މި ދިވެހިރާއްޖެއަކީ އެކަކުގެ ދިވެހިރާއްޖެއެއް ނޫންކަމަށާއި، މި ދިވެހިރާއްޖެއަކީ އެންމެންގެ ދިވެހިރާއްޖެއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިރޭ ދެއްކެވި ވާހަކަފުޅުގައި، ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ ވެރިކަމެއްކަމަށާއި، ޖުމްހޫރިއްޔަތެއްގައި މަސްއޫލިއްޔަތު އުފުލަންޖެހެނީ ހަމައެކަނި ރައްޔިތުންގެ މައްޗަށް އިސްކޮށްފައި ހުންނަ ރައީސުލްޖުމްހޫރިއްޔާ އެކަންޏެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި ޖުމްހޫރިއްޔަތަކީ މީހުންގެ މައްޗަށް އެކުލެވިފައި އޮންނަ ނިޒާމެއް ކަމަށާއި، މީހުން ބިނާ ކުރުމަކީ ޖުމްހޫރިއްޔަތެއްގައި ކުރެވޭ އެންމެ ވަރުގަދަ މަސައްކަތް ކަމުގައި ސިފަކުރެއްވިއެވެ. އަދި، ޤައުމު ބިނާކުރުމުގައި ކޮންމެ ބޭފުޅެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އުފުއްލަވާނެކަމުގެ އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިއަދު ބްރިޖް އަޅަން ބޭނުންވަނީކީ ކަނޑުގައި ނޫން ކަމަށާއި، މިއަދު ބްރިޖް އަޅަން ބޭނުންވަނީ ސިޔާސީ ފިކުރުގެ ތަފާތުކަން ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ބްރިޖް އެޅުމަށް ކަމުގައެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، އެކަންކަން ކުރާއިރުވެސް އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއްގެ ގޮތުގައި ޤާނޫނަށް ބޯލެނބުމާއި، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ އަދި މުޅި ދިވެހިރާއްޖެއަކީ އަމިއްލަ ފަރުދެއްގެ މަޞްލަޙަތަށްވުރެ އިސްކުރަންޖެހޭ ކަމެއް ކަމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ގަބޫލުކުރަންޖެހޭނެކަމުގައި ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެ ކޮމަންވެލްތުން ނުކުންނަން ޖެހުނު ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖޭގެ ދާޚިލީ ހުރިހާ ކަންކަމަކާ އެއްވެސް ޖަމާޢަތަކުން، ބެހުމުގެ ޙައްޤު އޮންނާނެކަމަށް ގަބޫލެއްނުކުރެވޭކަމަށާއި، ކޮމަންވެލްތު ކަހަލަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުންވެސް ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހޭކަމަށްވަންޏާ، އެއީ އަޅުގަނޑުމެންނަށް އަބަދު ތަޙައްމަލްކުރަން ފަސޭހަ ކަންކަމަކަށް ނުވާނެކަމުގައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖޫމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަކީ ކުޑަ ނަމަވެސް ޝަރަފުވެރި ދައުލަތެއްކަމުގައި ވިދާޅުވެފައެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ އަޅުގަނޑުމެން ފުރަތަމަ ކުރަން ޖެހިފައިވާ ކަމަކީ ނަފްސު އިޞްލާޙު ކުރުންކަމުގައި ވިދާޅުވެފައެވެ. އަދި، އެމަނިކުފާނު ވަނީ އަޅުގަނޑުމެންގެ ބަލި ސިކުނޑިތަކަށް، އަޅުގަނޑުމެންނަށް އުނދަގޫ ކަންތައްތައް ތަޙައްމަލްކުރާ އަޅުގަނޑުމެންގެ ސައިކީއަށް ފަރުވާދިނުމުގެ މުހިންމުކަމުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި އަޅުގަނޑުމެންގެ ސައިކީއަކަށް ޖަލުގެ ތޭރިތަކުގެ ފަހަތުގައި ތިބެގެންނެއް ފަރުވާއެއްނުދެވޭނެކަމަށާއި، އަޅުގަނޑުމެންގެ ސައިކީއަށް ފަރުވާ ދެވޭނީ، އަޅުގަނޑުމެން އުޅޭ މުޖުތަމަޢުގެ ތެރޭގައި ހަމަޖެހިގެން އުޅޭ ބައެއް އޮވެގެންކަމަށެވެ. އަދި، ޤައުމުގެ މަޞްލަޙަތަށް އެންމެންވެސް ލޯބިކުރަންވީ މިހެންވެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ކުރާ އެންމެ މުހިންމު މަސައްކަތަކީ، ޖުމްހޫރިއްޔަތަށް އުފާފާގަތިކަމާއި، ކުރިއެރުންތައް ހޯއްދަވައިދެއްވަން މަސައްކަތް ކުރެއްވި އެކިއެކި ފަރާތްތަކުން ކޮށްދެއްވާފައި ހުރި ޚިދްމަތްތަކުގެ އަގު ވަޒަންކޮށް އެބޭފުޅުންނަށް ދިވެހި ދައުލަތުގެ ނަމުގައި އެރުވޭ އެންމެ މަތިވެރި ޝަރަފު އެރުވުން ކަމުގައި ވިދާޅުވެ، މިއަހަރު ޤައުމީ އިނާމާއި ޚާއްޞަ އިނާމު ހާޞިލް ކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ދަންނަވައި، ޝުކުރު އަދާކުރެއްވިއެވެ.