ޖަރުމަނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖޯން ރޯޑް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޖަރުމަނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވެ ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ. އަދި އާ ސަފީރުގެ ސަފީރުކަމުގައި ދިވެހިރާއްޖެއާ ޖަރުމަނާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި މި އަހަރަކީ ރާއްޖެއާ ޖަރުމަނާދެމެދު ޚާރިޖީ ގުޅުންތައް ޤާއިމުކުރެވުނުތާ 50 އަހަރު ފުރޭ އަހަރު ކަމަށެވެ. އަދި ރާއްޖެއާ ޖަރުމަނާ ދެމެދުގައިވާ ގާތް ގުޅުމަށް އިޝާރާތްކުރައްވަމުން ޖަރުމަނުގެ ފަރާތުން ތަފާތު ކަންކަމުގައި ރާއްޖެއަށް ކެނޑިނޭޅި ދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، "ޕެރިސް އެގްރީމަންޓް" ތަޞްދީޤު ކުރެވުމާ ގުޅިގެން ޖަރުމަނުގެ ސަފީރަށް މަރްޙަބާ ދަންނަވާ، މޫސުމަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށާ އެކަމަށް ވަކާލާތުކުރުމުގައި ރާއްޖޭގެ ސަރުކާރުން ޖަރުމަނުގެ ސަރުކާރާއެކުގައި މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޓެރަރިޒަމަކީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތަށް ޤަބޫލުކުރައްވައިގެން އެކަމުން ސަލާމަތްވުމަށް މަސައްކަތްކުރަމުންދާކަމަށާ ޓެރަރިޒަމާ ދެކޮޅަށް ޖަރުމަނުގެ ފަރާތުން ކުރާ މަސައްކަތުގަ ރާއްޖެއިން އެއްބާރުލެއްވުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގައި މި މައްސަލައަކީ ދާޚިލީ މައްސަލައެއްކަމުގައި ބަލައިގަނެ ޓެރަރިސްޓު ޖަމާޢަތްތަކާ ގުޅެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރައްވާކަމަށެވެ.

ޖަރުމަނުގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނަށް ވިދާޅުވި މަރްޙަބާއަށް ޝުކުރު ދަންނަވާ، އެމަނިކުފާނުގެ ސަފީރުކަމުގައި ރާއްޖެއާ ޖަރުމަނާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް އަލްފާޟިލް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.