބަބުތައް އަޅުގަނޑުމެންގެ ޚިޔާލަށް މިރޭ މި ގެންނަނީ.

އަޅުގަނޑާއެކީ ހިންގަވާ، ފަސްދޮޅަސް އެތައް އަހަރަކަށް ސޮއްސާލަމާ! 1953، 1956 މިދުވަސްވަރާ ހަމަޔަށް އަޅުގަނޑުމެން ޖެހިލާ ކަމަށްވަންޏާ، އަޅުގަނޑުމެން ޖުމްހޫރިއްޔަތަކަށް ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވާންޖެހުނީ ކީއްވެގެންކަން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން އެބަޖެހޭ. އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީކީ ނޫން. ލިޔުންތެރިން ލިޔުއްވާފައި ހުންނަ ކަންތައްތައް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަނީ. ދިވެހިރާއްޖޭގައި އޮތީ ރަސްކަމެއް. ދިވެހި ރައްޔިތުން ބޭނުންވީ މުޙައްމަދު އަމީން ދިވެހިރާއްޖޭގެ ރަސްކަމަށް އިސްކުރަން. އެހެންނަމަވެސް، އޭރު ދިވެހިންގެ ޙާލަތު އޮތްގޮތް، އަޅުގަނޑު ކޮންމެވެސްވަރަކަށް މި ޖުމްހޫރިއްޔާގައި ޤައުމު ބިނާކުރުމުގައި ރައްޔިތުންގެ މިއަދުގެ ޙާލަތާ އަޅައި ބަލައިލަން ބޭނުންވާތީ، މި ވާހަކަ އަޅުގަނޑުގެ ހިތަށް މި ގެންނަނީ.

އޭރު ރާއްޖޭގެ ކަންތައްތައް ހުރީ ވަރަށް އާދައިގެ ގޮތެއްގައި. ރާއްޖޭގެ ރައްޔިތުންނަކީ ޖުމްހޫރިއްޔަތަކާއި ރަސްކަމަކާ ދޭތެރޭގައި ހުރި ތަފާތުތައް، ނިޒާމުގައި ހުރި މައްސަލަތައް ތަފާތުކުރަން އެނގުނު ބޮޑު އަޣުލަބިއްޔަތެއް އޮތް ތަނެއް ނޫން. 1953 ން 1956އަށް މި ދުވަސްވަރަކީ މުޅި ދުނިޔޭގައިވެސް ބަނޑުހައިހޫނުކަމާއި ތަދުމަޑުކަން ޢާންމުވެފައި އޮތް ދުވަސްތަކެއް. ދެވަނަ ބޮޑުހަނގުރާމަ ނިމި، އަދި އެއިން ނުކުތް ނުބައި ނަތީޖާތައް މުޅި ދުނިޔޭގައި ތަޙައްމަލް ކުރަމުން ގެންދިޔަ ދުވަސްތައް. ދިވެހިރާއްޖެއަކީ އިސްތިސްނާއެއް ނޫން. ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް މިކަން ތަޙައްމަލް ކުރަންޖެހުނު. ޚާއްޞަ ގޮތެއްގައި، އުތުރުގެ އަތޮޅުތަކުގައި މިކަން ތަޙައްމަލް ކުރަންޖެހުނު. އެތަކެއް ބަޔަކު ބަނޑަށްޖެހުނު. އެތަކެއް ބަޔަކު މަރުވެގެންދިޔަ. ދުނިޔެ ދޫކުރި. އޭރު ރައްޔިތުންނަށް ގަބޫލުކުރެވެނީ، ރައްޔިތުންގެ ވެރިޔަކަށް އިސްކުރާ މީހަކަށް ރައްޔިތުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް ހޯދައިދެވޭނެ ކަމަށް. އޭރު ދައުލަތް ހިނގީ އެންމެ ބޭފުޅެއްގެ ވަށައިގެން. އެބޭފުޅަކު ރަސްކަމަށް އިސްކުރަންޖެހުނީމަ، އަޅުގަނޑުމެންނަށް ލިޔުންތަކުން މި ފެންނަނީ، އެބޭފުޅަކަށް ދަތިފުޅުވީ، ދިވެހިރާއްޖޭގެ ޙައްޤުގައި، ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހޯދުމަށް ބޭރަށް ސަލާންޖަހަން ވަޑައިގަންނަވަން. ނޫނީވިއްޔާ ބޭރަށް އެކިކަންކަމުގައި ޒިޔާރަތް ކުރައްވަން. ރަސްކަލަކު ހުންނަވައިގެން ދަތުރުކުރައްވަން ދަތިފުޅުވި. ބުނެވޭގޮތުގައި ވެރިންގެ ޖަލްސާއެއްގައި، މުޙައްމަދު އަމީން ގޮންޖައްސަވާފައެއް ނޫން. އެހެންނަމަވެސް، އިލްތިމާސް ކުރެއްވި، މި މަސައްކަތް ކޮށްދެއްވާނެ އެހެން ބޭފުޅަކު ހުންނެވި ކަމަށްވަންޏާ، އެބޭފުޅަކު އެކަން ކުރައްވަން.

އަޅުގަނޑުމެންނަށް ރަސްރަސްކަލުން ފެނުނު. ރަސްރަސްކަލުންގެ ޝާހީ ދަރިދަރިކަލުން ފެނުނު. އެހެންނަމަވެސް، އޭރު ދިވެހިރާއްޖޭގައި ކަންތައްތައް ހުރި އާދައިގެ ޙާލަތަށް ބަލާއިރު، ހަމަ އެންމެ ބޭފުޅަކަށްޓަކައި ދިވެހިރާއްޖޭގެ ދިގުވެގެންދިޔަ ރަސްކަން ނިމި، ޖުމްހޫރިއްޔަތަކަށް ދިވެހިރާއްޖެ ބަދަލުވެގެންދިޔައީ. އެހެންވީމާ، އޭރުގެ ހަމަ ސޯލޯ އޮޕަރޭޓަރެއް ގޮތަށް، ނޫނީ އެންމެ ވަރުގަދަ ޝަޚްސެއް ގޮތަށް އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔައީ މުޙައްމަދު އަމީން. މުޙައްމަދު އަމީން މަސައްކަތް ކުރެއްވީ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސެއްގެ މަޤާމުގައި. އާދެ، ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން، 1953 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ޤާއިމުވެގެންދިޔައީ. ދެން ދިވެހިރާއްޖޭގައި އައީ ދެވަނަ ޖުމްހޫރިއްޔާ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގައި ހިނގައިދިޔަ ކަންތައްތަކަކީ ހިތްދަތި ކަންތައްތައް. ހިނގައިދިޔަ ކަންތައްތަކަކީ އަޅުގަނޑުމެން ފަޚްރުވެރިވާ ކަންތައްތަކެއް ނޫން. ވަރަށް ގިނަ ދާއިރާތަކުން ދިވެހިރާއްޖެއަށް ކުރިއެރުން ހޯއްދަވައިދެއްވަމުން މަސައްކަތް ކުރެއްވި ބޭފުޅެއް މުޙައްމަދު އަމީނަކީ. އެހެންނަމަވެސް، އެމަނިކުފާނުގެ މަސައްކަތްޕުޅުގައި އޭރު ތިއްބެވި ބޮޑުން އެހާ ބޮޑަކަށް ބައިވެރިވެވަޑައިގެންނެވި ކަމެއް އެނގޭކަށެއް ނެތް. ހަމަގައިމުވެސް ދިވެހިރާއްޖޭގެ ރަސްމީ ވެރިކަމުން ދުރުގައި ހުންނެވި ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު، މުޙައްމަދު އަމީންގެ ބޮޑުބޭބޭފުޅު، މުޙައްމަދު އަމީނަށް އެހީތެރިވެވަޑައިގެން ދެއްވިނަމަ، މުޙައްމަދު އަމީންގެ ޤައުމު ހިންގެވުމުގެ ޒިންމާ އެތައް ގުނައެއް ފަސޭހަވެގެންދިޔައީސް. އެހެންނަމަވެސް، އޭރުވެސް އަޅުގަނޑުމެންގެ ޚިޔާލަށް މި ގެނެވުނީ އަމިއްލަވަންތަ ސިފަތައް. ދައުލަތުގެ ޙައްޤުގައި މަސައްކަތްކުރާ މީހުން މަދު. މުޙައްމަދު އަމީނަކީ ވަރަށްގިނަ އާ ކަންތައްތަކެއް ދިވެހިރާއްޖެއަށް ތަޢާރުފު ކުރެއްވި ބޭފުޅެއް. އެމަނިކުފާނަށް ޤައުމުގެ ރައީސްކަން، ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަން ކުރައްވަން ލިބިވަޑައިގަތީ އެންމެ ހަތްމަހެއްހާ ދުވަސް. އެހެންނަމަވެސް، ވަރަށްގިނަ ކަންތައްތައް ކުރެއްވި. އަޅުގަނޑުމެން އަހާގޮތުން ވެއްޖިއްޔާ، ދިވެހިރާއްޖޭގެ ތަޢުލީމަކީ އޭރު ޚާއްޞަ ބޭފުޅުންކޮޅަކަށް ޚާއްޞަވެގެންދާ ކަމެއް. މުޅި ތަޢުލީމީ ނިޒާމު ދިވެހިރާއްޖެއަށް ޢާންމު ކުރެއްވި ބޭފުޅަކީ މުޙައްމަދު އަމީން. ރާއްޖެތެރޭގެ އެކި ހިސާބުން ތޫނު ކުދިން ގެންނަވައިގެން، މާލޭގައި އެކުދިންނަށް އިބްތިދާއީ ތަޢުލީމާއި އަދި މަތީ ތަޢުލީމު ދެވޭނެ ގޮތްތައް ހަމަޖެއްސެވީ މުޙައްމަދު އަމީން. ތަޢުލީމުން ޝާހީގޮތް ކަނޑުއްވައިލެއްވި ބޭފުޅަކީ މުޙައްމަދު އަމީން.

ޝައްކެއްވެސްނެތް، ހުރިހާ އަންހެން ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަންހެން ބޭފުޅުން ޤައުމު ބިނާކުރުމުގެ އެކިއެކި ޙަރަކާތްތަކަށް އިސްކުރައްވައި ނެރުއްވަން ހިތްވަރު ދެއްވި ބޭފުޅަކީ މުޙައްމަދު އަމީން. ވަރަށްގިނަ އާ ކަންތައްތަކެއް ކުރެއްވި ބޭފުޅެއް މުޙައްމަދު އަމީނަކީ. އެހެންނަމަވެސް، އޭރު ހިނގައިދިޔަ އެކި ކަންތައްތަކުގެ ޝިކާރައަކަށްވެގެން އަޅުގަނޑުމެންނަށް ޚިދުމަތް ކުރެއްވި ވަރުގަދަ ބަޠަލެއްގެ ނިމުންއައީ. އެހެންވީމާ، މިއީކީ ދިވެހި ތާރީޚުގައި އަޅުގަނޑުމެން އަބަދު ކިޔާކަށެއް މާރީތި ވާހަކައެއް ނޫން. ފަޚްރުވެރި ވާހަކައެއްނޫން. އެހެންނަމަވެސް، ގިނަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، މުޙައްމަދު އަމީނަކީ [އަ މޭން އަހެޑް އޮފް ޓައިމްސް] ދުވަސްވަރަށްވުރެ ކުރީގައި އަބަދުވެސް ހިންގެވި ބޭފުޅެއް ގޮތުގައި ފާހަގަކުރެވިފައި އޮންނަނީ. ރާއްޖެއަށް ބޭނުންވި ވަރަށްގިނަ ތަހުޒީބާއި، ރާއްޖެއަށް ބޭނުންވި ވަރަށްގިނަ ތަރައްޤީ، މިދެންނެވި ކުރު މުއްދަތުގެ ތެރޭގައި ގެންނެވި. އަދި އޭގެކުރިން އެމަނިކުފާނު ވަޒީރުލްއަޢުޡަމްގެ މަޤާމުގައި ހުންނަވައިގެން ވަރަށްގިނަ ކަންތައްތަކެއް ކުރެއްވި. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ އޭރު ރަސްކަމާ ޙަވާލުވެވަޑައިނުގެން، އެހެންނަމަވެސް، އެ ކިލެގެފާނުގެ ބޭފުޅުންނަށް ވެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވަމުން ގެންދެވި ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ބޭފުޅުން ދައުލަތުގެ އެންމެ މުހިންމު މަޤާމުތަކާ ޙަވާލުވެވަޑައިގެންފައި، އެހެންނަމަވެސް، ދިވެހިރާއްޖެ ބަނޑަށް ޖެހުނީމަ، އެ މަސްއޫލިއްޔަތު އުފުއްލަވަން ދަތިފުޅުވީމަ މަޤާމުތަކުން ދުރަށް ވަޑައިގަތީ. އެވަރުގެ ޗެލެންޖެއް ފޭސްކުރެއްވި ބޭފުޅަކީ އޭރު މުޙައްމަދު އަމީން.

އެހެންވީމާ، ޖުމްހޫރީ ދުވަހުގެ މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރާއިރު، ޖުމްހޫރިއްޔާގެ ބާނީއަކަށް މުޙައްމަދު އަމީން ނޫން ބޭފުޅަކު ވާނެކަމާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއްނެތް. ދެވަނަ ޖުމްހޫރިއްޔާގެ ބާނީން ތިއްބަވާނެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެއްގެ ގޮތުގައި އަޅުގަނޑުމެން ބަލަމުން މި އަންނަނީ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު. އަދި އެއާއެކީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ފަޚްރުވެރި ރައީސަކީ، ޒަޢާމަތުގައި ގިނަ ޚިދުމަތްތަކެއް ރާއްޖެއަށް ކޮށްދެއްވި ބޭފުޅަކީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ. އާދެ، ޖުމްހޫރީ ދުވަހެއް ފާހަގަކުރަމުންދާއިރު، މިބޭފުޅުންނާއި އަދި މީގެފަހުން ވަޑައިގެންނެވި ރާއްޖޭގެ ވެރިކަން ކުރެއްވި، އެންމެމަތީ ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުންގެ ނަންފުޅު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން. މީގެތެރެއިން ދުނިޔެ ދޫކުރައްވާފައި ވަޑައިގެންނެވި ބޭފުޅުންނަށް ސުވަރުގޭގެ ނިޢުމަތް ލައްވާށި!

އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވި ވާހަކައަކީ، އަޅުގަނޑު ގެންނަން މިރޭ ބޭނުންވި މިސާލަކީ، ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ވެރިކަމެކޭ. ޖުމްހޫރިއްޔަތެއްގައި މަސްއޫލިއްޔަތު އުފުލަންޖެހެނީ ހަމައެކަނި ރައްޔިތުންގެ މައްޗަށް އިސްކޮށްފައި ހުންނަ، ކަންކަން މަތިކޮށްފައި ހުންނަ ރައީސުލްޖުމްހޫރިއްޔާ އެކަންޏެއް ނޫނޭ. އެކަން އެގޮތަށް އޮތީ މިދެންނެވި ދުވަސްވަރުގެ ތެރޭގައި ފަސްދޮޅަސް އެތައް އަހަރެއް ކުރިން. މުޙައްމަދު އަމީން ނެތް ތަނެއްގައި، ނެތް ދުނިޔެއެއްގައި ދިވެހިރާއްޖެ އޮތުންވެސް އޭރު އޮތީ ދަތިވެފައި. މުޙައްމަދު އަމީން އެކުރެއްވި މަސައްކަތްޕުޅަކީ އޭރު ރާއްޖޭގައި ތިއްބެވި އިސް ބޭފުޅުންގެ ތެރޭގައި އެ ސަފުން އެވަރު މަސައްކަތެއް ކުރައްވާނެ ދެވަނަ ބޭފުޅަކު ނެތްވަރުގެ މަސައްކަތް ކުރެއްވި ބޭފުޅެއް. ތަރައްޤީގެ ހުރިހާ މަސައްކަތެއް ކުރެއްވި. އެހެންވީމާ، އޭރު އަޅުގަނޑުމެން ވާހަކަ ދައްކާ ކަމަށްވަންޏާ، ރާއްޖެ އޮތް ނިކަމެތިކަމާއި، ރާއްޖެ އޮތް ޙާލާއި، ރާއްޖޭގެ މީހުންގެ ހޭލުންތެރިކަން ކުޑަކަމާއި، އަދި ރާއްޖޭގައި ކަންކަމަށް އިސްނަގާނެ މީހުން މަދުކަމަށް ބަލާއިރު، މުޙައްމަދު އަމީން ވަށައިގެން ދިވެހިރާއްޖެ އޭރު ދައުރުކުރި. އެހެންނަމަވެސް، މިއަދާ ހަމަޔަށް އަންނަމާ ހިންގަވާ!

މިއަދާ ހަމަޔަށް އަންނައިރު، މިރޭގެ ޖަލްސާއިން އެކަނި އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ މިކަހަލަ އެތައް ބޭފުޅުންނެއް. އެއްގޮތަކަށްވެސް މުޙައްމަދު އަމީންގެ ޒިކުރާ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނައިރު، އެމަނިކުފާނުގެ ޤައުމީ ޚިދުމަތާ އެއްގޮތަކަށްވެސް މިރޭގެ ޝަރަފުވެރިންނާ އަޅުގަނޑު ގާތްކުރަނީކީ ނޫން. އެހެންނަމަވެސް، ދަންނަވަން މިއުޅޭ ވާހަކައަކީ، ޤައުމު ބިނާކުރުމަކީ އެއް ފަރުދެއްގެ ޒިންމާއެއް ނޫނޭ. ރައީސަކަށް ހުންނަ މީހަކުވެސް ކުރަންޖެހޭ މަސައްކަތަކީ، މިފަދަ ޝަރަފުވެރި މަސައްކަތް ކުރައްވާނެ ބޭފުޅުންތަކެއް ބިނާކުރަން، ޤާއިމުކުރަން ކުރާ މަސައްކަތް. ހިތްވަރު ދިނުން. އެހެންވީމާ، އެ ހިތްވަރު ދިނުމުގެ ގޮތުން ޝަރަފުވެރިންގެ ނަންފުޅު މި ފާހަގަކުރެވެނީ. އަދި އެ ހިތްވަރު ދިނުމުގެ ގޮތުން މަތީ ތަޢުލީމު ހާސިލު ކުރައްވައި، ބޭރުގެ ޔުނިވަރސިޓީތަކުގައި ދިވެހިރާއްޖެއަށް ޝަރަފާއި، ދިވެހިރާއްޖެއަށް ރީތި ނަން ގެންނަ ބޭފުޅުންނަށްވެސް އިނާމު އަރުވަނީ. ހަމަ އެ ހިތްވަރު ދިނުމުގެ ތެރެއިން ޒުވާން ކުދިން، ޤުރްއާން ހިތުދަސްކޮށްގެން ޤައުމީ އިނާމު ހާސިލުކޮށްފައި ތިބޭ ކުދިން، މިރޭ ފަޚްރުވެރި ވަނަތަކެއް ހާސިލުކުރާ ކުދިންގެ ގޮތުގައި އަޅުގަނޑުމެންގެ އޮންނަ އެންމެ ޝަރަފުވެރި ޖަލްސާގައި ފާހަގަކުރަމުން މިގެންދަނީ. ހަމަ ހިތްވަރު ދިނުމުގެ ތެރެއިން، ހިލޭސާބަހަށް، ދަރުމަޔަށް މަސައްކަތްކުރާ އެކި ބޭފުޅުން، އަޅުގަނޑުމެން އެބޭފުޅުންގެ ޚިދުމަތް މި ފާހަގަކުރަނީ. އަންހެން ބޭފުޅުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ އެކިއެކި ބޭފުޅުންގެ އަގު ވަޒަން މިކުރަނީ ހަމަ މިދެންނެވި ސަބަބަށްޓަކައި މި ޖަލްސާގައި.

އެހެންވީމާ، ޤައުމު ބިނާކުރުމުގައި މިއުޅެނީ އެތައް ބައިވަރު ބައެއް. ޤައުމު ބިނާކުރުމުގައި އެބޭފުޅެއްގެ ޒިންމާ، އެބޭފުޅެއްގެ މަސްއޫލިއްޔަތު އެބޭފުޅަކަށް އަދާކުރެއްވޭނެ ކަންކަމަކީ، ހަމަ ކޮންމެ ބޭފުޅަކު، އެކަމާ ދޭތެރޭގައި ޖުމްހޫރީ ދުވަހެއްގެ ޖަލްސާ ނިމިގެންދާއިރު ވިސްނަވައިލައްވަންޖެހޭ ކަމެއް.

އަޅުގަނޑުމެންގެ ޙާލަތު މިއަދު މިއޮތީ ބަދަލުވެފައި. އަޅުގަނޑުމެންގެ އަވަށްޓެރިން، މީގެ ފަސްދޮޅަސް އެތައް އަހަރު ކުރިން އަޅުގަނޑުމެން ބޭނުންވާ ކޮންމެ ކަމަކަށް ރާއްޖެއިން ބޭރަށް އެންމެ ކައިރިން ދަނީ ސިލޯނަށް. ދެން އެއަށްވުރެ ދުރަށް ކޮންމެވެސްވަރަކަށް ދޭކަންނޭނގެ. އެހެންނަމަވެސް، ހުރިހާ ކަމެއް ލޭންދޭނަށް، މުޅި ދައުލަތް އޮތީ ލޭންދޭނާ ކައިރި ޤައުމުތަކުގައި. ޚާއްޞަކޮށް، ސިލޯނުން ލޭންދޭން ކުރުމުގައި. މިހާ ދަތިކޮށް އޮތް ދުވަސްވަރެއްގައި އަޅުގަނޑުމެންގެ ފުރަތަމަ ޖުމްހޫރިއްޔާ އައީ. އަދި މިޔާއެކީ އަޅުގަނޑުމެންނަށް އިތުރަށް އުނދަގޫވެގެން ދިޔައީ، ދެވަނަ ބޮޑު ހަނގުރާމައިގައި ބަނޑުހައިހޫނުކަން ޢާންމުވެފައި އޮތް ދުވަސްވަރެއްގެ ތެރޭގައި. މީގައި މުޙައްމަދު އަމީންގެ ކުށެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ. ތާރީޚު ލިޔުއްވާ ބޭފުޅުން ހަމަގައިމުވެސް ގަބޫލެއްނުކުރައްވާ. އެހެންނަމަވެސް، ކޮންމެ އިންސާނަކީވެސް ކޮންމެވެސްކަހަލަ ކުށްތަކެއް ކުރާނެ ބައެއް. އެހެންނަމަވެސް، ޤައުމީ ނަޒަރަކުން ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރާއިރު، އެމަނިކުފާނަކީ އެންމެ ވަރުގަދަ ޚިދުމަތް، އެންމެދަތި ދުވަސްވަރު ދިވެހިރާއްޖެއަށް، ދިވެހި ޖުމްހޫރިއްޔާއަށް ކުރެއްވި ޚިދުމަތްތެރިއެއް.

އަޅުގަނޑުމެންނަށް މިއަދުގެ ޙާލަތު ބަދަލުވާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، އޭރުވެސް އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ވެރިކަމާއި، ވެރިކަމަށް ޝައުޤުވެރިވާ މީހުންގެ މައްސަލަތައް ހުރިގޮތް. މުޙައްމަދު އަމީންގެ އެންމެ ގާތް ބޭފުޅެއް ގޮތަށް އިސްކުރެއްވި ނައިބު ރައީސެއް. މުޙައްމަދު އަމީން ބޭސްކޮޅުގައި ރާއްޖެއިން ބޭރުގައި އުޅުއްވަނިކޮށް މިކޮޅުގައި އައީ ބޮޑު ބަޣާވާތެއް. މިކޮޅުގައި އައި ބަޣާވާތް ނިމިގެން މިދިޔައީ މުޙައްމަދު އަމީން މާލެއަށް ޒިޔާރަތް ކުރެއްވިއިރު، މާލެއަށް އަދި މާލޭގެ ރައްޔިތުންނާ، އެމަނިކުފާނުގެ ރައްޔިތުންނާ އެއްގޮތަކަށްވެސް ބައްދަލުނުވެވޭގޮތަށް ދޫނިދޫގައި ހައްޔަރުކުރި ކުރުމަކުން. އާދެ، ފުރަތަމަ ޖުމްހޫރިއްޔާ ނިމިގެންދިޔައީ ހަމަ ވަރަށް ޝޭމްފުލްކޮށް. އެއްގޮތަކަށްވެސް ދިވެހި ތާރީޚުގައި ދިވެހިން ފަޚްރުވެރިވާންޖެހޭކަހަލަ ގޮތަކަށެއް ނޫން، ފުރަތަމަ ޖުމްހޫރިއްޔާ ނިމިގެންދިޔައީ. އަދި ޖުމްހޫރިއްޔާ އެހިސާބުން ނިމިގެންދިޔައީކީވެސް ނޫން. ދެން ހިނގައިދިޔަ ނުރައްކާތެރި ކަންތައްތަކުގެ ތެރޭގައި މުޙައްމަދު އަމީންގެ ހަށިކޮޅަށް އެތަކެއް ގެއްލުން ލިބި، އެމަނިކުފާނު ދުނިޔެ ދޫކުރައްވާފައި އަޅުގަނޑުމެންނާ ދާއިމަށް ވަކިވެވަޑައިގަތީ.

މިއީ އަޅުގަނޑުމެންގެ ރައްޔިތުންނަށް އެއްއިރެއްގައި އަޅުގަނޑުމެންގެ ވެރިންނާ ދޭތެރޭގައި ކަންތައް ކުރެވިފައި ހުރިގޮތް. މިކަންކަން ކޮށްފައި ހުރީ ރައްޔިތުންގެ އަމިއްލަ ފިކުރަކު ނޫން. ރައްޔިތުންގެ އަމިއްލަ ވިސްނުމަކު ނޫން. މިކަންކަން ކުރަނީ އޭރު ބޮޑުންގެ ތެރޭގައި އޮންނަ ފިތުނަ، އެ ފިތުނަ ބޮޑުވެގެން ގޮސް ކުރެވޭ ކަމެއްގެ ގޮތުގައި. އަޅުގަނޑު އެއްގޮތަކަށްވެސް ދަންނަވަން މިއުޅެނީކީ ނައިބު ރައީސުން ރައީސުންނަށް ކެހިދޭ ވާހަކައެއް ނޫން. އަޅުގަނޑުގެ އަޚު ޖިހާދު އަޅުގަނޑަކަށް ކެއްސެއް ނުދެއްވާނެ. އެހެންނަމަވެސް، ދަންނަވަން މިއުޅޭ ވާހަކައަކީ، ޖުމްހޫރީ ދުވަހެއްގައި، ޖުމްހޫރީ ނިޒާމެއްގައި ސަމާލުވާންޖެހޭ ބައެކޭ ނައިބު ރައީސުންނަކީ. އަޅުގަނޑުމެންނަށް ހަމަގައިމުވެސް އެންމެ ވަރުގަދަ ޝަޚްޞިއްޔަތެއް ގޮތަށް އޭރު ފެނިގެންދިޔަ ރައީސް، ޖުމްހޫރިއްޔާގެ ރައީސްގެ ނިމުންދިޔަގޮތް އަޅުގަނޑު މިދަންނަވާލީ.

އެކަމަކު ދެންނެވޭތޯ މި ބަލާ ވާހަކައަކީ، އޭރުގެ ޖުމްހޫރިއްޔާގެ އެންމެ ވަރުގަދަ މަސައްކަތް ކުރެއްވި، ނޫނީވިއްޔާ މުޅި ރާއްޖެ އެއްބޭފުޅެއްގެ މައްޗަށް ބަރޯސާވެ އޮތް ބޭފުޅަކީ މުޙައްމަދު އަމީނޭ. މިއަދުގެ ރާއްޖެ ތަފާތު. ބަލައިލި ކޮންމެ ދިމާއަކުން ތަފާތު. ބޭރުގެ ޔުނިވަރސިޓީތަކަށް އަޅުގަނޑުމެންގެ ދަރިން، އަޅުގަނޑުމެންގެ ކުދިން ގޮސްފައި އެ ގެންނަނީ މަތިވެރި ޝަރަފުވެރި ވަނަތައް. ކުޅިވަރުގައި ބައިވެރިވެގެން ހަމަ އެފަދަ ރަން ވަނަތައް އެބަ ހޯދާ. އިޖުތިމާޢީ ޙަރަކާތްތަކާއި އިޖުތިމާޢީ ޚިދުމަތަށް ބަލާކަމަށްވަންޏާ، އަންހެން ބޭފުޅުން ތިއްބަވަނީ ފިރިހެން ބޭފުޅުންނަށްވުރެ ކުރީގައި. ޒުވާނުން ބާރުވެރިކުރުވާ ވާހަކައާއި، އަންހެން ބޭފުޅުން ބާރުވެރިކުރުވާ ވާހަކައާއި، އަންހެން ބޭފުޅުންނަށް ޙައްޤު މަޤާމުދޭ ވާހަކަ މިއަދު މި ދައްކަނީ ކީއްވެގެންތޯ ޖުމްހޫރިއްޔާގައި އަޅުގަނޑުމެން ޚިޔާލަށް ގެންނަން މިޖެހެނީ. އަޅުގަނޑު ދަންނަވާލިން، އޭރު އެންމެ ބޭފުޅެއްގެ ވަށާ ޖުމްހޫރިއްޔާ އެނބުރުނީ. މުޅި ދިވެހިރާއްޖޭގެ އެންމެންގެ ރިޒުޤު އެބޭފުޅެއް މެދުވެރިވެގެން އަންނަ ކަމަށް ދިވެހި ރައްޔިތުންނަށް އޭރު ގަބޫލުކުރެވިފައި އޮތީ. އެހެންވެގެން މުޙައްމަދު އަމީނަށް ރަސްކަން ނުކުރެއްވުނީ. އެހެންވެގެން ދިވެހިރާއްޖޭގެ ރަސްކަން، ވިރާސީ ވެރިކަމެއް، ވިރާސީ ރަސްކަމެއް ބަދަލުވެގެން މިދިޔައީ ޖުމްހޫރިއްޔާއަކަށް. ހަމަ އެންމެ ބޭފުޅަކަށްޓަކައި. އެކަމަކު ޖުމްހޫރިއްޔަތަކީ ނިޒާމެއް ދޮގެއްތޯ. ޖުމްހޫރިއްޔަތަކީ ނިޒާމެއް. ދިވެހިރާއްޖެއަށް ޖުމްހޫރިއްޔަތަކީ އޭރު އަހުލުވެރިވެރިވެ އޮތް ނިޒާމެއް ނޫން. އޭރު މުތަޤައްދިމް ޕާޓީއެއްވެސް އުފެދިގެންދިޔަ. އެހެންވީމާ، ތާރީޚަށް ލޯބިކުރައްވާ ބޭފުޅެއް، އަޅުގަނޑުމެންގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ. ފަންނުގައި ޢަބްދުލްމަޖީދު ކުރިއަށް ހުންނެވި މިންވަރަށް ދާދިފަހުން މުޙައްމަދު ނަޝީދު ވަނީ އެކަމަށް އިޝާރާތް ކުރައްވާފައި.

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއަދުގެ ދިވެހިރާއްޖެއަކީ އެތައް ބައިވަރު ޒުވާނުންނެއް، އެތައް ބައިވަރު އަންހެން ބޭފުޅުންނެއް، އެތައް ބައިވަރު ޑޮކްޓަރުންނެއް، އެތައް ބައިވަރު ނަރުހުންނެއް، އެތައް ބައިވަރު ޓީޗަރުންނެއް، ބަލައިލި ކޮންމެ ދިމާއަކުން ޚިދުމަތް ކުރައްވާނެ އެތައް ބައިވަރު ބޭފުޅުންތަކެއްގެ ޖުމްލަ މަސައްކަތެއްގެ ގޮތަށް ދިވެހިރާއްޖެ، ދިވެހި ދައުލަތް ބައްޓަންވެގެން މިދަނީ. ޝައްކެއްވެސްނެތް، ކޮންމެ ކަމެއް ކުރާއިރުވެސް މަގު ދައްކާނެ މީހުން ތިބޭނެ. މަގު ދެއްކުމުގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަޅުގަނޑުމެންނާ ހަވާލުވެފައި އޮންނަ، މަތިވެފައި މި އޮންނަ އަމާނަތަށް ޙުރްމަތްތެރިކޮށްހިތުން، މިއީ އަޅުގަނޑުމެން ޖުމްހޫރީ ދުވަހު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހޭ އެއްކަމެއް.

މި ދިވެހިރާއްޖެއަކީ އެކެއްގެ ދިވެހިރާއްޖެއެއް ނޫން. މި ދިވެހިރާއްޖެއަކީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ. މި ދިވެހިރާއްޖެ ދެކެ އެންމެން ލޯބިވުމަކީ، އަޅުގަނޑުމެން ޖުމްހޫރީ ދުވަހެއްގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ، އަޅުގަނޑުމެންގެ އެންމެ ވަރުގަދަ، އެންމެ މަތިވެރި ޤައުމީ ވާޖިބު. އެހެންވީމާ، މި ދިވެހިރާއްޖެއަށް ހެޔޮއެދޭ މީހުންނާއި، މި ދިވެހިރާއްޖެއަށް ހެޔޮނޭދޭ މީހުންނާއި، އަދި މި ދިވެހިރާއްޖޭގެ ހަލާކަށް އިންތިޒާރުކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބިކަން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ. ޖުމްހޫރީ ދުވަހެއްގައި ފިލާވަޅު ނަގާއިރު އަޅުގަނޑުމެން ނަގަންޖެހޭ ފިލާވަޅުތަކަކީ މިއީ. އަޅުގަނޑުމެން ޚިދުމަތް ކުރުމުގެ ނަމުގައި އަމިއްލަ އެދުން އިސްކޮށްގެން ކުރެވޭ މަސައްކަތުގެ ނަތީޖާ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންނާ ބައްދަލުކުރާނީ އަޅުގަނޑުމެންނަށް ފަހިގޮތަކަށް ނޫން. އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ބިނާކުރަނިވި މަސައްކަތްތަކެއް ދިވެހިރާއްޖޭގައި، ދިވެހި ކޮންމެ ފަރުދަކު އުފުލަންޖެހޭ ޒިންމާއެއްގެ ގޮތުގައި އުފުލާކަމަށްވަންޏާ، ދިވެހިރާއްޖެއަކީ މިއަށްވުރެ މާ ކުރިއަރާފައި އޮންނާނެ ތަނެއް.

އަޅުގަނޑުމެންގެ އަވަށްޓެރިންގެ ކައިރިއަށް މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން އަޅުގަނޑުމެން ދިޔަ ވާހަކަ މި ދެއްކީ. އަޅުގަނޑާއި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓްގެ ޓީމް ގަބޫލުކުރައްވާ ގޮތުން ވެއްޖިއްޔާ، އަޅުގަނޑުމެންގެ މި ފުރުޞަތުތައް މިއަށްވުރެ ފަހިކޮށް، މިއަށްވުރެ ވަރުގަދައަށް ބޭނުންކުރެވުނުނަމަ، މިދިޔަ ދިހަވަރަކަށް އަހަރަކީ އަޅުގަނޑުމެންނަށް ގެއްލިގެން، ތަރައްޤީ އަމުދުން ބީވެގެންދާނެ 10 އަހަރަކަށްނުވީހޭ. މި 10 އަހަރަކީ ސިޔާސީ އެކިއެކި މީހުންގެ ވާދަވެރިކަމުގެ ތެރޭގައި، ދިވެހިރާއްޖެ ހަލާކުވެގެންދިޔަ 10 އަހަރު ކަމަށް އަޅުގަނޑު ސިފަކުރަނީ. ރައްޔިތުންނަށް ޚިދުމަތްކުރާ ކަމަށްވަންޏާ، މި ހުންނަ ފަރުދީ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށްފައި، ޤައުމު ބިނާކުރުމުގައި ދިއްކޮށްލާ އަތުގައި ހަމަ ކޮންމެ މީހަކަށްވެސް ހިފެންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.

އެހެންވީމާ، ތަރައްޤީއަށް މަސައްކަތް ކުރާއިރު، ގެއްލިގެންދާ 10 އަހަރަކީ ޝައްކެއްވެސްނެތްގޮތުގައި، ޖިއޮގްރަފީ ގޮތުން އަޅުގަނޑުމެން ހިމެނިފައި އޮންނަ ސަރަޙައްދާއި އަދި އަޅުގަނޑުމެން އަތުގައި ހުރި ތަރައްޤީ ކުރެވިދާނެ ވަސީލަތްތަކަށް ރިޢާޔަތް ކުރާއިރު، މިއަށްވުރެ މާކުރީގައި ދިވެހިރާއްޖެ އުޅެންޖެހޭނީ. އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިބްރާހީމް ނާޞިރު ދިވެހިރާއްޖެއަށް ގެންނެވި ތަރައްޤީއަކީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެން އޭގެ އަގު ވަޒަންކޮށް، އަޅުގަނޑުމެންނަށް ހަމަ ކޮޅުންނުލާވަރަށް ޝުކުރު ދަންނަވަންޖެހޭ ކަމެކޭ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވީ އިބްރާހީމް ނާޞިރު. ދައުލަތެއް ޖުމްހޫރީ ދައުލަތެއްގެ ގޮތުގައި، މިނިވަން ދައުލަތެއްގެ ގޮތުގައި ނެތިސް އެވަރުގެ ވަރުގަދަ ޖިހާދަކާއި މިނިވަންކަމެއް އަޅުގަނޑުމެންގެ ތެރޭގައި ނެތްނަމަކައެއް.

ހަމައެއާ ގުޅިގެން އޭގެފަހުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ރައީސް މައުމޫންގެ މަތިވެރި 30 އަހަރުގެ ޚިދުމަތް. ޝައްކެއްވެސްނެތްގޮތުގައި، ތަރައްޤީގެ އެތައް މަޝްރޫޢެއް. އަދި ބާރުވެރިކުރުވުމަށް، އެކި ގިންތިތައް ބާރުވެރިކުރުވުމަށް އެތައް މަޝްރޫޢުތަކެއް ހިންގަވައިދެއްވި. ޝައްކެއްވެސްނެތްގޮތުގައި، އެމަނިކުފާނުގެ މަތިވެރި ޚިދުމަތްތަކަކީ ޖުމްހޫރީ ދުވަހެއްގައި އަޅުގަނޑުމެން ޚިޔާލަށް ގެންނަންޖެހޭ ޚިދުމަތްތައް. މިޔާއެކުވެސް މި ދަންނަވަނީ އަޅުގަނޑުމެންނަށް މިއަށްވުރެ ވަރުގަދަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންނަމަވެސް، ސިޔާސީ ވާދަވެރިންގެ އޮންނަ އަމިއްލަ ޒާތީ ވާދަވެރިކަމުގެ ތެރޭގައި، 10 އަހަރުގެ ތެރޭގައި އަޅުގަނޑުމެން މިތިބީ ފަހަތަށްޖެހިފައި. އަޅުގަނޑުމެން މިއަދަކު ނޫން އިންދިރާގާނދީ ހޮސްޕިޓަލް 25 ބުރިއަށް އިމާރާތް ކުރާނީކީއެއް. އަޅުގަނޑުމެން މިއަދުވެސް އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުގެ ވިސްނުން ހުންނަ ގޮތަށް ބަލާކަމަށްވަންޏާ، ފަރުދީ ނަފްސަށް ވިސްނާކަމަށްވަންޏާ، މިއީ އެއްގޮތަކަށްވެސް އެއްވެސް ބޭފުޅަކު ކުށްވެރިކުރަން ދަންނަވާ ވާހަކައެއް ނޫން. 25 ބުރިއަށް އިންދިރާގާނދީ ހޮސްޕިޓަލް އިމާރާތް ކުރަން ހުރިހާ ރައްޔިތުން އެދިއެދި ތިބޭއިރު، އަޅުގަނޑުމެންގެ ތެރޭގައި މަދުން ނަމަވެސް، އެތަން ގޮއްވާލަން ބޭނުންވާ މީހުން އެބަތިބިކަން އެބަ އެނގޭ.

މިއީ އަޅުގަނޑުމެންގެ ހިތާމަޔަކީ. ކީއްވެގެންތޯ، އަޅުގަނޑުމެންނަށް މި ސަރަޙައްދުގައި ލިބޭ އެންމެ ރަނގަޅު ބޭސްފަރުވާ، ޞިއްޙީ ނިޒާމުގެ ފަރުވާ ނުލިބެންވީ؟ އަޅުގަނޑުމެން ހަމަ ކުޑަތަންކޮޅެއް ދުރުން، އިރުމަތިން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އެއް ޝަހަރުން އަނެއް ޝަހަރު ކަޑައްތު ކުރާނޭ ބްރިޖެއް އެޅިގެންދާތަން. މިއަދު ބްރިޖް އަޅަން ބޭނުންވަނީކީ ކަނޑަކު ނޫން. މިއަދު ބްރިޖް އަޅަން ބޭނުންވަނީ ސިޔާސީ ފިކުރުގެ ތަފާތުކަން ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ބްރިޖް. އެކަމަކު އެކަންކަން ކުރާއިރުވެސް އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި ޤާނޫނަށް ބޯލެނބުމާއި، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ އަދި މުޅި ދިވެހިރާއްޖެއަކީ އަމިއްލަ ފަރުދެއްގެ މަޞްލަޙަތަށްވުރެ އިސްކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ހުރިހާ ސިޔާސީ ލީޑަރުން ގަބޫލުކުރަންޖެހޭނެ. އަޅުގަނޑުމެން ކުރާ ކުށެއްގެ ސަބަބުން އަޅުގަނޑުމެންނަށް އަދަބު ލިބޭއިރު އެއީ ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރުމަކީ ރަނގަޅު ކަމަކަށް ވެގެންނުދާނެ. ސަރުކާރަކުންނެއް ނޫން ޝަރީޢަތް ކުރަނީކީ. ސަރުކާރަކުންނެއް ނޫން މައްސަލަ އުފުލަނީކީ. އަޅުގަނޑުމެން ފާސްކޮށްފައި އެއޮތް ޤާނޫނުއަސާސީ، އަޅުގަނޑުމެން ތަޞްދީޤުކޮށްގެން، އޭގެ މައްޗަށް ޢަމަލުކުރާ ޤާނޫނުއަސާސީ ހެއްދެވި ބޭފުޅުން، ނޫނީ އެކުލަވައިލެއްވުމުގައި މަސައްކަތް ކުރެއްވި ބޭފުޅުން އަދި ޑްރާފްޓް ކުރުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންވެސް މި މާލަމުގައި އެބަ ތިއްބެވި.

އެހެންވީމާ، ހަނދުމަފުޅު ހުންނަންވާނެ މިވާ ކަންކަން. އެކަމަކު އަޅުގަނޑުމެން ހަނދާން ނުހުންނަނީ، އަޅުގަނޑުމެން ރޮނގު ހުރަސްކުރާއިރު މި ކުރެވެނީ ކީއްކަން. މަސްއޫލިއްޔަތު މުޅިން ފުށުއަރަނީ. ލޮލަށް ފުސް ފައިބަނީ. އަޅުގަނޑުމެންނަށް ސިޔާސީ ވިސްނުމާހެދި އަޅުގަނޑުމެންނަށް އެއްފޫޓް ދުރަށް ފެނުން އަޅުގަނޑުމެންނަށް މުޅިން މަޙްރޫމްވެގެން މިދަނީ. އެ ދާއިރު އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ، ދިވެހިރާއްޖޭގައި އެންމެ މުޤައްދަސް އެއްޗަކަށްވާންވާނީ ޤާނޫނުގެ ބާރު ހިންގުން ކަމެއް. އެކި މީހުންނަށް، އެކިކަހަލަ ހަމަޖެހުން ގެނެސްދޭން ވަކާލާތު ކުރެވެމުން މިދަނީ. އަޅުގަނޑެއް ނުދަންނަން އެކަހަލަ އިންޞާފެއް. އަޅުގަނޑަށް އެނގެނީ ޤާނޫނުގެ ބާރު ތަންފީޛު ވެގެންދާއިރު، ޤާނޫނުގެ ބާރު ތަންފީޛު ކުރަން ތިބޭ ފަރާތްތަކުން ޝަރީޢަތް ކުރާއިރު، ތަޙުޤީޤުކޮށް ނިމޭއިރު، މައްސަލަ އުފުލާއިރު، ދާނީ އެންމެންނަށް އެއް އުސޫލަކުން. އެއީ ޢުޤޫބާތުގެ އިޖުރާތުތަކުގެ އަސާސް. މި އަޅުގަނޑުމެންނަށް ތަޙައްމަލް ނުކުރެވޭ ކަމަށްވަންޏާ، އެވަރުގެ ބޭފުޅުންނަކަށް އަޅުގަނޑުމެންގެ މި ދިވެހި ޖުމްހޫރިއްޔާގައި ތިބ މީހުންނަކަށް ލީޑަރޝިޕް ދެއްވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަމު. އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކަކީ، މިދެންނެވި ގޮތަށް އަސާސްތަކަކީ ޤާނޫނުގައި ލިޔެވިފައި ހުރި އަސާސްތައް.

އަދު އަޅުގަނޑުމެންގެ ތެރެއިން އިވެމުން މިދާ އަޑަކީ ރާއްޖޭގައި ކުށް ގިނަ ވާހަކަ. ޝައްކެއްވެސްނެތް، ބޮޑެތި ޖަރީމާތައް ރާއްޖޭގައި ހިނގާލެއް މަދެއްނޫން. އަދި މިވޭތުވެދިޔަ ދިހަވަރަކަށް އަހަރަކީ މީގެ ހިތްދަތިކަން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކޮންމެ ޢާއިލާއަކުން ތަޙައްމަލު ކުރަންޖެހިފައި އޮތް ކަމެއް. އަޅުގަނޑުމެންގެ ޚިޔާލަށް ދެން އަންނަނީ، ދިވެހިރާއްޖޭގައި އެހެންވީމަ ގިނަވާންވީ ޖަލުތައްހެއްޔޭ؟ ދިވެހިރާއްޖޭގައި ގިނަވާންވީ އަމަން ބަލަހައްޓާ މީހުންހެއްޔޭ؟ ނޫނިއްޔާ ދިވެހިރާއްޖޭގައި ގިނަވާންވީ ކުށުގެ މައްސަލަޔާ ހަމަޔަށް ރުޖޫޢަވެ، މި މައްސަލަ އުފެދެނީ ކީއްވެގެންތޯ ބަލައި، ތަޙުލީލީ ނަޒަރަކުން އެއަށް ޙައްލެއް ހޯދައިދިނުން ހެއްޔޭ؟ އެހެންވީމާ، ޖަލުތޯ ގިނަވާންވީ؟ ނޫނީވިއްޔާ މުނިފޫހިފިލުވުމާއި، ޒުވާނުން ކުށުން ދުރަށްލާން ކުރާ މަސައްކަތާއި، ޕާކުތަކާއި، ކުޑަކުދިން ނުކުމެ ހިތްގައިމު ހިތްފަސޭހަކަމާއެކީ، މައިންބަފައިންނާއެކީ އުޅޭނެ ތަންތަންތޯ ގިނަވާންވީ؟ އަޅުގަނޑުމެންގެ ސަރުކާރަށް ގަބޫލުކުރެވެނީ، ފުރަތަމަ ކަމަކީ ނަފްސު އިޞްލާޙު ކުރުމޭ. ފުރަތަމަ ކަމަކީ އަޅުގަނޑުމެންގެ ބަލި ސިކުނޑިތަކަށް، އަޅުގަނޑުމެންގެ ވަރަށް އުނދަގޫ، ނޫނީ ވަރަށް އުނދަގޫ ކަންތައްތައް ތަޙައްމަލްކުރާ އަޅުގަނޑުމެންގެ ސައިކީއަށް ފަރުވާދިނުން. އަޅުގަނޑުމެންގެ ސައިކީއަކަށް ފަރުވާއެއްނުދެވޭ، ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިބެގެންނެއް. އަޅުގަނޑުމެންގެ ސައިކީއަށް ފަރުވާ މި ދެވެނީ، އަޅުގަނޑުމެން އުޅޭ މުޖުތަމަޢުގެ ތެރޭގައި ހަމަޖެހިގެން އުޅޭ ބައެއް އޮވެގެން. އެހެންވެގެން ޤައުމުގެ މަޞްލަޙަތަށް އެންމެންވެސް ލޯބިކުރަނީ. މިއަދު ކީއްވެގެންތޯ ޤައުމުގެ މަޞްލަޙަތުގެ ވާހަކަ މި ދައްކަނީ؟ މިއަދު ކީއްވެގެންތޯ މުޖުތަމަޢުގެ ޒިންމާގެ ވާހަކަ މި ދައްކަނީ؟ މިއަދު ކީއްވެގެންތޯ އެކިއެކި ގިންތިތައް ބާރުވެރިކުރުވާ ވާހަކަ މި ދައްކަނީ؟

މިއަދު އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތަކީ، ދިވެހި ޒުވާނުންނަށް ފަހި ކަންތައްތަކެއް ވެގެން ނޫނީވިއްޔާ ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާވެގެން ނޫނީވިއްޔާ ކުށްތަކުން ދިވެހި ޒުވާނުން ދުރަކަށްނުލެވޭނެކަން. މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަންހެން ބޭފުޅުން ނިކަމެތި ކުރުމެއް ނޫން. އަންހެން ބޭފުޅުންގެ ޙައްޤުތަކެއް ނެތްކަމަށް ވަކާލާތު ކުރުމެއް ނޫން. އަދި އަންހެން ބޭފުޅުންނަކީ، ވަކިކަހަލަ މަސައްކަތްތަކަކަށް މަޝްޣޫލުވާންޖެހޭ ބޭފުޅުން ކަމަކަށް އަޑުއުފުލުމެއްވެސް ނޫން. މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ އަންހެން ބޭފުޅުންކަން. އަދި މަތީ ތަޢުލީމުގެ ފަޚްރުވެރި ވަނަތައް ހޯއްދަވާފައި ތިއްބެވި ބޭފުޅުންނަކީ އަންހެން ބޭފުޅުންކަން. ޖިންސުއްލަޠީފުންކަން. އެހެންވީމާ، ދައުލަތް ބިނާކުރުމުގައި، ޤައުމު ކުރިއަށް ގެންދިޔުމުގައި އަންހެން ބޭފުޅުންގެ ހިއްޞާ، ހަމަ ޝައްކެއްވެސްނެތްގޮތުގައި ފިރިހެން ބޭފުޅުންނަކަށްވުރެން ކުޑައެއްނުވާނެ. އެހެންވީމާ، ކީއްވެގެންތޯ، އަންހެން ބޭފުޅުން އެމްޕަވަރ ކުރަން މި ދައްކާ ވާހަކައިގައި އަޅުގަނޑުމެން ފުރަގަސްދޭންވީ؟ އަޅުގަނޑުމެންނަކީ ޒަމާނީ، ތަހުޒީބީ އިސްލާމީ މުޖުތަމަޢެއް ދިވެހިރާއްޖޭގައި އޮންނަން ބޭނުންވާ ބައެއް. މިކަހަލަ އުސޫލުތައް އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ.

އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތަކީ ދިވެހި ޒުވާނުން ބާރުވެރިވާންޖެހޭނެ ކަމަށް. ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ކުރެވިގެން މިދަނީ އެ ސަބަބަށްޓަކައި. އަންހެން ބޭފުޅުންނަކީ، މި ގިންތިއަކީ ބާރުވެރިވާންޖެހޭ ގިންތިއެއް. އަދި އެންމެ ނިކަމެތިކަން ބައެއްފަހަރު ދިމާވަނީވެސް ހަމަ މި ގިންތިއަށް. އަޅުގަނޑުމެންގެ ޚިޔާލަކަށް ނާދޭ، އެތަކެއް ދުވަހެއް ވަންދެން އެކުގައި އުޅެމުން، އެހެންނަމަވެސް، ދޫކޮށްލާފައި ދާންޖެހުނީމަ އަންނާނެ ނިކަމެތިކަން. އަޅުގަނޑުމެން، ފިރިހެންވެރިން ޚިޔާލަށް ގެންނާކަށް ބޭނުމެއްނުވޭ. އެހެންވީމާ، ޚާއްޞަ ފަރުވާ ލިބެންޖެހޭ ބަޔަކަށް އަންހެން ބޭފުޅުން އެބަވޭ. މިކަންކަން ކުރަން އަޅުގަނޑާއި އަޅުގަނޑުގެ ކެބިނެޓް މި މަސައްކަތް ކުރަނީ. މިއީ މުޖުތަމަޢަށް ހަމަޖެހުން އަންނާނެ ކަންކަމަކީ. ޖަލުތޭރިތައް އިތުރުކުރުމަކީ އެއްވެސް ގޮތަކަށް މުޖުތަމަޢަށް ހަމަޖެހުން އަންނާނެ ކަމެއްނޫން. އަޅުގަނޑުމެން ރައްޔިތުންނާ ހަމަޔަށް މި ގެންނަ ބަޖެޓުތައް މި ގެންނަނީ މިކަހަލަ ވިސްނުމެއްގެ ތެރެއިން. އަޅުގަނޑުމެން މި ދައްކަނީ ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ޙަރަކާތްތައް އިތުރުކުރާ ވާހަކަ. އަޅުގަނޑުމެން މި ދައްކަނީ ދިވެހިރާއްޖޭގައި މި ސަރަޙައްދުން ލިބެންހުރި އެންމެ ރަނގަޅު، ޞިއްހީ ފަރުވާ އިތުރުކުރާ ވާހަކަ. އަޅުގަނޑުމެން މި ދައްކަނީ ދިވެހިރާއްޖޭގައި ރަނގަޅު ފެންވަރަށް ކިޔަވައިދޭން، މަތީ ތަޢުލީމު ހާސިލުކުރާ ދަރިންތަކެއް އިތުރުކުރާ ވާހަކަ. އަޅުގަނޑުމެން މިދައްކަނީ ކޮންމެ އަހަރަކު އެތައް ސަތޭކަ ކުދިންނަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދޭން. ރާއްޖެއާއި ރާއްޖެއިން ބޭރުން ސަރުކާރުންދޭ ސްޕޮންސަރޝިޕެއްގެ ތެރެއިން ޚަރަދުގެ އެއްބައި އަބަދުވެސް މިކުރަނީ ސަރުކާރުން.

ޖުމްހޫރިއްޔަތެއްގައި ވެރިންނަކީ ޖުމްހޫރިއްޔާގައި ތިބި ރައްޔިތުން. ރައްޔިތުން ބާރުވެރިކުރުވުމަކީ އެއްގޮތަކަށްވެސް ސަރުކާރަށް އޮތް ނުރައްކަލަކަށް ދެކިގެންނުވާނެ. އެޒަމާނަކީ މީގެ އެތައް ޤަރުނެއް ކުރީގައި އަޅުގަނޑުމެންގެ ވިސްނުން. އެކަމަކު އެ ވިސްނުން ދިވެހިރާއްޖެއާ ހަމައިގައި މީގެ ފަސްދޮޅަހަކަށް އަހަރު ކުރިޔާ ހަމަޔަށްވެސް އޮތީ. ތަޢުލީމު އުނގެނެންޖެހެނީވެސް ވަކި ފެންވަރެއްގެ ބައެއް. ވަކި ފެންވަރެއްގެ ޢާއިލާތަކެއްގެ ބައެއް. އަޅުގަނޑުމެންގެ ވިސްނުމަށް މިއަދު އައިސްފައި އޮތް ބަދަލު އެބަ ދައްކައިދޭ އަޅުގަނޑުމެންގެ ތަހުޒީބާއި އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަޅުގަނޑުމެން މިއަދު އެދޭ ކަންކަމުން. އަޅުގަނޑުމެން މިއަދު މި އެދެނީކީ ހަމަ އާދައިގެ ކަންކަމެއް ނޫން. އަޅުގަނޑުމެން އަޑުއަހަމު، މީގެ ތިރީސް، ސާޅީސް އަހަރު ކުރިން، ފުރަތަމަ ހުށަހެޅުނު ބަޖެޓަކީ ރައީސް މައުމޫން ވިދާޅުވާނެ، ފަސްދޮޅަހަކަށް ހަތްދިހަ މިލިއަންގެ ބަޖެޓޭ. މިއަދު ފަސްދޮޅަސް ހަތްދިހަ މިލިއަނުން ކުޑަ އޮފީހެއްވެސް ނުހިންގޭނެ. މިއަދުގެ ވިސްނުމަކީ ލާރި ހޯދަން އެބަޖެހޭ. ދައުލަތަށް ބޭނުންވާ ޚިދުމަތްތައް ހޯދުމަށް ލާރި އެބަ ހޯދަންޖެހޭ. އެ މަސައްކަތް ކޮށްދެއްވާ ބޭފުޅުންނަކީ ދައުލަތުގައި މިކަންކަމާ ޙަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން.

އެކަމަކު އެއާއެކީ މި ބަޖެޓުތައް ފާސްކޮށްދެއްވައިގެން، ސަރުކާރަށް ބޭނުންވާ ވަސީލަތް، ދައުލަތުގެ އެހެން މުއައްސަސާތަކަށް ބޭނުންވާ ވަސީލަތް ހޯއްދަވައިދެއްވަނީ ރައްޔިތުންގެ މަންދޫބުން. މީގެތެރޭގައި އަޅުގަނޑުމެންގެ ތެރޭގައި ހުންނާނެ ކުރިމަތިލުން. އެހެންނަމަވެސް، މިއަދު މިކުރެވޭ މަސައްކަތަކީ މުޅި މުޖުތަމަޢު ބިނާކުރަން ކުރާ މަސައްކަތް. ގެއްލިފައި ހުރި އެތައް ބައިވަރު ދިވެހި އިސްލާމީ އުސޫލުތަކެއް އިޢާދަކުރެވޭތޯ ކުރެވޭ މަސައްކަތް. އަޅުގަނޑުމެންގެ ނޫސްވެރިކަމުގެ މިނިވަންކަން ދިޔައީތޯ، މީހުންގެ އަބުރާ ބެހުމަށް އަޅުގަނޑުމެން ޤާނޫނުތަކެއް ހެދީމަ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. ޙުދޫދުތަކެއްގެ ތެރޭގައި ނޫސްވެރިކަން އެ ހިނގަނީ. ދައުލަތުން ކުރާ ކަންކަމާ ބެހޭގޮތުން މީހެއްގެ ނަން ނުކިޔައި، ހަމަ ކޮންމެފަދަ ވާހަކައެއް ލިޔުމަކީ ހުއްދަ ކަމެއް. އަދި މިހާރުވެސް ސޯޝަލް މީޑިއާގައި، ޚުދު ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުވެ ލިޔެފައި ހުރި އެއްޗެހި މަދެއްނޫން. އަޅުގަނޑު ކަންބޮޑެއްނުވޭ. އެއީ އަޅުގަނޑު އެހާ ވިސްނަންޖެހޭ ކަންކަން ކަމަކަށް ނުދެކެން. އެހެންނަމަވެސް، ކިޔަވައިދޭ މުދައްރިސެއްގެ ޙައްޤު ގެއްލޭގޮތަށް ނާޖާއިޒު ވާހަކަ، ބަދުނާމު ތުހުމަތު އަޅުވާފައި ވާހަކަ ދައްކައިފި ކަމަށްވަންޏާ، އެ މުދައްރިސަށް މަދަރުސާއަށް ގޮސްފައި ކުދިންނަށް ފޭސްކުރަން އުނދަގޫވާނެ. މިކަހަލަ ފަރުދީ ކަންކަމާ ދޭތެރޭގައި ކީއްވެގެންތޯ ވިސްނުންހުރި މީހުން ޚިޔާލު ނުކުރަނީ؟ ހަމައެކަނި އަބުރު ގެއްލޭނީކީއެއް ދައުލަތުގެ އެންމެ އިސް މަޤާމުތަކުގައި ތިބޭ މީހުންގެއެއްނޫން. އަބުރު ގެއްލޭނީކީ ފަނޑިޔާރުންގެ އެކަންޏެއްވެސް ނޫން. އަބުރު އެބަ ގެއްލެޔޭ، ތަޢުލީމާއި ތަމްރީނުގެ އެންމެ އިސް ސަފުގައި އުޅޭ މުދައްރިސުންގެ.

އެހެންވީމާ، މިއީތޯ ރިވެތި އަޚްލާޤު ގެންނަން މަސައްކަތްކުރާ ބަޔަކު ކުރާނެ ކަމަކީ؟ ޑިމޮކްރަސީއަކީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެއް. އެކަމަކު ޑިމޮކްރަސީއަށްވުރެން މަތިވެރި އުސޫލަކީ ހަމަޖެހިގެން މުޖުތަމަޢެއްގެ ތެރޭގައި އުޅެން ދަސްކުރުން. އުޅެން ދަސްކުރަން، ދަސްނުވާ މީހުންނަށް ޤާނޫނުތައް ހަދަނީ. މަގަށް ލަފަން، ކަންކަމަށް ތަބާކުރުވުމަށްޓަކައި ޖިނާއީ އިޖުރާތެއް އޮންނަނީ. ޢުޤޫބާތްދެނީ. އެކަމަކު އެ ޢުޤޫބާތްތަކާ ނުލައި އުޅެން ދަސްވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ދިވެހިރާއްޖޭގައި އަދަބުދޭކަށް ނުޖެހޭނެ. އެކަމަކު މިއީ ޔޫޓޯޕިއަން ޚިޔާލެއް. މިއީ އަޅުގަނޑުމެންނަކަށް ހާސިލުކުރެވޭނެ ކަމެއް ނޫން. އެހެންނަމަވެސް، ޒިންމާދާރު ސަރުކާރަކުން މަސައްކަތް ކުރަންވާނީ، ރާއްޖޭގެ ރައްޔިތުންނަށް ކުށަށް އަރައިގަންނަން ހުންނަ މައްސަލަތައް ދިރާސާކޮށްފައި، އޭގެ އެނަޓަމީ ނޫނީ އެކަން ހިނގާގޮތް ދަސްކޮށްގެން، އެކަންކަންވިޔަނުދިނުމަށް މަސައްކަތް ކުރުން. އެހެން ނޫނީވިއްޔާ ޖަލުތައް އެޅުމަކީ މަދަރުސާއެއް ބިނާކުރުމަށްވުރެން ގިނަވެގެންދާނެ ކަމެއް.

އަޅުގަނޑުމެންގެ މަދަރުސާތައް އިތުރުވެގެންދާއިރު، އަޅުގަނޑުމެންގެ ހަމަ ޚިޔާލަށް މި ގެންނަނީ، ހަމަ މި މަދަރުސާތަކުން ދަރިވަރުވެގެން ނުކުންނަ ކުދިން މިރޭގެ ސްޓޭޖްމަތިން ދެންވެސް އިނާމު ގެންދާނެ. ޔުނިވަރސިޓީތަކަށް ގޮސް، މަތީ ތަޢުލީމު ހާސިލުކުރާއިރު، އެ ޔުނިވަރސިޓީތަކުން ފަޚްރުވެރި ޝަރަފުވެރި ވަނަތައް ދިވެހިރާއްޖެއަށް ހޯދައިދިން ދަރިވަރު، މަސައްކަތް އެޕްލައިކޮށް ސިޔާސީ ވިސްނުމާ ހަމަޔަށް އައިމަ، އަޅުގަނޑުމެންގެ ތެރޭގައި މިއުޅެނީ ނުގުޅޭ ކަންތައްތަކެއް. އެހެންވީމާ، ފާލަން އަޅަންވީކީ ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، ހުޅުލެއާއި މާލެއާ ދޭތެރެއަކު ނޫން. ފާލަން އަޅަންވީ އަޅުގަނޑުގެ ސިކުނޑިއާއި އަޅުގަނޑުގެ ދެވަނަ ސިކުނޑިއާ ދޭތެރޭގައި. އަޅުގަނޑުގެ އަޚާގެ ސިކުނޑިއާއި އަޅުގަނޑާ ދޭތެރޭގައި ފާލަން އަޅަންވީ. އެކަމަކު އެ ފާލަން އަޅައިގެން ހިނގާއިރުވެސް ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އުސޫލެއްގެ ތެރޭގައި ފާލަންމަތީގައި ހިނގޭނީ. ނުކުރެވޭވަރުގެ، ނުއުފުލޭވަރުގެ ބުރަ ކަންތައްތައް ރައީސަށް ހުށަހަޅައިގެން ނުވާނެ. އެކިއެކި ނިޒާމުގެ ތެރެއިން އަދަބު ލިބި، ދިގު މުއްދަތަކަށް އަދަބު ލިބިފައި ހުންނަނީ ޝައްކެއްވެސްނެތްގޮތުގައި އެމީހަކަށްވެސް ފިލާވަޅެއް ނަގައިދޭން. މުޖުތަމަޢަށްވެސް ފިލާވަޅެއް ނަގައިދޭން.

އެހެންވީމާ، އޭގެ އުސޫލުތަކެއްއޮވޭ، މަޢާފު ކުރުމާއި އަދަބު ލުއިކޮށްދިނުމުގައި. މި ރައީސަށްވެސް ހަމަގައިމުވެސް ވަރަށް އުނދަގޫވާނެ، ބައެއްކަހަލަ ޙައްޤުތަކަށް އަރައިގަނެފައި ތިބޭ މީހުންނަށް މުއްދަތު ހަމަނުވަނީސް ލުއިދޭން. މި ރައީސަކަށް ފަސޭހައެއް ނޫން، ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަނެފައި ތިބޭ މީހުންނަކަށް، މުއްދަތުގެ ތިންބައިކުޅަ އެއްބައި ދިޔައިމަކާ، އެމީހުން އެއީ ނުކުރާ ކަމެއް ކަމަށް ގަބޫލުކޮށްގެން އެމީހުންނަށް މަޢާފުދޭކަށް. އަޅުގަނޑަކަށް ފަސޭހައެއް ނޫން. އެހެންވީމާ، މިހެން ހުންނާނެ، އެކި ރައީސުންގެ ޚިޔާލު ތަފާތުވާ އެކި މައްސަލަ. މިދެންނެވި ކަހަލަ ނިޔަނެތި ގިންތިތަކުގައި ތިބޭ މީހުންނާ ދޭތެރޭގައި އަޅުގަނޑު ދެކޭގޮތަކީ އެމީހުންގެ ޙައްޤުތައް ޙިމާޔަތް ކުރެވެންވާނެއޭ. އެހެންވީމާ، މިހެން ހުންނަ ކަންތައްތަކުގެ ތެރޭގައި، އެއްގޮތަކަށްވެސް ރައީސް ވަކިގޮތަކަށް ކަންކަން ނިންމާތީކީ ނޫން، ނިޒާމުން ބޭރުވެގެން އަޅުގަނޑުމެންނަށް މި ފާލަން ނޭޅިގެން މިއުޅެނީ. އަޅުގަނޑު ފާލަން އެޅުވުމުގެ ދަޢުވަތު ހުރިހާ ޕާޓީތަކަށް އަރުވައިފިން. އަޅުގަނޑު ފާލަން އެޅުމުގެ ދަޢުވަތު، އަޅުގަނޑުގެ އަމިއްލަ ޕާޓީއަށްވެސް އަރުވައިފިން. އެކަމަކު އަޅުގަނޑު ދިއްކުރާ އަތެއްގައި ހިފިއްޔާ ދޮގެއްތޯ، އަޅުގަނޑަށްވެސް ސަލާން ކުރެވޭނީ.

އެހެންވީމާ، ޖުމްހޫރީ ދުވަހެއްގައި އަޅުގަނޑުމެން ވިސްނަންވީ، އަޅުގަނޑުމެންގެ ޚިޔާލުތަފާތުވުންތައް އަޅުގަނޑުމެންގެ ސިކުނޑިން ބޭރަށްނެރެ، މުޅި ޤައުމުގެ މަޞްލަޙަތާ ދޭތެރޭގައި. އަޅުގަނޑުމެން ސިޔާސީ މީހުން މިއަދު ސިޔާސީ މަޤާމުގައި، މާދަން ސިޔާސީ މަޤާމަކު ނޫން ތިބޭނީކީ. އެހެންވީމާ، އެހެންނަމަވެސް އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، މުޅި ދިވެހިރާއްޖޭގެ މުޖުތަމަޢު ރަނގަޅުކޮށްގެން، އަޅުގަނޑުމެންގެ އަވަށްޓެރިޔާވެސް މުއްސަނދިވެއްޖެ ކަމަށްވަންޏާ، އޭގެ ކޮންމެވެސްވަރެއްގެ ފައިދާ އަޅުގަނޑަށް ލިބޭނެކަމާ ދޭތެރޭގައި. ކިހިނެއްތޯވާނީ އަވަށްޓެރިޔާ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭ ކަމަށްވަންޏާ؟ ނޫނީ ގައިންގަޔަށް އަރާ ބައްޔެއްގެ ތެރޭގައި އުޅޭ ކަމަށްވަންޏާ؟ ޝައްކެއްވެސްނެތް، އޭގެ އުނދަގޫ އަޅުގަނޑަށް ވާނެ ދޮގެއްތޯ؟ އެހެންވީމާ، އަވަށްޓެރިންނާ ދޭތެރޭގައި ކަމޭހިތަން އެބަޖެހޭ. އަޅުގަނޑުމެން މުޖުތަމަޢެއް ބިނާކުރާއިރު އަޅުގަނޑުމެންގެ ޚިޔާލަށް އެބަ ގެންނަންޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި ނިކަމެތިން އެބަތިބިކަން. ޚާއްޞަ އެހީއަށް ބޭނުންވާ މީހުން އެބަތިބިކަން. އެކަމަކު ނިކަމެތިންނަށް ސަރުކާރުންދޭ ޢިނާޔަތްތައް، އަޅުގަނޑުމެން ކީއްވެގެންތޯ ގަބޫލުކުރަނީ އެއަށްވުރެން ތަނަވަސް މީހުންނަށް ލިބެންވާނެކަމަށް؟ އަޅުގަނޑު ތިޔަބޭފުޅުންގެ ޚިޔާލަށް މި ގެންނަނީ ކާޑުގެ ސަބްސިޑީ. އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، އެއް ހަމައެއްގެ މަތިން މިކަން ކުރެވެންޖެހޭނެ ކަމަކަށް. ނިކަމެތި މީހާއަށް އަޅައިލުމަކީ އޯގާތެރި މުޖުތަމައެއްގެ އަސާސް. އެއީ، ދަރުމަޔަށް މަސައްކަތް ކުރުމުގެވެސް އަސާސް. އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަމެއް. ދިވެހި ރީތި ސިފަތަކުގެ ތެރޭގައި މިއޮތްހާ ދުވަސްވީއިރު ހިމެނޭ ކަމެއް. އެކަމަކު އެއީ ޙައްޤެއް ކަމުގައި ދެކިގެން، އިންޞާފުން ކަންކަން ކުރާއިރު، އެންމެންނަށް އެއްވަރަކަށް އެ ހަމަ ލިބެންވާނެ ކަމަށް ގަބޫލުކުރުމަކީ ހަމަގައިމުވެސް އަޅުގަނޑުގެ ބުއްދި ގަބޫލުކުރާ ކަމެއްނޫން.

އެހެންވީމާ، ދައުލަތުން ކަންކަން ހަމަޖައްސާއިރު، ފޯރުންތެރިކަން ކުޑަ މީހުންނަށް، ފޯރުންތެރިކަން ހުރި މީހުންގެ އަތުން ފައިސާ ނަގާފައި ދެވޭނެ ނިޒާމުތަކެއް މި އެކަށައެޅިގެންދަނީ. މިއީކީ އެއްގޮތަކަށްވެސް ޖިނާއީ ޢަދުލުގައި ދެމީހުން ހަމަހަމަވާގޮތަށް ހަމަހަމަވާން އޮންނަ ކަމެއް ނޫން. މިކަމާ ފާޑުވެސްކިޔާނެ. އެހެންނަމަވެސް، މުޅި ދައުލަތް ބިނާކުރުމުގައި މިކަހަލަ ހުރިހާ ކަމެއް ކުރަންޖެހެނީ ދައުލަތަށް ލިބޭ ވަސީލަތްތައްވެސް މަދުވެގެންދާތީ. އަޅުގަނޑުމެން އަބަދު މިކިޔަނީ ޞުލްޙަވެރި މުޖުތަމައެއް ބިނާކުރާ ވާހަކަ. ޞުލްޙަވެރި މުޖުތަމަޢެއް ބިނާކުރާއިރު، ޝައްކެއްވެސްނެތްގޮތުގައި، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ކޮންމެވެސްވަރެއްގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ހުރީމަ، އަޅުގަނޑުމެންނަށް ދިވެހިރާއްޖެއަކީ ކޮންމެވެސްވަރެއްގެ އަމާންކަމެއް، ކުރީގައި ނެތް އަމާންކަމެއް އޮތް ތަނެއް ކަމުގައި ސިފަވެގެން މިދަނީ. އަޅުގަނޑުމެންނަށް ރާއްޖޭގައި އުޅެން މިއަދު ފަސޭހަ.

މިދިޔަ ޖުމްހޫރީ ދުވަހު ތިޔަބޭފުޅުންނަށް އަޅުގަނޑު ދޫކުރި ސުވާލެއް މިރޭ އަޅުގަނޑު ޚިޔާލަށް މިގެންނަނީ. އަޅުގަނޑުމެންގެ ކަންކަން ނިންމުމުގެ ފުރިހަމަ ޤާބިލިއްޔަތާއި މަސްއޫލިއްޔަތު އަޅުގަނޑުމެން އުފުލަންޖެހޭހޭ؟ އެ ޤާބިލުކަން އަޅުގަނޑުމެންގެ ތެރޭގައި އެބަހުރިހެއްޔޭ؟ އަހަރުދުވަސްނުވެ އަޅުގަނޑުމެން ކޮމަންވެލްތުން ނުކުންނަން މިޖެހުނީ. އެއްގޮތަކަށްވެސް މިއީ ހިތްހަމަޖެހުމާއި، އުފާވެރިކަމާއި، ފަޚްރުވެރިކަމާއެކީ ކުރި ކަމެއް ނޫން. މިއީ ހިތްދަތިކަމާއި އުނދަގުލުގެ ތެރެއިން ނިންމަންޖެހުނު ނިންމުމެއް. ގަބޫލުކުރަން އުނދަގޫވަނީ. ދިވެހިރާއްޖޭގެ ދާޚިލީ ހުރިހާ ކަންކަމަކާ އެއްވެސް ޖަމާޢަތަކުން، އެއްވެސް ޖަމުޢިއްޔާއަކުން ބެހުމުގެ ޙައްޤު އޮންނާނެކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ. އަޅުގަނޑުމެން މިދިޔަ އަހަރު ފާހަގަކުރީ، ދިވެހިރާއްޖެ ފުރިހަމަ މިނިވަންކަމުގައި އުޅޭތާ 50 އަހަރުވެގެންދިޔަކަން. އެހެންނަމަވެސް، މިދެންނެވި ކަހަލަ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ ތެރެއިންވެސް ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭކަމަށްވަންޏާ، އެއީ އަޅުގަނޑުމެންނަށް އަބަދު ތަޙައްމަލްކުރަން ފަސޭހަ ކަންކަމެއް ނޫން. ރާއްޖެ އެކަނިތޯ އޮތީ މިކަހަލަ ޙައްޤުތައް ގެއްލޭ؟ ރާއްޖޭގައި ކޮމަންވެލްތުން ފުރަތަމަ އެދިވަޑައިގެންނެވި ކަންތައް އަޅުގަނޑުމެން ކޮށްދިނީމު. ރައީސް ނަޝީދުގެ މައްސަލަ ހިނގާފައި އޮތްގޮތް ބައްލަވަން ބޭނުންފުޅުވިވަރަކަށް އަޅުގަނޑުމެން ފޮތްތައް ހުޅުވައިލީމު. އަދި ފަނޑިޔާރުންގެ ފޮތްތައްވެސް ހުޅުއްވާލަދެއްވި. މަޝްވަރާތައް ކުރެވުނު. އެކަމަކު އޭގެފަހުން އޭގެ އެއްވެސްކަހަލަ ފްލޯރއެއް، އޭގެ އެއްވެސްކަހަލަ އުނިކަމެއް ނެތްކަމަށް ގަބޫލުކުރެވުނީމަ، ދެންވީ އޭގެފަހުން ހުރި ޝަރީޢަތްތައްވެސް ހުޅުވަން. ނޫން. އެހުރިހާ ދަފްތަރެއް ނުހުޅުވާނެ. ހުރިހާ ކަމެއް ނުކުރެވޭނެ. މިކަމަށް ދިވެހިރާއްޖެއަށް އެދި އައީ ރައީސް ނަޝީދުގެ މައްސަލައާ ގުޅޭގޮތުން. ކޮމަންވެލްތުން ދިވެހިރާއްޖެއާ ދޭތެރޭގައި ފުރަތަމަ ފިޔަވަޅު އަޅަން ފެށީ މި މައްސަލައާ ގުޅޭގޮތުން. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ދަފްތަރުތައް ހުޅުވައިލެވޭ އެންމެ ފުރިހަމަ މިނަކަށް ހުޅުވައިލީމު. އަޅުގަނޑަށް އެނގޭގޮތުން ވެއްޖިއްޔާ ހުރިހާ ކޯޓުތަކަށް މިބޭބޭފުޅުން ޒިޔާރަތް ކުރެއްވި. އެންމެފަހުން ސުޕްރީމް ކޯޓަށްވެސް ޒިޔާރަތް ކުރެއްވި. ދައްކަވަން ބޭނުންފުޅުވި ހުރިހާ ވާހަކައެއް ދެއްކެވި. އަދި ކަންކަން ހިނގާފައި އޮތްގޮތް ދިވެހިރާއްޖޭގެ ފަރާތުން ޤާނޫނު ތަންފީޛު ކުރަން ތިބި ފަރާތުން، ޤާނޫނީ ޙުކުމް ކުރަން ތިބި ފަރާތުން ހާމަކޮށްދިން. އޭގައި ދެން އުފުލޭނެ އެހެން ޝަކުވާއެއްނެތީމަ، ދެން ބަލަންޖެހުނީ އެއާ ޖެހިގެން އޮތް މައްސަލަ. އޭގެފަހުން އެއާ ޖެހިގެން އޮތް މައްސަލަ. ނޫން އެހެނެއް ދިވެހިރާއްޖެއިން އެކަންކަމެއް ނުވާނެ. އެހެންވީމާ، އަޅުގަނޑުމެން ފުރުޞަތު ދިނިން.

އެހެންވީމާ، މިކަހަލަ ދަތި ކަންތައްތައް އަޅުގަނޑުމެން އިޙްސާސްކޮށް އަދި ދިވެހިރާއްޖެއަކީ އަމުދުން ބޭރު މީހުންގެ ޝައުޤުވެރިކަން އެއްގޮތަކަށްނެތި، އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ބޭރުގެ އެހީއެއް ނުލިބޭ ހިސާބަށް ފިއްތުންތައް ކުރިމަތިކުރުވީމަ، އަޅުގަނޑުމެން ކޮމަންވެލްތުން ވަކިވީ. އަޅުގަނޑުމެން މި ޖަމުޢިއްޔާއާ ގުޅުނީ ފުން އުންމީދުތަކެއް، ނޫނީވިއްޔާ ވަރަށް ބޮޑެތި އުންމީދުތަކެއް އޮވެގެން. ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޅުގަނޑުމެން މަސައްކަތް ކުރާއިރު އަޅުގަނޑުމެންވެސް ބޭނުންވޭ، އަބުރުވެރިކަމާއެކީ، ޝަރަފުވެރިކަމާއެކީ އަޅުގަނޑުމެން ދައްކާ ވާހަކަ އިވޭނެ ފޯރަމެއްގައި އުޅެން. އަޅުގަނޑުމެންގެ ދިވެހި ދައުލަތަކީވެސް ކުޑަ ނަމަވެސް ޝަރަފުވެރި ދައުލަތެއް. އެހެންނަމަވެސް، އަޅުގަނޑުމެން މިދެންނެވި ވާހަކަ ދެންނެވިތާ އެއްއަހަރުވީއިރު، ކޮމަންވެލްތުން ވަކިވާންޖެހުމަކީ އެއްގޮތަކަށްވެސް އުފާވެރިކަމާއެކީ، ފަޚްރުވެރިކަމާއެކީ އަޅުގަނޑުމެންގެ ސަރުކާރުން ކުރި ކަމެއްނޫން. ހިތްދަތިކަމާއި އުނދަގުލުގެ ތެރެއިން އަޅުގަނޑުމެންނަށް ލާޒިމުކުރި، މަޖުބޫރުކުރުވި ކަމެއް އަޅުގަނޑުމެންކުރީ.

އެހެންނަމަވެސް، މިއަދު އެކަމާ ގުޅިގެން އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ބައްޓަންވެގެން މިދަނީ، މިދެންނެވި ކަހަލަ އަމިއްލަވަންތަ ސިފަތަކެއް އަޅުގަނޑުމެން އަޑުހަރުކޮށް އުފުލޭނެ މައިދާންތަކެއްގައި އުފުލުމުގެ މައްޗަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުން ދިވެހިރާއްޖޭގެ އަޑު ހަމަގައިމުވެސް ބޭރު ދުނިޔޭގައި އިވޭލެއް ފަނޑެއް ނޫން. އިވޭލެއް މަޑެއްނޫން. އަދި އަޅުގަނޑުމެންނަށް ބޭރުގެ އެހީ ލިބޭލެއްވެސް އިރާދަކުރެއްވިއްޔާ އަދިއެއް މަދެއްނޫން. އަދި ދިވެހިރާއްޖެއަށް އަމިއްލަ ފަރާތްތަކުން، ބޭރުގެ އަމިއްލަ ފަރާތްތަކުން ކުރާ އިންވެސްޓްމަންޓްތައްވެސް އެތައް ސަތޭކަ ގުނައެއް އިތުރުވެފައި އެހެރީ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ޙަޤީޤަތުގައިވެސް އެތައްސަތޭކަ މިލިއަން ޑޮލަރެއް ހޭދަކޮށްގެން ކުރާ މަސައްކަތް. ބްރިޖް ކަމަށްވިޔަސް، އެއަރޕޯޓް ކަމަށްވީނަމަވެސް. އަދި ޞިއްޙީ ދާއިރާ ރަނގަޅުކުރަން، އިންދިރާގާނދީ ހޮސްޕިޓަލްގައި އަޅާ އިމާރާތްތައް ކަމަށްވީނަމަވެސް، މިއީ ދިވެހި ރައްޔިތުންގެ ލާބަޔަށް ކުރާ މަސައްކަތް.

އެހެންވީމާ، ޖުމްހޫރީ ދުވަހެއްގައި އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، އަޅުގަނޑުގެ ޝުޢޫރުތަކަކީ، މިދެންނެވި ކަހަލަ ޝުޢޫރުތަކެއް. މިދެންނެވި ޝުޢޫރާ ވަކިން ދިވެހިރާއްޖެއިން ޖީ.އެމް.އާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ޤާބިލުކަމެއް ދިވެހި ދައުލަތުގައި ނެތް ކަމަށް އިޢުލާނުވެގެން ދިޔުމަކީ ހަމަގައިމުވެސް ފަޚްރުވެރިކަމާއެކީ، އުފަލާއެކީ އަޅުގަނޑުމެން ދައްކަންޖެހޭ ވާހަކައެއް ނޫން. އަދި އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ބައިބައިވުން އޮތްކަމާއި، މި ސަރުކާރު ކުރިއަށްދާއިރު، އިންތިޤާލީ ސަރުކާރަކާ ދޭތެރޭގައި ވިސްނަންޖެހޭކަމަށް ބައެއް ސިޔާސީ ބޭފުޅުން ހީފުޅުކުރެއްވުމަކީ، ޝައްކެއްވެސްނެތްގޮތުގައި ކުށްހީއެއް. އެއީކީ އެކަން ވެގެންވާނެ ގޮތެއް ނޫން. ދިވެހިރާއްޖޭގެ ކަންކަން ޙައްލުކުރުމުގައި އަޅުގަނޑުމެންނާއެކީ ވާހަކަ ދައްކަން އަންނަންވީ. އަޅުގަނޑުމެންގެ ޕާޓީންވެސް އަޅުގަނޑާ ވާހަކަ ދައްކަން އަންނަންވީ. އަދި އެހެން ޕާޓީތަކުންވެސް އަޅުގަނޑާ ވާހަކަ ދައްކަން އަންނަންވީ. އެކަމަކު މިއަދުގެ ސަރުކާރަކީ ރައްޔިތުންގެ ތާއީދާއެކީ، ރައްޔިތުން އެދޭ ކަންތައްތަކެއް ކުރުންމަތީ ދެމިއޮންނަ ސަރުކާރެއް ކަމަށް ގިނަ ރައްޔިތުން އެބަ ގަބޫލުކުރޭ.

އެހެންވީމާ، މި ސަރުކާރު ހިންގުމުގެ ފުރުޞަތު އަޅުގަނޑަށް އެބަ ލިބެންޖެހޭ. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި އިމާރާތް އުސްވެގެންދާކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އުސްވާ އިމާރާތާ އެއްވަރަށް އަޅުގަނޑުމެން ދައްކާ ވާހަކަވެސް ސީދާވެގެންދިޔުން. އަޅުގަނޑުމެން އަޅާ ބްރިޖާ އެއްވަރަށް އަޅުގަނޑުމެންގެ ތަފާތު ޚިޔާލުތަކުގައިވެސް ބްރިޖް އެޅިގެން ދިޔުން. މީގެ ޑިނޯމިނޭޓަރަކަށް ވާންޖެހޭނީ، ނޫނީ އާޚިރުގައި މީގެ ފައިދާ ލިބެންޖެހޭ ބަޔަކީ ސިޔާސީ ޕާޓީއެއް. ސިޔާސީ ލީޑަރެއް ނޫން. މީގައި އާޚިރުގައި ހުރިހާ މަންފާއެއް ލިބޭ ބަޔަކަށްވާންވާނީ ދިވެހި ދައުލަތުގެ ރައްޔިތުން. ޖުމްހޫރުގައި ހިމެނޭ ރައްޔިތުން. އެހެންވީމާ، އެކަން ކުރެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ.

މާތްﷲ އަޅުގަނޑުމެންނަށް ބަރަކާތް މިންވަރު ކުރައްވާށި! މިކުރާ މަސައްކަތުގައި ﷲގެ ދަރުމަ އިތުރުކުރައްވައި، އަޅުގަނޑުމެންނަކީ ނިޢުމަތްތަކަށް ޝުކުރުކުރާ ބައެއްގެ ގޮތުގައި ލައްވާށި! އަދި އަޅުގަނޑުމެންނަކީ ތަފާތު ޚިޔާލުތައް އެއްގޮތްކުރުމުގެ ޤާބިލުކަމާއި ހިތްވަރު ހުރި ބައެއް ކަމުގައި ލައްވާށި! އަދި އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ މަޞްލަޙަތަށްވުރެ ބޮޑަށް މުޅި ޤައުމުގެ މަޞްލަޙަތު އިސްކުރާ ބައެއް ކަމަށް ލައްވާށި! އަޅުގަނޑު އެދެނީ އަބަދުވެސް ދިވެހިރާއްޖެއަށް އުފާފާގަތި ދުވަސްތަކެއް. ދިވެހި ރައްޔިތުންނަށް އުންމީދީ އުފާ ދުވަސްތަކެއް.


والسّلام عليكم ورحمـة اللّـه وبركاته.