بســم اللّـه الرّحمـن الرّحيــم

ގަދަކީރިތިވަންތަ اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ކައުސާހިބާ محمّـد رسول اللّـه صـلّى اللّـه علـيـه وسـلّم އަށް صلوات އާއި سلام  ލެއްވުން އެދި ދުޢާކުރަނީ، އެކަލޭގެފާނުންގެ އާލުންނާއި، މިތުރު ޞަޙާބީން ޝާމިލުކުރަމުން.

އާދެ، ވަރަށް ނުތަނަވަސް ވަގުތެއްގައި އަޅުގަނޑުމެންގެ ދަތުރުގެ އެންމެފަހު މަންޒިލަށް އަޅުގަނޑުމެން މިފޯރީ. ދެން އެހެންކަންނޭނގެވާނީ، އެންމެ ހުޅަނގުގައި އޮތް، އެންމެ އެކަހެރިކޮށް އޮތް ރަށް ކަމަށް ހަމަ ތަކުރާރުކޮށް ވިދާޅުވަމުން ތިޔަގެންދަވަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ދަތުރުވެސް ނިންމައިލާ ހިސާބަކީ، މަކުނުދޫއާ ހިސާބުން.

އެހެންނަމަވެސް، އަޅުގަނޑުމެންގެ މުޙާވިރާ ބަހެއްވެސްއޮވޭ ދޮގެއްތޯ. ފަހުންކުރެވޭ ކަންތައްތަކުގައި ބަރަކާތް އިތުރުވެގެންދާކަން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑު މަކުނުދޫއިން ފުރަމުން މަކުނުދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ތިޔަ އެކަހެރިކަން ފިލުވައިލުމާއި އަދި ހިތުގެ ހިތާމަ ފިލުވައިލުމަށް ކޮންމެވެސްކަހަލަ ހަދިޔާތަކެއްވެސް ދޭންޖެހޭކަންނޭނގެ. އެހާވަރަށް އަޅުގަނޑަށް ހީވަނީ މަރުޙަބާގެ ވާހަކަފުޅުން ފެށިގެން، ބަނދަރުގެ އިސްތިޤުބާލުން ފެށިގެން، އަޅުގަނޑާ ދޭތެރޭގައި އަދި އަޅުގަނޑާއެކީ ވަޑައިގެންނެވި ޓީމާ ދޭތެރޭގައި ވަރަށް އޯގާވެރިކޮށް، ތިޔަބޭފުޅުން ތިޔަ ކަމޭހިއްތެވީ.

އާދެ، އަޅުގަނޑާއި، އަޅުގަނޑާއެކީ ދަތުރުކުރެއްވި އެންމެހައި ބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ތިޔަބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން، މަކުނުދޫގެ ވަރަށްގިނަ އަދަދެއްގެ ލޮބުވެތި ރައްޔިތުން އެހާ އުނދަގޫ ގަޑިއެއްގައި، އަޅުގަނޑުމެންގެ އިސްތިޤުބާލުގައި އަޅުގަނޑުމެންގެ ޝައުޤުވެރިކަމުގައި ތިއްބެވި ކަމަށްޓަކައި. ހަމައެއާއެކީ އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، އަޅުގަނޑުމެންނާ ދޭތެރޭގައި ވަރަށް އޯގާތެރިކޮށް ވަރަށް ކަމޭހިއްތަވައި، މަކުނުދޫގެ ރައްޔިތުން އަޅުގަނޑުމެންނާ ދޭތެރޭގައި އިޙުސާންތެރިކަމާއެކީ ކަންތައްތައް ތިޔަކޮށްދެއްވީ. އަދި އެއާއެކީ ތިޔަބޭފުޅުންގެ ބަސްފުޅުތަކުން، އަޅުގަނޑަށް ވަރަށް ހިތްވަރު ލިބޭ، ވަރަށް ހަމަޖެހުންތަކެއް އަޅުގަނޑަށްވެސް ލިބިގެން މި ދިޔައީ، ތިޔަބޭފުޅުންގެ ތާއީދު އަޅުގަނޑަށް ދެއްވާ މިންވަރުން.

އަދި ހަމަ އެއާއެކީ މަކުނުދޫއަށް މިއައި ދަތުރު އަޅުގަނޑުމެން މިއައީ، ށ.އަތޮޅު ކަނޑިތީމު ނިންމައިފައި. އެހެންވީމާ، ދަންނަވައިލަން ބޭނުންވަނީ، ކަނޑިތީމުގައި އަޅުގަނޑަށް މިއުފާވެރި ވާޖިބު އަދާކުރަން ހަނދާންނެތީމައާއެކީ، ކަނޑިތީމުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށާއި، އަދި ހަމަ އެހެންމެ މަކުނުދޫގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް، އަޅުގަނޑާ ދޭތެރޭގައި ތިޔައޮތް ގާތްކަން ރަމްޒުކޮށްދިނުމުގެ ގޮތުން، މި ދެ ރަށުންވެސް އަޅުގަނޑަށް ވަނީ ހަނދާނީ ރަމްޒީ ފިލައެއް ހަދިޔާކުރައްވައިފައި. މިކަމަށްޓަކައި މި ދެ ރަށުގެ ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ، ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރަނީ ރައްޔިތުންގެ ހެވާއި ލާބައަށް. ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭން. ސަރުކާރުގެ ވިސްނުމުގައި، ސަރުކާރުން ރައްޔިތުން ގޮވައިގެން ދާން ބޭނުންވާ ހިސާބަކަށް، ދާން ބޭނުންވާ ކުރިއެރުމަކާ ހަމައަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތައް. ހުރިހާ ރަށެއްގައިވެސް، އެއްވެސް ރަށެއް އިސްތިސްނާނެތި ބޭނުންވާ ޢުމްރާނީ ތަރައްޤީއާއި، އަދި ރަށްރަށަށް ބޭނުންވާ ޚިދުމަތްތަކެއް ހުންނާނެ. އެ ޚިދުމަތްތައް ފުރިހަމަކޮށްދެވޭތޯ އަޅުގަނޑުމެންގެ ސަރުކާރުންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން މިގެންދަނީ. މަކުނުދޫއަށް އައުމުން އަޅުގަނޑުމެންނަށް ލިބޭ އުފަލަކީ ތިޔަބޭފުޅުންނަށް އުފާވެރިކަން ލިބޭ މަޝްރޫޢުތައް ނިމި،
އެ މަޝްރޫޢުތައް ހުޅުވުމުގައި ތިޔަބޭފުޅުންގެ އުފަލުގައި ބައިވެރިވުމަށް އަޅުގަނޑުމެންނަށް ލިބޭ ފުރުޞަތު. މިގޮތުން ދާދި ދެންމެއަކު ބަނދަރު ރަސްމީގޮތުން ހުޅުވިގެން މިދިޔައީ. އަޅުގަނޑަށް ހައުސިންގ މިނިސްޓަރ ވިދާޅުވެދެއްވާގޮތުން ވެއްޖިއްޔާ، ރާއްޖޭގައި އެންމެދިގު ނެރެއް ހަދައިގެން ވަދެވޭ ބަނދަރެއްގެ ގޮތުގައި މަކުނުދޫގެ ބަނދަރު ހަމަޖެހިގެން މިދިޔައީ.

ބަނދަރަކީ، ޙަޤީޤަތުގައި ރަށެއްގެ ތަރައްޤީ އެންމެފުރަތަމަ ފެށޭ ހިސާބު. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މަކުނުދޫގައި ކުރިއަށްދިޔުމުގެ ތިޔަ ރޫޙު އޮތް މިންވަރުންނާއި އަދި ބަނދަރުގެ ފަސޭހަކަން ލިބިގެން ދިޔައިމާ، މަކުނުދޫގެ އެކަހެރިކަން، ހިތާމަވެރިކަން، މޮޅިވެރިކަން ފިލައިގެންދާނެ. އަދި އިޤްތިޞާދީ މަސައްކަތަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ފިޔަވަހީގެ ގޮތުގައި މަކުނުދޫގެ ބަނދަރު މި ހިމެނިގެން މިދަނީ. އެއާއެކީ މަކުނުދޫގެ ރައްޔިތުންނަށް ބޭނުންވާ، ވަރަށްގިނަ އަދަދެއްގެ، 700 ބޭފުޅުންނަށް އެއްފަހަރާ ނަމާދުކުރެއްވޭވަރުގެ ޖަމާޢަތެއް އުފެއްދޭވަރުގެ ރީތި މިސްކިތެއް ބިނާވެގެން މިދިޔައީ. مسجد التقوى. އަޅުގަނޑުމެން، ދެންމެ މެންދުރު ނަމާދުގައި މިސްކިތް ހުޅުވިގެން މިދިޔައީ. ޝައްކެއްވެސްނެތްގޮތުގައި މިއީ މަކުނުދޫގެ ރައްޔިތުން ވަރަށް އެދިވަޑައިގެން އިންތިޒާރު ކުރައްވަމުން ގެންދެވި ދެ މަޝްރޫޢު ނިމިގެން މިދިޔައީ. މަކުނުދޫގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ، މަކުނުދޫގެ ބަނދަރު ރައީސް މައުމޫނުގެ އިޚުލާޞްތެރިކަމާއި، އިޙުސާންތެރިކަމާއެކީ ފެށްޓެވުމަށް ނިންމަވައި، ހުރިހާ ކަމެއް ކުރައްވައިފައި އޮތްއިރުވެސް، އޭރުގެ ސަރުކާރު ބަދަލުވެގެންދިޔައިމާ، ދެން ރައީސް ނަޝީދުގެ ސަރުކާރު ޒަޢާމަތާ ހަވާލުވެވަޑައިގެން، އެ ޒަޢާމަތުގައި މަކުނުދޫ އެކަހެރިވެގެންދިޔައީ.

އެހެންވީމާ، އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، އެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަލުން އިއާދަވެ މިކަން މިއޮތީވެފައޭ. އެހެންވީމާ، މިއީ މަކުނުދޫގެ ރައްޔިތުންގެ އަރިހުގައި އަދި އާންމުކޮށް ދިވެހި ހުރިހާ ރައްޔިތުންގެ އަރިހުގައި އަޅުގަނޑު ދަންނަވައިލަން ބޭނުންވާ ވާހަކައަކީ. އަޅުގަނޑުމެންގެ ތެރޭގައި މިއުޅޭ ސިޔާސީ ހަލަބޮލިކަމާއެކުވެސް، އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން، ޞުލްޙައަށް، މަޞްލަޙަތަށް، ތަހުޒީބަށް އަދި ރާއްޖޭގެ ކުރިއެރުމަށާއި، މީހުންގެ ޙައްޤުތަކަށާއި އަދި އިޙުތިރާމަށާއި، އިޙުސާންތެރިކަމަށާއި، މިކަހަލަ ހުރިހާ ރިވެތި، އިސްލާމީ ސިފަތައް އަދި އިންސާނިއްޔަތުގެ ސިފަތަކަށް ބަލާއިރު، މި ހުރިހާ ސިފަތަކެއްގެ ޙައްޤުގައި އަޅުގަނޑުމެންގެ ގިނަ ބަޔަކު އެއްބަސްވާނެ އެއްބަސްވުމަކީ، ހަމަގައިމު އެއްކަމަކީ، އެންމެ ކޮމަން ޑިނޯމިނޭޓަރަކީ، ނޫނީ އެންމެން އެއްބަސްވާނެ އެއްކަމަކީ، އަޅުގަނޑުމެން އެ އަނިޔާވެރި، އެއްވެސްކަހަލަ ރަޙުމެއްނެތް، އެ 3 އަހަރު ތަކުރާރުވިޔަދޭކަށް، އެ ބުރޫޓަލިޓީގައި ނޫނީވިއްޔާ އެ ޢުދުވާނާއެކީ ރައްޔިތުންނަށް އެދިޔަ އުނދަގުލާއެކީ، އެކަހަލަ 3 އަހަރެއް ތަކުރާރުވުމަކީ، އަޅުގަނޑުމެންގެ ގިނަ ރައްޔިތުން އެދޭނެ ކަމެއްނޫން. އެހެންވީމާ، އެކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރޭ. އެކަމުގެ ޖިހާދުގައި އަޅުގަނޑުމެންގެ ތެރޭގައި އެތަކެއް ޕާޓީއެއް އޭރު ނުކުތީ. އޭގެތެރޭގައި ޢަދާލަތުވެސް ހިމެނޭ، ޖުމްހޫރީ ޕާޓީ ހިމެނޭ. އަޅުގަނޑުމެންގެ ޕާޓީ ހިމެނޭ.

އެކަމަކު، އެއާއެކީވެސް ހިތާމައާއެކީ އަޅުގަނޑު މިއަދު ދަންނަވައިލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މިއަދު މި ސިފަވެގެން މިދަނީ، ކޮންކަހަލަ ކަންތައްތަކެއްތޯއޭ؟ ސިޔާސީ ގިނަ ވާހަކައެއް މިއަދުގެ ޕޯޑިއަމަކު ނުދައްކާނަން. އެއީ މިދިޔަ ހަތަރު ފަސް ރަށެއްގެ ދަތުރަށްފަހު، އަޅުގަނޑުވެސް ހަމަ ކޮންމެވެސްވަރަކަށް ސިޔާސީ ވާހަކަ ދައްކަން ވަރުބަލިވެއްޖެ. އެހެންނަމަވެސް، އެންމެފަހުގެ އެނަލައިސިސްއެއްގެ ގޮތުގައި، އެންމެފަހުގެ ސުވާލެއްގެ ގޮތުގައި ތިޔަބޭފުޅުން ކުރައްވާ މި ސުވާލު! މަކުނުދޫގެ ރައްޔިތުންނަށް އެންމެ ފަސޭހައިން މިކަން ރިލޭޓް ކުރެވޭނީ، އިޙުސާސްކުރެވޭނީ، ތަޙައްމަލުކުރެވޭނީ. ތިޔަބޭފުޅުން އެންމެ ބޭނުންވަނީ ފަޅާއި، ފަޅުން ލިބޭ ތަރައްޤީއާއި އަދި ދަތުރުފަތުރުގެ ފަސޭހަކަން ކަމަށްވަންޏާ، ތިޔަ ބަނދަރުން މަޙްރޫމުވެގެންދިޔައީ ކީއްވެގެންތޯ؟ މަކުނުދޫގެ ފަރާތުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު އެ ވިދާޅުވީ ދޮގެއްތޯ. ދެން އެއާއެކީ މުޅި ދިވެހިރާއްޖެއަށް އާންމުވެގެން މިދިޔަ 3 އަހަރުގެ ދުއްތުރާ. ތަހުޒީބީ ހުރިހާ ކަމެއް އަޅުގަނޑުމެން އަތުން ބީވެގެންދިޔައީ. އިޙުތިރާމާއި ލޯތްބާއި، މީހުންނަށް އޮންނަ އަޅައިލުމާއި، ކުލުނާއި، މަރާމާތު ކުރުމާއި އަދި ޢުމްރާނީ ތަރައްޤީއާ. މިކަހަލަ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ބީވެގެންދިޔަ 3 އަހަރު އަޅުގަނޑުމެން ހޭދަކޮށްފީމު. އަޅުގަނޑުމެންގެ ތެރޭގައި، ހިތި މާޒީއެއް ކައިރި މާޒީއެއް އެބައޮތް. އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންގެ ހިތަކުންނެއް މިކަމެއް ނުފިލާނެ. އަޅުގަނޑުމެން ކުރިއަށްދާން ބޭނުންވަނީ އުސޫލުތަކަކާއެކީ.

އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ ކަމަކީ، މިދެންނެވި ޕާޓީއާއެކީ އަޅުގަނޑުމެންނަށް ވާހަކަ ދައްކައިގެން ދިވެހި ރައްޔިތުންގެ ޙައްޤުގައި އިޚުލާޞްތެރި އެއްވެސްކަމެއް ކުރެވިދާނެކަން. ހަމަގައިމުވެސް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއީ މާޒީއަކުން އެކަން އަޅުގަނޑަކަށް ފެނިފައެއްނެތް. މި ފިލާވަޅު ޢަދާލަތުގެ އާންމު މެންބަރުން ނެންގެވުމަކީ އަޅުގަނޑު އެދޭ ކަމެއް. ރައްޔިތުންގެ ޙައްޤުގައި. އަޅުގަނޑަށް ކަމެއްކޮށްދޭކަށްނޫން. ޖުމްހޫރީ ޕާޓީގެ އާންމު މެންބަރުން މިފިލާވަޅު ނެންގެވުމަކީ، ހަމަ ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރައްވަންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ސިޔާސީ އޮއިވަރާއެކީ މި ފެނިގެން މިދަނީ، ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ރޫޙު ކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ. އެއީ، މި ދިރާސާ. އެންމެފަހުގެ ދިރާސާއެއްގެ ގޮތަށް ކުރާ ސުވާލަކީ، އަޅުގަނޑުމެން އެ 3 އަހަރު ނާތަހުޒީބީ، ނޫނީވިއްޔާ ވޭންދެނިވި ކަންތައްތަކެއް ހިނގި 3 އަހަރު ތަރުކާރު ކުރަން ބޭނުންހޭ؟ ހަމަ ކޮންމެ މީހަކުވެސް ބުނާނީ ނޫނެކޭ. އެކަމަކު އަޅުގަނޑުމެންނަށް މިފެންނަނީ، އަޅުގަނޑުމެންގެ ސިޔާސީ ފެނުމުގެ ފުސްކަން އިތުރުވެގެން ދިޔަދިޔައިނުންގޮސް، މިހާރު އެމީހުންނާއެކީވެސް މަސައްކަތް ކުރަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މިތިބީ ތައްޔާރަށް. އެއީ އަޅުގަނޑާއެކީ މަސައްކަތްކުރާ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން ކުރާނެ ކަމެއްނޫން. އެއީ އަޅުގަނޑުމެންނަށް އެ އިތުބާރު ނުކުރެވޭތީ. ދިވެހި ރައްޔިތުންގެ ޙައްޤުގައި މައްސަލަތައް ޙައްލުކުރަން އެކި ފަހަރުމަތިން މޭޒުކައިރީ އަޅުގަނޑުމެން އިށީނދެއްޖައިން. ކުރިއަށްދެވޭނެ އެއްވެސް މަގެއް އަޅުގަނޑުމެންނަކަށް ނުފެނުނު. ނުވެސް ދެއްކި. އަދި ދިވެހިރާއްޖެއަށް މިހާރު ބައިނަލްއަޤްވާމީ ގޮތުން ރާއްޖެއިން ބޭރުން އަންނަ ފިއްތުންތަކުގެ އަސްލަކީވެސް ޙަޤީޤަތުގައި މި ބޭފުޅުން މި ދައްކަވާ ވިޔާނުދާ ވާހަކަ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް އެކިކަހަލަ ދުއްތުރާލާއި، ޤައުމީ ޝަޚުޞަށް އުނދަގޫވާ އެތައްކަމެއް ކުރިމަތިމިވަނީ. އެހެންވީމާ، އަޅުގަނޑަކަށް ގަބޫލެއްނުކުރެވޭ، މި ބޭފުޅުންނާއެކީ އަޅުގަނޑުމެންނަށް ކުރިއަށް ދެވިދާނެ ކަމަކަށް. އެއީ އަދި މުއައްސަސާއެއް ޖަވާބުދާރީ ކުރުވަންވިޔަސް. މަކުނުދޫގައި ބޮޑު އާބާދީއަކީ ޕީ.ޕީ.އެމް. އަށް ލޯބިކުރާ، ޕީ.ޕީ.އެމް. އަށް ތާއީދުކުރާ ޕީ.ޕީ.އެމް.ގެ މެންބަރުން.

އެހެންވީމާ، އަޅުގަނޑު ހަމަ މި ސުވާލު ތިޔަބޭފުޅުންނަށް ދޫކޮށްލާނަން، ސިޔާސީ ވާހަކަ ދައްކާއިރު. އަޅުގަނޑުމެން 2018 އަށް ތައްޔާރުވާއިރުވެސް ތައްޔާރު މިވަނީ މިދެންނެވި 3 އަހަރުގެ ހިތި ތަޖުރިބާ އަޅުގަނޑުމެން އިޙުސާސްކުރުމަކީ، އަޅުގަނޑުމެން ބޭނުންވާ ކަމެއްނޫން ކަމަށް ގަބޫލުކުރަމުން. އެހެންވީމާ، އެކަހަލަ ޕާޓީއަކާއެކީ، ގުޅިގެން މަސައްކަތްކުރާ އެހެން ސިޔާސީ ޕާޓީތަކަށް، ފުރުޞަތު ދެވޭނީ ކިހާމިންވަރަކަށްތޯ އަޅުގަނޑުމެން ސުވާލު އުފައްދަންޖެހޭ. ސިޔާސީގޮތުން އުފައްދާ ސުވާލުގެ ތެރޭގައި ވަކި ޕާޓީއެއް އިސްތިސްނާ ކުރުމެއްނެތް. ވަކި ފިކުރެއްގައި ތިބި ބަޔަކު އިސްތިސްނާ ކުރުމެއްނެތް. އަޅުގަނޑުމެން އެންމެން ގަބޫލުކުރާ ޙަޤީޤަތަކީ، އެ 3 އަހަރު އެ ދިމާވި ހިތްދަތި ކަންތައްތައް އަޅުގަނޑުމެން ތަކުރާރުކުރާކަށް ނެތީމޭ. އޭރު ދޮގެއްތޯ، ޢިލްމުވެރިންނާ ދޭތެރޭގައި ކަންތައްތައް ކުރަމުންދިޔަ ކުޑައިމީސްގޮތް އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. ޢިލްމުވެރިން އިޙުތިޖާޖު ކުރަމުން ކޮޅަށްތެދުވި. އިޙުތިޖާޖުގައި ކޮޅަށް ތެދުވީ އެކަމާ ދޮގެއްތޯ. އަދި އަޅުގަނޑުމެންނަށް ދިމާވި އެކިކަހަލަ އުނދަގޫތައް ދިމާވެގެންދިޔައީ އޭރު ދޮގެއްތޯ.

އިޖުތިމާޢީ ފޭރާމުގެ ވާހަކަ، މިކަހަލަ ޕޯޑިއަމެއްގެ ފަހަތުގައި ހުއްޓޭ ކޮންމެ މީހަކު ދައްކަނީ. މިކަހަލަ ކަންތައްތައް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ތަކުރާރުވަމުންދާތަން. ތަކުރާރުވެގެންދާއިރު، އެ ސުވާލު ކުރެވުނީމާ، މިކަންކަންކުރާ މީހުން ކޮންމެވެސް ޖަވާބެއްދޭނެ. ހަމަ ދެބައިކުޅައެއްބައި ރޯފިލައިފައި ހުންނަ ކޮންމެވެސް ކަހަލަ ޖަވާބެއް ލިބޭނީ. އަޅުގަނޑުމެންނާއެކީ މިއުޅޭ މީހުން، އަޅުގަނޑުމެންނަށް އެންމެ ރަނގަޅަށް މިކަން ގަބޫލުކުރެވޭތީ، އަދި އެންމެކައިރިން، މި އިޙުސާސްތައް ތަޖުރިބާ ކުރެވިފައި ހުރީމާ، އަޅުގަނޑުމެންނަކަށް ފަސޭހައެއްނޫން. އެކަހަލަ ބަޔަކާއެކީ އެއްވެސްކަހަލަ ކުރިއެރުމަކާ ހަމައަށް ދެވިދާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއްނުކުރަން. އެކަމަކު އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައިވެސް ކޮންމެވެސްވަރަކަށް ވިސްނުން ހުރެގެން ބަޔަކު އެބަ މަސައްކަތްކުރޭ، މިކަހަލަ ކަންކަން ކުރަންވެސް. މިއީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއްނޫން. އަޅުގަނޑުމެންނަކަށް ގަބޫލުކުރެވޭނެ ކަމެއްނޫން.

ސިޔާސީ ވާހަކައިގެ ގޮތުން އެ ވާހަކަ ދައްކައިފައި، އެ ހިސާބުން ނިންމައިލައިފައި އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މަކުނުދޫއިން އަޅުގަނޑަށް ތިޔަދެއްވާ ކަށަވަރުކަމަކީ، އިރާދަކުރެއްވިއްޔާ ރައްޔިތުން އެކަމަށް އެދޭ ކަމަށްވަންޏާ، އަދި ރައްޔިތުންގެ ތާއީދު އެކަމަށް އޮތް ކަމަށްވަންޏާ ﷲގެ ނިންމެވުމެއް އެއީ، ދެން އަޅުގަނޑުމެން ދިވެހި އުންމަތާއިގެން ކުރިއަށްދާނީ، ކޮންބަޔަކުތޯ. އަޅުގަނޑުމެން ހުރިހާ އެންމެން ސިޔާސީގޮތުން މަސައްކަތްކޮށް ރައްޔިތުންނަށް ޚިދުމަތެއް ކުރެވިދާނެ ކަމަށް ވިސްނުންހުރި ކޮންމެ ލީޑަރެއްގެވެސް ޙައްޤެއް މިއީ. އެކަންކަން ނިންމާނީ ރައްޔިތުން. އެކަން އޮތްގޮތަކަށް އެކަންދާނީ. އަޅުގަނޑުމެން ކުރާނީ މަސައްކަތް.

މަކުނުދޫއާ ދޭތެރޭގައި، މަކުނުދޫއަކީ، މިހާ އެކަހެރިކޮށް އޮންނަ ތަނެއް ކަމުގައިވާތީ، އަޅުގަނޑު ހަމަ މަކުނުދޫގައި ދަންނަވައިލަން ބޭނުންވަނީ، ޝައްކެއްވެސްނެތްގޮތުގައި މަކުނުދޫގެ ރައްޔިތުންނާއި، މަކުނުދޫގެ އިޙުސާސްތައް އަޅުގަނޑުމެން ބަލައިގަންނަމޭ. އެއާއެކީ ދަންނަވައިލަން ބޭނުންވަނީ، މަކުނުދޫގެ ކައުންސިލުގެ ރައީސްވެސް، ވަރަށް އިޙުސާންތެރި ވާހަކަފުޅުތަކެއް އަޅުގަނޑަށް ހުށަހަޅުއްވަމުންވެސް، އަޅުގަނޑާ ދޭތެރޭގައި ފާޅުކުރައްވަމުންވެސް، މަކުނުދޫއަށް ދަތިވެފައިހުރި ކަންތައްތަކުގެ ވާހަކަ ވިދާޅުވި. އަޅުގަނޑު ހަމަ ވަރަށް އިޙުތިރާމާއެކީ ހުރިހާ ވާހަކަފުޅެއް ބަލައިގަންނަން. އަދި އެއާއެކީ، އަޅުގަނޑުގެ އިސްވެ ވާހަކަފުޅު ދެއްކެވި ދެ ވަޒީރުންވެސް ވަރަށް އިޙުސާންތެރިކަމާއެކީ ހެޔޮ ބަސްފުޅުތަކެއް އަޅުގަނޑަށް ހަދިޔާ ކުރައްވައިފައިވާތީ، އެ ދެބޭފުޅުންނަށްވެސް ހަމަ ވަރަށް އިޚުލާސްތެރިކަމާއެކީ ޝުކުރު ދަންނަވަމުން، އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، މިއީ އަޅުގަނޑުމެން ދެ ފަރާތުގައި އޮތް އިތުބާރެކޭ. އަޅުގަނޑާއި ވަޒީރުންނާ ދޭތެރޭގައިވެސް އޮތް އިތުބާރު އަދި އެ ބޭފުޅުންގެ މަސައްކަތްޕުޅާ ދޭތެރޭގައި އަޅުގަނޑު ކުރާ އިތުބާރުވެސްމެއޭ.

އެހެންވީމާ، އަޅުގަނޑުމެން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން އަޅުގަނޑުމެން ދާންވާ ހިސާބަށް މި ދެވެނީ. މިއީ ވަކި އެކެއްގެ އެއްވެސް މޮޅުކަމެއްވެސް ނޫން. ހުސިޔާރުކަމެއްވެސް ނޫން. އިޚުލާސްތެރިކަމެއްވެސް ނޫން. އަޅުގަނޑުމެން ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން މި ހިސާބަށް ދެވެނީ. މިއީ މިވަގުތު އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރައްވައިފައި އޮތް އެންމެ ވަރުގަދަ ނިޢުމަތް. އަޅުގަނޑުމެންގެ ޓީމުގައި މި ތިއްބެވި ހުރިހާ ބޭފުޅުންނަކީ އަވަދިނެތި، މުރާލިކަމާއެކީ ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވަން ތިއްބެވި ބޭފުޅުން.

މަކުނުދޫ، މިހާދުރުގައި އޮންނަ، ހުޅަނގު ބިތުގެ އެންމެ ހުޅަނގު، ދެން މިއަށްވުރެ ހުޅަނގެއް ނުވާނެކަންނޭނގެ. މި އޮންނައިރު އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ އެކަހެރިކަމުގެ ތެރޭގައި ހުރި ކަންތައްތަކެއް ހުންނާނެއޭ. ސަރުކާރުގެ ކުންފުނިތައް ވަރުގަދަކޮށް، ސަރުކާރުގެ ކުންފުނިތައް ފައިމައްޗަށް ނަގަން އަޅުގަނޑުމެންކުރާ މަސައްކަތަކީ، ޙަޤީޤަތުގައި މި ކަހަލަ ވަރަށްގިނަ ކަންތައްތައް ޙައްލުވެގެންދާ ކަންތައްތައް. އަޅުގަނޑުމެންގެ މި ދަތުރުގައި މީގެތެރެއިން ހަމަ ވަރަށްގިނަ ކުންފުނި ކުންފުނީގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި. މަކުނުދޫގައި މިހާރު ހުރި މައްސަލަތަކަށް ބަލާކަމަށްވަންޏާ، ތިޔަބޭފުޅުންގެ އިލްތިމާސްތަކަށް ބަލާކަމަށްވަންޏާ، އެންމެ އުނދަގޫވަނީ ހުޅަނގުގައި އޮންނަ ރަށަކަށްވެފައި އަދި ހުޅަނގު މޫސުމުގެ ގަދައިގެ ތެރޭގައި، ކާޑުގެ ދަތިކަން. އަޅުގަނޑަށް އެސް.ޓީ.އޯ. އިން ކަށަވަރުކަން އެބަދެއްވާ. އަޅުގަނޑުމެން މި ދަތުރަށް ފުރިއިރު، އަޅުގަނޑުމެންނަށް މި ކަށަވަރުކަން ދެއްވި. މަކުނުދޫގެ ރައްޔިތުންނަށް މި ހަދިޔާކުރަން. އެސް.ޓީ.އޯ.އަކީ ވަރުގަދަ ކުންފުންޏަކަށްވާތީ، އިރާދަކުރެއްވިއްޔާ މަކުނުދޫގައި ކާޑަށް ދަތިނުވެ، ކާޑުލިބޭނެ ދާއިމީ އިންތިޒާމެއް އެސް.ޓީ.އޯ. އިން ގާއިމުކޮށްދެއްވާނެ ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މަކުނުދޫއަށް މިކަން ހަމަޖެހިގެން މިދިޔައީ.

ހަމައެއާއެކީ ދަންނަވައިލަން ބޭނުންވަނީ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ މި ޖަވާބުތަކެއް ހުރީމާ، ޖަވާބުތަކަށް ސުވާލު ތައްޔާރުކުރެއްވީކަންނޭނގެ. ދެންމެ ކައުންސިލުގެ ރައީސް ޝާކިރުގެ ވާހަކަފުޅުގައި. ޞިއްޙީ މަރުކަޒު 16 ގަޑިއިރު އެބަހުރޭ. ދެން ހަމަ މަކުނުދޫގެ ރައްޔިތުންގެ އަތްމަތީގައި އޮތީ ދޮގެއްތޯ އަނެއް 8 ގަޑިއިރު، މީހުން އެހާ ބަލިވިޔަނުދިނުން. އެހެންވީމާ، އެ 16 ގަޑިއިރުގެ ތެރޭގައި މިކަންކަން ޙައްލުވުމަކީ، އެހާ ދަތިކަމަކަށް ވެގެންނުވާނެ ދޮގެއްތޯ. އެއީ، އަޅުގަނޑުމެންނަށް މީގެކުރީގެ ދަތުރުގައި، ޖަލްސާއެއްގައި ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި. ހަމަ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ދަމުންދަމުން ގޮސްފައި، މުޅި ދުވަސްއެކީ ރަނގަޅަށް. ފިރިހެން ބޭފުޅަކު ވިދާޅުވީ، ގޮސްފައި ހަމަ ގެއަށް ދިޔައިމާއޭ ބަލިތައް ފެށެނީ. އެހެންވީމާ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއްކަންނޭނގެ، ބަލިތައް ފެށިގެންދާއިރު، ކޮންމެވެސްވަރެއްގެ ސްޕޭސް އައުޓް ކުރުމެއް ނޫނީވިއްޔާ ގެޕެއް މީގެތެރޭގައި ގެންގުޅުން. އޭގައިވެސް އުފާވެރި ޚަބަރެއް ތިޔަބޭފުޅުންނަށް ދޭން އަޅުގަނޑު އެބައޮތް. މަކުނުދޫގައި މިހިރަ ޞިއްޙީ މަރުކަޒުގެ ޚިދުމަތް، އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އިރާދަކުރެއްވިއްޔާ 24 ގަޑިއިރަށް އާންމުކޮށް ހުޅުވައިލެވިގެން ހިނގާނެ.

މަކުނުދޫއާ އެންމެ ކައިރިން، މަކުނުދޫގެ ބޭނުންތަކަށް، ޞިއްޙީ ބޭނުންތަކަށް، ނޫނީ އެހެންވެސް ބޭނުންތަކަށް ދާން މިއޮތީ ކުޅުދުއްފުށި ދޮގެއްތޯ. ދިގު ދަތުރެއް. އަނެއްކާ ހުޅަނގުގެ ގަދައިގައި ދާކަމަށްވަންޏާ ވަރަށްދިގު ދަތުރެއް. މިހާރު ކޮންމެވެސްވަރެއްގެ ފެރީއެއް އެބަ އޮވޭކަންނޭނގެ. އެހެންނަމަވެސް، އެމް.ޓީ.ސީ.ސީ.ވެސް އަނެއްކާވެސް ރިސޯސް ލިބި، އެމް.ޓީ.ސީ.ސީ.އަކީ ރާއްޖޭގެ، ޚާއްޞަކޮށް ރާއްޖެތެރޭގެ ތަރައްޤީއަށް ވަރަށް ޚިދުމަތްތެރި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކުންފުންޏެއް. މީގެކުރީގައި އެމް.ޓީ.ސީ.ސީ.ގެ ސީ.އީ.އޯ.އަކަށް ހުންނެވީ ޢަބްދުއްރައްޒާޤު ޙަލީމް. ފުރިހަމަ ނަންފުޅެއް އަޅުގަނޑަށް ދަންނަވާކަށް ނުވެސްއެނގޭ. ފަސް، ހަ ނަން އޮވޭކަންނޭނގެ. އެހެންނަމަވެސް، ޢަބްދުއްރައްޒާޤަކީ ވަރަށް ޚިދުމަތްތެރިކަމާއެކީ މަސައްކަތްކޮށްދެއްވި ބޭފުޅެއް.

ހަމައެއާއެކީ އަޅުގަނޑު އޭނާ މިހާރު ބަދަލުކުރީ ރާއްޖެތެރޭގެ ތަރައްޤީއަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރިއަށްއޮތްތަނުގައި ކުރަންއޮތީ، މަގުހެދުމާއި އަދި ގެދޮރު ބިނާކުރުމުގެ ކަންތައްތައް ކަމަށްވާތީ، އެމް.އާރް.ޑީ.ސީ އަށް. ހަމަ ރަނގަޅު ވިސްނުމެއްގައި. މިހާރު އެމް.ޓީ.ސީ.ސީ.ގެ އިސް ބޭފުޅުންނަށް މިތިއްބެވީ، ޒިޔަތާއި ޑީ.އެމް.ޑީއާ. މިބޭފުޅުންވެސް ހަމަ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ކުންފުނީގެ ފައިދާއަށް ބެލުމުގެ ބަދަލުގައި، ހަމަ ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ އެ ބައްލަވަނީ. އެމް.ޓީ.ސީ.ސީ. އިން ރާއްޖޭގައި އެމް.ޓީ.ސީ.ސީ ފެރީގެ ޚިދުމަތް އޮންނަ ތަންތަނުގައި އަޅުގަނޑުމެންގެ ދަތުރުފަތުރު، އެމް.ޓީ.ސީ.ސީ އިން އެ ކޮށްދެއްވަނީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް އެއްގޮތަކަށްވެސް ހަރަދު ދެކޮޅުޖެހޭވަރެއްގައެއް ނޫން. ހަރަދު ދެކޮޅުނުޖެހި، އެ ދަތުރުތައް ކުރަމުން އެ ގެންދަނީ.

އެހެންނަމަވެސް، މިއީ ރައްޔިތުންގެ އެހާބޮޑު ބޭނުމަކަށްވެފައި އަދި ސަރުކާރުން އެވަރަށް އެދޭ ކަމަކަށްވާތީ، ކުންފުނިން އެހެންގޮތްގޮތުން، ނޫނީވިއްޔާ ކުންފުނީގެ އެހެން ވިޔަފާރިތަކުން ލިބޭ ފައިދާއިން ދެކޮޅުޖެއްސޭތޯ ބަލަމުންގެންދަނީ. މިއާއެކުވެސް، އެމް.ޓީ.ސީ.ސީ. އިން އަޅުގަނޑަށް ކަށަވަރުކޮށްދެއްވަނީ، މިއަދު އިޢުލާނުކުރަން އެ ބޭފުޅުން އެދިވަޑައިގަންނަވަނީ، އިރާދަކުރެއްވިއްޔާ ފަށައިގަތުމަށް ހަފުތާއަކު 1 ފެރީ، އެމް.ޓީ.ސީ.ސީ. އިން މިއަދުން ފެށިގެން މަކުނުދޫއާ ކުޅުދުއްފުށްޓާ ދޭތެރޭގައި ބާއްވައިދެއްވާނެ ކަމަށް. އެހެންވީމާ، އެމް.ޓީ.ސީ.ސީ.ގެ އިސް މެނޭޖްމަންޓުގެ ބޭފުޅުންނަށް، ޗެއަރމަނާއި، ސީ.އީ.އޯ. އާއި ޑެޕިއުޓީ ސީ.އީ.އޯ. އަޅުގަނޑުމެންގެ މި ބައްދަލުވުމުގައި އެބަ ތިއްބެވި، ވަރަށް އިޚުލާޞްތެރިކަމާއެކީ އެބޭފުޅުންނަށް ޝުކުރު ދަންނަވަން.

ދެން ހަމަ މިއާއެކީ، އަޅުގަނޑުމެން މި ދަތުރުކޮށްފައި މިހާހިސާބަށް އައިއިރު، އަޅުގަނޑުމެންގެ ވާހަކަތައްވެސް ހުންނާނީ މިހާހިސާބަށް ފޯރައިފައި ދޮގެއްތޯ؟ އެހެންވީމާ، ހަމަ އަޅުގަނޑުމެންގެ ދަތުރުގައި މި ހިނގައިދިޔަ، ކަންތައްވެސް ހުންނާނީ މިހާހިސާބަށް ފޯރައިފައި. މަކުނުދޫގެ ފަޅުން ރިޒޯޓެއް އުފެއްދުމުގެ ކަންތައް، ދެން އަޅުގަނޑުމެން ދިރާސާކުރާނީ. އެހެންނަމަވެސް، އެއާއެކީވެސް ދަންނަވައިލަން ބޭނުންވާނީ، އަނެއްކާވެސް މަކުނުދޫގެ އެކަހެރިކަން އަޅުގަނޑުމެނަށް ހަމަ ކުޑަވެގެންދާނޭ. ކުޅުދުއްފުށްޓާއި، މަކުނުދޫއާ މި ވަށައިގެން މިވާ ސަރަޙައްދަކީ، އަޅުގަނޑުގެ ވިސްނުމުގައި އިޤުތިޞާދީ ބޮޑު ފުރުޞަތުތަކެއް އޮތް ސަރަޙައްދެއް. މަކުނުދޫ އޮތީ ކުޅުދުއްފުށްޓާ ދުރުގައި ކަމަށްވެދާނެ. އެހެންނަމަވެސް، މި ސަރަޙައްދުގައި ދެންހުރި، ކޭލަކުނު ކަހަލަ ބޮޑެތި ރަށްތަކަށް ބަލާކަމަށްޏާ، މި ސަރަޙައްދަކީ، އިޤުތިޞާދީ ބޮޑެތި މަސައްކަތްތަކެއް ކުރެވިދާނެ ސަރަޙައްދެއް. އޭގެތެރޭގައި ޓޫރިޒަމުގެ ޞިނާޢަތަކީވެސް، ހަމަ ފުޅާކޮށް ފެތުރޭނެ ޞިނާޢަތެއް ކަމަށް ގަބޫލުކުރަން. ދެން އަޅުގަނޑަށް އެނގޭ، އަޅުގަނޑު ކުޅުދުއްފުށީގެ ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ހަމަ ކުރިމަތީގައި ހަމަ ކަޅިޖަހައިނުލައި ބައްލަވަން އެ އިންނެވީ ހަނިމާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޝަހުދީ. ޝަހުދީއަށްވެސް އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ވަރަށް އިސް އަމާޒެއް އޮތް ކަމެކޭ، ހަނިމާދޫ ބައިނަލްއަޤްވާމީ އެއަރޕޯޓް، ޙަޤީޤީ ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހަދަން. އަޅުގަނޑުމެންނަށް މިހާރު ވާހަކަދައްކައި، ހަމަ ގާތްގަނޑަކަށް ނިމިގެން އެ ދިޔައީ. ޓޫރިޒަމް މިނިސްޓަރ އަޅުގަނޑަށް އިއްޔެ ކަށަވަރުކޮށްދެއްވި ވަރަށްބޮޑު މަޝްރޫޢެއް. ހަނިމާދޫ އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމާއި އަދި އެތާ ކައިރީގައި ރިޒޯޓު ތަރައްޤީ ކުރުމުގެ ފުރުޞަތުތަކާއި، މީގެއިތުރަށް ރާއްޖޭގައި އަޅުގަނޑުމެން ބޭނުންވާ، އެހެން މަދަނީ ވައިގެ ދަތުރުފަތުރުކުރާނެ އެއަރޕޯޓުތަކަކަށް އިންވެސްޓް ކުރުމުގެ ކަންތައްތައް. މިއީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންނަށް ލިބޭ ފުރުޞަތެއް. މިއީ، އަޅުގަނޑުމެން ނަގާ ލޯނެއް. އެކަމަކު ވަރަށްކުޑަ އިންޓްރެސްޓެއްގައި އަޅުގަނޑުމެން ނަގާ ލޯނެއް.

އެހެންނަމަވެސް، އަޅުގަނޑު ކުރީ ދަތުރެއްގައި، މި ދަތުރުގެ، ކުރީ ރަށެއްގައި ވާހަކަ ދައްކަމުން ދެންނެވިގޮތަށް، އަޅުގަނޑުމެން މިކަހަލަ ފައިސާ ނަގައިގެން، އަޅުގަނޑުމެން މިގޮތަށް ފައިސާ ހޯދައިގެން، އަޅުގަނޑުމެން މިކަންކަން ކުރަންބޭނުން. އިރާދަކުރެއްވިއްޔާ މިއީ، ކާމިޔާބު މަޝްރޫޢަކަށްވެގެން މިކަން ނިމިގެންދާ ކަމަށްވަންޏާ ޝަހުދީގެ ހިތްޕުޅަށްވެސް އަދި ހަނިމާދޫއާއި، ހަނިމާދޫގެ ދާއިރާގެ އެހެން ރަށްތަކުގެ ބޭފުޅުންނަށްވެސް ހަމަ ވަރަށް ވަރުގަދަ މެސެޖުތަކެއް، ވަރަށް ރަނގަޅު ފުރުޞަތުތަކެއް ހުޅުވިގެން މިދަނީ. މިހުރިހާ ތަނެއްގައި މަސައްކަތް ކުރަން ތިބީ، އަޅުގަނޑުމެންގެ ހަމަ ދިވެހި ޒުވާނުން. ދިވެހި ޒުވާނުންނަކީ، ހަމަގައިމުވެސް، އަޅުގަނޑުގެ ޕްލޭނިންގ އެޖެންޑާގައި އެންމެ ކުރީގައި އުޅޭ ފަރާތް. މަކުނުދޫއަށް، ކުޅުދުއްފުށީ ސަރަޙައްދަށް، މީގެކުރިން އަޅުގަނޑު ދެންނެވި ވާހަކައަކީ، އިރާދަކުރެއްވިއްޔާ ސަރުކާރުގެ ބަޖެޓުން، މިފަހަރު ކުޅުދުއްފުށީގައި އެއަރޕޯޓެއް އަޅުގަނޑުމެން ގާއިމުކުރާނަމޭ. އަޅުގަނޑު އުންމީދުކުރަނީ، 2017 ވަނަ އަހަރު ނިމިގެންދާއިރު، ކުޅުދުއްފުށީގެ ވައިގެ ބަނދަރަށް ބޯޓުޖައްސައި އުދުހޭނެ ކަމަށް. އެވަރަށް މަސައްކަތް ކުރެވޭތޯ އަޅުގަނޑުމެން ޢަޒުމް ކަނޑައަޅައިގެން ކުރިއަށްގެންދަނީ. އަދި ހަމަ އެއާއެކު އަޅުގަނޑު ދެންނެވި އަނެއް ވާހަކައަކީ، ޓޫރިޒަމުގެ ޞިނާޢަތު މި އުތުރަށް ފުޅާކުރުމަށް މިކުރެވޭ މަސައްކަތުގެ ތެރޭގައި އިޢުލާނުކުރެވޭ 15 ރަށުގެ ތެރޭގައި، ސައްތައަކުން 75 ހިމެނިގެންދާނީ ކުޅުދުއްފުށި ސަރަޙައްދު އަދި ށ. އަތޮޅުގެ ރަށްތަކަށޭ. އެހެންވީމާ، އުތުރުގެ މި ނެގިގެން މިދަނީ، ކުޅުދުށްފުށީ ސަރަޙައްދާއި، ށ. އަދި ހއ. ގެ ކޮންމެވެސްވަރަކަށް.

އެހެންވީމާ، މި ސަރަޙައްދަކީ، އިޤުތިޞާދީ ހަބަކަށް، ނޫނީވިއްޔާ ނާރެސްއަކަށް ވެގެން މިދެންނެވީ، ޓޫރިޒަމުގެ ޞިނާޢަތުގެ މައްޗަށް ބިނާކޮށް ކުރެވޭ މަސައްކަތްތަކެއް. މި މަސައްކަތްތައް ނިމިގެންދާނެ ކަމަށް އަޅުގަނޑަށް އިންތިޒާރު ކުރެވެނީ، ގާތްގަނޑަކަށް 12 މަހާއި، 18 މަސްދުވަހުގެ ތެރޭގައި. އެއަށްވުރެން އަވަހަށް އެތައް ބައިވަރު ރިޒޯޓުތަކެއް ހުޅުވިއްޖެ ކަމަށްވަންޏާ، ހަމަ ސަރުކާރުން އުފުލަންޖެހޭ ބުރަވެސް ބޮޑުވެގެންދަނީ. އަޅުގަނޑުމެންނަށް މިހާރުވެސް އެއަރޕޯޓަކީ، ކުޑަވެފައި އޮތް އެއަރޕޯޓެއް. ތޮއްޖެހިފައި އޮތް އެއަރޕޯޓެއް. ވަރަށްބޮޑެތި ތަކުލީފުތައް، ބޭރުން އަޅުގަނޑުމެންނަށް ޒިޔާރަތްކުރާ މެހުމާނުންވެސް އަދި އަޅުގަނޑުމެންގެ ދަތުރުފަތުރުކުރާ އަޅުގަނޑުމެންގެ ރައްޔިތުންވެސް އުފުލަމުން އެ ގެންދަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކަންކަން ރަނގަޅަށް ދާކަމަށްވަންޏާ، ﷲ ގެ ރަޙުމަތާއެކީ، އެއަރޕޯޓު ނިމެންވާއިރަށް މި ސަރަޙައްދުގައި ޓޫރިޒަމް ހުޅުވި، އަދި މަކުނުދޫގެ އެއަރޕޯޓާއި، ށ. އަތޮޅު ފަރުކޮޅުފުނަދޫގައި މި ހަދާ އެއަރޕޯޓުގެ މަސައްކަތްވެސް އޭރު ރައްޔިތުންނަށް އޭގެ ޚިދުމަތްތައް ލިބެމުންދާނެ.

މަކުނުދޫގައި މިތާ ކައިރީގައި، ޅެންވެރިން ވިދާޅުވާ، ބޯފެން ލިބޭ މިހާ ރީތި ޖަޒީރާ ފަޅެއް އޮތް ކަމުގައިވީނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ، ހަމަ މަކުނުދޫގައި، މިރަށުގައި ބޯފެން ލިބޭނެ އިންތިޒާމު އެބަ ހަމަޖެހެންޖެހެޔޭ. އިރާދަކުރެއްވިއްޔާ، އޮފިޑް ދޮގެއްތޯ. އޮފިޑުގެ އެހީގައި، ލޯނުއެހީގައި އަޅުގަނޑުމެން މި ބިނާކުރާ މަޝްރޫޢަކީ، 2017 ގައި ހަމަގައިމުވެސް، ނިމުމުގެ ކުރިން އޭގެ އިންތިޒާރު، ނޫނީ އޭގެ ޚިދުމަތް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. ސްޓޯރޭޖް ޓޭންކަކާއެކީ، މީރުފެން އުފައްދާ އާރު.އޯ. ޕްލާންޓެއް އަޅުގަނޑުމެން ހަމަޖައްސާނަން. އެ ހިސާބުން، އިރާދަކުރެއްވިއްޔާ މަކުނުދޫގެ ބޯފެނުގެ ދަތިކަން ދާއިމަށް ޙައްލުވެގެން އެދިއައީ.

އަދިވެސް ބޭނުންތޯ އިތުރު ކަންތައް. ނަރުދަމާ. އާދެ، ނަރުދަމާގެ މަޝްރޫޢަކީ، އަޅުގަނޑުމެންގެ މި 5 އަހަރު ނިންމާއިރު، އަޅުގަނޑުމެން ކަށަވަރުކޮށްދީފައި އޮންނާނެ، ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައަކީ، އިރާދަކުރެއްވިއްޔާ ފެނާއި، ނަރުދަމާ ހަމަޖެހިގެންދާނެ ކަމެއްކަމަށް. ވަރަށް ހީވާގިކަމާއެކީ މިނިސްޓަރ ޠާރިޤު އެ މަސައްކަތް ކުރައްވަނީ، ހަމަ ބޭރުގެ އެހީއާއި، ބަޖެޓުގެ ފަންޑާއެކީ އެ މަސައްކަތް ކުރެވޭތޯ. އެހެންވީމާ، ނަރުދަމާގެ މި 55 ރަށުގެ މަޝްރޫޢު ނިމިގެންދާއިރު، ކަށަވަރުކުރައްވާ! މަކުނުދޫއާއި އަޅުގަނޑާ ދެން މިހާރު ވަރަށް ތިމާގެމިވީ. އެހެންވީމާ، މަކުނުދޫއަކީ، އިރާދަކުރެއްވިއްޔާ ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރޭގައި ވަރަށްކުރީގައި އުޅޭ ރަށެއްގެ ގޮތުގައި އަޅުގަނޑުމެން ހިމަނާނަން.

ދެން މިހާރު މިވާގޮތަކީ، މަކުނުދޫން އެހާ ރަނގަޅު ރިޕޯޓެއް ހޯދީމާ މަކުނުދޫއަށް، މި ދޭންޖެހޭ އެކިއެކި ހަދިޔާ ދޮގެއްތޯ މިއަންނަނީ. އެހެންވީމާ، މީގެތެރޭގައި ކުދި ކަންތައްތަކާއި، ބޮޑެތި ކަންތަކާ. ދެން އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ދަތުރު ނިމިގެންދާއިރު އިރާދަކުރެއްވިއްޔާ، މިހުރިހާ ކަންތައްތަކެއް ﷲގެ ވާގިފުޅާއެކީ ހަމަޖެހިގެން ދިޔައިމާ، މަކުނުދޫގެ އެކަހެރިކަން ހަމަ މުޅިން ފިލީކަންނޭނގެ. އޭރުން އަޅުގަނޑުމެންވެސް ދެވަނަ ރަށެއްގެ ގޮތުގައި އައިސް ވަޒަންވެރިވެލަން، ހަމަ މަކުނުދޫއަކީ، ހަމަ ފުދޭ ތަނަކަށް ވެގެންދާނެ.

އަޅުގަނޑުމެން ށ. ގައާއި، ހދ. ގައި ހިންގާ މަޝްރޫޢެއް، އިރުގެ އަލިން ހަކަތަ، އުފައްދައިގެން ކަރަންޓު ހޯދުމުގެ މަސައްކަތް. މަކުނުދޫއަކީ، މި މަޝްރޫޢުގެ ތެރޭގައި ހިމެނިފައި އޮތް ރަށެއް. އިރާދަކުރެއްވިއްޔާ، ހަމަ މިއަންނަ އަހަރު، 2017 ގައި މި މަޝްރޫޢު މި ރަށުގައިވެސް ފެށިގެންދާނެ. އެހެންވީމާ، މަކުނުދޫގައި މިހާރު ތިޔަ ބޭނުންކުރައްވާ ޑީސަލް އިންޖީނާއެކީ މަކުނުދޫގައި އިތުރުވެގެންދާނީ، އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމުގެ މަޝްރޫޢު. އެހެންވީމާ، މިކަމަކީވެސް މަކުނުދޫގައި ހިމެނިފައި އޮތް ކަމެއް.

ދެން އަޅުގަނޑަށް ހުށަހެޅުއްވީ، ސްކޫލުގެ ކަންތައް ދޮގެއްތޯ؟ ސްކޫލުގެ ކަންތަކުގައި ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު ޓެންޑަރ މަސައްކަތް ނިމިފައި އެއޮތީ. މަކުނުދޫގެ ސްކޫލަށް އާ 10 ކްލާސް ރޫމުގެ މަސައްކަތް އެއޮތީ ފެށެންވެފައި. ބަޖެޓުގެ ފައިސާއާއެކީ، އިރާދަކުރެއްވިއްޔާ މިއަހަރު، ނޫނީ އަންނަ އަހަރުގެ ހަމަ ވަރަށް ކުރީކޮޅު ފެށިގެން ވަރަށް އަވަހަށް، މިއަންނަ ދިރާސީ އަހަރުގެ ތެރޭގައި މި 10 ކްލާސްރޫމުގެ ޚިދުމަތް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި 2017ގެ ތެރޭގައި މަކުނުދޫއަށް މި 10 ކްލާސްރޫމުވެސް ލިބިވަޑައިގަންނަވާނެ.

މަކުނުދޫއަކީ މަސްވެރި ރަށެއް. މަސްވެރި ރަށަކަށްވާތީއާއެކީ، ބަނދަރުވެސް ބޮޑުވެގެންދިޔައީ، ލަފާ ފޭބުމުގެ ދަތިކަންވެސް އޮތީމަޔާއެކީ. ސަރުކާރުގައި މިފަހަރު ހިމަނާ މައި މަޝްރޫޢުތަކުގެ ތެރޭގައި، މިއީ މުޅި ރާއްޖެއަށް އާންމުކޮށްލާ މައި މަޝްރޫޢެއް. އަޅުގަނޑުމެންނަށް ޝައްކެއްވެސްނެތްގޮތުގައި އެންމެވަރުގަދަ ޞިނާޢަތަކީ ޓޫރިޒަމް. އެހެންނަމަވެސް، ރާއްޖޭގެ ހުރިހާ ހިސާބަކަށް، ރަށްރަށުގެ މީހުން، އެ ރަށްރަށުގައި ތިބެގެން، އެންމެ ވަރުގަދަ ޞިނާޢަތެއްގެ ގޮތަށް ފައިދާ ލިބޭ ޞިނާޢަތަކަށް މިއޮތީ މަސްވެރިކަން. މަސްވެރިކަމުގައި ބޮޑެތި ގޮންޖެހުންތައް މިހުރީ. އަމިއްލަ ފަރާތްތައް މަސްވެރިކަން ކުރުމަށް ހުޅުވައިލިޔަސް، އަދި މަސްގަތުމަށް ހުޅުވައިލިނަމަވެސް، އަޅުގަނޑުމެންގެ މަސްވެރިކަމުގައި ހުރި އަސާސީ މައްސަލަތަކަށް އެބަ ޙައްލެއް ހޯދަންޖެހޭ. އެންމެ ދަތިވާ މައްސަލަތަކުގެ ތެރޭގައި، މަސްވެރިކަމުގެ ތެރޭގައި މިއުޅެނީ، އެންވެރިކަން މަދުވަމުންދާ މައްސަލަ. އެހެންވީމާ، އަޅުގަނޑު އުންމީދު މިކުރަނީ، މަކުނުދޫގެ މަސްވެރިންގެ އެވަރުގެ ހިތްވަރު ހުރެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެން ހިސާބު ހަދަންވާއިރަށް، އެ ހިސާބަށް ތިޔަބޭފުޅުން ގެންދަވާނޭ. އެހެންވީމާ، އެންވެރިކަން އާލާކުރުމަށްޓަކައި، ހަމަ އާ މަޝްރޫޢުތަކެއް، އެން އުފެއްދުމުގެ މަޝްރޫޢުތަކެއް އަޅުގަނޑުމެން މި ފަށްޓަނީ. އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފަށައިގެން، މިއަންނަ އަހަރު މީގެ ފައިދާ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ، އާ އެން އުފެއްދުމުގެ މަސައްކަތް މިއީ. ކަޅުބިލަމަހުގެ މަސްވެރިކަމާ އެންމެ ގުޅުން އޮތް، އެންވެރިކަން އަޅުގަނޑުމެން އުފެއްދުމުގެ މަސައްކަތް މިއީ. އަޅުގަނޑުމެންގެ ފަޅުތަކުގައި މި ހިމެނޭ އެންވެރިކަން އިތުރުކުރުމެއް ނޫން. ހަމަ މުޅިން އާ މަޝްރޫޢުތަކެއް. މިއީ ތަޙުލީލުތަކުން ކާމިޔާބު ތަޙުލީލެއް. އަޅުގަނޑުމެންގެ ރާއްޖޭގެ މަސްވެރިކަމަށް ބެލިކަމުގައިވިޔަސް މިކަންވާނެ.

އެހެންވީމާ، މަކުނުދޫގެ މަސްވެރިންނަށް ދަންނަވައިލަން އޮތީ، އައިސް ޕްލާންޓަކީ، އިރާދަކުރެއްވިއްޔާ ހަމަ ވަރަށްކުޑަކުޑަ އެއްޗެއް. އަޅުގަނޑު ބަލާނަން އިރާދަކުރެއްވިއްޔާ މިއަންނަ އަހަރުވެސް މަކުނުދޫއަށް އައިސްޕްލާންޓް ހަމަޖެހޭތޯ. އެއާއެކީ، މުޅި ރާއްޖެއަށް އެންވެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، މަކުނުދޫގެ ސަރަޙައްދަކީ، ނޫނީ މިދެންނެވި ގޮތަށް އެންވެރިކަން އިތުރުކުރާ ސަރަޙައްދުގެ ތެރޭގައި މަކުނުދޫ ހިމެނިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އެއާއެކީ، އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، މަސްމާރުކެޓަކީވެސް ހަމަ އިރާދަކުރެއްވިއްޔާ ވަރަށް ކުޑަކުޑަ ކަމެއް. އަޅުގަނޑުމެންގެ ބަޖެޓުގެ ތެރެއިން ނުވެއްޖެ ކަމަށްވަންޏާ، އެސް.ޓީ.އޯ. ކަހަލަ ކޮންމެވެސް ކުންފުންޏަކުން މަސްމާރުކޭޓެއް ހަދައިދޭނެ. ދެން އަޅުގަނޑަށް ހީވަނީ ތިޔަ ދާއިރާގެ މަންދޫބުންވެސް، މިކަހަލަ ކުދިކުދި ކަންތައްތަކުގައި އެހީތެރިވާންވާނެކަންނޭނގެ ދޮގެއްތޯ. ސަރުކާރުން މަސްމާރުކޭޓެއް އިރާދަކުރެއްވިއްޔާ 2017 ގައި ހަދައިދޭނަން.

އެހެންވީމާ، މަސްވެރިކަމާއި މަކުނުދޫއަށް ބޭނުންވެފައިހުރި ގިނަ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑަށް މި ދަންނަވާލެވުނީ. އިރާދަކުރެއްވިއްޔާ، މިކަހަލަ ހުރިހާ ކަމަކީ، މަކުނުދޫއަށް އަޅުގަނޑުމެން ފުއްދައިދޭނެ ކަންތައްތައް. މަސްމާރުކޭޓެއް، އައިސްޕްލާންޓެއް، އެންވެރިކަން އާލާކުރުމަށް ކުރެވޭ އާ މަސައްކަތް، ޓޫރިޒަމް، ކަރަންޓް، ކާޑު ރައްކާކުރުން، ބޯފެނުގެ ކަންތައް. ދެން ހަމައެކަނި އޮތީ، މަކުނުދޫގެ ރައްޔިތުން މިކަން ޝުކުރުވެރިކަމާއެކީ ބަލައިގަތުން. ދެން އަޅުގަނޑު މިއިން އެއްވެސް ކަމެއް ކޮށްދޭނެކަމަށް ބުނުމުގެ ކުރިންވެސް، ތިޔަބޭފުޅުން އޮތީ އެކަމަށް އާނބަސް ވިދާޅުވެފައި. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑުމެން ދެބައިމީހުންގެ ތެރޭގައި މިއުފެދުނު ގުޅުމަކީ، ޕާޓްނަރޝިޕަކީ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ ކުރިއަށްދާނެ ވަރުގަދަ ބޮންޑެއްހެން. ދެން އަޅުގަނޑުގެ ކޮޅުން އަޅުގަނޑު ދެންނެވި ވާހަކަތައް ހިފަހައްޓައިދޭނަން. ރައްޔިތުންގެ ފަރާތުން އެކަން ހިފަހައްޓައި ދެއްވައިފި ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ މިކަންކަން ފުދިގެންދާނެ.

މި ސަރަޙައްދު ދޫކޮށްލައިފައި ދާއިރު، އަޅުގަނޑު ހަމަ ދަންނަވައިލަން އޮތް ވާހަކައެއް އެބައޮތް، ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް. ކުޅުދުއްފުށީގެ ރައްޔިތުން އަބަދު ކުރައްވަމުން ގެންދަވާ ޝަކުވާއެއް. ކުޅުދުއްފުށީގައި ނަރުދަމާއިން މިނަގާ ފީ ބޮޑުވެގެން އުޅޭ ޝަކުވާ. -/100 ރުފިޔާކަންނޭނގެ ކޮންމެ ބީސީއަކުން މިނަގަނީ. އިރާދަކުރެއްވިއްޔާ މިއަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ފީ އަޅުގަނޑުމެން ކުޑަކުރާނަން. -/100 ރުފިޔާއިން -/30 ރުފިޔާ އަށް ބަދަލުކުރާނަން. އެހެންވީމާ، ކުޅުދުއްފުށީގެ ރައްޔިތުންނަށްވެސް، އަޅުގަނޑުގެ މި ދަތުރުގައި ކުޅުދުއްފުށްޓަށް ނުދެވޭތީއާއެކީ، އެއަރޕޯޓު ހެދުމާއި، މި ރަށުގެ ނަރުދަމާގެ ކަންތައްވެސް މި ހަމަޖެހިގެންދާ ވާހަކަ، އަޅުގަނޑު މިދަންނަވައިލަނީ.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނަން. ދެން ވަރުބަލިވެސްވީ އިނގޭތޯ. ޙަޤީޤަތުގައި، ކޮށްދޭންހުރި ކަންތައްތައް ގިނަވީމައާވެސްއެކީ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ، މިހުރިހާ މަސައްކަތެއް އަޅުގަނޑުމެންނަށް ކުރެވިގެން މި ދާއިރު، އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ، އަޅުގަނޑުމެންގެ ތަރައްޤީއަކީ، ހަމަ ކޮންމެ ދިވެހި ރައްޔިތެއްގެ، ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތެއްގެ ޙައްޤެކޭ. މިކަންކަން ކޮށްދޭންޖެހޭނީ ސަރުކާރުތަކުން. ކޮންމެ ސަރުކާރަކުންވެސް ޚިދުމަތް ފޯރުކޮށްދެވޭތޯ ބަލާނެ. އެކަމަކު އެއް ސަރުކާރާއި އަނެއް ސަރުކާރާ ތަފާތު ވަނީ ސަރުކާރުގެ އަމާޒު ތަފާތުވާ މިންވަރުން. އަދި ސަރުކާރުން ކަންކަން ކުރުމުގެ ވައްޓަފާޅި ގެންގުޅޭ އުސޫލު ބަދަލުވެގެންދިޔައިމާ.

އެހެންވީމާ، މިހާރު މިހިންގާ ޕުރޮޖެކުޓުތަކަކީ، މާލޭ ސަރަޙައްދުގައި އެކަނި ހިނގާ ޕުރޮޖެކްޓުތަކެއް ނޫން. މިހާރު ޙައްލުކޮށްދެވޭތޯ ބަލަނީ، ރާއްޖޭގައި ހުރި ތަފާތު އެކި ދާއިރާގެ މައްސަލަތައް. މަސްވެރިކަމަކީ، އަޅުގަނޑުމެން އެންމެ މުހިންމު އެއް ޞިނާޢަތަށް ވެގެންދާއިރު، އެންވެރިކަން ގެއްލިގެންދާތީ، މަސްވެރިކަމުގެ މައްސަލަތައް މި ދިމާވަނީ. ތިޔަބޭފުޅުން އައްސަވާނެ. އެންމެފަހުން އަޅުގަނޑު ސަޢޫދީ ޢަރަބިޔާއަށް ކުރި ދަތުރުގައި، މަސްވެރިކަމުގައި އަޅުގަނޑުމެންނަށް ދިމާވާ އެންމެބޮޑު އަނެއް މައްސަލައަކަށް މިއޮތީ، ތާޒާކޮށް ހުއްޓާ މަސް އެއްކުރެވޭނެ، ނޫނީ މަސް ކަލެކްޓު ކުރެވޭނެ ނިޒާމެއް ނެތުން. ލިބޭ މަސް އަޅުގަނޑުމެން ރޮލާ އަޅުގަނޑުމެން މި ވިއްކަނީ، ދަޅުގައި ބަންދުކުރެވޭނެ ފުރުޞަތު އަޅުގަނޑުމެންނަށް ކުޑަކަމުންނާއެކީ. މި ޞިނާޢަތް ރަނގަޅު ކުރުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް މީގެ ފަސޭހަތައްވެ، ޚާއްޞަކޮށް މަކުނުދޫ ކަހަލަ މަސްވެރިކަމަށް ބަރޯސާވެ އޮންނަ ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް އުފާވެރިކަން ލިބޭނެކަމެއް. މިއަންނަ އަހަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން، އަޅުގަނޑުމެންނަށް މި ލިބުނު އެހީގައި، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު މިއޮތީ، ރާއްޖޭގައި އެންމެ މަސްވެރިކަން ރަނގަޅު 4 ސަރަޙައްދުގައި 4 ކޭނަރީ ހެދުމުގެ މަޝްރޫޢު. އިރާދަކުރެއްވިއްޔާ މިކަމަކީވެސް މަސްވެރިންނަށް، ޚާއްޞަކޮށް މަކުނުދޫގެ މަސްވެރިންނަށް ފަސޭހަތަކެއް ލިބިގެންދާނެ، އަދި ތިޔަ ބާނާ މަސްކޮޅު ނުގަނެވިގެން އުޅޭ ޝަކުވާ ޙައްލުވެގެންދާނެ ކަމެއް ދޮގެއްތޯ؟

ދެންއޮތީ، މި ޖަލްސާ މިހާބޮޑަށް ޒީނަތްތެރިވެގެންދާއިރު އަޅުގަނޑަށް މިފެންނަނީ ހަމަ ފޭލިގެއެއް ކަހަލަ ގޮތަކަށް. ހަމަ ފިޔާތޮށިކުލައިގެ، މެޖެންޓާ ކުލައިގެ، އަޅުގަނޑުމެންގެ ޕާޓީގެ ބުރުގާތައް މިފެންނަނީ ދޮގެއްތޯ. އެހެންވީމާ، އަންހެން ބޭފުޅުންނަށްވެސް ކޮންމެވެސް ހަދިޔާއެއް ދީފައި، ކޮންމެވެސް ވާހަކައެއް ދަންނަވައިފައި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމައިލާނީ.

އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތަކީ، ހަމައެކަނި ޢުމްރާނީ ތަރައްޤީއަށް ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންތައްތައް ކުރުމެއް ނޫން. ކާކުތޯ މީގެކުރިން ހިތަށްއަރާނީ، ފުރާވަރަށް އަރަމުން މިއަންނަ، ޚާއްޞަކޮށް، އަންހެން ކުދިންނަށް، އެ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް. މައްސަލައެއް ދިމާވުމުގެކުރިން އެއްވެސް ކަހަލަ އުނދަގުލެއް އުޅޭތޯ ބެލުމަށް އަޅުގަނޑުމެން ހެލްތު ސްކްރީނިންގ މިހާރު މިއޮތީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާންމުކޮށްފައި. މިކަންކަން އިރާދަކުރެއްވިއްޔާ ހިނގަންވާނެ. މީގެ ބޭނުމަކަށްވަނީ، ޚާއްޞަކޮށް މިކަހަލަ މައްސަލަތައް މިދިމާވަނީ، ފުރާވަރަށް އަންނަ އަންހެން ކުދިންނަށް. އެއީ އެ ކުދިންގެ ޖިސްމާނީ ކަންކަމަށް އަންނަ ބަދަލުތަކާ ގުޅިގެން. ކެއުން ބުއިމަށް އަންނަ ބަދަލުތަކާ ގުޅިގެން. ކަސްރަތުކުރެވޭ، ނުކުރެވޭ މިންވަރަށް އަންނަ ބަދަލުތަކާ ގުޅިގެން. ނޫނީވިއްޔާ، ހަމަ ޙަޤީޤަތުގައިވެސް ވާރުތަވެފައި ހުރި ކަންތައްތަކާ ގުޅިގެން އަންނަ ކަންތައްތައް. މިކަންކަން އެންމެ ފާޅުގޮތެއްގައި މިއަންނަނީ، މިދެންނެވި ގޮތަށް ފުރާވަރަށް އަންނައިރު. އެހެންވީމާ، ހުރި ބަލިތައް ބައްޔަކަށްވުމުގެ ކުރިން ދެނެގަނެވޭ ކަމަށްވަންޏާ، އެ ފަރުވާ އަޅުގަނޑުމެންނަށް ދެވޭނެ. ހުރިހާ ސްކޫލެއްގައި ހެލްތު މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން މިކަން ކުރުމުގެ އިންތިޒާމު ފެށްޓިގެން މިހާރު އެދަނީ.

ހަމަ އަންހެން ބޭފުޅުންނަށް އަޅުގަނޑު ދަންނަވައިލަން އޮތް ވާހަކައަކީ، އަންހެން ބޭފުޅުން ބާރުވެރިކުރުވުމަށްޓަކައި، ވަރަށްގިނަ މަސައްކަތްތައް، މާލޭގައި ސަރުކާރު ކުންފުނިތަކާއި، އަދި ބޯޑުތައް ގުޅިގެން އެބަ މަސައްކަތްތަކެއް ކުރޭ. މިއަދު ބޯޑުތަކުގެ ކޮމްޕޮޒިޝަނަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑަށް ޔަޤީން، ބޯޑުތަކުގައި ސައްތައަކުން 30 އަށްވުރެން މަދުނޫން އަދަދެއް ތިއްބަވާނީ އަންހެން ބޭފުޅުން. އަޅުގަނޑުމެން ބޭނުންވަނީ އަންހެން ބޭފުޅުން މިކަހަލަ މަސައްކަތުގައި އިތުރަށް ނުކުމެވަޑައިގަތުން. އަދި އަންހެން ބޭފުޅުން މަސައްކަތްތަކުގައި އުޅުއްވާއިރު، ޝައްކެއްވެސްނެތް، މަތީ ތަޢުލީމު ހާސިލުކުރާ ބޭފުޅުންނަށް ބަލާކަމަށްވަންޏާ، ފިރިހެންވެރިން ޖަހާލާފައި، އަރާ ތިބި ބަޔަކީ، އަންހެން ބޭފުޅުން. އެހެންނަމަވެސް، ހަމަ އަޅުގަނޑުމެންނަށް ކޮށްދެއްވާ ޚިދުމަތެއް. އިންސާނިއްޔަތަށް ކޮށްދެއްވާ ޚިދުމަތެއްގެ ގޮތުން އަންހެން ބޭފުޅުންވެސް ކުރައްވާ މަސައްކަތުގެ ތެރޭގައި، އެބަޖެހޭކަންނޭނގެ، ޒުވާން އަންހެން ބޭފުޅުން، ޚާއްޞަކޮށް ހަމަ ގޭގައި، އާލާސްވެ ތިއްބަވާއިރު ހަމަ މަޑުކޮށްލައްވަން. މި ސަރުކާރުން ފުރަތަމަ ފަހަރަށް މުޅި ދިވެހިރާއްޖޭގެ ތާރީޚުގައިވެސް، މި ސަރުކާރުން ފުރަތަމަ ފަހަރަށް މިއޮތީ، އަންހެން ބޭފުޅުންނަށް މި ފަސޭހަކަންވެސް ހޯދައިދީފައި. އެ ދާ މުއްދަތުގެ ތެރޭގައި އަންހެން ބޭފުޅުންނަށް މުސާރަ ލިބިގެން، އޮފީހުގައި ހާޒިރީގައި ތިޔަބޭފުޅުންގެ ހާޒިރީ ނޯޓުކުރެވިގެން، ގޭގައި ތިއްބަވައިގެން ނެޓު މެދުވެރިކޮށް، މަސައްކަތް ކުރެއްވޭނެ ފުރުޞަތުވެސް އެއޮތީ ހަމަޖައްސައިދީފައި. އެހެންވީމާ، އަންހެން ބޭފުޅުންވެސް ދައުލަތުގެ މަސައްކަތްތަކަށް ނެރުން އެއީ ޕްރައިވެޓް ސެކްޓަރ ކަމަށްވިޔަސް، ސަރުކާރުގެ މަސައްކަތްތަކަށްވިޔަސް، ނެރުމަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް މިކުރެވެނީ.

އެހެންވީމާ، މިކަންކަމަކީ، މިދެންނެވި ގޮތަށް ހަމައެކަނި ޢުމްރާނީ ތަރައްޤީ އަޅުގަނޑުމެންގެ ކުރިބޯށްޓާ ހަމައަށް ވާސިލުވާން ކުރާ ކަމެއްނޫން. ހުރިހާ ގޮތަކުންވެސް އަޅުގަނޑުމެންގެ މުޖުތަމަޢަކީ، މީގެކުރިން މަޙްރޫމުވެފައި، ނޫނިއްޔާ ފެނިދާނެ ކަމަށް އަޅުގަނޑުމެން ހުވަފެނުންވެސް އިންތިޒާރު ނުކުރާކަހަލަ ކަންތައްތަކެއް ކުރެވޭތޯ ބަލަމުން މިގެންދަނީ. އެއީ މި ދިވެހިރާއްޖެއަކީ، އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެވީމަ. އެއްވެސް ލީޑަރަކަށް، އެއްވެސް ޕާޓީއަކަށް ޙައްޤެއްނެތް، މުޅި ރާއްޖޭގެ ޙައްޤު އެއްފަރާތުގައި ބާއްވައިފައި، އެމީހަކު ވިސްނާގޮތަށް ކުރިއަށްދާކަށް. މި ރާއްޖެވާންވާނީ، އުސޫލުތަކުގެ މައްޗަށް ހިނގާ އަޅުގަނޑުމެން އެންމެންގެ ލޯބި ލިބޭ ދިވެހިރާއްޖެއަކަށް. އެ ޢަޒުމުގައި އެކަން ހާސިލުކުރުމަށްޓަކައި، އަޅުގަނޑުގެ ސަރުކާރުން މި މަސައްކަތް ކުރަނީ.

އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، މާތް ﷲގެ ބަރަކާތް މިންވަރު ކުރައްވާށި!

والسّلام عليكم ورحمـة اللّـه وبركاته.