بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيّدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، ޝައްކެއްވެސްނެތް، ހޫނުގަދަ ވަގުތެއްނަމަވެސް މިއީ ވަރަށްވެސް އުފާވެރި ވަގުތެއް. އަޅުގަނޑުމެން ކަނޑިތީމަށް މިއައީ، ކަނޑިތީމުގެ ރައްޔިތުންގެ އުފަލުގައި ބައިވެރިވުމަށްޓަކައި. ކަނޑިތީމުގެ ރައްޔިތުން އިންތިޒާރު ކުރައްވަމުން، އުންމީދު ކުރައްވަމުން ގެންދެވި މަޝްރޫޢެއްގެ ނިމުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާހަގަކުރަން މިއައީ. އަޅުގަނޑަށާއި އަޅުގަނޑުގެ ޓީމުގައި މަސައްކަތް ކުރައްވާ ވަޒީރުންނަށް، އަދި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނަށް، އަދި އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ލިބޭ އުފަލަކީ، ރައްޔިތުންގެ މިފަދަ އުފާތަކުގައި ރައްޔިތުންނާއެކީ ބައިވެރިވެ، އެކަމުގައި ރައްޔިތުން ފާހަގަކުރައްވާ ފާހަގަކުރެއްވުންތަކުގައި އަޅުގަނޑުމެންވެސް ބައިވެރިވުން.

އަޅުގަނޑު، ރާއްޖެތެރޭގައި އެކި ހިސާބުތަކަށް ކުރާ ދަތުރުތަކަކީ، ޙަޤީޤަތުގައި މިކަންކަމަށް ބިނާކޮށް ކުރާ ދަތުރުތަކެއް. ރައްޔިތުންނަކީ ޝައްކެއްވެސްނެތްގޮތުގައި އަބަދުވެސް ތަރައްޤީގެ މަޝްރޫޢުތަކަށް ފެންބޮވާނެ ބައެއް. އަދި މިއީ ނިމުމެއްއޮތްކަމެއް ނޫން. އަޅުގަނޑުމެން މިއަދު ކަނޑިތީމުގައި، މި ހޫނުގަދަ ވަގުތު އަޅުގަނޑުމެންނަށް އެނގެނީ، އަޅުގަނޑުމެން ކަރުހިއްކާ މިންވަރު. ކިތަންމެވަރަކަށް ފެން ބުއިކަމުގައިވީނަމަވެސް، ހަމަ ފެންބުއިން އިތުރުވާނެ. އިންސާނުންގެ ޠަބީޢަތާ ގުޅިފައި އޮންނަ ކަމެއް މިއީ. އަޅުގަނޑުމެންގެ މަޝްރޫޢުތައް، މަޝްރޫޢަކަށްފަހު މަޝްރޫޢެއް އެމުނެމުން ދާންޖެހޭނެ. މިއީ، ރައްޔިތުން ސަރުކާރެއްގެ ފަރާތުން އެދޭނޭ ކަންކަން. ސަރުކާރެއް ރައްޔިތުންނާ ހަމައަށް މިއަންނަނީ ވަޢުދުތަކެއް ފުއްދައިދޭން ކަމަށްބުނެ. ރައްޔިތުންގެ މިކަހަލަ އުންމީދުތަކަށް، އިންތިޒާރުތަކަށް ނިމުމެއް ގެނެސްދިނުން. ކޮންމެވެސްކަހަލަ ހިތްހަމަޖެހުމެއް ގެނެސްދިނުން.

އެހެންވީމާ، އަޅުގަނޑުމެން ކަނޑިތީމަށް އައިސް، ތިޔަ އެންމެހައި ލޮބުވެތި ރައްޔިތުންނާ މި ބައްދަލުކުރަނީ، ތިޔަބޭފުޅުންގެ އިސްތިޤުބާލުގެ ފުރިހަމަކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން، މަރުޙަބާ ދަންނަވަމުން. އަދި އަޅުގަނޑަށް ތަޢާރުފުގެ ތެރެއިން އަޅުގަނޑުމެންގެ އިސްތިޤުބާލުގެ ސަފުތަކުން ފެނިގެން ދިޔައީ، މި ދާއިރާއިން ފޭދޫ، ބިލެތްފަހި، ގޮއިދޫ، މި ރަށްރަށުގެ ކައުންސިލަރުންވެސް އަޅުގަނޑުމެންގެ އިންތިޒާރުގައި ތިއްބެވިތަން. މިހުރިހާ ބޭފުޅުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަނީ، ޝައްކެއްވެސްނެތްގޮތުގައި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުގެ އަޚު މުޙައްމަދު ޙުސައިންވެސް މިކަމުގައި ހިމަނަމުން.

އާދެ، ށ.ކަނޑިތީމުގައި މިއަދު ހުޅުވިގެންމިދާ ނޫނީވިއްޔާ، ނިމިގެންމިދާ ނަރުދަމާގެ ނިޒާމުގެ މަސައްކަތް މިވަނީ ވަރަށް އެކަށީގެންވާ ގޮތެއްގައި ނިންމަވައިދެއްވާފައި. ޝައްކެއްވެސްނެތް، ޖޯޝާއި ފޯރީގައި މިކަންކަން ހިނގާކަން އަޅުގަނޑުމެންނަށް މި އެނގެނީ، މިދާއިރާއާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރުގެ ވާހަކަފުޅުން. އަޅުގަނޑުމެންނަށް ދެންމެވެސް އެކަން އެނގިގެން މިދިޔައީ. އަޅުގަނޑުގެ ޓީމުގައި މަސައްކަތް ކުރައްވާ، ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަކީވެސް ރައްޔިތުންނަށް މިކަހަލަ މަޝްރޫޢުތައް ގެނެސްދެއްވުމުގައި ހަމަ އަތްޕުޅު އޮޅާލައްވައިގެން ތިއްބެވި ހީވާގި، މުރާލި އަދި އެއް ބޭފުޅެއްގެ މަސައްކަތްޕުޅުން އަނެއް ބޭފުޅަކު ހިތްވަރު ލިބިގެން، އެހެންނަމަވެސް ވާދަވެރިގޮތެއްގައި މަސައްކަތް ކުރައްވާ ބޭފުޅުންތަކެއް. އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުގެވެސް ކާމިޔާބުގެ އަޞްލަކީ. އަދި އަޅުގަނޑުމެން ރައްޔިތުންނަށް ލިބޭ އެންމެ އަގުހުރި ޚިދުމަތަކީވެސް މި ބޭފުޅުންގެ މުރާލިކަމުން ލިބޭ ޚިދުމަތް. މި ބޭފުޅުންނާއެކީ މަސައްކަތް ކުރައްވަން މި ތިއްބެވީ، މި ބޭފުޅުން ބަލަހައްޓަވަމުން ގެންދަވާ، އަދި ސަރުކާރުން ބަރޯސާވެ، މިކަހަލަ ޚިދުމަތްތައް ރާއްޖޭގެ އެކި ހިސާބަށް އާންމުކުރަމުން މި ގެންދާ، ސަރުކާރު ހިއްސާވާ ނުވަތަ ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ ކުންފުނިތައް. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުން މިތާ އެބަ ތިއްބެވި. މި މަޝްރޫޢާ ގުޅިފައި މިވަނީ އެމް.ޑަބްލިޔު.އެސް.ސީ. އެމް.ޑަބްލިޔު.އެސް.ސީ.ގެ ސީ.އީ.އޯ ފަޒުލްއަށް، މިހާ ރަނގަޅަށް މި މަސައްކަތް ކޮށްދެއްވިކަމަށްޓަކައި ވަރަށް އިޚުލާޞްތެރިކަމާއެކީ އަޅުގަނޑު މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން. ހަމަ އެހެންމެ މި މަޝްރޫޢުތައް ދާއިރު، މިނިސްޓަރ ޠާރިޤުގެ ހީވާގި، މުރާލި ޓީމުގެ ބޭފުޅުންވެސް އަޅުގަނޑުމެންނަށް މި ފެނިގެންދަނީ ރައްޔިތުންގެ މިކަހަލަ ހުރިހާ މަސައްކަތެއްގައި ވަރަށް ޚިދުމަތްތެރިކަމާއެކީ އަވަދިނެތި އުޅުއްވާ ތަން. މިނިސްޓަރ ޠާރިޤާއި، މިނިސްޓަރ ޠާރިޤުގެ ޓީމަށްވެސް ވަރަށް އިޚުލާޞްތެރިކަމާއެކީ މަރުޙަބާ ދަންނަވަން.

މަޝްރޫޢެއް ނިންމުމަކީ، އޭގެ ޒާތުގައި ފައިސާ ހޯދައިގެން ކުރާކަމަށްވަންޏާ، އެކަން ކުރެވޭނެ ހުރިހާ ވަސީލަތެއް ތަނަވަސްވީމާ ފަސޭހަކަމާއެކީ ނިންމޭނެ ކަމެއް. އެއްގޮތަކަށްވެސް މި ދަންނަވަނީ މިކަހަލަ މަޝްރޫޢުތައް ނިންމުމަކީ ފަސޭހަކަމެކޭ ނޫން. އަޅުގަނޑުމެންނަށް އެންމެބޮޑު ދަތިކަމަކަށް އަންނާނީ، މިކަހަލަ ވަސީލަތްތައް ތަނަވަސްކޮށްގެން ދިޔުން. ވަސީލަތް އޮތް މިންވަރަކަށް ތަނަވަސްކުރެވޭ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ހިސާބަށް ތަރައްޤީ އަންނަމުން މިދަނީކީ މިތިން އަހަރުގެ ތެރެއަކު ނޫން. މިއަށްވުރެ މާދުރު ތާރީޚެއް މިކަމުގައި އެބައޮތް. އެހެންނަމަވެސް، އަޅުގަނޑުމެންގެ އަބަދުވެސް ކޮންސްޓްރެއިންޓަކީ، އެޅޭ ހުރަހަކީ، މި ވަސީލަތް މިކަހަލަ ކަންކަމަށް އަޅުގަނޑުމެންނަށް ހޯދޭ މިންވަރު. މި މަޝްރޫޢު ނިމިގެން ދިޔައީމާ، ޙަޤީޤަތުގައި ވަރުގަދަ ބޮޑެތި މަސައްކަތް ދެން އަދި ހުރީ. މި މަޝްރޫޢު ރަނގަޅު ގޮތުގައި ހިންގުމާއި، މަރާމާތުކުރުމާއި، ބެލެހެއްޓުމާ، މިހުރިހާ ކަމެއް މިއީ ހަމަ އަޅުގަނޑުމެން ޙަޤީޤަތުގައިވެސް ވިސްނާލަންޖެހޭ ކަންކަން.

ބަނދަރެއް ހަދައި ނިމޭއިރު، ތޮށިލައި ނިމޭއިރު، އަޅުގަނޑުމެން ވިސްނަންޖެހެނީ ބޭރުތޮށި، މި ނަގާ ބިޔަ ރާޅުތަކުން ހިފަހައްޓާނެތޯ. މިހާރުވެސް އަޅުގަނޑު މި ރަށަށް ޒިޔާރަތް ކުރިއިރު، ތޮށީގެ މަސައްކަތް، ބޭރުކަނޑުތޮށީގެ މަސައްކަތް ކުރުމަށް، އެމް.ޓީ.ސީ.ސީ. މިވަނީ ތައްޔާރުވެފައި. ބޮޑުހިލަ ގެނެވި، މަސައްކަތް މޮބިލައިޒް ކުރެވި، އިރާދަކުރެއްވިއްޔާ ހަމަ ދެތިން ދުވަހެއްގެ ތެރޭގައި މި މަސައްކަތް ފަށްޓަވާނެ. ނަރުދަމާގެ މަސައްކަތް ހަވާލުވެގެން މިހިސާބުން ގެންދަވާނީ، ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން. ފެނަކައިގެ ސީ.އީ.އޯ، އަޅުގަނޑުގެ އަޚު ޝަރީފުވެސް މިތާ އެބަ އިންނެވި. ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމަ އެހެންމެ، ދެން މިއޮތް ބޭރުތޮށީގެ ބޮޑުހިލަ ޖެއްސުމުގެ މަސައްކަތުގައި މިއުޅުއްވަނީ، އެމް.ޓީ.ސީ.ސީ. އެމް.ޓީ.ސީ.ސީ.ގެ އެމް.ޑީ.އާއި، ޑެޕިއުޓީ އެމް.ޑީ.ވެސް މިތާ އެބަ ތިއްބެވި. ދެ ބޭފުޅުންނަށްވެސް ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
އަޅުގަނޑުމެންގެ ޚިޔާލަށް މިއަންނަ ބަދަލު، އަޅުގަނޑުމެންގެ ސަރުކާރުގައި ވަރަށް ފުންނާބު އުސްކޮށް، އަދި އެތެރެއާއި ބޭރުގެ އެންމެ ގިނަ ކަންތައްތައް އެނގިވަޑައިގަންނަވާ ބޭފުޅަކު، އަޅުގަނޑުގެ ކުރިން ވާހަކަފުޅު އެ ދެއްކެވީ. އަޅުގަނޑުމެންގެ ވިސްނުމަށް ކުރު މުއްދަތެއްގެ ތެރޭގައި މިއަންނަ ބަދަލާ ދޭތެރޭގައި އަޅުގަނޑު ހަމަ ކޮންމެވެސް އެއްޗެއް ދަންނަވާލާނަން. އަޅުގަނޑަކީ ރައީސް މައުމޫނުގެ ސަރުކާރުގައި އިޤްތިޞާދީ ދާއިރާ، ވަރަށް ގިނަ ދުވަހު ބަލަހައްޓަމުން ގެންދިޔަ މީހެއް. އަދި އެނޫން ދާއިރާތަކުގައި ޚިދުމަތް ކުރުމުގެ ފުރުޞަތާއި ނަސީބުވެސް އަޅުގަނޑަށް ވަނީ ލިބިފައި. އަޅުގަނޑުމެންގެ ތެރޭގައި އެންމެ ވަރުގަދައަށް އޭރު އުފެދެމުން އައި އެއް ރޫޙަކީ، ވިޔަފާރިތަކާ މިކަންކަމަކީ އަމިއްލަ މީހުން ކުރާ ކަންތައްތަކެކޭ، ދޫކޮށްލާށޭ! އޭރު އަޅުގަނޑަށް އައި ޕްރެޝަރު ކުޑައެއްނޫން. އަޅުގަނޑު ހަވާލުވެހުރީ ޓްރޭޑް މިނިސްޓަރުކަމާ. ޓްރޭޑް މިނިސްޓަރު ކަމުގައި ބަލަހައްޓަންޖެހޭ ކުންފުނިތަކެއް ހުރޭ. އެސް.ޓީ.އޯ، ސްޓެލްކޯ، އައިލެންޑް އޭވިއޭޝަން. ދެން މިހެންގޮސް ބައެއް ކަންތައްތައް ހުރޭ. އަޅުގަނޑަށް އެންމެބޮޑު ޗެލެންޖަކަށް އޭރު ވަމުންއައީ، އަޅުގަނޑުމެންގެ އަމިއްލަ ބޮޑެތި ވިޔަފާރިވެރިންގެ ފަރާތުން އަންނަ ނުފޫޒު. ވިޔަފާރިއަކީ އަމިއްލަ ފަރާތްތަކުގެ ތަރިކައެއްގެ ގޮތަށް ސްކޯޕް އެމީހުންނަށް އެކީ ދޫކޮށްލަންޖެހޭ ކަމަށް. ސަރުކާރުގައި އަބަދުވެސް ކަންކަން ނިންމަން ތިބެނީ ސިޔާސީ މީހުން. ސިޔާސީ މީހުން މިކަހަލަ ކަންކަމާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑުވެސް ހިމެނޭގޮތަށް، މި ޕްރެޝަރުގައި ވަރަށްގިނަފަހަރު މިކަންކަން އެގޮތަށް ދޫކޮށްލަންޖެހޭ.

އެހެންވީމާ، އެ އުފެދެމުން އައި ބޮޑެތި ޚިޔާލުގެ ރާޅުތަކާއެކީ، އެހެންނަމަވެސް، ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާ މީހެއްގެގޮތަށް، ކުންފުނިތައް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތްދޭ މީހެއްގެ ގޮތަށް ހުންނަ މީހަކު، ކަންފަތިވެގެންދާނެ މިންވަރު ތިޔަބޭފުޅުން ޚިޔާލުފުޅަށް ގެންނަވާ! އޭރު އަޅުގަނޑުމެންނަކަށް، އޮބިއޮތްކަމަކަށްނުވި، މި ކަންކަން މިގޮތަށް ދޫކޮށްލައިގެން ތިބުން އެއީ. އެހެންނަމަވެސް، ކަމެއް ޖެހުނީމާ އަނެއްކާވެސް މި ގޮވާލަންޖެހެނީ ސަރުކާރަށް. ސަރުކާރުން އެކަންޏެއްނޫން ކާޑު އެތެރެކުރަނީކީ. ސަރުކާރުން އެކަންޏެއްނޫން ތެޔޮ އެތެރެކުރަނީކީ. ސަރުކާރުން އެކަންޏެއްނޫން ބޮޑުހިލަ އެތެރެކުރަނީކީ. ފަރުދީ ޒިންމާތަކެއް އުފުލަންޖެހޭ ކުންފުނިތަކެއް އޮވޭ. އެކަމަކު ރާއްޖޭގެ ބާޒާރުން މިއިން ކޮންމެ އެއްޗެއް ހުސްވެގެން ދިޔައިމާ، މަދުވެގެން ދިޔައިމާ، ސަރުކާރުން އަނެއްކާވެސް ރައްޔިތުންނަށް ޖަވާބުދާރީވާން އެބަޖެހޭ. ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އޭރު ހަމަ، ދެވަނަ ދެ ބޭފުޅެއް ނޫން، މުޙައްމަދު ޙުސައިން ގުޅުއްވާނީ އަޅުގަނޑާ. ގުޅުއްވާފައި އައްސަވާނެ] ކާޑު ހުސްވޭތޯ؟ ކާޑުގެ ހިސާބު ބެލެހެއްޓުމަކީ އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ އިބްރާޙިމް ނާސިރުގެ ވެރިކަމުން ފެށިގެން، ކޮންމެ ހަފުތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް، ރައީސް އޮފީހަށް ކާޑުގެ ހިސާބު ގެންދަވާނެ. ހަމަ އެކަން އެގޮތުގެމަތިން ކުރިއަށް ގެންދެވި ރައީސް މައުމޫނުވެސް. އެއީ ރާއްޖޭގެ އެކި ހިސާބުން ކާޑު މަދުވުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން.

އަޅުގަނޑުގެ ތަރައްޤީގެ މަޝްރޫޢުތަކުން ށ. އަތޮޅު އެކަހެރިވެފައި ނެތްކަމުގައިވީނަމަވެސް، ރާއްޖޭގެ ދަތުރުފަތުރާއި މުވާޞަލާތީ ކަންކަން އޮތްގޮތުންނާއި އަދި މިއަތޮޅު އުފެދިފައި އޮތް ދުރު ހިސާބުންނާއި އަދި މިއަތޮޅުގެ ރަށްތައް ހިމެނިފައި އޮތްގޮތް މިހިސާބުގެ ރައްޔިތުންނަށް އިޙްސާސްވާނެ. ޝައްކެއްވެސްނެތްގޮތުގައި، މުވާޞަލާތީ ގޮތުން މި އަތޮޅަކީ ތަންކޮޅެއް އެކަހެރިކޮށް އޮތް އަތޮޅެއް. ދެން އަޅުގަނޑު ދާންއޮތް ބަނދަރަކީ މަކުނުދޫ ބަނދަރު. މަކުނުދޫގެ ރައްޔިތުންނަށް އިޙުސާސްވާނެ، ހުޅަނގުގެ މޫސުމުގައި ކާޑަށް ޖެހުނީމަ، އިޙުސާސް ކުރަންޖެހޭ، ނޫނީވިއްޔާ އުފުލަންޖެހޭ ބުރަ. އެހެންނަމަވެސް، މި ކާޑަކީވެސް ހަމަ ކޯޓާ އޮވެގެން އަމިއްލަ ފަރާތްތަކުން އެތެރެކުރަމުން ގެންދާ އެއްޗެއް. އެއްގޮތަކަށްވެސް ކާޑު ހުސްވެގެން ހަމައެކަނި އެސް.ޓީ.އޯ.ގައި ސުވާލު އުފައްދަންޖެހޭ ކަމެއްނޫން މިއީކީއެއް. އެހެންވީމާ، އަޅުގަނޑުމެންނަށް އޭރު ކުރަންޖެހޭ ކަމަކީ އެއީ. އަދި މިހާރު ލިޔެވިފައި ނެތް ވާހަކަތައް، ބައެއް ވާހަކަ މި ހިއްސާކުރަނީ، ހަމަ ޚިޔާލަށް އަންނަ، ކުރު މުއްދަތެއްގެ ތެރޭގައި އަންނަ ބަދަލު ދަންނަވާލުމުގެ ގޮތުން.

ސަރުކާރުގެ ކުންފުނިތަކުން ސަރުކާރަށް ލިބޭ ފައިސާ މެނޭޖްކުރަން މި ޖެހެނީ ހަމަ ވަރަށް ޙިކުމަތްތެރިކަމާއެކީ. ކާޑަކީ، ރާއްޖޭގެ މި ހޫނު ވެށީގައި ގެންގުޅޭއިރު، މިސާލަކަށް، ހަކުރާއި ފުށަކީ، ދޮޅުމަސްދުވަހަށްވުރެ އިތުރު މުއްދަތެއްގައި ތާޒާކަންމަތީ ޓިނު ގުދަންތަކެއްގައި ރައްކާކޮށްގެން ގެންގުޅެވޭނެ އެއްޗެއް ނޫން. ދޭތެރެދޭތެރެއިން އަޅުގަނޑުމެންނަށް އެނގޭނެ، ނޫސްތަކުން ފެންނާނެ، އެތަކެއް ބަސްތާ ކާޑު އުކާލި ވާހަކަ. ކަނޑުފެއްތި ވާހަކަ. ދެން އިދިކޮޅު ފިކުރުގެ މީހުން މިވެސް ބޮޑު އިޝޫއަކަށް ހަދަނީ. އެކަމަކު މި ހޫނުގައި، ޓިނު ގުދަންތަކެއްގެ ތެރޭގައި، ފުށާއި ހަކުރާ، އަޅުގަނޑުމެންނަށް ދެމަސްދުވަހުގައި ތާޒާކަންމަތީ ނުގެންގުޅެވޭނެ. އެހެންވީމާ، އުކާލަންވެސް ޖެހޭނެ. ކޯޓާ ދީގެން އަމިއްލަ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ އުސޫލު، މިކަންކަމުގައި ތަނަވަސްކޮށްދިންނަމަވެސް، ސަރުކާރުން ކުރަންޖެހޭ ކަމަކީ 100 ޕަސެންޓު ކާޑު އަބަދުވެސް ބަހައްޓަންޖެހޭ. އެކަމަކު މި އޮންނަނީ އަމިއްލަ ވިޔަފާރިވެރިންނަށް ކާޑު ގެނައުމުގެ ހުއްދަވެސް ދީފައި. އަދި ޓްރޭޑް މިނިސްޓްރީ ހަވާލުވެގެން ހުންނަ ވަޒީރެއްގެ ހައިސިއްޔަތުން ބަލަހައްޓަން އެބަޖެހޭ ކޯޓާއާ އެއްގޮތަށް މިކަންކަން ކުރޭތޯވެސް. އެހެންވީމާ، ޚިޔާލަށް ގެންނަވާ! ކަންފަތިވެގެންދާނެ މިންވަރު.

މިއަދު، އަޅުގަނޑުމެންގެ ޚިޔާލު ތަފާތު. އަޅުގަނޑުގެ ވިސްނުމުގައި، ރާއްޖެކަހަލަ ވަސީލަތް މަދު، ކުޑަކުޑަ އިޤްތިޞާދެއް އޮތް ޤައުމެއްގައި، ސަރުކާރުގެ ބޮޑު ހިއްސާ އޮންނަ ކުންފުނިތައް ބާރުވެރިކުރުވުމަކީ، ބާރުގަދަވެގެން ދިޔުމަކީ، ރައްޔިތުންނަށް މިއަދު މިފެންނަކަހަލަ ފަސޭހަތައް އަވަސްކަމާއެކީ ދެވޭނެ އެންމެ ވަރުގަދަ މިސާލު. އެސް.ޓީ.އޯ. ވަރުގަދަވީމާ، އެ ވަރުގަދަވަނީ މުޅި ރާއްޖެ. އެމް.ޓީ.ސީ.ސީ. ވަރުގަދަވީމަ، މުޅި ރާއްޖޭގެ ބަނދަރުތައް ހަދަން އަޅުގަނޑުމެންނަށް ފަސޭހަވެގެންދޭ. އެމް.ޑަބްލިޔު.އެސް.ސީ. ވަރުގަދަވެފައި، ސަރުކާރުގެ ހިއްސާގެ ބޮޑު މެޖޯރިޓީއެއް އޮތީމާ އަޅުގަނޑުމެންނަށް ފެނާއި ނަރުދަމާގެ ވަސީލަތްތައް ރާއްޖޭގެ ރައްޔިތުންނާ ހަމައަށް ގެނެސްދޭން، ފޯރުކޮށްދޭން ފަސޭހަ. މިވަރުގެ މަސައްކަތް ކުރާނެ އަމިއްލަ ކުންފުނިތަކެއް އަދި ރާއްޖެއަކު ނެތް. އެކަމަކު އޭރުގެ ވިސްނުމަށް އަޅުގަނޑުމެންނަށް ކަންކަން ދޫކޮށްލެވުނުނަމަ، މިއަދު މި ކުންފުނިތައް މި ދެންނެވި ގޮތަށް އޮޕަރޭޝަނަލައިޒް ވެގެން، ރައްޔިތުންނަށް އެދޭ ޚިދުމަތްތައް ދޭކަށް، އެވަރުގެ ޤާބިލުކަމެއް، ނޫނީ އެވަރުގެ ރިސޯސް ބޭސްއެއް އެމީހުންގެ އަތަކު ނުހުންނާނެ.

ފެނަކަ ވަރުގަދަވެގެން ދިޔައިމާ ދޮގެއްތޯ، އަޅުގަނޑުމެންގެ ތާރީޚުގައި ފުރަތަމަފަހަރު، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި، 24 ގަޑިއިރުގެ ކަރަންޓު ދެވުނީ. އެކަމަކު އެއާއެކީވެސް، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ހުއްޓިހުރެ ވާހަކަ ދައްކާއިރު އަޅުގަނޑު ދަންނަވާނަން، ކަރަންޓަކީ އޭގެ ޒާތުގައި، ޠަބީޢީގޮތުން ހަމަ އަބަދުވެސް އިތުރަށް ބޭނުންކުރާނެ އެއްޗެއް. ރައްޔިތުންގެ ފުދުންތެރިކަން އިތުރުވީމާ، އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ހިސާބުގައި ހޫނުގަދަވީމާ، އެއަރކޮންޑިޝަން ޖަހާ މިންވަރު އިތުރުވާނެ. ވިޔަފާރިތައް އިތުރުވެގެން ދިޔައިމާ ފަހިކަން އައީ. ކަރަންޓު ބޭނުންވާވަރު އިތުރުވާނެ، އެހެންވީމާ. 24 ގަޑިއިރުގެ ކަރަންޓު، ވަކި ދުވަހެއްގެ ތާރީޚު ކަނޑައަޅައިފައި، އަޅުގަނޑުމެން ހަމަކޮށްދިން ކަމުގައިވީނަމަވެސް، މިއީ އަބަދުވެސް ފަހަތުން އަރައި ފައިހަމަކުރަންޖެހޭ ޚިދުމަތެއް. އޭރު ހަމަކޮށްދިން އިންޖީނުތައް މިހާރު އަނެއްކާވެސް މިއޮތީ އިތުރުކުރަންވެފައި. މިއީ ހަމަ ސަރުކާރުން ކުރާ ކަންތައްތައް.

އެހެންވީމާ، ފެނަކަ ވަރުގަދަވީމާ، ސްޓެލްކޯ ވަރުގަދަވީމާ، މީގެ ފައިދާ މި ލިބެނީ ޙަޤީޤަތުގައިވެސް ރައްޔިތުންނަށް. އަޅުގަނޑު ހަނދާންހުރޭ، ފެނަކަ ފެނަކައަށް ނުވާއިރު، ރާއްޖޭގެ ގިނަ ހިސާބުގެ ކަރަންޓު، ރާއްޖޭތެރޭގެ ގިނަ ހިސާބުތަކުގެ ކަރަންޓު މި ހިންގަނީ ވަރަށް ދޭސީގޮތަކަށް. އަމިއްލަ ބަޔަކު އަމިއްލަ ވިޔަފާރި ކުންފުނިތައް، އެ ބަޔަކަށް ކުރެވުނު ގޮތަކަށް އެކަން ކުރަނީ. ސަރުކާރުގެ އެވަރު ހަކަތައެއް ނެތް ހަކަތަ އުފައްދާކަށް. ރައީސް މައުމޫނުގެ ސަރުކާރުގައި، ވަރަށްފަހާޖެހެންދެންވެސް ސްޓެލްކޯއަކީ ސަރުކާރުން ބަލަހައްޓަންޖެހޭ ބަލި ދަރިއެއް. އަބަދުވެސް ބަޖެޓުން ސްޓެލްކޯއަށް ލާރި އަޅައަޅައި އަޅުގަނޑުމެން ތިބެންޖެހެނީ. އެހެންނަމަވެސް، އަމިއްލަ ފައިމައްޗަށް ތެދުވެވޭ ހިސާބަށް ދިޔައިމާ، ސްޓެލްކޯއަކީ މިއަދު ދައުލަތުން އެހީވާން ނުޖެހޭ، އަދި ކީއްތޯ، ދައުލަތަށް އެކުންފުނީގެ ފައިދާއިން ދައުލަތުގެ އެހެން މަޝްރޫޢުތައް ހިންގަން ފައިސާދޭ ކުންފުންޏެއް.

އެސް.ޓީ.އޯ.ގެ މާޒީއާއި މިއަދަށް ބަލާކަމަށްވަންޏާވެސް، އެސް.ޓީ.އޯ.އަކީ ސަރުކާރުގެ ބަލި ދަރިއަކަށް އޮތްއޮތުން ނިމުމަކަށް އައިސް، އެސް.ޓީ.އޯ.އަކީ ސަރުކާރަށް ފައިދާހުރި ކުންފުންޏެއް. އަދި އެހެންމެ، ރައްޔިތުންނަށް ފަސޭހަތަކެއް ގެނެސްދޭ ކުންފުންޏެއް. އަޅުގަނޑުމެންނަށް އިހަށްދުވަހު ދޮގެއްތޯ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ކިތަންމެ ދުރުގައި އޮތަސް، ހުރިހާ ހިސާބެއްގައި ސަރުކާރުގެ ބޭސްފިހާރައެއް އަޅުގަނޑުމެންނަށް ހަމަޖެހިގެން މި ދިޔައީ، 24 ގަޑިއިރުގެ ކަރަންޓު. ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާކޮށް، ފެތުރި، އާންމުވެގެން މި ދިޔައީ ހަމަ އިހަށްދުވަހު. އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ޚިޔާލަށް ކުޑަކުޑަ މުއްދަތެއްގެ ތެރޭގައި އަންނަ ބަދަލު. މިއަދު އަޅުގަނޑުމެން ގަބޫލު އެބަކުރަމު، ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންވެސް އަދި މިކަންކަމުގައި ތަޙުލީލީ ނަޒަރަކުން ދިރާސާ ކުރައްވާ ބޭފުޅުންވެސް، އަދި ހަމަގައިމުވެސް، މި ޚިދުމަތްތައް ލިބޭ ދިވެހި ރައްޔިތުން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިއްބަސް އެބަ ގަބޫލުކުރޭ، ސަރުކާރުގެ ކުންފުނިތައް ވަރުގަދަވެގެން ނޫނީވިއްޔާ، މި ޚިދުމަތްތައް އަޅުގަނޑުމެން ގެންދަން ބޭނުންވާ ބާރު ސްޕީޑުގައި ނުގެންދެވޭނެކަން. އެއީ މިއަދު ލޯމަތިން އަޅުގަނޑުމެންނަށް ފެނިގެންދާ، އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތެއް. މިއީ އަޅުގަނޑުމެންގެ ޚިޔާލަށް އަންނަ ބަދަލު، އިޤްތިޞާދީ ބައެއް ކަންތަކަށް ވިސްނާކަމަށްވަންޏާ.

ދެންހަމަ މި ޖަލްސާގައި، ކަނޑިތީމު ދާއިރާގެ ޢިއްޒަތްތެރި ބޭފުޅުންނަށް، ޚާއްޞަކޮށް ކަނޑިތީމުގެ ޢިއްޒަތްތެރި ރައްޔިތުންނާ ވާހަކަ ދައްކާއިރު، އަޅުގަނޑުވެސް ހަމަ ސިޔާސީ ބައެއް ވާހަކަ ދަންނަވަލާން ބޭނުންވޭ. އެއްގޮތަކަށްވެސް ސިޔާސީ ވާހަކަ ދައްކަން މިއުޅެނީކީ، ކަމެއް ސިޔާސަކުރާކަށްވެސް ނޫން. އެކަމަކު ޙަޤީޤަތްތަކަކާ އެއްގޮތަށް އަޅުގަނޑުމެން މަސައްކަތްކުރަން ބޭނުންވާތީ، ރައްޔިތުންނަށް ދަންނަވާލާ ވާހަކަ. ކޮންމެ ސަރުކާރަކަށްވެސް ފަސޭހަވާނެ، ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލުންދޭނެ ރައްޔިތެއް އޮތް ތަނަކަށް ޚިދުމަތްތައް ގެންދަން. ކަނޑިތީމަކީ އެގޮތަށް އަޅުގަނޑަށް ފާހަގަކުރެވޭ ރަށެއް. ސަރުކާރުގެ ޚިޔާލާ އެއްގޮތަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ފަހިކަން ގެނެސްދޭ، ފަސޭހަކަން ގެނެސްދޭ، ކައުންސިލެއް އޮވެއްޖެ ކަމަށްވަންޏާ، އެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް ހިންގުމުގެ ސްޕީޑް އަވަސްވެގެންދާނެ. މުޙައްމަދު ޙުސައިންގެ ބަހުރުވައިންނަމަ، އަޅުގަނޑުމެންގެ ފުރިކުއެންސީ ދިމާވާލެއް ފަސޭހަވެގެންދާނެ.

އެހެންވީމާ، ކައުންސިލްގެ އިންތިޚާބު ކުރިމަތިވެގެން އަންނައިރު، ކަނޑިތީމުގެ ބޮޑު މެޖޯރިޓީއަކީ އަޅުގަނޑުމެންގެ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅުން ތިއްބެވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މީގެ އަނެއްފަރާތުގައި އޮތް ކަމަކީ، އަޅުގަނޑުމެންގެ ފިކުރަށް ތާއީދު ނުކުރާ އަޣުލަބިއްޔަތު އޮންނަ ކައުންސިލެއް އޮވެއްޖެ ކަމަށްވަންޏާ، ފުޓުސަލް ދަނޑުވެސް، ބަށިކޯޓުވެސް، އެހެންކަމެއްވެސް ކުރަން ބޭނުންވިނަމަވެސް، އަޅުގަނޑުމެންނަކަށް މިކަންކަން ފަސޭހަކަމާއެކީ ފަހިވެގެނެއްނުދެއޭ. ސަރުކާރުގެ ބާރާއި އިޚުތިޔާރު އޮތް ކަމުގައިވީނަމަވެސް ރައްޔިތުންގެ ބިމުގެ މައްސަލަތަކާއި، މިކަންކަން ނިންމުމުގެ ފުރިހަމަ އިޚުތިޔާރާއި އިޚްތިޞާސް، މިހާރު އެއޮތީ ކައުންސިލްތަކަށް އަރުވާފައި. އެހެންވީމާ، ކައުންސިލްތަކުގައި ތިއްބަވާ ކައުންސިލަރުންނަށް ގަބޫލުކުރެއްވިގެން ފުޓުސަލް އަޅާނެ ދަނޑެއް ކަނޑައިދިން ދުވަހަކުން ނޫނީވިއްޔާ ސަރުކާރުން ބާރުވެރިކަމަކާއެކީ އައިސް ފުޓުސަލް ދަނޑެއް އަޅާކަށް ނޫޅޭނެ. ބަޖެޓުގައި ފައިސާ ހުންނާނެ. ރައީސާއި ސްޕޯޓުސް މިނިސްޓަރު ކޮންމެ ތަނެއްގައި ވާހަކަ ދައްކާއިރު ބުނާނެ، މިކަންކަން ކުރާނަމޭ. އެކަމަކު އެކަންކަން ކުރުމުގައި، އަޅުގަނޑުމެންގެ ބައިވެރިންގެ ގޮތުގައި ތިއްބަވަންޖެހޭނީ ރައްޔިތުން. އެހެންވީމާ، ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ކަންކަން ނިންމުމަށް ތިއްބަވާ ބޭފުޅުން މި ދެއްވާ އެންޑޯސްމެންޓަކީ ޙަޤީޤަތުގައި، ތަރައްޤީއަށް އަޅުގަނޑުމެން ކުރާ އުންމީދުގައި އެންމެ ރީތި ކުލަ ޖައްސައިދޭނެ މަސައްކަތަކަށް އެ ވާނީ.

ސިޔާސީ މަސައްކަތްތަކެއް ކުރާއިރު، ޝައްކެއްވެސްނެތްގޮތުގައި، ވަޒީރުންގެ މަޖިލީހާއި، އަދި އަޅުގަނޑާއެކީ އަޅުގަނޑުމެންގެ މި ސަރުކާރުގައި މި މަސައްކަތްކުރާ ހުރިހާ ކުންފުނިތަކުގެ އެމް.ޑީ.އިން މި ކުރައްވަނީ ވަރަށް އަގުހުރި މަސައްކަތްތަކެއް. ކުންފުނިތަކުގެ ޗެއަރމަނުންވެސް އަދި ބޯޑު މެންބަރުންވެސް ހިމަނައިގެން. ހަމަ އެއާއެކީ އެހާ ވަރުގަދަ، އެހާ ސާބިތު މަސައްކަތްތަކެއް އެ ކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގައި. އަޅުގަނޑުމެންގެ ޕާޓީއާ އަޅުގަނޑުމެންނާއެކީ މަސައްކަތް ކުރައްވާ އެމް.ޑީ.އޭ.އާއި، އަދި ޖުމްހޫރީ ޕާޓީންވެސް ގިނަފަހަރު، ގިނަ ކަންކަމުގައި، އަޅުގަނޑުމެންނަށް ގިނަ މެންބަރުން ތާއީދު ކުރައްވާ. މިހުރިހާ ބޭފުޅުން މި ކުރައްވަނީ ރައްޔިތުންގެ ޙައްޤުގައި ސިޔާސީ ވަރުގަދަ މަސައްކަތްތަކެއް. އެއީ ސަރުކާރަކުން ރައްޔިތުންގެ މަޞްލަޙަތު ގެއްލޭ، ނޫނީ ރައްޔިތުންގެ މަޞްލަޙަތަށް ފުށުއަރާ، ނޫނީ ކަނޑައެޅިގެން ގެއްލުންހުރި ކަންކަމެއް ރައްޔިތުންގެ މަޖިލީހަކަށް ނުފޮނުވާނެ. މިހެން ފޮނުވާ މައްސަލަތަކުގައި، ކުރިއަށް އޮތް މޫސުމަކީ، މިއީ އެކި ދާއިރާތަކަށް ބަޖެޓުން އެކި އަދަދުގެ ހިސާބު އެކި މަޝްރޫޢަށް ހުށަހެޅިގެންދާން އޮތް ބަޖެޓު ފޮނުވާ މޫސުމް. އަޅުގަނޑު ބުނީތީވެސް ތިޔަބޭފުޅުން ބައްލަވަން ތިއްބަވާ!

އަޅުގަނޑުމެން މިދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި، އެއީ ރައީސް ވަޙީދު ސަރުކާރުގެ 2 އަހަރާއި، އަދި އަޅުގަނޑުމެންގެ މި ފާއިތު މިކުރާ 3 އަހަރާ، މި ދާއިރާތަކުގައިވެސް އަޅުގަނޑުމެންނާ ފިކުރު ތަފާތުވާ، ފުރިކުއެންސީ ދިމާނުވާ ބޭފުޅުން ތިއްބަވާނެ. އެހެންވީމާ، ޚިޔާލުކުރައްވާ! އެ ބޭފުޅުންގެ ފަރާތުން މަޖިލީހަށް ފޮނުއްވާފައި ތިއްބަވާ މަންދޫބުން، ނޫނީވިއްޔާ އެ ބޭފުޅުންގެ ފަރާތުން ބަސްކިޔުމަށް ތިއްބަވާ އިސްބޭފުޅުން. މިކަހަލަ ކަންކަމުގައި އެ ރައްޔިތުންނަށް ފައިދާހުރި ކަންކަން، ލިބުމަށް އެކަށައަޅާ މަޝްރޫޢުތައް ހިމެނެނީ ބަޖެޓުގައި. އެ ފައިސާ ހޯދޭނީ އެ ފައިސާ ހިމަނައިގެން އަދި އެފައިސާ ހޯދާނެގޮތް ބަޖެޓުން އަޅުގަނޑުމެންނަށް ހުއްދަދީގެން. އެ ފައިސާ ހޯދޭނެގޮތް ރައްޔިތުން ނިންމައިދިނިއްޔާ ނޫނީވިއްޔާ، ޑިމޮކްރެޓިކް ނިޒާމެއްގައި ސަރުކާރަކަށް އެކަންކަމެއް ނުކުރެވޭނެ. އެކަމަކު އަހަރަކަށްފަހު އަހަރަކު، މި 5 އަހަރު އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ހަމަ އެއް މަންޒަރެއް. ރައްޔިތުންނަށް ތަރައްޤީ ގެންނަން ބޭނުންވާ ވާހަކަވެސް އަޅުގަނޑުމެންނަށް އިވޭ. އަދި ބަޖެޓުގެ ވާހަކަފުޅު ދައްކަވާއިރު، މިވެނި ތަނަކަށް މިވެނިކަމެއް ގެންދަންވެސް އެންމެބޮޑަށް ވާހަކަފުޅު ދައްކަވާ ބޭފުޅުން، ވޯޓާ ހިސާބަށްދާއިރު ހަނދުމަފުޅެއް ނުހުރޭ، އެ ބޭފުޅުންގެ މުޢާމަލާތު މަޖިލިސްތެރޭ ހުންނަގޮތެއް. އެހެންވީމާ، މިކަހަލަ ބޮޑު އޮޅުވައިލުމެއްގެ ތެރޭގައި އަޅުގަނޑުމެން ފޮރުވި ތިބޭކަށްނުޖެހޭ. ކައުންސިލް އިންތިޚާބު އަންނައިރުވެސް ދެންމެ ޠާރިޤުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވި ގޮތަށް، އަޅުގަނޑުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ!

ތަންތަން ޒީނަތްތެރިކުރަން އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތެރޭގައި، ޝައްކެއްވެސްނެތް، މި ރަށް މިއޮތީ އަޅުގަނޑުމެންގެ އިސްތިޤުބާލުގައި. މިރަށް މިއޮތީ ވަރަށް ޒީނަތްތެރިވެފައި. ހަމަ ކަނޑިތީމުގެ ހުރިހާ ރައްޔިތުންނަށް، ހުރިހާ މުއައްސަސާތަކެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށް، އަދި ކައުންސިލްގެ ރައީސަށާއި، ކައުންސިލުގައި ތިއްބެވި ޢިއްޒަތްތެރި މެންބަރުންނަށާއި، މުޅި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަން. އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކުރާ ޒީނަތްތެރިކަމުގައި ޙަޤީޤަތުގައި، ޒީނަތްތެރިކަމުގެ ސިފަ ގެންނަން ވަރަށް ގިނަ ބަޔަކު ބޭނުންވާނެ. ކޮން ބައްޕައެއްތޯ، މަންމައެއްތޯ ބޭނުންނުވާނީ، އެ ބައްޕައެއް، މަންމައެއްގެ ތިބޭ ޒުވާން އަންހެން ކުދިން ނަލަކޮށްފައި، ޒީނަތްތެރި ކޮށްފައި ބައިތިއްބަން؟ އެކަމަކު މިކަން ކުރާއިރު އަޅުގަނޑުމެން ފައިސާ ހޯދަންޖެހޭ. ރީތިކޮށް ފަހާމީހުންވެސް ހޯދަންޖެހޭ. ފަހާމީހުންނަށް ވަގުތަށް މިކަން ކޮށްނުދެވިއްޖެ ކަމަށްވަންޏާ ޒީނަތްތެރިއެއް ނުކޮށްދެވޭނެ. ރާއްޖޭގެ ތަރައްޤީގައި، އަޅުގަނޑުމެން ދެކޭ ހުވަފެނާއި، ޖައްސަން ބޭނުންވާ ކުލަ، މި ޒީނަތްތެރި ކުރުމުގައި ހަމަ ދާދި މިކަހަލަ ގޮތަކަށް މިއޮތީ. އެ ޚިދުމަތެއް ލިބިގަންނަ ބަޔަކު އެއަށް އީޖާބީ ނަޒަރަކުން އާނއެކޭ ބުނަން އެބަޖެހޭ. އަޅުގަނޑު މިއީ ކައުންސިލަރުންނަށް ދަންނަވާ ވާހަކަ.

އެހެންވީމާ، އަޅުގަނޑުމެން ޒީނަތްތެރިކުރަން ބަލާއިރު، ސަރުކާރުން ފައިސާހޯދޭނެ ގޮތްތައް، އިރާދަކުރެއްވިއްޔާ ﷲގެ ރަޙުމަތާއެކީ ރޭވޭތޯ އެބަ ބަލާ. އަދި ގިނަ ކަންތައްތަކެއް ކުރެވޭކަމަށް އެބަ ރައްޔިތުން ވިދާޅުވޭ. އެކަމަށްޓަކައި ވަރަށް އޯގާތެރި ބަސްފުޅުތަކަކުން އަޅުގަނޑަށް ހަދިޔާ ކުރެއްވި، މި ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިންވެސް. ޠާރިޤު އިބްރާހީމްވެސް. އަދި ޖަލްސާ ހުށަހަޅައިދެމުން ގެންދެވި ޢިއްޒަތްތެރި ބޭފުޅަކުވެސް. ވަރަށް އިޚުލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވަން.

އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއީ އަޅުގަނޑުމެން ކޮށްދޭން ދަންނަވަމުން، ރައްޔިތުންގެ ތާއީދާއި ރައްޔިތުންގެ ވޯޓު ހޯދި ކަންކަމޭ. އެކަމަކު މި ލިބިގަންނަށް ތިބޭ މީހުންގެ ތެރޭގައި ބަލައިގަތުމުގެ ސިފަ އޮންނަންވާނެ. އެހެންވީމާ، ޒީނަތްތެރިކުރުމުގެ ކަންތައް އޮތީ މިކަހަލަ ގޮތަކަށް. އަޅުގަނޑުމެންގެ އުންމީދުތައް ހެޔޮ. ރައްޔިތުންނާއެކީ އަޅުގަނޑުމެންގެ އުންމީދުތައް ވަނީ. އެކަމަކު މި ލިބިގަންނަން ތިބި މީހުން މި އެބަޖެހޭ ބަލައިގަންނަން ދޮގެއްތޯ؟ އެހެން ނޫންކަމަށްވަންޏާ، އަޅުގަނޑުމެން ބޭނުންވާ ބާރު ސްޕީޑުގައި ކަންކަމެއް ނުކުރެވޭނެ. މިކަންކަން މިއަދުގެ ދިވެހި ވެށްޓަށް ޙަޤީޤަތެއްގެ ގޮތުގައި ގެނެސްދޭން އުފެދިފައި އޮންނަ ސިޔާސީ ހަރަކާތަކީ، ސިޔާސީ ޖަމްޢިއްޔާއަކީ، ސިޔާސީ ޕާޓީ.

އަޅުގަނޑުގެ ވިސްނުމުގައި، ސިޔާސީ ޕާޓީއަކީ، ކުންފުންޏެއް ކަހަލަ ތަނެއް ނޫން. ސިޔާސީ ޕާޓީއަކީ އުސޫލުތަކެއް، ސިޔާސީ ޕާޓީއަކީ ރައްޔިތުންނާ ދޭތެރޭގައި ތަޞައްވުރެއް އޮންނަ، އުސޫލުތަކެއް ގެންގުޅޭ ތަނެއް. އެ އުސޫލުތައް ވިއްކައިގެން، އެ އުސޫލުތައް ރައްޔިތުން ގަބޫލުކޮށްގެން، އެ އުސޫލުތައް ދަމަހައްޓާނެ ކަމަށް ރައްޔިތުންނަށް ސިފަކޮށްދޭ ބަޔަކު ނުކުމެ ކުރާ މަސައްކަތުން، އެމީހުންނަކީ ކިހާވަރަކަށް މިކަން ކޮށްދެވޭނެ ބައެއް ކަމަށް ގަބޫލުކޮށްފައި، ކިހާ އިޚުލާޞްތެރި، ކިހާ ތެދުވެރި، ކިހާވަރެއްގެ ޤާބިލުކަމެއް ހުރި ބައެއްތޯ ގަބޫލުކޮށްގެން، ރައްޔިތުން އެ އުސޫލުތައް ބަލައިގަންނަނީ. އޭގެ ނަތީޖާއަކަށްވަނީ ޕާޓީގެ ދަފްތަރު ބޯވަމުން، އިތުރުވަމުން، ދިޔުން. އަޅުގަނޑުމެންގެ ޕާޓީއަކީ މީގެ ނަމޫނާ ޕާޓީ. އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހޭ ކަންތައްތައް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޕާޓީގެ ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ނިންމަންޖެހޭނީ އަޅުގަނޑުމެންގެ ރައްޔިތުން ބަލައިގެންފައި އޮތް އުސޫލާ އެއްގޮތަށް.

ސިޔާސީ ޕާޓީތަކުގައި، އެހެން ބައެއް ޕާޓީގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ޚާއްޞަކޮށް، އަޅުގަނޑުމެންނާ އިދިކޮޅު ފިކުރުގެ އެންމެ ބޮޑު ޕާޓީ، އަޅުގަނޑު ހަމަ ދަންނަވާލާނަން، އެއީ އުސޫލުތަކަކަށް ބިނާކޮށް އޮތް ޕާޓީއެއްތޯ؟ އެ ޕާޓީގެ ރައްޔިތުންވެސް، އިތުރު ރައްޔިތުންގެ ޝައުޤުވެރިކަން ހޯއްދަވާ ކަމަށްވަންޏާ، އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ރައްޔިތުންނަށް ގަބޫލުކުރެވޭ ކަހަލަ ކަންތައްތަކެއް ކުރެއްވުން ރަނގަޅުވާނެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި، އަދި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި، ހަމަ މިކަންކަން ކުރެވޭނީ މި ދެންނެވި ގޮތަށް މަސައްކަތް ކޮށްގެން. ކޮންމެ ޕާޓީއަކުންވެސް އެ ޕާޓީން ވިއްކާ ދަފްތަރުތަކަކީ، މެސެޖްތަކަކީ، ނޫނީ މެސެޖު އެކުލެވޭ ދަފްތަރުތަކަކީ، ޙަޤީޤަތުގައި ރައްޔިތުން ބަލައިގަންނަ، ރައްޔިތުން ޝައުޤުވެރިވާ އެއްޗެއް ކަމަށްވަންޏާ، ރައްޔިތުންގެ ތެރޭގައި އެންމެ މަޤުބޫލުކަން އޮންނާނެ ޕާޓީއަކަށް ވާނީ އެ ޕާޓީއެއް، އަޅުގަނޑުމެންގެ ވިސްނުމަށް މިއަދު އައިސްފައި މިއޮތް ބަދަލަށް ބަލާކަމަށްވަންޏާ. ދެންމެ އަޅުގަނޑު ދަންނަވާލީން، ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތައް އަޅުގަނޑުމެންގެ ވެށީގައި ހަރަކާތްތެރިވުމަށް މިއައި ބަދަލު.

ސިޔާސީ ޕާޓީތަކުގެވެސް މި ދެންނެވި ވިސްނުން ރައްޔިތުންގެ ހުރީ މި ދެންނެވި ކަހަލަ ގޮތަކަށް. ރައީސްކަމަށް މިއަދު ކުރިމަތިލާ މީހުންނަކީ، ކުރީގައި ރާއްޖޭގެ ރައީސްކަމަށް ކުރިމަތިލާ މީހުން، ނޫނީވިއްޔާ އިލްހާމްވެގެން ވޯޓުލައިގެން ރައީސްކަމަށް އަންނަ ނިޒާމު މިއޮތީ ގޮސްފައި. އެ ބައެއްގެ ހުރި މުރާލިކަމަކާއި، އެބައެއްގައި ހުރި ޙިކުމަތަކާއި، ރައްޔިތުން އެ ބަޔަކު ބަލައިގަންނަ މިންވަރެއްގެ މައްޗަށް ބަލާފައި ޕާޓީއެއްގެ ތެރެއިން ދައްކާ މީހަކު، އެތަކެއް ވާހަކައެއް ރައްޔިތުންނާ ދައްކައިގެން، ރައްޔިތުންނަށް އެތަކެއް ކަންތައްތަކެއް ކޮށްދޭނެކަމުގެ ޝައުޤުވެރިކަން އުފައްދައިގެން، ޕާޓީއަކަށް ވެރިކަމަށް އާދެވޭނީ. އެހެންވީމާ، މިއީކީ ފަސޭހަކަމެއް ނޫން. މި ދެންނެވި ކަންކަން ކޮށްގެން ޕާޓީއެއް ވެރިކަމަށް އައިމާ، އެ ޕާޓީ ވެރިކަން ކުރާއިރު، އެ ޕާޓީގެ ހުރިހާ ގުނަވަނަކުން، އަދި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެ ޕާޓީގެ މެންބަރުންވެސް ހޮވިފައި އެ ތިބެނީ ރައްޔިތުންނަށް އެ ޕާޓީގެ މެނިފެސްޓޯ ވިއްކައިގެން. އެ ޕާޓީގެ ވިސްނުމާއި، ރައްޔިތުންނާ ދޭތެރޭގައި އޮތް ކުލުނާއި، ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ ތަރައްޤީއާއި، އަދި ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ސިފަކޮށްދީފައި ހުރި މިންވަރުގެ މައްޗަށް ވިއްކައިގެން، އެ ޕާޓީގެ މެންބަރުން ހޮވިފައި އެ ތިބެނީ އެއީ ފޮޓޯގަނޑެއް ހިފައިގެނެއް ނޫން. އެއީ އުސޫލުތަކަކާއި، ޕާޓީން ކޮށްދޭން މިއުޅެނީ ކީއްތޯ، ރައްޔިތުންނަށް ވިސްނައިދީގެން ކުރާ ކަންކަން.

އެހެންވީމާ، އެ ހިސާބަށް ގޮސްގެން ރައްޔިތުން އެ އިތުބާރު އެބޭބޭފުޅުންނަށް ދިނީމާ، އެ ބޭފުޅުންނަކަށް އިޚުތިޔާރެއް ނޯންނާނެ. އެއީ ވަރަށް ބޮޑު ވައިލޭޝަނެއް. ވަރަށް ބޮޑު ގޯހެއް އެ ހައްދަވަނީ. ފިކުރު ދޫކޮށްލާފައި އެހެން ގޮތަކަށް މަސައްކަތް ކުރުމަކީ އެއީ އިޚުތިޔާރު އޮތް ކަމެއްނޫން. ޤާނޫނީގޮތުން އިޚުތިޔާރު އޮވެދާނެކަންނޭނގެ. އެކަމަކު ކޮންމެ މީހަކުވެސް މީހަކަށްވަނީ އެމީހާ ބުނާ ބަހުގެ އިތުބާރާއި، އެމީހާގެ އިތުބާރު ރައްޔިތުންގެ ތެރޭގައި އޮވެގެން. އެއީ އެތެރޭގައި އޮންނަ ސޯޝަލް ބޮންޑް. ރައްޔިތުންނާ ސަރުކާރަކާ ދޭތެރޭގައި އޮންނަ އިޖުތިމާޢީ ގުޅުމަކީ، މިދެންނެވި ކަހަލަ ގުޅުމެއް. ސަރުކާރެއް ރައްޔިތުން ހޮވަނީ ރައްޔިތުންނަށް ބޭނުންވާ ފައިދާހުރި ކަންތައްތަކެއް ކޮށްދޭން. އެންމެ ބޮޑު ކަމަކީ ސުލްޙަމަސަލަސްކަމާއި، ވެށީގެ އަމާންކަން ކަށަވަރުކޮށްދިނުން. ވެށީގެ އަމާންކަން ކަށަވަރުކޮށްނުދެވޭ ސަރުކާރަކީ، ފުރަތަމަ މަސްއޫލިއްޔަތުން އެ ސޯޝަލް ކޮންޓްރެކްޓް ހަލާކުވެފައި އޮތް، ފޭރާން ވީދިފައި އޮތް ސަރުކާރެއް. ހަމަ ޕާޓީން މި ހޮވާ، ރައްޔިތުންގެ މަޖިލީހަށް ހޮވާ މެންބަރުންނަކީވެސް އަދި ކައުންސިލްތަކަށް ހޮވާ މެންބަރުންނަކީވެސް މި ދެންނެވި ކަހަލަ އަމާނާތެއް ރައްޔިތުންނާ ހަމައަށް ގެނެސްދޭން ހަމަގައިމުވެސް ވާހަކަތަކެއް ވިއްކައިގެން، މަޤާމަށް އައިސް ތިބި ބައެއް. ދެން މަޢާފުކުރައްވާ! އަޅުގަނޑުމެން އެންމެންނަކީ ރީތި މީހުންނަކަށްވެސް ނުވާނެ. އަޅުގަނޑުމެންގެ ފޮޓޯ ލޯގަނޑު ރީތިވެގެނެއް ނޫން. އަޅުގަނޑުމެން، އަޅުގަނޑުމެންގެ ޢަޒުމާއި، ކޮށްދޭން ބޭނުންވާ ކަންތައްތައް، ރައްޔިތުންނަށް ގަބޫލުކުރެވޭ މިންވަރަށް ވިއްކައިގެން، މާކެޓުކޮށްގެން، އެ ފަންނުގެ ބޭނުންކޮށްގެން، ހުނަރުގެ ބޭނުންކޮށްގެން، މިކަން މިކުރަނީ.

އެހެންވީމާ، އަޅުގަނޑު ހަމަ މަޢާފާއެކީ މުޙައްމަދު ޙުސައިން ލައްޕައިލެއްވި ފޮތް، އަޅުގަނޑު އެބަ ހުޅުވަންޖެހޭ. ހުރިހާ ޞަފްޙާތަކެއް ނިއުޅައިލައްވާފައި، ލައްޕައިލެއްވީމާވެސް ދެން އަރައި އަޅުގަނޑު ހުޅުވަންޖެހޭތީ، މަޢާފާއެކީ ދަންނަވާލަން ބޭނުންވޭ. ކަނޑިތީމުގައިވެސް އަދި މިދާއިރާގެ އެހެން ރަށްތަކުގައިވެސް މުޅި ދިވެހިރާއްޖޭގެ ހުރިހާ ދިމާއެއްވެސް، ތަރައްޤީއަށް ބޭނުންވެފައިވާ މިންވަރު އަޅުގަނޑުމެންނަށް އިޙުސާސް ކުރެވޭ. އަޅުގަނޑުމެން ގަބޫލުކުރަން. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، އެކަންކަން ކުރުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ދެއްވާށޭ! މި ދާއިރާއަށް އެންމެ ބޭނުންވާ ކަންތައްތަކުގެ ގޮތުގައި ހުށަހެޅުއްވީ، ފޮތް ލައްޕައިލައްވަމުން ޓޫރިޒަމްގެ ދާއިރާ. އަދި އެ ދާއިރާގެ ތެރެއިން ވައިގެ ބަނދަރެއް ގެންނަވާ ވާހަކަ މުޙައްމަދު ޙުސައިންގެ އިލްތިމާސްގައި އެއައީ. ޝައްކެއްވެސްނެތް، ވައިގެ ބަނދަރުވެސް އަޅުގަނޑުމެން ހަދަންވީ ދޮގެއްތޯ!

ށ. އަތޮޅަކީ މުވާޞަލާތުގެ ގޮތުން، ދަތުރުފަތުރުގެ ގޮތުން އެހާ އެކަހެރިކޮށް އޮންނަ އަތޮޅަކަށްވާތީއާވެސްއެކު. އަދި މިދާއިރާގެ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދިނުމަށްޓަކައި އަޅުގަނޑު އިއްޔެ ވާހަކަ ދައްކަމުން، ކުރިނބީ، ހިރިމަރަދޫ، މިތަންތަނުގައި އަޅުގަނޑު ބުނިން، މި ފަހަރުގެ ބަޖެޓުގައި އެންމެ އިސްކަންދޭ ކެޕިޓަލް އިންވެސްޓްމަންޓް މަޝްރޫޢުތަކުގެ ތެރޭގައި، ދެ އެއަރޕޯޓެއް އޮންނާނެ ވާހަކަ. ކުޅުދުއްފުށީގެ އެއަރޕޯޓަކީ އޮންނާނެ އެއަރޕޯޓެއް އިރާދަކުރެއްވިއްޔާ. އަދި އެއީ ސައްތައިންސައްތަ ސަރުކާރުގެ ފައިސާ ހިމަނައިގެން، އެހެންނަމަވެސް، އެހެންގޮތަކަށް އެ ފައިސާ ލިބުނު ކަމަށްވަންޏާ، އަނބުރާ ދައްކާގޮތަށް ނަމަވެސް، ސަރުކާރުން މިފަހަރު އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގައި އެއަރޕޯޓު އަޅުގަނޑުމެން އަޅާނަން. ހަމައެގޮތަށް، މި އަތޮޅު ފަރުކޮޅުފުނަދޫގައި އެއަރޕޯޓެއް އަޅުގަނޑުމެން އަޅާނަން.

ޓުއަރިޒަމްގެ ދާއިރާ، މި އަތޮޅުތަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެން މި އަހަރު މި އިޢުލާނު ކުރަނީ، ނޫނީ އިޢުލާނު ކުރުމާ ހިސާބަށް ގާތްގަނޑަކަށް 15 ވަރަކަށް ރަށް ނިމިފައި އެއޮތީ. އެ ލިސްޓު ނުކުތީމަ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނާނެ، މި އުތުރަށް ޓޫރިޒަމް ފުޅާވެގެންދާނެ މިންވަރު. ނޫނީވިއްޔާ އަޅުގަނޑުމެންގެ ހިތުގައި އެކަން ކުރަން ބޭނުންވާ މިންވަރު. އަޅުގަނޑުމެން އުންމީދު ކުރަނީ މި ހިސާބުގަނޑަށް، އަޅުގަނޑުމެންގެ އެއަރޕޯޓުގެ މަސައްކަތް ހިނގައި، މާލޭ އެއަރޕޯޓުގެ މަސައްކަތް ނިމޭ ހިސާބަށް ދާންވާއިރަށް، ހަމަ ޝައްކެއްވެސްނެތްގޮތުގައި މިހާރު އިޢުލާނުކުރާ ރަށްތަކަށް ޝައުޤުވެރިވާ އިންވެސްޓަރުން އަޅުގަނޑުމެންނަށް ފެނިގެންދާނެ. މީގެކުރިން ފެނިގެން ގޮސްފައި ނެތިދާނެ. އެއީ އެކަހެރިކަން އޮތްލެއް ބޮޑުކަމުން. އެހެންނަމަވެސް، މި ލިސްޓުގެ ތެރެއިން އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ 85 ޕަސެންޓަށްވުރެ ގިނަ ރަށްތައް ހިމެނިފައި އޮންނާނީ ހަމަ ށ. އަތޮޅާއި، ހއ. އަތޮޅާއި، ހދ. އަތޮޅުން. އުތުރުގެ އެހެން އަތޮޅުތަކެއް ނުހިމެނޭނެ. އެހެންވީމާ، އަޅުގަނޑުމެން އުންމީދު ކުރަނީ މިދެންނެވި ގޮތަށް މިކަންކަން ހަމަޖެހިގެންދާނެކަމަށް. އެކަމަކު، މިކަންކަން ކުރުމަށް ރައްޔިތުން އަޅުގަނޑުމެންނަށް އެ ތާއީދު އެބަ ދެއްވަންޖެހޭ.

ޒީނަތްތެރިކަން ބޭނުންފުޅުވާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ހަމަ ޒީނަތްތެރިވާން ބޭނުންވާ ހުރިހާ ސާމާނެއް ލިބެން ހުންނަނީ ލެކިއުޓުން، ނޫނީވިއްޔާ މިކަހަލަ ފިހާރަތަކުން ދޮގެއްތޯ؟ ލިޕްސްޓިކަށް ބެލިޔަސް، ޕަރފިއުމަށް ބެލިޔަސް، އެހެން އެއްޗެއްވެސް. އެހެންވީމާ، އެ ގަންނަން ބޭނުންވާކަމަށްވަންޏާ، ހަމަ ފިރިކަލުންވެސްޖެހޭ ގެޔަށް އާމްދަނީ ހޯދަން. ނޫނީ ކުރެޑިޓް ކާޑު އެބަޖެހޭ އަނބިމީހާއަށް ދޭން. އެހެންވީމާ، ދައުލަތުން މިއޮތީ ހަމަ އެ މަސައްކަތް ކުރަން. ރައްޔިތުންގެ ޙައްޤުގައި މަސައްކަތް ކުރަން. އެކަމަކު، ރައްޔިތުން ގޮވައިގެން މަސައްކަތްކުރާ މީހަކަށް، ޤާނޫނީގޮތުން ހޮވިފައިހުރި މީހަކަށް، އެކަން ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދޭންޖެހޭ. އެއީ ހުރިހާ ޕާޓީއަކުން. އެއްކޮޅު ޕާޓީންވެސް، އިދިކޮޅު ޕާޓީންވެސް. އަދި އެހެން ވިސްނުމެއްގައި ތިބޭ ބަޔަކުވެސް، ވިސްނުން ވަކި ޕާޓީއެއްގެ ސިފައިގައި ނެތް މީހުންވެސް، އެ ފުރުޞަތު ދޭންޖެހޭ. އެއީ، ހުރިހާ ކަމެއްގައި އެންމެން ބައިވެރިއެއް ނުވާނެ. އެހެންނަމަވެސް، ހޮވުމަށްފަހު އެންމެންނަށް ޚިދުމަތްކުރާ ރައީސެއް 5 އަހަރުގެ މުއްދަތަކަށް ހުންނާނެ. އެހެންވީމާ، އަޅުގަނޑުވެސް މެދުތެރެއިން ދޫކޮށްލާފައި ނުދާކަމަށްވަންޏާ، މި 5 އަހަރު ނިންމާއިރު އަޅުގަނޑުގެ ޕާޓީގެ ތެރެއިންވެސް، އަޅުގަނޑުގެ ޕާޓީގެ މެންބަރުންގެ ފަރާތުންވެސް، އިދިކޮޅު ފަރާތްތަކުންވެސް މި ފުރުޞަތު އަޅުގަނޑަށް ދޭންޖެހޭ. އޭރަށް މި ދެންނެވި ކަހަލަ ޒީނަތްތެރިކަން ގެނެވޭނީ.

ދެން އިދިކޮޅު ފަރާތްތަކުން އަޅުގަނޑުމެންނަށް މި ފުރުޞަތު ދެއްވާއިރުވެސް، ޠާރިޤުގެ ވާހަކަފުޅު ނިންމަވައިލައްވަމުން ވިދާޅުވިގޮތަށް، ރައްޔިތުންނާ ހަމައަށް ވަޑައިގެން އެބަޖެހޭކަންނޭނގެ، އެބޭފުޅުންވެސް ކޮށްދެއްވަން ބޭނުންފުޅުވާ ވާހަކަތައް ވިދާޅުވާން. އެހެންވީމާ، ސިޔާސީ ޕާޓީއެއް އުފެދިގެން، ސިޔާސީ ޕާޓީއެއްގެ ތެރެއިން ރާއްޖެއަށް ހަމަޖެހުމާއި، ރައްޔިތުން ބޭނުންވާ ކަންކަން ކޮށް ނިމިގެން، މުޅި ވެށިތައް، ނޫނީވިއްޔާ މި ސަރަޙައްދުތައް ޒީނަތްތެރި ކުރަން ކުރާ މަސައްކަތުގައި ޙަޤީޤީ ސޫރަޖެހިގެން އަންނާނީ. ޕާޓީތައްވެސް ހަރަކާތްތެރިވަނީ، އެ ކަނޑައަޅައިފައި އޮންނަ އުސޫލުތަކަކާ އެއްގޮތަށް ކަންތައްތައް ކުރަން ބަޔަކު ނިންމައިގެން ތިބިއްޔާ. ރައްޔިތުންގެ މަޖިލީހުގައިވެސް ޤާނޫނުތަކެއް ފާސްކުރަމުން މި ގެންދަނީ. ޤާނޫނުއަސާސީވެސް ފާސްކުރަމުން އެދަނީ. ކޮބައިތޯ، އަޅުގަނޑުމެންނަށް އޮންނަ ކަށަވަރުކަމަކީ ޤާނޫނުތަކާ އެއްގޮތަށް ކަންތައްތައް ދާނެކަމަށް؟ ޤާނޫނު ފާސްކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ޤާނޫނާ ޚިލާފަށް ކަންތައްތަކެއް ކުރަން ނިންމަވައިފި ކަމަށްވަންޏާ، އެ ބޭފުޅުންނަށް އެކަންކަން ކުރެއްވޭނެ. އެކަމަކު، އަޅުގަނޑުމެންގެ އީމާންކަން މި އޮންނަނީ، އަޅުގަނޑުމެން ފާސްކުރާ އެއްޗަކީ ރައްޔިތުންގެ ޙައްޤުގައި ފާސްކުރާ އެއްޗެއް ކަމަށްވަންޏާ. އަސާސްގައި ލިޔާ އެންމެ ވަރުގަދަ އުސޫލަކީ، އެލިޔާ އެއްޗިއްސަށް އަޅުގަނޑުމެން އެންމެން ތަބާވާނެއޭ. މައްސަލަތަކެއް ނިމިގެންދާއިރު، ކޯޓުގައި ނިމުނަސް، އަދި އެހެން ކަހަލަ އެޑްޖުޑިކޭޝަން ބޮޑީއެއްގައި ނިމިގެން ދިޔަޔަސް، އަބަދުވެސް ހިތްހަމަނުޖެހޭ މީހުން ތިބޭނެ. އެކަމަކު އެ އަންނަ ޙުކުމެއް، އެ ނިންމާ ނިންމުމެއް، އަޅުގަނޑުމެން އެންމެން ތަބާވުންމަތީގައި ތިބޭތީ، ތަހުޒީބީ މުޖުތަމަޢެއް ހިނގަނީ.

އެހެންވީމާ، އެ ތަހުޒީބީ މުޖުތަމަޢަށް ދިވެހިރާއްޖެ މިއަދު ޖާގަ އެބަ ދޭންޖެހޭ. އަޅުގަނޑުމެން އަބަދު ކަންކަން ނިންމާނީ މަގުމައްޗަށް ނުކުމެ ތިބެގެނެއް ނޫން. މަގުމައްޗަށް ނުކުންނަ ކަމަށްވަންޏާ، އަޅުގަނޑަށް މަގުމަތީ ފެން ހިންދާނެ ވަގުތުކޮޅުވެސް ނުލިބޭނެ. އެހެންވީމާ، އަޅުގަނޑު އެބަ ބޭނުންވޭ، މިހާރު މާލޭގެ މަގުތަކުގައިވެސް ފެން ހިންދައި، މާލޭގެ ކާނުތައް ސާފުކޮށް، މާލޭގެ މަގުތަކުގައި ގާ އަތުރަން. އެހެންވީމާ، ސިޔާސީ ޕާޓީތަކުން އަޅުގަނޑަށް އެބަޖެހޭ އެ ފުރުޞަތު ދެއްވަން. އެކަން ނިމުނީމާ ހަމަ ނުކުންނަންވީ މަގުމައްޗަށް. އެކަމަކު މަގުމައްޗަށް ނުކުމެގެންވެސް، މި ދެންނެވި ކަހަލަ ކަންތައްތައް ކުރާއިރު، އުސޫލުތަކަށް ތަބާވާ ބައެއްކަން ގަބޫލުކުރަންވާނެ. އަޅުގަނޑުގެ މައްޗަށް ޤާނޫނު ހިނގަން އަޅުގަނޑު ނޭދޭކަމަށްވަންޏާ، އަޅުގަނޑުގެ ވެރިކަމުގައި އެހެން މީހެއްގެ މައްޗަށް ޤާނޫނު ހިންގަން އުޅެފިކަމަށްވަންޏާ، ހަމަގައިމުވެސް ތިޔަބޭފުޅުން ސުވާލު އުފައްދަވާނެ. އެހެންވީމާ، އަޅުގަނޑުމެން އެންމެން ގަބޫލުކުރާ އެއްޗެއް، އެންމެންގެ މަޞްލަޙަތު ނިޔާކުރާ ގޮތެއްގެ މަތިން އެކަށައަޅައިފައި ހުންނަ ޤާނޫނުތަކަކީ. އެއީ ދުސްތޫރު ކަމަށްވިޔަސް، އެހެން ޤާނޫނުތައްވިޔަސް ގަވާއިދު ކަމުގައިވިޔަސް އެންމެން އެއްވަރަކަށް ބޯލަނބާނެ ކަމަށް.

މި ސަރުކާރުން ޕާޓީގެ ވާޞިޠާގެ ތެރެއިންވެސް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް، އަދި އެހެން ވަސީލަތްތައް މެދުވެރިކޮށްވެސް، ކޮށްދެވޭތޯ މި ބަލާ މަސައްކަތަކީ، މި ދެންނެވިކަހަލަ ތަހުޒީބީ މުޖުތަމަޢެއް ދިވެހިރާއްޖޭގައި އާރާސްތު ކުރެވޭތޯ ކުރާ މަސައްކަތް. އަޅުގަނޑުމެން އެންމެންނަކީ، އަޅުގަނޑުމެންގެ ހުރިހާ ދަރިންނަކީ ކިޔަވައިގެން އަދި މަތީ ތަޢުލީމު ހާސިލުކޮށްގެން ތިބޭ މީހުން. އެހެންވީމާ، އެ މީހުންނަށް ގަބޫލުކުރެވޭ ގޮތަކަށް ރާއްޖޭގެ ކަންކަން ހިނގަންވާނީ ދޮގެއްތޯ!

އެހެންވީމާ، މިދާއިރާއަށް އަންނަ ތަރައްޤީ، ޝައްކެއްވެސްނެތްގޮތުގައި، ދާއިރާގެ ޢިއްޒަތްތެރި މެންބަރާއި، އަދި ދާއިރާގެ ރައްޔިތުންގެ ޝައުޤުވެރިކަން އަޅުގަނޑާ ހަމައަށް ގެންނެވިފަދައިން، އަޅުގަނޑު ހަމަ ބަލައިގަންނަން މިހުރިހާ ކަމެއްވެސް. ހަމަ އެއާއެކީގައި ދަންނަވާލަން ބޭނުންވަނީ، ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކަށް ކުރެއްވޭ ފަރުދީގޮތުން، އަދި ޖަމާޢަތުގެ ތެރެއިން ކުރެވޭ މަސައްކަތުގައިވެސް، ސަރުކާރުން އެކަންކަން ކުރުމަށް ފުރުޞަތުދީ، އަދި ސަރުކާރަށް އެކަމަށް ހިތްވަރުދީ، އެކަން ކުރުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ހޯއްދަވައިދެއްވާށޭ. އޭގެފަހުން ހިންގަވާ، 2018ގެ ވޯޓު ފޮށްޓާ ހަމައަށް ދާންވާއިރަށް ޒީނަތްތެރިވެފައި އޮތްވަރު ބަލައިލަން. އެ ހިސާބަށް ދަންދެން އަޅުގަނޑުމެންގެ ޝައުގުވެރިކަން އޮންނަންވާނީ، އެކަންކަން ކޮށްދޭން ބޭނުންވާ ބަޔަކަށް، އެކަންކަން ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން ދޮގެއްތޯ!

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޑިމޮކްރަސީ ތަރުޖަމާވެގެން އަންނަނީ، ވަކި މީހަކު ވިސްނާގޮތަކަށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރުން ދޫކޮށްލާށޭ! ޑިމޮކްރަސީއާއި، ޑިމޮކްރަސީގެ ހުރި ނިޒާމުތަކާއި އިޞްޠިލާޙުތަކާއި އަދި ޑިމޮކްރަސީން ގެނެސްދޭ ކަންތައްތައް ރައްޔިތުންނާ ހަމައަށް ތަރުޖަމާވެގެން އަންނަންވާނީ ގިނަ ބަޔަކު، ނޫނިއްޔާ ކަންކަން ނިންމާ ބަޔަކު، އެކަށައަޅާފައި އޮންނަ އުސޫލުތަކެއް ދަމަހައްޓާ ދެމެހެއްޓުމެއްގެ ތެރެއިން. އެއީ ޑިމޮކްރަސީއަކީ. ޑިމޮކްރަސީއަކީ އެއްގޮތަކަށްވެސް ވަކި ބައެއްގެ ވަށައިގެން އެނބުރޭ އެއްޗަކަށް ވެގެނެއްނުވާނެ. ޑިމޮކްރަސީއަކީ ރައްޔިތުންގެ ގިނަބަޔަކަށް ގަބޫލުކުރެވޭ އުސޫލުތަކެއް، އިޞްޠިލާޙުތަކެއްގެ މައްޗަށް އޮންނަ އެއްޗަކަށް ވާންޖެހޭނީ. އެ ޑިމޮކްރަސީ ދިވެހިރާއްޖެއަށް ގެނައުމުގައި އަޅުގަނޑުމެން ހުރިހާ ސިޔާސީ ލީޑަރުންވެސް ކެތްތެރިވާންވާނެ. އަދި އެކަންކަން ކުރާއިރު އެކި މަރުޙަލާގައި ހައްލުނުކުރެވޭ ކަންތައް ހުރެއްޖެ ކަމަށްވަންޏާ ކޯޓަށްވެސް ދާނެ. އަދި އެހެން ކަންކަންވެސް އެގޮތަށް ހަމަ ނިމިގެންދާނެ. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލުތަކެއްގެ ތެރެއިން، މަގުތަނަވަސް ކޮށްގެން، ކަންކަން ނިންމުމަށް، ފައިސަލާކޮށް ނިންމުމަށް، ފަހުބަސް ބުނާ ހިސާބަށް ދަންދެން އަޅުގަނޑުމެންގެ ދަތުރުކުރުމުގެ ރާސްތާ، ކުރިއަށް އޮތްކަން އަޅުގަނޑުމެން އެންމެން ގަބޫލުކުރަންވާނެ.

އަޅުގަނޑު އެދެނީ، ކަނޑިތީމަށް، ކަނޑިތީމު ދާއިރާއަށް، އާންމުކޮށް ދިވެހިރާއްޖެއަށް، އަބަދުވެސް ފާގަތި އުފާވެރި ދުވަސްތަކެއް. އަޅުގަނޑުމެން އެންމެންގެ ހަމަޖެހުމަށާއި، އަޅުގަނޑުމެންގެ ވިސްނުމަށް ކުރިއަށް ދިޔުމުގެ ރޫޙު ﷲ މިންވަރު ކުރައްވާތޯ ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުމެންނަކީ އަބަދުވެސް ނަސީބުވެރި ބައެއްގެ ގޮތުގައި ލެހެއްޓެވުމަށް އެދި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން.


والسّلام عليكم ورحمـة اللّـه وبركاته.