بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العــالمـين، والصّــلاة والسّــلام علـى سيّـدنا محمّد خاتم الأنبياء والمرسـلين، وعلـى آلـه وصـحبـه أجمـعـين.

ނެއްލައިދޫއަށް މިއަދު އަޅުގަނޑުމެން މިކުރާ ދަތުރުގައި ނެއްލައިދޫގެ އެންމެހައި ލޮބުވެތި ރައްޔިތުން، އަޅުގަނޑުމެންގެ އިންތިޒާރުގައި، އިސްތިޤުބާލުގައި ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އެންމެހައި ރައްޔިތުންނަށް ވަރަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން މިކުރާ ދަތުރަކީ، ރާއްޖޭގެ އެކި ހިސާބުގައި މިފަހަރު އަމާޒުވެގެން މިދިޔައީ، ހދ. އާއި ށ. ގެ ބައެއް ދިމަދިމަ. ރައްޔިތުން ބޭނުންވެފައި ހުރި ބޮޑެތި ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ފުއްދައިދިނުމުގެ ހިތްހަމަޖެހުން އަޅުގަނޑުމެންނަށް ލިބުމާއި، އަދި ހަމަ އެހެންމެ އެކަމުން ރައްޔިތުންނަށް ލިބޭ އުފަލުގައި ބައިވެރިވުމަށްޓަކައި އަޅުގަނޑުމެންކުރާ ދަތުރެއް. މި ދަތުރުގައި ނެއްލައިދޫގެ، އެތަކެއް ޒަމާންވަންދެން އެތަކެއް ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރައްވަމުން ގެންދެވި އިންތިޒާރަށް ނިމުމެއްއައީ. ދަތިހާލުގައި މުދާބޭލުމާއި ރައްޔިތުންގެ ލަފާފުރުމުގެ ދަތިކަން އިޙުސާސްކުރަމުން ދިޔަދިޔުމަށް ނިމުމެއް އައިކަމީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންނަށް ނިޢުމަތްތައް މިންވަރުކުރައްވާ، اللّـه سبحـانـه وتعـالى އަށް حمد ކުރަމުން ޝުކުރުކުރަމުން، އަދި ނެއްލައިދޫގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށްވެސް އެކަމުގެ ފަސޭހައެއް ލިބުނުކަމަށްޓަކައި ނެއްލައިދޫގެ ރައްޔިތުންނަށް މަރުޙަބާ ދަންނަވާ ކަމެއް.

މިއަދުގެ މި ރަސްމިއްޔާތަކީ، މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެން ނެއްލައިދުއަށް މިކުރާ ދަތުރަކީ، ނެއްލައިދޫގެ މިއުފަލުގައި ބައިވެރިވުމަށް އަޅުގަނޑުމެންކުރާ ދަތުރު. އާދެ، ހަމަ މިއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ނެއްލައިދޫގެ ރައްޔިތުންވެސް އަދި އަޅުގަނޑުމެން ކުރިން ދަތުރުކުރި، ކުރިނބީ، ހިރިމަރަދޫ މި ތަންތަން. އަދި ފަހުން ދަތުރުކުރަންހުރި ތަންތަނުގައިވެސް ވަރަށްބޮޑެތި ބޭނުންތައް ހުންނާނެ. ދެންމެ އަޅުގަނޑުމެންނަށް ކައުންސިލުގެ ރައީސްގެ ވާހަކަފުޅުގައި ވަރަށްގިނަ ކަންތައްތަކެއް ހުށަހެޅިގެން އެ ދިޔައީ. ހަމަ އީޖާބީ ނަޒަރަކުން ބަލައިގަންނަމުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދޭށޭ، ރައްޔިތުން ސަރުކާރު އިންތިޚާބު ކުރަނީ. ހަމައެއާއެކީ، ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދޭން ސަރުކާރުގެ ވަސީލަތްތައް މެދުވެރިކޮށްގެން އަދި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ހަމަ ހޮވާފައި ތިބޭ ބައެއް ކައުންސިލަރުންނަކީ. މިހާރު މިއަންނަނީ އަޅުގަނޑުމެންގެ ކައުންސިލުގެ އިންތިޚާބު. އަޅުގަނޑު ހަމަ ނެއްލައިދޫގެ ހުރިހާ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ރަށަށް ބޭނުންވާ ތަރައްޤީ ގެނައުމުގައި އެންމެ އިސްކަންދޭނެ ބޭފުޅުންނަށް ސަމާލުކަން ދެއްވާށޭ! ސަރުކާރުން މަސައްކަތް މި ކުރަނީ، އަބަދުވެސް ރަށްރަށަށް ބޭނުންވާ ތަރައްޤީ ހަލުވިމިނުގައި، ވީހާވެސް އަވަހަކަށް ގެނެސްދެވޭތޯ. އެއާއެކީ ކައުންސިލްތަކުން މަސައްކަތް ކުރައްވާނީ، ރަށަށް ބޭނުންވާ ތަރައްޤީ ސަރުކާރާ ގުޅިގެން ވީހާ ރަނގަޅަކަށް، ވީހާ ފަސޭހަކަމާއެކީ ގެނެސްދޭން.

ޒުވާނުން ބޭނުންވާނެ، ބަށި ކޯޓުތައް. ޒުވާނުން ފުޓުސެލް ދަނޑުތައް ބޭނުންވާނެ. އަދި ޒުވާނުން ގެދޮރުވެރިވާންވެސް ބޭނުންވާނެ. އަދި މިއާއެކީ ޒުވާނުން ބޭނުންވާނެ، ވަޒީފާ އަދާކުރާނެ ރިޒޯޓުތައްވެސް މިތާ ކައިރީގައި، އެ ފުރުޞަތުތައް ހަމަޖެހިގެން ތަނަވަސްވެގެން ދިޔުން. މިހިރީ ހައްތަހާ ޠަބީޢީގޮތުން އިންސާނުންނަށް ބޭނުންވާ ކަންކަން. މިހުރިހާ ކަންކަމަކީ އަޅުގަނޑުމެން އެންމެން ބޭނުންވާ ކަންކަން. އަދި މިރަށުގައި މިހާރުހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެން އިޢުލާނު ކޮށްފައި އޮންނާނެ، އަޅުގަނޑުމެން ފަސްއަހަރުގެ ތެރޭގައި އަޅުގަނޑުމެން އަމާޒު މިކުރަނީ، ރާއްޖޭގެ އާބާދީއަށް ބަލާފައި އިރާދަކުރެއްވިއްޔާ، މި ފަސްއަހަރުގެ ތެރޭގައި ފަންސާހަކަށް ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ހަމަޖައްސައިދޭށޭ. ހަމަ އެއާއެކީ އަޅުގަނޑުމެންގެ މި ފަސްއަހަރު ނިމިގެންދާއިރު އަޅުގަނޑުމެން ބޭނުންވޭ، އާބާދީ އޭރު އިޢުލާނު ކޮށްފައި އޮންނާނީ، ދެހާހަށްވުރެ ބޮޑެތި އާބާދީ ހުންނަ ތަންތަނުގައި ވެއްޖިއްޔާ ކުޅިވަރުގެ އެރީނާތައް ގާއިމުކުރާނަމޭ. އަދި ކުޅިވަރު އެރީނާތަކުގެ ތެރޭގައި ހުންނަ ހުރިހާ ކަންތައްތައް ހަމަޖެހިގެން ނުދިޔަނަމަވެސް، މިސާލަކަށް، ނެއްލައިދޫގެ އާބާދީއަށް ބަލާކަމަށްވަންޏާ، އަޅުގަނޑަށް އިންތިޒާރު ކުރެވޭ ފުޓުސަލް ދަނޑުވެސް ހަމަ ނެއްލައިދުއަށް ލިބޭނެކަމަށް. އެއީ އެހެން މިދަންނަވާލީ، މިހާރުވެސް އެއޮތީ އަޅުގަނޑުމެން މަސައްކަތް ކުރަން. ބޭނުންވާ ބާރުމިނުގައި ޙަޤީޤަތުގައި މި މަސައްކަތްތައް ނުކުރެވެނީ. ކޮންމެ އަހަރަކު ބަޖެޓުގައި މި ފައިސާ އަޅުގަނޑުމެން އެބަ ހޯދަމު. އެހެންނަމަވެސް މަސައްކަތް ކުރާނެ މީހުންގެ އެވަރުގެ ހަކަތަ ނެތިގެން އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވިގެން މިދަނީ.

މިއަހަރުގެ މެދަކާ ހިސާބަށް ދިޔައިރު، އެކި ފަރާތްތަކަށް އަޅުގަނޑުމެން އެވަނީ، ފުޓުސަލް ދަނޑު، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ 67 ނޫނީ 70 އާ ކައިރި އަދަދަކަށް ދަނޑު ހަވާލުކޮށްފައި. އެހެންނަމަވެސް އަޅުގަނޑުމެންނަކަށް ފެނިގެންނުދޭ، އެ ސްޕީޑުގައި އެކަން ކުރެވޭތަނެއް. ދެން އެކަންކަން އަމިއްލަ ފަރާތްތަކަށް ނުކުރެވޭތީ، ދެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް ކުރަން. މީގެތެރޭގައި އެންމެ ފާހަގަކުރެވޭ މަސައްކަތްތަކެއް މިހާތަނަށް ކޮށްދެއްވަމުން ގެންދެވީ އެމް.އާރް.ޑީ.ސީ. އެހެންނަމަވެސް ވަސީލަތްތަކަށް ބަލާއިރު، ދާންޖެހޭ އެކި ހިސާބުތަކާއި އަދި އެމް.އާރް.ޑީ.ސީ.އިންވެސް ކުރާ ހަމައެކަނި މަސައްކަތަކީ ފުޓުސަލް ދަނޑުއެޅުން ކަމުގައިނުވާތީ، އެއަށްވުރެން ބޮޑެތި މަސައްކަތް އެމް.އާރް.ޑީ.ސީ.އިން ކުރޭ. މިސާލަކަށް، ހިއްކާފައި މި ހުންނަ ބޮޑެތި ބިންތަކުގައި މަގުހެދުން. އާބާދީ ބޮޑެތި ރަށްރަށުގައި މަގުތައް ހެދުން. މިއީވެސް ހަމަ ރައްޔިތުން ހަމަ އަސާސީ ޚިދުމަތެއްގެ ގޮތުގައި މިހާރު ރައްޔިތުން އެދޭ ކަންކަން. އެހެންވީމާ، ކޮށްދޭން ބޭނުންވާ ބާރުމިނުގައި މިކަންކަން ނުވަނީ. އެހެންނަމަވެސް، އަޅުގަނޑު ހަމަ މިއަދުވެސް އަޅުގަނޑުގެ ފަރާތުން ބަހެއް ހޯއްދަވަން އެދިވަޑައިގަތުމާއެކީ، ރައްޔިތުންގެ ފަރާތުން ފިކުރީ އެދިވަޑައިގަތުމާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ މިކަންކަންވެސް ފުދިގެންދާނޭ. އަދި އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ ސާފު ބޯފެން ލިބޭނެ އިންތިޒާމު ނެއްލައިދޫގައިވެސް ހަމަޖެހިގެންދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ ކަމަށް، ވަރަށްކައިރި މުސްތަޤުބަލެއްގެ ތެރޭގައި.

ބަނދަރުގެ ފަސޭހަކަން ލިބިގެންދާއިރު، އަޅުގަނޑު ހަމަ އިލްތިމާސް ކުރަން، ނެއްލައިދޫގެ އިސްބޭފުޅުންނަށް. އަޅުގަނޑުމެންގެ ހައުސިންގ މިނިސްޓަރާއެކީ އަނެއްކާވެސް އިށީނދެވަޑައިގަންނަވަން، ތިޔަ ފައިކަށީގެ މައްސަލާގައި. އަޅުގަނޑު ދެންމެ ސާފުކޮށްލިއިރު، މިހާރު މިއޮތްވަރަށް މިކަން ނިމިގެންދިޔައީ ހަމަ އޭރު ކުރެވުނު މަޝްވަރާތަކެއްގެ މައްޗަށް. އެހެންނަމަވެސް، މަޝްރޫޢެއް ނިމިގެންދާއިރު، ޢަމަލީގޮތުން ދިމާވާ ދަތިތަކެއް ހުރެދާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، އަޅުގަނޑު ހަމަ ހިތްވަރުދެން، ތިޔަބޭފުޅުން ހަމަ މިކަންކަމުގައި ސަރުކާރުގެ މަސްއޫލިއްޔަތު އުފުއްލަވާ ވަޒީރުންނާއެކީ އިށީނދެވަޑައިގަންނަވަން، މިސްކިތުގެ މައްސަލައިގައިވެސް.

މިހުރިހާ ވާހަކައެއް ހަމަ ކުރުކޮށްލާފައި ދަންނަވާނަން. ހުރިހާ ރަށަކަށްވެސް ބޭނުންވާ ކަންތައްތަކަކީ، ހަމަ އަބަދުވެސް، އިތުރުވަމުންދާނެ ކަންކަން. އުންމީދު ކުރައްވަންވީ، އެކިގޮތްގޮތަށް ވަސީލަތްތައް ތަނަވަސްކޮށްގެން، މި ސަރުކާރުން މިހާތަނަށް އައިއިރު ތަފާތު އެކި ކަންތައް ކުރެވެމުންދާކަން. އަށެއްކަސަތޭކަ މިލިޔަން ޑޮލަރު ޚަރަދުކޮށްގެން، ހަތަރުސަތޭކަ މިލިޔަން ޑޮލަރު ޚަރަދުކޮށް، އެއަރޕޯޓާއި، ދެ ރަށް ދޭތެރޭގައި ގުޅުވާނެ ބްރިޖާ އެއްޗެތި ހަދާކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ހަމަ އެ ހަކަތަ، ނޫނީ އެ ތަނަވަސްކަން ހޯދޭނެ، މި ރަށްރަށަށް ބޭނުންވާ ކަންތައްތައް ކޮށްދޭންވެސް. އެކަމަކު އެއާއެކީވެސް ގަބޫލުކުރަންޖެހޭނެ، ދުނިޔޭގެ ބައެއް އެހެން ޤައުމުތަކަށް ބަލާއިރު އަޅުގަނޑުމެންނަކީ، އެއްގޮތަކުން އެއްބައްރަކަށް ބިންގަނޑުނޯވެ، ވަކިވަކި ޖަޒީރާ ރަށްތަކެއް ހިމެނޭ ޤައުމަކަށްވާތީ ހުންނަ ދަތިތައްވެސް. އަދި ހުންނަ ދަތިތަކުގެ ތެރޭގައި ރައްޔިތުން ތަމްސީލުކުރެވޭވަރުވެސް އަޅުގަނޑުމެން ހަމަ ބަލައިގަނެގެން ކުދިރަށެއް، ބޮޑުރަށެއް، މާބޮޑު ފަރަގެއްނެތި އަސާސީގޮތުން ލިބެންވާ ޚިދްމަތްތައް ދިނުމުގައި މި ސަރުކާރުން އެއްވެސް ކަހަލަ ތަފާތެއް ނުގެނެސް ކޮށްދެވޭތޯ ބަލަމުންގެންދަނީ. އެހެންނަމަވެސް، މިއާއެކީވެސް ހަމަ ގަބޫލުކުރައްވަންޖެހޭނެ، ފަސްހާސް، ހަހާސް، ހަތްހާސް، ދިހަހާސް، ސާދަހާސް އާބާދީ އުޅޭ ތަންތަނުގައި ހަދާ ޞިއްޙީ މަރުކަޒުތައް، ކުދިކުދި ރަށްރަށުގައި ހަދާ މަރުކަޒުތަކަށްވުރެން ފުރިހަމަވެގެންދޭ. އެއީ ހަމަ ދުނިޔޭގެ ޙަޤީޤަތް.

އެކަމަކު މިހުރިހާ ވާހަކަޔާއެކީގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކުރެވޭ މަސައްކަތަކީ، ރައްޔިތުންނަށް، ރަށްރަށަށް، ރަށްރަށުގެ ވެށްޓަށް ބޭނުންވެފައިހުރި، މިހެންހުރި އަސާސީ ކަންތައްތަކާއި، އިމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންތައްތަކާއި، ޒަރޫރީގޮތުން ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމަށް ކުރާ މަސައްކަތޭ. މި މަސައްކަތަކީ، އޭގެ ޒާތުގައި އޭގެ މާއްދީ ބައި. މިއީ ޝައްކެއްވެސްނެތްގޮތުގައި، ފައިސާ ތަނަވަސްވިވަރަކުން އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައް. އެކަމަކު އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ، އަޅުގަނޑުމެން މިކުރާ މަސައްކަތް. ހަމަގައިމުވެސް، އަޅުގަނޑުގެ ސަރުކާރުން މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މިކުރި މަސައްކަތަކީ، ހަމައެކަނި ރާއްޖޭގެ އެކި ހިސާބުގައި ނުފުދިފައި ހުރި ކަންތައްތައް، ނޫނީ ނުވެފައި ހުރި ކަންތައްތައް ފުއްދައިދިނުން އެކަންޏެއްނޫން. އެއަށްވުރެ މާ އުނދަގޫތަކެއް މި ސަރުކާރު އިޙްސާސްކުރޭ. އެއީ ރާއްޖޭގެ އެތެރެއިންނާއި، ރާއްޖޭގެ ބޭރުން އިޙުސާސްކުރާ ކަންތައްތައް.

ރާއްޖޭގައި ފައިސާނެތްވަރާއި އަދި ރާއްޖެ، ރާއްޖެއިން ބޭރަށް ދަރަނިވެރިވެފައި އޮތް މިންވަރާއި، އެ ދަރަނި އަދާކުރުމަށް މަސައްކަތް ކުރުމުގައި ފައިސާ ހޯދަން ކުރާ މަސައްކަތާއި، މިއީ އަޅުގަނޑުމެން އާންމު ވަކިވަކި ފަރުދުންގެ ޚިޔާލަށް ނުގެނެވޭ ކަންތައް. އަދި މި ފައިސާ އަދާނުކުރެވޭ ކަމަށްވަންޏާ، ކިހާވަރެއްގެ ފިއްތުމަކާތޯ ރާއްޖެ ކުރިމަތިލަނީ. ރާއްޖެވެސް ރާއްޖެއަށް ހޯދާ ފައިސާ މި ހޯދަނީ، އަމިއްލަ ފަރުދަކުވެސް ފައިސާ ހޯދާކަހަލަ އުސޫލަކުން. އަމިއްލަ ފަރުދަކުވެސް ފައިސާ ހޯދާނީ އޭނާއަކީ، މުސާރަވެރިއެއް ކަމަށްވަންޏާ، ލިބޭ މުސާރައިގެ އިތުރުން، އަމިއްލައަށް ވިޔަފާރިކޮށްގެން ހޯދާ ފައިސާއެއް. އޭގެއިތުރަށް ހޯދާ ފައިސާ އޭނާ ހޯދަންޖެހެނީ، މަސައްކަތް ތަރައްޤީކުރަންވިޔަސް، ބޭންކުން، ނޫނީ މީހެއްގެ އަތުން ލޯނެއް ނަގައިގެން. ލޯނެއް ނަގައިގެން މި ކުރަންޖެހެނީ. ދައުލަތުންވެސް މިކުރާކަމަކީ، ދައުލަތަށް ލިބޭ އާމްދަނީގެ އިތުރުން ދައުލަތުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ރާއްޖޭގެ އެތެރެއިން، ރާއްޖޭގެ މަރުކަޒީ ބޭންކުން، ނޫނީވިއްޔާ ރާއްޖޭގައި މިހިރަ ކޮމާޝަލް ބޭންކުތަކުން ނަގާ ލޯނު. އެއީ އަނބުރާ ދައްކަންޖެހޭ އެއްޗެއް. ސަރުކާރަކަށްވީތީ، އެ ފައިސާ ނުދައްކައެއް އަޅުގަނޑުމެންނަކަށް މަޑެއްނުކުރެވޭނެ. ދައްކަންޖެހޭ ފައިސާ އެއީ. ހަމައެގޮތަށް، ރާއްޖެއިން ބޭރުންނަގާ ދަރަންޏަކީ އަދި އެއަށްވުރެން އިސްކަމެއްދީގެން އަދާކުރަންޖެހޭ ދަރަނި. އަޅުގަނޑުމެން މިއަދާ ހަމައަށް އަޅުގަނޑުމެންގެ ދަރަނި އަދާކުރުމުގެ ޤާބިލިއްޔަތު ހުރި މިންވަރު، ނޫނީވިއްޔާ ދަރަނިވެރިވެފައި އޮތްވަރަށް ބަލާކަމަށްވަންޏާ، އަޅުގަނޑުމެންގެ އުފެއްދުންތެރިކަމުގެ ދިހައެއް އިންސައްތަ މިދަނީ ދަރަންޏާއި، ދަރަންޏަށް ދައްކަންޖެހޭ ލޯނުގެ އިންޓްރެސްޓް އަދާކުރުމަށްޓަކައި. މިކަންކަމާއެކީ، އަޅުގަނޑުމެން މި ޒަޢާމަތާ ހަވާލުވިއިރު މިއޮތީ ގާތްގަނޑަކަށް ތިރީސް ފަސްހާސް މިލިޔަން ރުފިޔާ. ނޫނީވިއްޔާ ޖުމުލަކޮށް ތިން އަހަރުން ރާއްޖެއަށް އުފެއްދޭ ތަކެތި، ރާއްޖެއިން ވިއްކާ ތަކެތީގެ އަގު އެއްކޮށްލީމާ އޮންނަވަރުގެ ބޮޑު ދަރަންޏަކާއެކީ އަޅުގަނޑުމެން މަސައްކަތް ކުރަނީ.

އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންހުރި ބައެއް ކަންތައްތައް. ހަމައެކަނި މާއްދީ ކަންތައްތައް ހަމަޖެއްސުމެއްނޫން. ސިސްޓަމެއް، ނިޒާމެއް ފުރިހަމަކުރަންކުރާ މަސައްކަތްތަކެއް ސަރުކާރުން ކުރަންޖެހެނީ. އެ ނިޒާމު ފުރިހަމަކުރަން ކުރާ މަސައްކަތުގެ ތެރޭގައި މިހިރީ، މިދެންނެވި ކަހަލަ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ އިތުރަށް، ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންތައްތައް. ތަޢުލީމީ ދާއިރާއަށް ބޭނުންވާ ކަންތައްތައް. އަދި އަމިއްލަ ފަރުދުންނަށް ބޭނުންވާ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއިން ނިޒާމެއްގެ ތެރެއިން ކޮންމެވެސްކަހަލަ މަރުކަޒީ އިންތިޒާމެއްގެ ތެރެއިން ކުރަންޖެހޭ ކަންތައްތައް. މިސާލަކަށް، އަޅުގަނޑު މީގެކުރިން ރަށެއްގައި ވާހަކަދައްކަމުން ދަންނަވާލިން. ފުރާވަރަށް އަންނަ ކުދިންގެ ހެލްތް ސްކްރީނިންގ. މިއީ ދުވަހަކުވެސް މީގެކުރިން ރާއްޖޭގައި އާންމުކޮށް ކޮށްއުޅުނު ކަމެއްނޫން. އެކަމަކު މިހާރު މިވަނީ، އަޅުގަނޑުމެންގެ ނިޒާމުގެ ތެރެއިން އެކަން ކުރެވޭނެ ގޮތްތަކެއް ހޯދަން ފަށާފައި. އަދި އިރާދަކުރެއްވިއްޔާ، އެކަން ހިނގަމުންވެސް އެބަދޭ. މީގެފަސޭހަ އަދި މީގެ ރައްކާތެރިކަން މި އަންނަނީ، އެ ކުދިންނަށާއި، އެކުދިންގެ ޢާއިލާތަކަށް. ޢާއިލާތައް ހިމެނޭ މުޖުތަމަޢަށް. މުޅި ދިވެހިރާއްޖެއަށް. މިއަންނަނީ މިދެންނެވި ކަހަލަ ނިޒާމަށް ގެންނަ ބަދަލުތައް. ހަމަ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި މިދަނީ، އަޅުގަނޑުމެން ކަނޑުދަތުރުކުރާ އުޅަނދުފަހަރު އިންޝުއަރ ކުރަންޖެހޭ ކަންތައް. ފަރުދީގޮތުން މީހުންނަށް އުފުލަންޖެހޭ ތަކުލީފުތަކެއް ހުރެދާނެ. އެކަމަކު ކޮންމެ މީހަކަށްވެސް އެމީހާގެ ދޯނި، އެމީހާގެ އޮޑި ފަރަށްއެރީމަ، ނޫނީ ހަލާކުވީމަ، އިންޝުއަރކޮށްފައި އޮތީމަ، އޭގެ ފައިދާ ނޫނީ އޭގެ މަންފާ އިޙުސާސްކުރަން އެނގެނީ.

އެހެންވީމާ، އިތުރަށް އާމްދަނީ ހޯދަންކުރާ މަސައްކަތުގައި، އެންމެ ފަސޭހަކަމަކީ މިދެންނެވި ގޮތަށް އިންޝުއަރެންސް ކޮށްފައި އޮތް ކަމަށްވަންޏާ. އެހެންނަމަވެސް، ވަގުތީގޮތުން އުނދަގުލެއް އުފުލަންޖެހޭނެ. ނިޒާމު ފުރިހަމަކުރަން ކުރާ މަސައްކަތުގެ ތެރޭގައި ދާކަމެއް އަޅުގަނޑުމެން ދިރިއުޅޭ ވެށްޓަކީ، އަމާން ވެށްޓަކަށް ހަދަންކުރާ މަސައްކަތް. އޭގެ ބައެއް ތަފުސީލުތައް، އަޅުގަނޑު މީގެކުރީގެ ދެ ޖަލްސާއެއްގައި ވާހަކަ ދެއްކިއިރު ދީފިން. އަޅުގަނޑު ނެތިން، ތިޔަބޭފުޅުންނަކަށް އެވާހަކަތައް ތަކުރާރުކުރާކަށް. އެހެންނަމަވެސް، ދަންނަވަން ބޭނުންވަނީ، އިންސާނުންނަކީ، ރައްޔިތުންނަކީ، ވަކިގޮތަކަށް ވަކި ހަމަތަކެއްގެ މަތިން، ވަކި ތަރުތީބެއްގެ މަތިން އެކަކު އަނެކަކަށް އިޙްސާންތެރިކަމާއެކީ، ނޫނީވިއްޔާ އިޙުތިރާމާއެކީ މުޢާމަލާތުކުރާ ބައެއް. އެއީ އިންސާނުންގެ ނަސްލު އޮންނަގޮތް. އަޅުގަނޑުމެން، އެހެން ހައިވާނުންނާ ތަފާތުވަނީ މިދެންނެވި ގޮތަށް. އޭގެތެރޭގައި އެއްވެސްކަހަލަ އޯޑަރެއް، ނޫނީ ތަރުތީބެއް ނޯވޭ. އެކަމަކު އިންސާނުންނަށްވީތީ، އެ ތަރުތީބު އަޅުގަނޑުމެންގެ ތެރޭގައި އޮތުން ލާޒިމު. އެއީ، އަޅުގަނޑުމެންގެ ނަސްލު ކުރިއަށްދާގޮތަކީވެސް.

އެހެންވީމާ، މި ތަރުތީބުތައް ކުރަމުންދާއިރު، ތަރުތީބު މި ވާންޖެހެނީ ހަމައެކަނި އަޅުގަނޑުމެންގެ ވަކިވަކި ރަށްރަށުގައި ހުރި ކަންތައްތަކެއް ނޫން. މުޅި މަރުކަޒީ ނިޒާމަށް ބަލާއިރު ތަރުތީބުވާންޖެހޭ ކަންތައްތަކެއް ހުރޭ. އޭގެތެރޭގައި އެންމެބޮޑު މަސައްކަތެއް މި ކުރެވެނީ، ދިވެހިރާއްޖޭގެ ޚަޒާނާއަށް އާމްދަނީ ލިބޭނެ ގޮތްތައް ހޯދުން. އަޅުގަނޑުމެންގެ ޚަޒާނާއަށް ދާއިމީގޮތެއްގައި އާމްދަނީ ލިބޭނެ އިތުރު ގޮތްތަކެއް ހޯދިގެން ނޫނިއްޔާ، އަޅުގަނޑުމެން މިދެންނެވި ގޮތަށް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ހޯދަންޖެހޭ ފައިސާ ހޯދުމަށް ބޭރުގެ ބޭންކަކަށް ނޫނީ ރާއްޖޭގެ ބޭންކަކަށް ދިޔަޔަސް، އެއަށް އަޅުގަނޑުމެންނަށް އެއްވެސްކަހަލަ ޖަވާބެއް ނުލިބޭނެ. ހަމައެއާއެކީ، ރާއްޖޭގެ ރައްޔިތުންނަށް ވިޔަފާރިކުރާ ފަރާތްތަކަށް ރާއްޖެއަށް އައިސް އިންވެސްޓްކޮށްގެން ރާއްޖޭގެ ބޮޑެތި މަސައްކަތްތައް ކުރާ ފަރާތްތަކަށް ދެން އުފައްދާނެ ސުވާލަކީ، ކީއްވެގެންހޭ ރާއްޖޭގައި ބޮޑެތި މަސައްކަތްކުރަން ބޭރު މީހުން އަންނަންޖެހެނީ؟ ރާއްޖޭގައި ބޮޑެތި މަސައްކަތްކުރަން ބޭރު މީހުން އަންނަނީ، ރާއްޖޭގެ އެވަރުގެ ފޯރުންތެރި މީހުން ނެތީމާ.

އަޅުގަނޑުމެންގެ ޓޫރިޒަމުގެ ޞިނާޢަތަށް ބަލާކަމަށްވަންޏާ، ޓޫރިޒަމުގެ ޞިނާޢަތް ރާއްޖޭގެ އެކި ހިސާބަށް ފެތުރިގެން މިދިޔައީ ކީއްވެގެންތޯ؟ އެއީ އެއަރޓެކްސީގެ ޚިދްމަތް އެހާ ފުޅާގޮތެއްގައި ދެވުނީމާ. ޓޫރިޒަމުގެ ދާއިރާގައި މިތިބީވެސް ދިވެހި ރައްޔިތުން. އަދި ބޭރުގެ ފަރާތްތައް. އެކަމަކު ޝައްކެއްވެސްނެތްގޮތުގައި، އެއަރޓެކްސީ، ނޫނީވިއްޔާ މީހުން އުފުލުމުގެ ޞިނާޢަތުގައި މިތިބީ ހަމަ މުޅިން ބޭރުގެ ކުންފުނި. އެހެންވީމާ، ބޭރުގެ މީހުން ރާއްޖެ އަންނަން ޖެހެނީ. ރާއްޖޭގައި މިކުރެވޭ ބޮޑެތި މަސައްކަތްތައް މިކުރަނީ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާއެކީ. ރާއްޖޭގައި އޮންނަ ނިޒާމާދޭތެރޭ އެމީހުންނަށް އިތުބާރުދިނުމަށްޓަކައި، އަޅުގަނޑުމެން މާރުކުރަން މިގެންގުޅޭ ދިވެހިރުފިޔާއަކީވެސް، އަގެއްހުރި އެއްޗަކަށްވާން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑުމެންނަކަށް ގަބޫލެއްނުކުރެވޭ، ކޮންމެ އަހަރަކު ދެ ފަހަރު ކަހަލަގޮތަކަށް ޑޮލަރާއި ރުފިޔާ މާރުކުރާ ރޭޓު، ދެރުފިޔާ ތިންރުފިޔާއަށް އަގު ބަދަލުވެގެންދާދިޔުމެއް. މިއީ، މަރުކަޒީގޮތުން ހިފަހައްޓަންޖެހޭ ކަންކަން. މިކަންކަން ކުރާއިރު، މިކަންކަން ކުރަން ފައިސާ ބޭނުންވާއިރު، ހަމަ މި ފައިސާއަކީ އަޅުގަނޑުމެން އެހެން މަޝްރޫޢުތަކަށް ހޭދަކުރަން ހުންނަ ފައިސާ.

އެހެންވީމާ، ބޭރުގެ ފަރާތްތަކަށް މި ކޮންފިޑެންސް ދިނުމަށް، ނޫނީ މި އިތުބާރު ދިނުމަށްޓަކައި ކުރާ ކަންކަމަކީ، މިދެންނެވި ގޮތަށް މަރުކަޒީ އިންތިޒާމުތައް ވަރުގަދަކުރަން ކުރާ ކަންތައް. މަރުކަޒީ އިންތިޒާމުތައް ވަރުގަދަކުރަން ކުރާ ކަންތަކުގައި އަޅުގަނޑުމެންނަކީވެސް، ބޭރުގެ މިކަހަލަ މާލީ އިދާރާތަކުގައި ބައިވެރިވެގެން އުޅޭ ޖަމާޢަތަކަށްވާން ލާޒިމު. އެއީ، އދ. ގައި އަޅުގަނޑުމެން އުޅޭ އދ. ގެ ޢާއިލާގެ މެންބަރަކަށްވާތީ، ޤައުމަކަށްވާތީ. އަދި އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ހުރިހާ ބޭނުންތައް އެކަނި ފުއްދޭ ބަޔަކަށްނުވާތީ. މުޅި ދުނިޔޭގެ ޢާއިލާގައި އުޅޭ ބަޔަކަށްވާތީ. ހަމައެކަނި އަޅުގަނޑުމެން ގުޅުން އުފައްދަންޖެހެނީ، ސިޔާސީ ގުޅުމެއް ނޫން. ޑިޕްލޮމެޓިކް ގުޅުމެއް ނޫން. ވިޔަފާރިއާއި ވިޔަފާރިކުރުމާ ގުޅުންހުރި އެހެން ޞިނާޢަތްތަކާއި އަދި ފަތުރުވެރިކަމުގެ ޞިނާޢަތާއި، ދަތުރުފަތުރުގެ ޞިނާޢަތާއި، މިކަހަލަ އެތައް ކަމެއްގައި އަޅުގަނޑުމެން ބައިވެރިވާން އެބަޖެހޭ. އެއީ ދުނިޔޭގައި މި ދަތުރުފަތުރުކުރާ މީހުންނަށް އަދި ދަތުރުފަތުރުކުރާ ފަރާތްތަކަށް ސަލާމަތީގޮތުންނާއި، ޢަމަލުކުރަންޖެހޭ ވަކިކަހަލަ ޕްރޮޓޮކޯލްތަކެއް ހުންނާތީ، އެގޮތުގެމަތިން އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް އެ ހުންނަނީ. އެހެންވީމާ، މިކަންކަން ކުރާއިރު، އަޅުގަނޑުމެން އެބަޖެހޭ މިފަރާތްތަކުގެ ބަސްތައް އަޑުއަހަން.

އެހެންވީމާ، އަޅުގަނޑުމެންގެ ރުފިޔާ އަޅުގަނޑުމެންނަށް އަތްނުފޯރާވަރަށް އޭގެ އަގު، ނޫނީވިއްޔާ ޑޮލަރުގެ އަގު އަރައިގެން ދިޔުމަކީ، އަޅުގަނޑުމެންނަށް މަރުކަޒީގޮތުން ބޭރުގެ އިންވެސްޓަރުންނަށް، ރާއްޖޭގެ މީހުންނަށް އެއްވެސްކަހަލަ އިތުބާރެއް އަޅުގަނޑުމެންގެ އިޤްތިޞާދާ ދޭތެރޭގައި ލިބޭ ކަމެއްނޫން. މި ވާހަކަތައް ދެންނެވުމުގެ ބޭނުމަކަށްވަނީ، ހަމަ ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖެއަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދަންނަވަން. މިއީކީ، އަޅުގަނޑުމެން ރާއްޖެއިން ބޭރުގައި ތިބި ރާއްޖޭގެ ބަޔަކު ދައްކައިގެން އުޅޭ ކަމެއްގެ އުނދަގުލެއްވެސް ނޫން. މިއީ އަޅުގަނޑުމެން، އަޅުގަނޑުމެންގެ ހުރިހާ ކަންތައްތައް މިހާހިސާބަށް އައިއިރު، އަދި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފުޅާކުރަމުން ގެންދާއިރު، އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް. އެކަމަކު ނިޒާމެއްގެ ތެރެއިން، މަރުކަޒީ ނޫނީވިއްޔާ ސިސްޓަމެއްގެ ތެރެއިން، ކޯޑިނޭޓްކޮށްގެން މިކަންކަން ކުރަންޖެހޭ ސަބަބަކީ، މިދެންނެވި ގޮތަށް ރާއްޖެއަކީ، ބޭރުގެ ބޮޑެތި ވިޔަފާރިތައް އަންނަ ތަނަކަށް ހެދުން.

އެހެންވީމާ، މީގެކުރިން އަޅުގަނޑުމެން ނުކުރާކަހަލަ ކަންތައްތައް މިހާރު އެބަކުރަންޖެހޭ. މީގެކުރިން އަޅުގަނޑުމެންނަކީ، ދިގު މުއްދަތަކަށް ބިން ދޭ ބައެއް ނޫން. ޓޫރިޒަމްގެ މަސައްކަތް ފެށިގެން އައިއިރު، އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، މީގެ 40 އަހަރު ކުރިން ފެށިގެންއައީ. ޓޫރިޒަމްގެ ރަށެއް ހަދަންދީފައި، މުއްދަތަކީ، 7 އަހަރު. އޭރު އިންވެސްޓް ކުރާނީ ގާތްގަނޑަކަށް ތިންހަތަރު ލައްކަ ޑޮލަރު، ނޫނީވިއްޔާ މިލިޔަނެއްހާ ޑޮލަރު. އޭގެފަހުން އެ 14 އަހަރަށްވެސް ބަދަލުވިކަންނޭނގެ. 21 އަހަރަށްވެސް ބަދަލުވި. އޭގެފަހުން 35 އަހަރަށް ބަދަލުވި. މިހާރު ވަކިވަރަކަށްވުރެން ސައިޒު ބޮޑުވެއްޖެ ކަމަށްވަންޏާ 99 އަހަރަށްވެސް އެބަލިބޭ. އެހެންނަމަވެސް، ރަށެށް، ނޫނީވިއްޔާ ދިވެހި ބިމުން، ބިން މިލްކު ކުރުމަކީ އަމުދުން ބޭރު ފަރާތްތަކަށް ކުރެވޭ ކަންކަމެއް ނޫން. އެކަމަކު ބިޔަ ބޮޑެތި މަޝްރޫޢުތައް ގެންނަކަމަށްވެންޏާ، ދުނިޔޭގެ އެހެން ތަންތަނުގައިވެސް މިކަން އޮންނަގޮތަށް ރާއްޖޭގައި މިކަން ނުކުރާ ކަމަށްވަންޏާ، ރާއްޖެއަށް އެކަހަލަ ބޮޑެތި އިންވެސްޓްމަންޓުތައް އަންނަންޖެހޭ އެއްވެސް ސަބަބެއްނެތް. އެކަމަކު މިކަންކަން އަޅުގަނޑުމެންގެ ތެރެއިން އެއްބަޔަކަށް ގަބޫލުކުރަން ދަތިވެގެން މިއުޅެނީ. އެކަމަކު މިކަންކަން ކުރުމުގެ ބޭނުމަކީ، މި ދާއިރާއަށް ޓޫރިޒަމް ގެންނަން.

ދެންމެ އަޅުގަނޑަށް އައި އިލްތިމާސްގެ ތެރޭގައި މިއައީ ނާގޯށި. އެއީވެސް ހަމަ ވަރަށްގިނަ ދުވަސްވަންދެން ބަޔަކު އަތުގައިއޮވެ، އެކަން ނުކުރެވި އެ ދިޔައީ. ދެންއޮތް ރަށަކީވެސް ހަމައެހެން ދާ ތަނެއް. އެތަނުން އެއް އިންވެސްޓަރަކު އަޅުގަނޑު ކައިރީގައި ވިދާޅުވި، އަޅުގަނޑު ހިތްހަމަޖެހެންޏާ، މި ޚަބަރުދިނަސް އެންމެ ރަނގަޅޭ. އެހެންނަމަވެސް، އެއީ، އަމިއްލަ އިންވެސްޓަރެއްވީމާ އަޅުގަނޑު އެ އިންވެސްޓަރުގެ ފަރާތަކުންނެއް ތިޔަ ބޭފުޅުންނަށް އެ ހިތްހަމަޖެހުން ދޭކަށް ބޭނުމެއްނޫން. އެއީ މިހާ ދުވަސްވަންދެންވެސް ނުހެދި ދިޔައިމާ. އަޅުގަނޑުގެ އިތުބާރު ހަމަ އަޅުގަނޑަށް ލިބޭނީ އެތަން ހުޅުވުނީމާ. އެހެންނަމަވެސް، ނާގޯށްޓަކީ، އެމް.ޓީ.ޑީ.ސީ.ގެ ބެލުމުގެ ދަށުގައި އޮންނަ ތަނަކަށްވާތީ، އަޅުގަނޑު މިނިސްޓަރާ ވާހަކަދެއްކިން. އަދި އަޅުގަނޑު ނިންމާފައި މިއައީ، އެމް.ޓީ.ޑީ.ސީ. އިން އެތަން ވަކިކުރަން. ވަކިކޮށްފައި ނާގޯށްޓަށް ރަނގަޅު އިންވެސްޓަރެއް ހޯދައިގެން އިންވެސްޓްމަންޓުގެ މަސައްކަތް ކުރެވޭނެގޮތެއް އިންތިޒާމު ކުރުން. އެހެންވީމާ، އަޅުގަނޑުގެ އުންމީދު އެބައޮތް. އަދި ހަމަ މިއަދު ހިރިމަރަދޫގައި ވާހަކަ ދައްކަމުން އަޅުގަނޑު ދަންނަވާލިގޮތަށް، އުތުރުގައި މި ސަރަޙައްދަށް އެއަރޕޯޓު ބޭނުންވާތީ، އަޅުގަނޑުމެން މި ސަރަޙައްދަން އެއަރޕޯޓެއް ހަމަޖައްސަން. ހަމަ އެއާއެކީ މިފަހަރު މި ދޫކުރާ، ކުރިއަށް އޮތް 2 އަހަރު ދޫކުރާ 13 ނޫނީވިއްޔާ 15 ވަރަކަށް ރަށުގެ ތެރެއިން %85 ވަރު. އެންމެގިނަ އަދަދެއްގެ ރަށްތައް ދޫކޮށްފައި އެއޮތީ ހދ. ގެ ދާއިރާއަށް. ހދ. ހއ. ށ. ގިނަ ރަށްތައް އެހެރީ ހދ. ގެ ދާއިރާއަށް. އޭގެ ބޭނުމަކަށްވަނީ، ހަމަ ޙަޤީޤަތުގައިވެސް މިރަށްރަށުގެ ޒުވާނުންނަށް ވަޒީފާ ލިބޭނެ ފުރުޞަތުތައް ހޯދައިދިނުން.

އެހެންވީމާ، މަސައްކަތްތަކެއް އެބަކުރެވޭ. އެހެންނަމަވެސް، މިދެންނެވި ގޮތަށް ސަރުކާރުން ކަންތައްތައް ކުރާއިރު ތަރުތީބުތަކެއް ކަނޑައަޅަންޖެހޭ. ސަބަބަކީ، ދައުލަތަށް ލިބޭ އާމްދަނީއާއި ދައުލަތުން ކުރަންޖެހޭ ހޭދައަށް ބަލާއިރު، ތަފާތުތަކެއް ހުންނާތީ. އެ ހޭދަ ފޫބައްދަން ކުރާ މަސައްކަތުގެ ތެރޭގައި އަޅުގަނޑުމެން ދައުލަތަކަށް އޮވެގެން އަޅުގަނޑުމެންނަށްވެސް އަތްނުފޯރާ ހިސާބަށް ގެންދެވޭވަރު ނުވަނީ. އެހެން ގެންދާކަމަށްވަންޏާ އަޅުގަނޑުމެން އަތުގައި ބޭރު ފައިސާނެތި ކުރެވޭ މަސައްކަތް މިހެން ދާކަމަށްވަންޏާ، ދިވެހި ރުފިޔާއިން މިއަދު -/12 ރުފިޔާއަށް ގަންނަ އެއްޗެއް މާދަމާ -/25 ރުފިޔާއަށް ދިޔުން ކަހަލަ ކަމެއް އެއީ. އެހެންވީމާ، މިއީކީ އަދި ރައްޔިތުންނަށް ފަސޭހަގޮތަކަށް ވެގެނެއް ނުދާނެ. ނިޒާމެއްގެ ތެރެއިން މިކަހަލަ މަސައްކަތްކުރާ ކަމަށްވަންޏާ، ދެމެހެއްޓެވި ގޮތެއްގައި ދައުލަތުން އެހީދެވޭ ކަންކަމުގައި ދައުލަތުން އާމްދަނީ ހޯދޭނެގޮތްތަކެއް ހޯދާފައި އެހީދެވޭނީ.

އެހެންވީމާ، ބަލައިލުމެއްނެތި، އަދި ސަރުކާރުން އެ ހިފެހެއްޓޭނެ ގޮތެއްނެތި ދާއިމަށް ބޮޑެތި އަދަދުގެ ސަބްސިޑީ ސަރުކާރުގެ ދައުލަތުގެ ބަޖެޓަށް ނުތަކާވަރަށް ދެމުންގެންދާ ކަމަށްވެންޏާ އެއީ ބޭރުގެ މާލީ އިދާރާތަކުގައި ބައިވެރިވެގެން އަޅުގަނޑުމެން އުޅޭއިރު، އަޅުގަނޑުމެންގެ މައްޗަށް އެފަރާތްތަކުގެ އަމުރު ހިނގާ ކަންކަން. އެކަންކަން ކުރަން އަޅުގަނޑުމެންނަށް މަޖުބޫރު ކަންކަން އެއީ. އެހެނެއްނޫން، އަޅުގަނޑުމެން ސަބްސިޑީ ދިގު މުއްދަތަކަށް ދެމުން، އެ ފައިސާ ހޯދޭނެގޮތްތައް ދައުލަތުން ރާވައިގެން އެކަންކުރެވޭ ކަމަށްވަންޏާ، އެކަން ކުރެވޭނެ. އެއީ، ކުރު މުއްދަތެއްގައި. އެކަމަކު އެހެނެއްނޫން، އަޅުގަނޑުމެންގެ ތެރޭގައި ކަންކަން މިވަނީ. އަޅުގަނޑުމެންނަކީ ވަރަށް އިޙުސާންތެރި، މީހުންނަށް އަޅައިލާ މުޖުތަމަޢަކަށްވާތީ، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ، ވަރަށްގިނަ ކަންތައްތައް ދިވެހި ދައުލަތުން ރައްޔިތުންނަށް ކޮށްދެނީ ހިލޭ. ނޫނީވިއްޔާ ޖެހޭ ޚަރަދަށްވުރެން ކުޑަކޮށް.

ދުނިޔޭގައި ހުރިހާ ތަނެއްގައި ހަދާ ބަނދަރުތަކަކީވެސް، ބަނދަރު ހިންގާ ބަޔަކު ޓެކްސް ނަގައިގެން، ފީ ނަގައިގެން ބަނދަރު ދެކޮޅުޖައްސާ ތަންތަން. ރާއްޖޭގައި މި ހަދާ ބަނދަރުތައް 30 މިލިޔަނުން، 40 މިލިޔަނުން ހޭދަކޮށްގެން ދައުލަތުގެ ބަޖެޓުން މި ހަދާ ބަނދަރުތަކަކީ، ބަނދަރުން ފީ ނަގައިގެން ހިންގާ ތަންތަނެއް ނޫން. އެހެންވީމާ، މިހުންނަނީ ތަފާތު. އެހެންވީމާ، މިކަހަލަ ނިޒާމެއްގެ ތެރޭގައި އުޅޭއިރު، އެހީވުމުގެ ތެރެއިން، އެހީވެވޭނީ ދައުލަތަށް ކެރިފޯރުންތެރިކަން ހުރި މިންވަރަކަށް. ދާއިމީކޮށް އެކަން ނުކުރެވޭގޮތަށް ދާކަމަށްވަންޏާ އަޅުގަނޑުމެންނަށް މަޖުބޫރު ކަންތައްތަކެއް އަންނާނެ.

އެހެންވީމާ، ސަރުކާރުން މިއަދު މިކުރާ ކަމަކީ، މިޒަމާނުގެ ޑިމޮކްރެޓިކް ސަރުކާރަކަށް، މިޒަމާނުގެ ޑިމޮކްރެޓިކް ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށްޓަކައި، ފައްކާކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް. އެކުރާ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ އިސްތިޤުލާލަށް ޙުރުމަތްތެރިކޮށްހިތާ، އަޅުގަނޑުމެންނަކީ ރައްޓެހި ރަޙުމަތްތެރި ޤައުމުތަކާއި އަދި އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ އަމިއްލަ ގޮތްގޮތް ނިންމުމުގެ ފުރިހަމަ އިޚުތިޔާރު އޮންނާނެ ކަމަށް ގަބޫލުކުރާ ދައުލަތްތަކާ އަޅުގަނޑުމެންނާ ގުޅުން އޮންނާނެ. އަޅުގަނޑުމެން ހަމަ ވަރަށް ރަޙުމަތްތެރި ދައުލަތްތައް އެއީ. އެއީ، ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ދައުލަތެއް. އެހެންނަމަވެސް، އަބަދު، އަބަދު އަޅުގަނޑުމެންކުރާ ކަންކަމާބެހި، އަޅުގަނޑުމެން ކުރާ ކަންކަމަށް ފާޑުކިޔައި، ކޯޓު އަމުރުތަކަށް ޖަދަލުކޮށް، ކޯޓު އަމުރުތަކާ ދޭތެރޭގައި ހިތްހަމަނުޖެހިގެން، އަޅުގަނޑުމެން ގޮވައިގެން އެނޫން އެހެން މަރުޙަލާތަކުގައި، ދަތުރުކުރަން ނިންމާކަމަށްވަންޏާ އެއީ، އަޅުގަނޑުމެންނަށް ބަލައިގަންނަން އެހާ ފަސޭހަ ކަންކަމެއްނޫން.

ހަމައެގޮތަށް، ދިވެހިރާއްޖޭގެ ވެށީގެ ތެރޭގައި ހިނގާ ކަންކަމުގެ ތެރޭގައި ފުރިހަމަނުވެ ހުރި ޤާނޫނުތައް ހުރުމާއެކީ، ޤާނޫނުގެ ހިމާޔަތުގެ ތެރެއިން، ނޫނީވިއްޔާ އެޅިފައިހުރި ލޯވަޅުތަކުގެ ތެރެއިން، ބާގަނޑު ހަދައިގެން، އެހެން މީހުންނަށް ގެއްލުންވާގޮތަށް ކަންތައްތައް ކުރާއިރު އެއީ، އަޅުގަނޑު މިދެންނެވިހެން، ނިޒާމު ފުރިހަމަކުރަން ކުރާ ބަޔަކު އެ ބާގަނޑުތައް ހަނިކުރަން، ނޫނީ އެ ލޯވަޅުތައް ނައްތާލަން ކުރާ މަސައްކަތްތަކެއް ކުރަނީ.

އެހެންވީމާ، ލިބިފައި އޮންނަ ޚިޔާލުފާޅުކުރުން ކަހަލަ، ލިބިފައި އޮންނަ މިނިވަންކަން، އަދި އޭގެ ޒާތުގައި ޞައްޙަގޮތުގައި ބޭނުންކޮށްފި ކަމަށްވަންޏާ، ރައްޔިތުންނަށް ފައިދާހުރި ކަންކަން، ނޫނީ ރައްޔިތުންނަށް ފައިދާހުރި އިޞްޠިލާޙުތަކުގެ ތެރެއިން، ބާގަނޑުތައް އަޅައިގެން ނާޖާއިޒުކޮށް ބޭނުންކޮށްގެން މީހުންގެ އަބުރާއި ކަރާމާތް ނަގާލަން މަސައްކަތްކުރާ ކަމަށްވަންޏާ، އަޅުގަނޑުގެ ސަރުކާރަށް މަޖުބޫރުވޭ، އެ ބާގަނޑުތައް ބައްދަން. އެއީ، މިދެންނެވި ކަހަލަ ނިޒާމު ހަމަޖެހޭ ސަރުކާރެއް، ނޫނީ ނިޒާމުހަމަޖެހޭ ދައުލަތެއް އުފެއްދުމަށްޓަކައި ބޭނުންވާ ކަންކަން. މިއީކީ އަދި މާއްދީ ކަންކަމެއްނޫން. މިކަހަލަ ކަންކަންކުރާއިރު އަޅުގަނޑު ބޭނުންވަނީ ހަމަ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެން މިކުރަނީ ކީއްކަން ރަނގަޅަށް އެނގިވަޑައިގަންނަވަން.

ޓީ.ވީ. ޑިބޭޓެއްގައި ރައްޔިތުންނާ ހަމައަށް އަންނައިރު، އަންނާނީ މުޅިން ތަފާތުގޮތަކަށް. ޓީ.ވީ. ޑިބޭޓަކަށް އަންނައިރު، އެބަޔަކު އެ ދައްކާ ވާހަކަ، ދައްކާ އުސޫލަކުން ވާހަކަ ދައްކާނީ. އޭގެ ރައްދުދޭން އެހެން މީހަކު، އެ ހިނގާފައި އޮތްގޮތް ކިޔައިދޭން އިންނަ މީހަކު، ކިޔައިދިނީމާ ރައްޔިތުންނަށް ވިސްނެނީ ކީއްވެގެންކަން. އަޅުގަނޑުމެން މިއުޅެނީ، ރާއްޖޭގައި މީހުން ޚިޔާލުފާޅުކުރުން ހުއްޓާލާކަށްނޫން. އަޅުގަނޑުމެން މިއުޅެނީ ނޫސްވެރިކަމަށް އެއްވެސްކަހަލަ ހުރަހެއް ގެންނާކަށެއްނޫން. އެކަމަކު އަޅުގަނޑުމެންގެ ސަރުކާރު ގަބޫލުކުރާގޮތުގައި ނޫސްވެރިކަމަކީ ހަމައެކަނި މީހުންގެ އަބުރާއި، މީހުންގެ ކަރާމާތަށް އަރައިގަތުންކަން، އެ އަސާސްގެ މަތީގައި އޮންނަންޖެހޭ ކަމެއްކަމަށް، ޞިނާޢަތެއް ކަމަށް އަޅުނގަނޑު ގަބޫލެއްނުކުރަން. ނޫސްވެރިކަމަކީ، ރައްޔިތުންނާ ހަމައަށް ޙަޤީޤަތް ގެނެސްދިނުން. ނޫސްވެރިކަމަކީ، ރައްޔިތުންނާ ހަމައަށް ސާބިތުނުހިފޭ ވާހަކަ ގެނައުމެއްނޫން. ނޫސްވެރިކަމުގައި ޙަޤީޤަތް ހާމަކުރޭ.

ނެއްލައިދޫގައި މިވެނި މަޝްރޫޢަކާއި އެވެނި މަޝްރޫޢަކާ ނުހިނގައޭ ބުނާކަމަށްވަންޏާ، އެއީ ހަމަ ރަނގަޅު. އެކަންކަން ކުރެވެންވާނެ. އަދި ރައީސް އޮފީހުގައި މިވެނި ގޯހެއް ހިނގާކަމަށްވަންޏާ، އެވެނި ގޯހެއް އެ ހިނގަނީ މިހެންވެގެންނޭ. ނޫނީވިއްޔާ، ފްލެޓުތައް ދޫކުރަނީ ބޭއިންސާފުންނޭ. މިހާރު ހަދާފައި އޮތް ނިޒާމު ކަމުނުދާކަމަށްވަންޏާ، އެ ވާހަކަ ދައްކާ. އެއީ ހަމަ ޖާއިޒު، ދައްކަންޖެހޭ. އަދި ރައްޔިތުންގެ ސަމާލުކަމަށް އެކަމެއްއައިސް، ސަރުކާރެއް ޖަވާބުދާރީ ކުރުވުމަށްޓަކައި ދައްކަންޖެހޭ ވާހަކަތައް. އެކަހަލަ ކަންތައް އަޅުގަނޑުމެންގެ ސަރުކާރަށް ވަރަށްފަސޭހަ ދިފާޢުކުރަން. އެކަމަކު އަޅުގަނޑުގެ ސަރުކާރަށް ދިފާޢުނުކޮށްދެވޭނެ ކަމަކީ، މީސްމީހުންގެ އަބުރާބެހުމާއި، މީސްމީހުންގެ ކަރާމާތަށް އަރައިގަތުމާއި އަދި އެމީހުންގެ ޢާއިލާތަކަށް މުޖުތަމަޢުގެ ތެރޭގައި ނުކުމެއުޅެން އުނދަގޫވާވަރަށް، އެމީހުންގެ އާއިލާތަކުގެ ކަރާމާތް ގެއްލުވައިލީމާ.

މަދަރުސާގެ ޓީޗަރުން. ވަރަށް މަޢުޞޫމު މުޖުތަމަޢުތަކެއް އަޅުގަނޑުމެންގެ ކުދިކުދި ރަށްރަށުގައި މިހުރީ. އެއްވެސްވަރަކަށް ސާބިތުނުހިފޭގޮތަށް، މުދައްރިސަކާ ދޭތެރޭގައި ވިޔާނުދާ ތުހުމަތެއްކޮށްގެން މުދައްރިސަށް ގެއިން ނުނުކުމެވޭ ހިސާބަށް ހިނގައްޖެ ކަމަށްވަންޏާ، އެ ޢާއިލާއަކުން އެ ކުރާނެ ހިތްދަތިކަން، އިޙްސާސްކުރާނެ ހިތްދަތިކަން، ތިޔަބޭފުޅުންގެ ޚިޔާލަށް ގެންނަވާ! އެހެންވެގެން އިސްލާމްދީނުގައިވެސް، އިންސާނުންގެ ކަރާމާތަށް އެހާބޮޑު އިސްކަމެއް އެ ދެނީ. ސާބިތުހިފޭގޮތަށް، ސާބިތުހިފޭ ކަންތައްތައް ވިދާޅުވޭ! ވަގެއް ވެއްޖިއްޔާ ވާނީ ވަގަކަށް. އެކަމަކު ސާބިތުވާންޖެހޭނެ. އެކަމަކު މީހާ ހިތްހަމަނުޖެހޭ ކޮންމެ މީހަކު، ތަނަވަސްކޮށް އުޅޭ ކޮންމެ މީހަކީ، ވަގެކޭ ބުނީމާ އަދި ކަމަކުނުދާނެ.

އެހެންވީމާ، މިކަހަލަ ކަންތައްތަކެއް، ނިޒާމު ފުރިހަމަކުރަން ކުރަންޖެހޭ ކަންތައްތަކެއް މިއީ ޑިމޮކްރަސީ. ކޮންއެއްޗެއްތޯ ޑިމޮކްރަސީއަކީ؟ ޑިމޮކްރަސީއަކީ، ގިނަ ބައެއްގެ ރައުޔު. އަދި ދުނިޔޭގައި ގިނަ ބަޔަކު ގަބޫލުކުރާ އިޞްލާޙުތަކެއްގެ މައްޗަށް އަޅުގަނޑުމެންގެ ގިނަބަޔަކު ރައުޔު ގަބޫލުކޮށްގެން ނޫނީ، ރައުޔުދީގެން ހިންގާ ވެރިކަމެއް އެއީ. ދެތާކު އެއްކަހަލަ ޑިމޮކްރަސީއެއް ނޯންނާނެ. ޑިމޮކްރަސީ ހުންނަ ތަންތަނުގައި، ބައެއް ތަންތަނުގައި މި ތިބެނީ ރައްޔިތުން އިންތިޚާބުކޮށްފައި ތިބޭ ރައީސުން. އަނެއްބައި ތަންތަނުގައި ޝަރަފުވެރި އެންމެ މަތީ މަގާމުގައި މި ތިބެނީ، ވިރާސީގޮތުން އައިސްތިބި ވެރިން. ރަނިކަނބަލުން، ރަސްކަލުން، މިކަހަލަ މީހުން މި ތިބެނީ.

ބައެއް ތަންތަނުގައި، ބަރުލަމާނީ ނިޒާމު ހިންގާ ތަންތަނުގައި، ބައެއް ތަންތަނުގައި ޕާލަމެންޓަކީ އުވައިވެސްލެވޭ އެއްޗެއް. އަނެއްބައި ތަންތަނުގައި ޕާލަމެންޓަކީ އުވައިނުލެވޭވެސް އެއްޗެއް. އެހެންވީމާ، ޑިމޮކްރަސީގެ ނިޒާމުތަކުގައި ހުންނަ ކަންތައްތަކެއް މި ހުންނަނީ. އެހެންވީމާ، އެއްވެސް ދެ ޑިމޮކްރަސީގައި ހުރިހާކަމެއް އަލިފުން ޔާޔަށް ތަބާވާ ޑިމޮކްރަސީވެސް ނޯންނާނެ. ބައެއް ތަންތަނުގައި، އަޅުގަނޑުމެން ހިންގަވާ، އެންމެބޮޑު އެއް ޑިމޮކްރަސީގެ މިސާލު ނަގަމާ. އަޅުގަނޑުމެންގެ ތެރޭގައި އުޅޭ މައްސަލައެއް އަޅުގަނޑުމެންނަށް ޙައްލު ނުކުރެވުނީމަ، އާޚިރުގައި ޢަދުލާއި އިންސާފު ލިބޭނީ ކޯޓުން ކަމަށް އަޅުގަނޑުމެން ދުނިޔޭގެ ހުރިހާ ފަރާތަކުންވެސް ގަބޫލުކުރޭ. އެ ލިބޭ އިންސާފާ ދޭތެރޭގައި އެއް ޚަޞްމެއްގައި ޚިޔާލުތަފާތުވުން އޮވެދާނެ. އެކަމަކު އާންމު ވިސްނުމަކީ، ޝަރީޢަތާ ހަމައަށް މައްސަލަ ގޮސްގެން، ތިން މަރުހަލާގައި ޙުކުމް ނިމިގެން އަންނައިރު، އެއީ އަޅުގަނޑުމެން އެންމެން އެއަށް ތަބާވާ، އެންމެން ގަބޫލުކުރާ ޙުކުމް. އެހެންވީމާ، މިހެން ހިނގާ ކަންކަމުގައި އެއީ، ދޭދޭ މީހުންގެ ގޯތީގެ މައްސަލަ ކަމުގައިވީނަމަވެސް، ވަރިކައިވެނީގެ މައްސަލައެއްވިޔަސް، އަދި އެނޫން މުދާ ބެހުމުގެ މައްސަލައެއްވިޔަސް، ހިތްހަމަނުޖެހޭ ކަމެއްވިޔަސް، އެންމެފަހުން މި ނިމެން މިޖެހެނީ، ކޮންމެވެސްކަހަލަ އާބިޓްރޭޝަން އޮތޯރިޓީއަކުން އެޑްޖުޑިކޭޝަން ނޫނީވިއްޔާ، ޝަރީޢަތުގެ މަރުޙަލާއަކުން.

ދުނިޔޭގެ އެންމެ ބޮޑެތި ބައެއް ޑިމޮކްރަސީތަކުގައި ރައްޔިތުން އިންތިޚާބުކުރާ ރައީސަކާ ދޭތެރޭގައި ވޯޓުގެ މައްސަލަ ނުކުތީމާވެސް ކޯޓުން މި ނިންމަނީ. އެއީ އެތާ ޑިމޮކްރަސީ އޮތްގޮތް. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގައި ހިނގާ ސިޔާސީ ޙަރަކާތަކާ ބެހޭގޮތުން ނޫނީވިއްޔާ ސިޔާސީ ޕާޓީއެއްގައި އުޅޭ މައްސަލަ ޙައްލު ނުކުރެވުނީމާ، އަޅުގަނޑުމެން ކޯޓަށް އެ މައްސަލަ ހައްލުކުރަން ދިޔައިމަ، އެއީ ރާއްޖޭގައި ޑިމޮކްރަސީ ނެތީ. އެކަމަކު މުޅި ރައްޔިތުންގެ މައްޗަށް ބަސްކިޔައި، އެމީހުންގެ ކުރިމަގު ބައްޓަން ކުރަން، އުސޫލުތައް ކަނޑައަޅަން އަންނަ ރައީސަކު ހޮވުމުގައި ވޯޓުގެ ތަފާތެއް އުފެދުނީމަ، އެމެރިކާގައިވެސް މިދަނީ ކޯޓަށް. އެކަން ރަނގަޅު. ރާއްޖޭގައި މިކަންކުރީމާ ގޯސް.

އެހެންވީމާ، މިކަހަލަ ތަފާތުތައް މިހުރީ، އެމީހަކު ވާހަކަދައްކަން ބޭނުންވާ ނަޒަރިއްޔާއަކުން އެމީހަކަށް، ރައްޔިތުންނަށް ވިސްނައިދެވޭތޯ ބެލިދާނެ. އަޅުގަނޑުމެން މިކުރާ ކަމަކީ، އަޅުގަނޑުމެންގެ ދިވެހި ވެށްޓަށް އަދި އިސްލާމީ މުޖުތަމަޢެއްގައި ގަބޫލުކުރެވޭ މިންގަނޑުތަކަކާއި، ހުދޫދުތަކެއްގެ ތެރޭގައި، އެ އިޞްލާޙުތަކުގެ މައްޗަށް ޑިމޮކްރަސީއެއް ބިނާކުރަނީ. އެ ޑިމޮކްރަސީގައި، އެ ޑިމޮކްރަސީއަކީ ދިވެހިރާއްޖެއަށް ފައްކާކުރެވިފައި އޮތް ޑިމޮކްރަސީއެއް. ފައްކާނުވެގެން މިއުޅެނީ ނިންމާ ކަންތައްތަކާ ދޭތެރޭގައި އެއްބަޔަކު ހިތްހަމަނުޖެހޭތީ. އެއީ ހުރިހާ ޑިމޮކްރަސީގައިވެސް އެކަން އޮންނަގޮތް. ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާ މައްސަލަތަކުގައިވެސް ކޮންމެވެސް އެއްބަޔަކު އުޅޭނެ ހިތްހަމަނުޖެހޭ. އެކަމަކު އެއީ އެ އުސޫލެއް އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި އެކަށައަޅައިގެން، އެއަށް ތަބަޢަވާން އަޅުގަނޑުމެން ގަބޫލުކޮށްގެން ނިންމައިގެން ތިބި ނިންމުމެއް.

އެހެންވީމާ، ރާއްޖޭގައި މިހިނގާ މައްސަލަތައް، އަޅުގަނޑަށް އުނދަގޫ ބަލައިގަންނަން. ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް ބަސް މި ކިޔަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ނިންމޭ މައްސަލަތަކާ ދޭތެރޭގައި. ކީއްވެގެންތޯ، އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމޭ މައްސަލަތަކާ ބެހޭގޮތުން ބަސްނުކިޔެންވީ؟ އެކަމަކު ރާއްޖޭގައި މިހިނގާ ކަންތައްތަކަށް ބަސްކިޔޭ އެބަ. މިއީ ދައުލަތެއް. ކުޑަ ނަމަވެސް، ނިކަމެތި ނަމަވެސް، ފަގީރު ނަމަވެސް، އަޅުގަނޑުމެންނަކީ އަމިއްލަ ގޮތްތަކެއްގެ މައްޗަށް ތިބި، ހަމަ ކަރާމާތް ލިބިގެންވާ ދައުލަތެއް. އެހެންވީމާ، މި ދައުލަތުންވެސް ނިންމާ ކަންތައްތައް ނިންމީމަ، އަޅުގަނޑުމެން ދުނިޔޭގެ ޢާއިލާގެ ތެރޭގައި އަޅުގަނޑުމެން ހެލިފެލިވެ އުޅޭކަމަށްވަންޏާ، ހަމަ އެ އިޙުތިރާމާއި، އެ ޤަދަރާއި، އެ އިންސާފު އަޅުގަނޑުމެންނަށް ލިބެންވާނެ. ކުޑަ ދައުލަތަކަށްވާތީ، ކުޑަ އިންސާފު ލިބުނީމަ ކަމަކުނުދާނެ. އެކަމަކު ކުޑަ ދައުލަތަކަށް ކުޑަ އިންސާފު ގެނައުމަށްޓަކައި ނޫނީވިއްޔާ، މަޖުބޫރު ކުރުމަށްޓަކައި، އަޅުގަނޑުމެންގެ ބަޔަކު ތިބެގެން ނުބައި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިކަންކަން ކުރާކަމަށްވަންޏާ، އެއީ ދިވެހި ރައްޔިތުން އެކަމާދޭތެރޭގައި ކަންބޮޑުވާ ކަންތައްތައް. އޭގެ ނަތީޖާ ނިމިގެންދާއިރު، މި ދެންނެވީ، އަޅުގަނޑުމެންގެ ހުރިހާ ކަމަކާ ބެހުމުގެ ފުރުޞަތު އަދި ރާއްޖޭގައި ރާއްޖެއަށް ލިބޭ ވަސީލަތްތައް ބޭރުން ހޯދާއިރު، އެހުރިހާ ކަމަކަށް ހުރަސްއެޅޭވަރު ކަންކަން އެ ކުރެވެނީ.

އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މިދެންނެވިކަހަލަ މާއްދީ ކަންތައްތައް ފުރިހަމަވެގެންދާއިރު، އަޅުގަނޑުމެން ގަބޫލުވެސްކުރަންޖެހޭނެ، އަޅުގަނޑުމެންގެ ތެރޭގައިނެތި، ގެއްލިގެންދިޔަ އެތައް ބައިވަރު ރަނގަޅު އާދަތަކެއް އިޢާދަކުރުމަށްޓަކައި ކުރެވޭ މަސައްކަތަކީ ހަމަ ލާޒިމު މަސައްކަތްތަކެއް ކުރުން. ކީއްވެގެންތޯ، ދޮށީ ރައްޔިތުންނަށް އަޅުގަނޑުމެން އިޙުތިރާމް ނުކުރަންވީ! މިހިސާބަށް ދާކަމަށްވަންޏާ މަދަރުސާއަށްދާ ކުޑަކުދިން، ކީއްކުރަންތޯ މުދައްރިސުންނަށް އިޙްތިރާމް ކުރަންވީ! ޑިމޮކްރަސީ ނޫންތޯ އެތާވެސް އޮންނަންވީ. ހުންނާނެދޯ އުސޫލުތަކެއް. ހުންނާނެ އުސޫލުތަކެއް. އެ އުސޫލުތަކުގެ މަތީގައި ތިބެގެން އަޅުގަނޑުމެން އަންނަ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް އަދި ގެއްލޭނެ އެއްޗެއް ނޯންނާނެ. އޭގެ މާނައަކީ، މީހަކަށް ޙައްޤު ހޯދަންކުރާ މަސައްކަތަކަށް ހުރަސްއެޅުނީކީ ނޫން. ދިވެހިރާއްޖޭގައި ހަމަ ﷲގެ އުޑުގެ ދަށުގައި، ތަނަވަސްކަންއޮތް މިންވަރަށް ދިވެހިރާއްޖޭގައި ގެއްލޭ ޙައްޤު ހޯދުމުގެ ޖާގަ މިއޮތީ ތަނަވަސްވެފައި. އެކަމަކު ހިނގަން އޮންނަ މަގުން ހިނގާ. މީހަކަށް ގެއްލޭ ޙައްޤެއް ނުހޯދޭނެ، އެއްގޮތަކަށްވެސް، އެތަންމިތަން ރޯކޮށްގެންނެއް. މީހުންނަށް ލިބޭ ޙައްޤެއް ނުހޯދޭނެ، މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާ ކޮށްގެންނެއް. އެކަންކުރަން އޮންނަ މަގުން އެކަންކުރީމާ ވާނީ.

އެހެންވީމާ، އަޅުގަނޑު ހަމަ ދަޢުވަތު އަރުވާނަން، މިއަދުވެސް އަޅުގަނޑުމެންގެ ކަންކަން ރަނގަޅު ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން ވެއްޖިއްޔާ، މިދެންނެވި ގޮތަށް ޒިންމާދާރު ކުރުވޭތޯ ބަލަން. ރާއްޖޭގައި ތިބެގެން ރާއްޖޭގެ ރައްޔިތުންނަށް ޚިދުމަތް ކުރެވޭނީ، ރާއްޖޭގައި އޮންނަ ނިޒާމު ގަބޫލުކޮށްގެން. އަދި އެ ބައެއްގެ މައްޗަށްވެސް، ރާއްޖޭގައި އޮންނަ ޤާނޫނުތައް ހިނގާނެކަން ގަބޫލުކުރާ ބަޔަކަށް، އެ ޤާނޫނުތައް އެހެން ބައެއްގެ މައްޗަށް ހިންގުމަށް ވެރިކަމާ ހަވާލުވެވޭނީ. އެއީ ނިޒާމަކީ.
އެހެންވީމާ، ރާއްޖޭގައި މިހާރު މިކުރެވޭ ކަންތައްތަކަކީ، ހަމައެކަނި މިދެންނެވިގޮތަށް، ޢަދުލުގެ ނިޒާމު ފުރިހަމަކުރުން އެކަންޏެއްނޫން. އަބަދުވެސް ޢަދުލުގެ ނިޒާމު ފުރިހަމަކުރާ ކަމަށްވަންޏާ، ޤާނޫނުތަކަށް އިޞްލާޙު އަންނާނެ. އަދި ޢަދުލު ޤާއިމުކުރުމަށް ތިއްބަވާ ފަނޑިޔާރުންގެ، އެ ބޭފުޅުންގެ ފެންވަރު، އެ ބޭފުޅުންގެ ހުނަރުވެރިކަން، އެ ބޭފުޅުންގެ ތަޢުލީމު އަބަދުވެސް ރިފްރެޝް ކުރެވެމުންދާނީ، ތާޒާކުރެވެމުންދާނީ. އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެކަންކުރާގޮތް. އެކަމަކު އެއް މަރުޙަލާނިމި، އަނެއް މަރުޙަލާނިމި، ފަހު ސިއްކަ ސުޕްރީމް ކޯޓުން ޖެހީމާ، އަޅުގަނޑުމެން އެންމެން ބޯލަނބާ ނިންމުމަކަށް އަޅުގަނޑުމެން ގަބޫލުކުރަންވާނެ. އެއީ ހުރިހާ ތަހުޒީބު މުޖުތަމަޢުތަކެއްގައިވެސް އެކަން އޮންނަގޮތް.

އެހެންވީމާ، މިހާރު މިކުރެވޭ މަސައްކަތްތަކަކީ، މިދެންނެވިގޮތަށް ނުކުމެ، މުލައްދަނޑީގެ ބާރުން ހުރިހާ ކަމެއް ނިންމުން އެއީ ހަމައެކަނި ގޮތްކަމަށް ގަބޫލުކުރަން އުޅޭ އުޅުމަށް ނިމުމެއް އަންނާތީ، އަންނަ މައްސަލަތައް މިއަންނަނީ. އަޅުގަނޑުމެން ގަބޫލުކުރަނީ، ތަހުޒީބު މުޖުތަމަޢެއްގައި އަޅުގަނޑުމެން ކަންކަން ކުރަންވާނީ، ޖަންގަލީގެ އުސޫލަކުން ނޫންކަން. އެހެންވީމާ، އަޅުގަނޑުމެން ކަންތައްކުރަންވާނީ، ހުންނަ އުސޫލުތަކެއްގެ ތެރެއިން. އެކަންކަން ކުރީމާ، އަޅުގަނޑުމެން އެންމެންނަށް ރައްކާތެރިކަން އޮންނާނީ.

މި ކުޑަކުޑަ ރަށަކީވެސް، އަމާން ރީތި ރަށަކަށްވާންޖެހޭ. މި ރަށް އަމާންވެފައި، ރީތިވާނީ، ހަމައެކަނި މިތަނަށް ބޭނުންވާ ފެނާއި ނަރުދަމާ ހަމަޖެހުމުންނެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި އެއީ ރައްޔިތުންނަށް ބޭނުންވާ ފަސޭހަ. ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތައް. އެކަމަކު މި ރަށް ޒީނަތްތެރި ވެގެންދާނީ، މި ރަށަކީ، އަމާން ރަށަކަށް ވެގެންދިޔުމުން. މިރަށަކީ މީހުންނަށް އުޅެން ފަސޭހަ ރަށަކަށް ވެގެންދިޔުމުން. އާންމުކޮށް މުޅި ދިވެހިރާއްޖެއަކީ މީހުންނަށް އުޅެވޭވަރުގެ ރާއްޖެއަކަށް ވެގެންދިޔުމުން. އުޅެވޭވަރުގެ ރާއްޖެއަކަށް ވެގެންދާ ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ ކުށްމަދު ތަނަކަށްވާން އެބަޖެހޭ. މަސްތުވާތަކެތި ބޭނުންކުރުން މަދު ތަނަކަށްވާން އެބަޖެހޭ. މީހުންގެ ބޮޑެތި ޙައްޤުތަކަށް އަރައިނުގަންނަ ތަނަކަށްވާން އެބަޖެހޭ. ބޮޑެތި ޖިސްމާނީ، ނޫނީވިއްޔާ، ޖިނާޢީ ބޮޑެތި ކުށްތައް ނުކުރާ ތަނަކަށް، ނޫނީ މަދުތަނަކަށް ދިވެހިރާއްޖެ ވާންޖެހޭ. މިއީ، ދޮގެއްތޯ! ދިވެހިރާއްޖެ މީގެކުރިންވެސް އޮތްގޮތް.

އެހެންވީމާ، މި ނިޒާމުތައް ގެންނަން މި ސަރުކާރުން ކުރާ މަސައްކަތް މިގޮތަށް ކުރާތީ، މިކަން ގަބޫލުނުކުރެވޭ ބަޔަކު އުޅޭނެ. ޝައްކެއްވެސްނެތް އުޅޭނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުން ބޭނުންވަނީ، އަޅުގަނޑުމެން މިދެންނެވި ކަހަލަ އުސޫލުތަކެއް. އެއީ، ޤާނޫނުގައި ލިޔެވިފައި ހުރި އުސޫލުތަކެއް. އެއީ މުޅި ރައްޔިތުންގެ މަޞްލަޙަތު ނިޔާކުރާގޮތުން ރައްޔިތުން ބޭނުންވާ ކަންތައްތަކެއް. މާދަމާވެސް ބަދަލުކޮށްލައްވާ! ރައްޔިތުންގެ މަންދޫބުން އެ ތިއްބެވީ ހުރިހާ ތަނެއްގައި. މާދަމާވެސް ބަދަލުކޮށްލައްވާ! މަސްތުވާތަކެތި ބޭނުންކޮށްގެން، މަސްތުވާތަކެތި ރެޑްހޭންޑްކޮށް ހިފާ މީހުންނަކީވެސް ކުށެއްނެތް ބައެއް ކަމަށް ޤާނޫނުގައި ލިޔެލީމަ، މި ސަރުކާރުން ތަންފީޛު ކުރަން ކެރޭނެ. އެކަމަކު އެއީ، އަޅުގަނޑުމެން އެންމެންގެ މަޞްލަޙަތު ދޫކޮށްލުން. މާދަމާވެސް ހަދަމާތޯ، ވައްކަމަކީ ކުށެއް ނޫންކަމަށް. ކޯޓުތަކުގެ ފަނޑިޔާރުން ހައްޔަރު ކުރުމަކީ، ޤާނޫނީ ޝަރުޢީ ހުރިހާ ކަންކަމުން ބޭރުން، ކޯޓުތަކުގެ ފަނޑިޔާރުންނަކީ، ހައްޔަރު ކުރެވިދާނެ ބައެއް ކަމަށް ޤާނޫނު ފާސްކުރަންވީނޫންތޯ؟ ފާސްކޮށްލީމާ، އަޅުގަނޑުމެން އެގޮތަށް ހިނގާނެ. އެހެންކަމަށް ވެއްޖިއްޔާ ދޭދޭ މީހުންގެ ދޭތެރޭގައި ޖެހޭ މައްސަލަތައްވެސް، ނިންމާކަށެއް ރަށުގައި ހުންނަ މެޖިސްޓްރޭޓު ކޯޓަކަށް، ނޫނީ އެހެން ކޯޓަކަށް ދާކަށް ނުޖެހޭނެ.

ތަހުޒީބީ ދުނިޔޭގައި އެކަންކަން ކުރަނީ، ލިޔެވިފައި އޮންނަ އުސޫލާއި، ޤާނޫނާއި އަދި އެކަންކަން ތަންފީޒު ކުރަން ހުންނަ މުއައްސަސާތަކުގެ ބޭނުންހިފައިގެން. އެކަން ފުރިހަމަކުރެވޭނީ، މިދެންނެވި ގޮތަށް މި މުއައްސަސާތަކާއި މި ނިޒާމަކީ އަޅުގަނޑުމެން އެންމެން އިޙުތިރާމުކުރާ ނިޒާމަކަށްވެގެން. އެކަންކުރެވޭތޯ އަދި ޤާނޫނުގެ ޙުކޫމަތު ދެމެހެއްޓޭތޯ، ޤާނޫނަކީ އެންމެ ބާރުވެރި އެއްޗެއް ކަމަށް ދިވެހިރާއްޖެ ގަބޫލުކުރޭތޯ ކުރާ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. ޤާނޫނުގެ ބާރު ދިވެހިރާއްޖޭގައި ހިންގުން އިސްތިސްނާއެއްނެތި. އެހެންވީމާ، އެކަންކުރާއިރު، ޤާނޫނުގެ ބާރު ކަނޑުވާލާ މީހުންނަށް، ޤާނޫނުގެ ޙައްޤުތަކަށް އަރައިގަންނަ ފަރާތްތަކަށް ޝައްކެއްވެސްނެތްގޮތުގައި އުނދަގޫތަކެއް ހުންނާނެ. އެކަމަކު އެ އުނދަގުލާއެކީ މި ސަރުކާރުން ރައްޔިތުން ގޮވައިގެން މިދެންނެވި ކަހަލަ އަމާން އައްސޭރިއަކަށް ދާން ބޭނުންވަނީ. މުޅި ދިވެހިރާއްޖޭގެ ސުލްޙައާއި މަސަލަސްކަމާއި، ދިވެހިން ދެމިތިބުން އޮތީ މިދެންނެވި ގޮތަށް މިކަންކަން ހައްލުވެގެން.

އެހެންވީމާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އަޅުގަނޑު ހަމަ ދަންނަވާލާނަން، ތަރައްޤީގެ މަޝްރޫޢުތައް. އަޅުގަނޑުމެން ހަމަ އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ، ވީހާ ބާރަކަށް ގެންދެވޭތޯ މި މަސައްކަތް ކުރަނީ. އެކަމަކު އެއީ ސަރުކާރުން ކުރާ މަސައްކަތް. އެކަމަކު އެކަމުން ލިބޭ ފައިދާގެ މަތީގައި ޒީނަތްތެރި މުޖުތަމަޢެއް ބިނާކުރުމުގެ މަސްއޫލިއްޔަތު މިއޮތީ ރައްޔިތުންގެ އަތްމަތީގައި. ސަރުކާރުން އެހީތެރިވާނެ. އެކަމަކު ސަރުކާރުން އެހީތެރިވާއިރު، ސަރުކާރުން އެކުރާ ކަންކަމަށް ރައްޔިތުންގެ ރުހުން ލިބި އަދި އެޔާޚިލާފަށް، އެ ކުރެވޭ ކަންކަން ހުއްޓުވުމުގެ ޤާބިލުކަން، ކެރުން، އެކަން ރައްޔިތުންގެ ކިބައިގައި ހުރެގެން، އަޅުގަނޑު މިދެންނެވި ގޮތަށް މިތަންތަނަކީ، ޒީނަތްތެރި ތަންތަނަށް ހެދޭނީ. ޢާއިލާއަކަށްވެސް، ބައްޕައަކަށް މަންމައަކަށްވެސް ވަރަށް އުނދަގޫވާނެ، 10 ދަރިން ތިބޭއިރު 10 ދަރިންނަކީ ވަރަށް ބޯހަރު، ނުކިޔަމަންތެރި ކުދިން ކަމަށްވަންޏާ. އެހެންވީމާ، އެކަހަލަ ވިސްނުމެއް ދޮގެއްތޯ. ޢާއިލާއެއް ބޮޑުވެގެން، ޚާންދާނެއް ބޮޑުވެގެން، އެތައް ޚާންދާނެއް ބޮޑުވެގެން މުޖުތަމަޢެއް މި އޮންނަނީ. އަދި އެތައް ރަށްރަށެއްގެ ރައްޔިތެއް ހިމެނިގެން ދައުލަތެއް މި އޮންނަނީ. އެހެންވީމާ، މީގެ އަސާސަށް ބަލާކަމަށްވަންޏާ، މިއީ ހަމަ ދާދި އެއް އަސާސެއްގެ މައްޗަށް ހުރި ކަންކަން.

އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މިދެންނެވި ގޮތަށް، ބައެއްކަހަލަ ނިޒާމުގެ ތެރެއިން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މަޢާފުކުރައްވާތި، މި ލަފުޒު ބޭނުންކުރާތީވެސް. ހަމަބުއްދި ފަސްވެފައިހުރިވަރަށް ކަންކަން ގޮސްފައި ދިވެހިރާއްޖޭގައި އޮއްވަ، ހަމަމަގަށް އެޅުވޭތޯ ކުރެވޭ މަސައްކަތް މިހާރު މި ކުރެވެނީ. އެހެންވީމާ، އެކަން އެގޮތަށް ކުރާއިރު، އުނދަގޫތަކެއް އުފުލަންޖެހޭނެ. އެކަމަކު އުނދަގޫ އުފުލަނީކީ، ޤާނޫނަށް ތަބާވާ، މަޢުޞޫމް ރައްޔިތުންނެއް ނޫން. އެ ނުބައި ކަންތައްތައް ކުރުންމަތީ ދެމިތިބި މީހުންނަށް، އެމީހުންގެ ފުރުޞަތު ގެއްލޭތީ، އުފުލަންޖެހޭ ތަކުލީފު އެމީހުން އުފުލާތީ، އުފުލޭ އަޑުގެ އަޑު އަޅުގަނޑުމެންނަށް މިއަދު މި އިވެނީ. އެހެންނަމަވެސް، މުޅި ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހޭ މަސައްކަތަކީ، މިދެންނެވި ގޮތަށް، ހަމަޖެހޭ، މީހުންނަށް ގަބޫލުކުރެވޭ އަދި ރިވެތި އުސޫލުތަކަކާއެކީ އުޅެވޭ ތަނަކަށް ދިވެހިރާއްޖެވުން. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ އެކިއެކި މީހުން ބުނާހެން [ދުނިޔެމަތީގެ ސުވަރުގެ] އަކަށް ދިވެހިރާއްޖެވުން.

ﷲ، މިއޮތް ރީތި ޤުދުރަތީ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ދެއްވީމާ، އަޅުގަނޑުމެންގެ އަތްމަތީގައި އޮތީ މިކަން ދެމެހެއްޓުން ދޯ! އެހެންވީމާ، [ދުނިޔެމަތީގެ ސުވަރުގެ]އަކަށް ހެދުމަށްޓަކައި މިކުރެވޭ މަސައްކަތަކީ، މިދެންނެވި ގޮތަށް ދިވެހިރާއްޖެއަކީ، އުސޫލަށް ތަބާވާ ބަޔަކު އުޅޭ ދައުލަތަކަށް ހެދުމަށް ކުރެވޭ މަސައްކަތް. ފަސޭހަކަމަކީ، ބަޖެޓަށް ފައިސާ ލިބޭކަމަށްވަންޏާ، ހަމަ ނެއްލައިދޫންވެސް ވިދާޅުވާ ހުރިހާ ކަމެއް ކޮށްލަދިނުން. އެއީ އެންމެ ފަސޭހަ ކަންތައް. އުނދަގޫކަމަކީ، އެ ތަރައްޤީ ދެމެހެއްޓުމާއި، އެ ތަރައްޤީގެ ރަނގަޅު ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި ނަގައިގެން ތިބޭނެ ރީތި މުޖުތަމަޢެއް ބިނާކުރަން ކުރާ މަސައްކަތް. އެއީ، އުނދަގޫ މަސައްކަތަކީ. އެހެންވީމާ، އެކަން ކުރުމުގައި ބޮޑު މަސްއޫލިއްޔަތު، އިސް މަސްއޫލިއްޔަތު އޮތީ ރައްޔިތުންގެ އަތްޕުޅުގައި.

އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީވެސް، ނެއްލައިދޫން އެދިވަޑައިގަންނަވާ ކަންތަކުގައި އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ވަރަށް އީޖާބީ ޖަވާބު އަރުވާނަމޭ ދަންނަވަމުން. އަޅުގަނޑުމެންނަށް ކޮށްދެވެންހުރި ކަންތައްތައް ކޮށްދޭނަން. އޭގެތެރޭގައި ފުޓުސަލް ދަނޑާއި، ފައިކަށީގެ މައްސަލައާއި، ދެން މިހެންހުރި މައްސަލަތައް. ދެންމެ ފިކުރީ ދޮގެއްތޯ، އަޅުގަނޑަށް ތިޔަ ހުށަހެޅުއްވީ. އަޅުގަނޑު އެކަންކަން ބަލައިގަންނަން. އެކަމަކު އެއާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންގެ ކަންކަން ކުރެއްވުމުގައި އިސްކޮށް ތިއްބަވާ ބޭފުޅުން ރައްޔިތުންނަށް، ރަށަށް ބޭނުންވާ ފައިދާހުރި ކަންތައްތައް ކުރެއްވުމުގައި ސަރުކާރާއެކީ ވަޑައިގަތުމުގެ މަގު ތަނަވަހޭ. އެއަށް އަޅުގަނޑު ދަޢުވަތު އެބަ އަރުވަމޭ.

އެހެންވީމާ، ދެން އޮންނަ ކައުންސިލް އިންތިޚާބު އަޅުގަނޑުމެންނާ މިހާ ކައިރިވެފައި އޮތްއިރު، ޖަނަވަރީ 14 ގައިތޯ! އޮތްއިރު މިކަންކަމުގައި ރައްޔިތުން ގޮވައިގެން އުޅެވޭވަރު ބަޔަކާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަން. އަދި ހަމަ އެހެންމެ އަޅުގަނޑުމެންގެ މުޖުތަމަޢަކީ، މިދެންނެވި ކަހަލަ އަސާސްތަކެއްގެ މައްޗަށް ބިނާވެއޮންނަ މުޖުތަމަޢެއް ތަރައްޤީ ކުރުމަށް، ނޫނީ މުޖުތަމަޢެއް އުފެއްދުމަށް، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މިއަދު މި ސަރުކާރުން މިކުރާ މަސައްކަތުގައި ހަމަ ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަކީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މަސައްކަތް އެތައް ގުނައެއް ފަސޭހަވެގެންދާނެ ކަންކަން. ކޮންމެ ޕާޓްނަރޝިޕަކީވެސް، އެކަކަށްވުރެ ގިނަ ފަރާތް ހިމެނޭ ޕާޓްނަރޝިޕެއް. މުޅި ރާއްޖެ އިޞްލާޙުކުރަން ކުރާ މަސައްކަތުގައި، ސަރުކާރާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއި، ޤާނޫނަށް ތަބާވާންޖެހޭ މީހުން، ނޫނީ ޤާނޫނުން އެބައެއްގެ މައްޗަށް ޙުކުމް ހިންގާ ބަޔަކު، މިބައިމީހުން އެއްބައިވެގެން ނޫނިއްޔަކާ ޤާނޫނެއް ނުހިންގޭނެ. އެނޫންގޮތަކަށް ހިންގޭ ޤާނޫނުން ވަރަށްގިނަ ބަޔަކަށް އަނިޔާ ލިބޭނެ.

އެހެންވީމާ، އެއެއްނޫން އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމަކީ. މިހުރިހާ ރީތިކަމަކާއި، ނަލަކަމަކާއި، ފުރިހަމަކަމަކާއި، ކުރިއެރުންތައް އަޅުގަނޑުމެން މިގެންނަނީ، އަޅުގަނޑުމެންނަކީ ހަމަޖެހޭ ދައުލަތަކަށް، މި ދައުލަތް ވެގެންދިޔުމަށް. މިހުރިހާ ކަމެއްކޮށްފައި، މިއަދު އިމާރާތްކުރާ ހުރިހާތަނެއް މާދަން ނުކުމެ ތަޅާލާފައި، އަނެއްދުވަހު ނުކުމެ އަންދާލާ، މިކަންކުރަންޏާ މިއީކީ ކުރެވޭނެ ކަމެއްނޫން ދޮގެއްތޯ! އަޅުގަނޑުމެން މާދުރުނޫން މާޒީއެއްގެ ތެރޭގައި މިކަހަލަ ކިތަންމެ ކަމެއް އިޙުސާސްކޮށްފިން. މިކަހަލަ ކިތަންމެ ކަމެއް އަޅުގަނޑުމެން ދެކިއްޖައިމު. އެކަންކަން ދިވެހިރާއްޖޭގައި ތަކުރާރުވުމަކީ، އަޅުގަނޑުމެން އެއްވެސް މީހަކު އެދޭނެ ކަމެއްނޫން. ހަމަގައިމުވެސް އަޅުގަނޑުމެންގެ ސަރުކާރުން އެކަންކަން އެހެންވިޔަދޭކަށް ބޭނުމެއްނޫން.

އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ރައްޔިތުންގެ ތަރައްޤީއަށް މިކުރެވޭ އިޚުލާޞްތެރި މަސައްކަތުގައި މާތް ﷲގެ ބަރަކާތާއި ތައުފީޤު މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމުން، މުޅި ދިވެހިރާއްޖެއަށް އުފާފާގަތި މުސްތަޤުބަލެއް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލާނަން.

والسّلام عليكم ورحمـة اللّـه وبركاته.