بســم اللّـه الرّحمـن الرّحيــم

އެންމެހައި ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މިއުންމަތުގެ ނަބިއްޔާ  مُحَمَّدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

އާދެ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން މި ދަތުރުގައި މި ދެވަނަ ރަށުގައި، ކޮންމެ ރަށަކުންވެސް އަޅުގަނޑަށް ރައްޔިތުން މަރުޙަބާ ވިދާޅުވަނީ ވަރަށް ހޫނު މަރުޙަބާއެއްގެ ގޮތުގައި. ރައްޔިތުންގެ ފަރާތްޕުޅުން ވީޑިއޯއެއްގެ ޒަރީއާއިންނަމަވެސް އަދި ފާޅުކުރައްވާ ޝުޢޫރުތަކުގެ ތެރެއިންނަމަވެސް، ތިޔަ ވިދާޅުވަމުން ގެންދަވަނީ، ރައްޔިތުންނަށް ދަތިވެފައިހުރި ކަންތައްތަކެއް ފުދިގެންދާތީ، ހަމަ ހިތުގެ އެންމެ ފުޅާމިނުން ޝުކުރު އަދާކުރައްވާ ކަމަށް. މިކަން ބަލައިގަންނަވާ ކަމަށް. އަޅުގަނޑަށް މިކަން ފެނިގެން ހިނގައްޖެ. އިޙުސާސްކުރެވިގެން ހިނގައްޖެ. މީގެކުރީގައި، އަޅުގަނޑު މިރަށަށް މިއައީ ކުރިނބީއަށް ޒިޔާރަތްކޮށްފައި. ކުރިނބީން އަޅުގަނޑަށް ވިދާޅުވި މަރުޙަބާއާއި، އަދި ކުރިނބީވެސް އަޅުގަނޑުމެންގެ ޒިޔާރަތަށް، ދަތުރަށް ތައްޔާރުވެފައި އޮތްލެއް ފުރިހަމަކަމުންނާއި، ހަމައެހެންމެ ހިރިމަރަދޫއަށް އައިމަ މިއަދު ތިޔަބޭފުޅުން ދެންމެ އަޅުގަނޑަށް ތިޔަ ވިދާޅުވި މަރުޙަބާއިންނާއި، އަދި މިރަށް މިހާ ވަރުގަދަޔަށް ޒީނަތްތެރިކުރައްވާފައި ތިޔައޮތީ، ތިޔަބޭފުޅުންގެ އިންތިޒާރުތަކެއް، ނޫނިއްޔާ ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ކަންތައްތަކެއް އަޅުގަނޑުމެންގެ ފަރާތުން ކޮށްދެވެމުންދާތީ.

ކޮންމެ ސަރުކާރަކީވެސް ރައްޔިތުން ހޮވާފައި، ރައްޔިތުން ކަންތައްތަކެއް މަތިކުރާ ސަރުކާރެއް. ސަރުކާރަކީ ޒިންމާދާރުކަމާއެކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮންމެވެސްކަހަލަ ތަރުތީބެއްގެ މަތިން ކޮށްދެމުންގެންދާ ބައެއް. އެއީ މަޝްރޫޢުތަކުގެ ތަރުތީބުން ކަމުގައިވީނަމަވެސް، ރަށްރަށުގެ އާބާދީއާއި، ރަށްރަށަށް ބޭނުންވެފައި ހުންނަ ކަންތައްތަކުގެ ނިސްބަތުން ކަމުގައިވީނަމަވެސް، ތަރުތީބުކުރުންތަކެއް އައިސްގެން މިކަން މިދަނީ. މިރަށުގެ ރައްޔިތުން، ކުދިބޮޑު ދެ ގިންތީގެ ބޭފުޅުން، އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ވަރަށް އިޚުލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި އެއާއެކީ މި ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން، އާދެ، ޒިންމާދާރުވެރިޔާ ނިޒާރު، ކައުންސިލްގެ ރައީސް ވަޙީދު، ދާއިރާގެ މެންބަރު ޝަހުދީ އަދި މިނިސްޓަރު، މި މަޝްރޫޢާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި. މިއިން ކޮންމެ ބޭފުޅަކު ތިޔަ ދެއްކެވި ވާހަކަފުޅުތަކުން ހަމަ އަޅުގަނޑުގެ ހިތުގައި ޙަޤީޤަތުގައިވެސް ތިޔަ ބޭފުޅުންނާ ދޭތެރޭގައި ވަރަށްބޮޑު ލޯތްބެއް އުފެދިގެން ހިނގައްޖެ. އަޅުގަނޑުމެންނަކީ މިކަހަލަ ކަންކަން ކުރާއިރު، ބަހާއި ޢަމަލާ ސީދާކުރާ ބަޔަކަށް ވާންޖެހޭނެ.

ކުދިކުދި ރަށްރަށަށް ބޭނުންވެފައި ހުރި ކަންތައްތަކަކީ ހަމަ ބޮޑެތި އާބާދީތަކަށްވެސް ބޭނުންވާ ކަންތައްތައް. ނިސްބަތް ތަފާތުވެދާނެ. ކުދިކުދި ރަށްރަށުގައި ފެށިފައި ހުންނަ މަޝްރޫޢުތައް ނުހިނގައި މެދުކެނޑިގެން ގޮއްސައި، އެހެންނަމަވެސް، ނިމޭދުވަހަކީ ޝައްކެއްވެސްނެތްގޮތުގައި މީގެކުރީގައި، ދުރު މާޒީން ފެށިގެން ކައިރި މާޒީއާ ހަމައަށް އަންނައިރު، އުނދަގޫތަކެއް ތަޙައްމަލުކުރަން ޖެހިފައި ހުރި ކަންކަން ވެއްޖިއްޔާ އަމުދުން މިކަން ހަނދާނުގައި ހުންނާނެ. ހަނދާނަކުން ނުފިލާނެ. މި އަސަރުތައް އަބަދުވެސް ހުންނާނެ. އަޅުގަނޑުމެންނަށް، މިރަށުގެ ބަނދަރު ހުޅުވިގެންދާއިރު އަޅުގަނޑުމެންނަށް މި ފެންނަނީ މިކަހަލަ ޝުޢޫރުތަކެއް. ތިޔަބޭފުޅުންގެ ހިތްޕުޅުގައި އުފެދިފައިހުރި އިޙުސާސްތަކެއްގެ ވާހަކަ، ވީޑީޔޯގެ ތެރެއިންވެސް އައީ. އަދި އެކިއެކި ބޭބޭފުޅުންގެ ވާހަކަފުޅުންވެސް ތިޔަ އަންނަނީ.

މިއާއެކީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދިވެހިރާއްޖެއަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން. އަޅުގަނޑުމެން މިއަދު ގަބޫލުކުރަންވާނެ، ދިވެހިރާއްޖޭގައި އަބަދަކު ހުރިހާކަމެއް އެއްގޮތަކަށް ނޯންނާނެ. މީހުންގެ ވިސްނުން ބަދަލުވާނެ. އަޅުގަނޑުމެންގެ މުޖުތަމަޢު ބަދަލު އެދޭނެ. ދައުލަތް ޅަވާނެ. އަޅުގަނޑުމެންގެ ވިސްނުންވެސް އާ ކަންތައްތަކަށް މަރުޙަބާ ކިޔާނެ. އާ ކަންތައްތައް ބޭނުންވާނެ. މި ހުންނަނީ ޠަބީޢީގޮތުން އިންސާނަކަށްވާތީ އަޅުގަނޑުމެންނަށް ނިޔާކުރެވިފައި ހުންނަ ކަންކަން. އަބަދު އެއްގޮތަކަށް ހުރިހާކަމެއް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަންކަމަކީ، ރައްޔިތުންގެ ބޭނުންތައް، އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެންދާއިރު އަބަދުވެސް އަޅައިކިޔޭނެ، ކުރިއާ މިހާރާ. އެއީކީ އެއްވެސްގޮތަކަށް ބޭއިންސާފެއް ދެއްކުމުގެގޮތުން ކުރާ ކަންކަމެއް ނޫން. އެހެންނަމަވެސް، ކަންކަމަށް އެދިއެދި ތިބި ބަޔަކަށް ކަންކަން ފުދިގެންދާއިރު، ނުފުދި އޮންނައިރު، އެ އަންނަ އިޙުސާސްތައް އަބަދުމެއަބަދު ޚިޔާލަށް ގެނެވޭނެ. މިކަމުގައި ކަންކަން ނިމިގެން ދިޔައިމަ، ރައްޔިތުން ޝުކުރުވެރިކަމާއެކީ ބަލައިގަންނާނެ.

އަޅުގަނޑުމެން، ރައްޔިތުންނަށް ޚިދުމަތްކުރަން ނިކުމެ، މީގެ ތިން އަހަރެއްހާ ދުވަސް ކުރިން މަސައްކަތް ކުރަމުން އައިއިރު، އަޅުގަނޑުމެންނަށް ރާއްޖޭގެ ކޮންމެ ދިމާއަކުން ފެންނަނީ އަޅާލުންތެރިކަން ކުޑަކަމާއި، ކަންކަން ނުވެފައި ހުންނަތަނާއި، ރައްޔިތުންގެ ބޭނުންތައް އިންތިހާއަށް ބޭނުންވެފައި އޮންނައިރުވެސް، އެކަންކަން ނުފުދިހުރި ތަންތަން. އަޅުގަނޑުމެންނަށް ކުރިނބީން އަޑުއިވިގެން ދިޔައީ ކުލާސްރޫމްފަދަ ތަންތަން، ސްކޫލްފަދަ ތަންތަން، ޞިއްޙީ މަރުކަޒުފަދަ ތަންތަން، މި ތަންތަނުގައި ދަވާދުކޮޅެއްވެސް ނުލެވިހުރި ވާހަކަ. ތެދުފުޅެއްމެ. އަޅުގަނޑުމެން ޒިޔާރަތްކުރި، ބައެއް ތަންތަނުގައި، އަޅުގަނޑުމެން ހަމަލޮލުންވެސް ދުށިން މިކަހަލަ ކަންތައްތައް. އެކަމަކު މިއަދު މި އަޑުއިވެނީ މިހާދުވަހު އަޅައިނުލެވި، ނިގްލެކްޓް ކުރެވިފައިހުރި ކަންތައްތައް ހަމަޖެހިގެންދާ ވާހަކަ. ޞިއްޙީ މަރުކަޒަށް ބެލިކަމުގައިވީނަމަވެސް ބޮޑު މަރާމާތެއް ނިމިގެން ދިޔައީ. ސްކޫލަށް ބަލައިފި ކަމަށްވަންޏާ އިތުރު ތިން ކުލާސްރޫމާއެކީ ބޮޑު ހޭދައެއްވެ ނިމިގެން ދިޔައީ. ބަނދަރަށް ބަލައިފި ކަމަށްވަންޏާ، މިރަށުގެ ރައްޔިތުންނަށް ބޭނުންވާ ބޮޑު ބަނދަރެއް ނިމިގެން ދިޔައީ.

މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، އިތުރު މަޝްރޫޢުތަކަށް ބަލާކަމަށްވަންޏާ، މި ރަށަކީވެސް ކުރިނބީ ގޮތަށް، ހދ.ގައި އަޅުގަނޑުމެން ފާހަގަކުރި ރަށްރަށުގެ ތެރޭގައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ހަކަތަ ހޯދުމުގެ މަޝްރޫޢެއްގެ ގޮތުގައި މި ރަށްވެސް މިވަނީ ރަށެއްގެ ގޮތުގައި ކަނޑައަޅާފައި. ހަމައެހެންމެ، ސާފުބޯފެން ރައްކާތެރިކަމާއެކީ ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަކީވެސް ހަމަ މި ދެންނެވި ކަހަލަ އެހެން މަޝްރޫޢެއްގެ ތެރެއިން، ހަމަ މިރަށްވެސް މިއޮތީ އެކަށައަޅާފައި. މި ރަށަށް ހުރި ބޭނުންތައް ހުންނާނެ. ޝައްކެއްވެސްނެތްގޮތުގައި ފެނާއި، ނަރުދަމާ. ކުރިނބީންވެސް އަޅުގަނޑަށް މި އިލްތިމާސް އައި. މިރަށުންވެސް އަންނާނެ. ހުރިހާ ރަށަކުންވެސް އަންނަންވާނެ. މިއީ ރައްޔިތުންގެ ފަރާތުން، ރައްޔިތުން އިންތިޚާބުކުރާ ބައެއްގެ ކައިރީގައި، ވެރިއެއްކައިރީގައި ރައްޔިތުން އެދޭނެ ކަންކަން.

އެކަމަކު މިއާއެކީވެސް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރަންވެސްޖެހެއޭ. އަޅުގަނޑުމެންގެ ހާލަތު ބަދަލުވެސްވާނެ. މީގެކުރީގައި އަޅައިނުލެވިފައިހުރި ކަންތައްތަކާއެކީ އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން މަސައްކަތް ކުރަމުންދިޔައީ ރައްޔިތުންނަށް ވިސްނައިދޭން. އަދި އެހާ ނާއުންމީދުވާކަށް ނުޖެހޭ. އަޅުގަނޑުމެން ކުރާ މަސައްކަތެއްގެ މައްޗަށް ބިނާކޮށް، ﷲގެ ތައުފީޤު މިންވަރު ކުރައްވަނީ. އަޅުގަނޑުމެން ކަންކަމަށް އެދެންޖެހޭނެ. އަޅުގަނޑުމެން އެ މަސައްކަތުގައި އިޚުލާޞްތެރިކަމާއެކީ ސާބިތުވެތިބެންޖެހޭނެ. އެހެންވީމާ، އަޅުގަނޑުމެން ބުނިން. އަޅުގަނޑުމެން ދަންނަވަމުން އައީ. އަދި މިއަދުގެ ޒުވާނުން މިވާހަކަތައް ބަލައިގަތް. އެ މީހުންވެސް އެ މީހުން ދައްކާ ވާހަކަ އެބަ ގަބޫލުކުރޭ. ޙަޤީޤަތުގައިވެސް ދިރުމެއްވަންޏާ އުންމީދެއް ވާންޖެހޭނެ. އުންމީދެއް ވާތަނެއްގައި ވެއްޖެއްޔާ ދައްކައިދެނީ ދިރުމެއްވާކަން. އެހެންވީމާ، މިހެން ނުފުދި ހުރި ކަންކަން ފުދިގެން ދިއުމަކީ އަޅުގަނޑުމެންގެ ހާލަތު ނިޔާކުރާގޮތުން ކަންކަން ބަދަލުވެއްޖެކަން ރަމްޒުކޮށްދޭ ކަންކަން. އަދިވެސް އަޅުގަނޑުމެންގެ އުންމީދުތައް ހުންނާނެ. އަދިވެސް އަޅުގަނޑުމެން ކުރާ އުންމީދު އިތުރުވެގެންދާނެ.

މި ރަށުގައި، ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ޝައްކެއްވެސްނެތްގޮތުގައި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ލިބިގެންދިއުމަކީ ޒުވާނުންނަށްވުރެ ބޮޑަށް އަޅުގަނޑު އެދިގެން އެވާހަކަ ދައްކަމުން އަންނަ ވާހަކައެއް. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، ހުރިހާ ގިންތިއެއްގެ މީހުން އަޅުގަނޑުމެންނާއެކީ އުޅޭނެ. ދޮށީ ރައްޔިތުންނަކީ ވަރަށްގިނަ ޚިދުމަތްތަކެއް އަޅުގަނޑުމެންނަށް ކޮށްދެއްވާފައި ތިއްބެވި ރައްޔިތުން. އެ ބޭފުޅުންނަށް ލިބޭ އެއްޗެއް އިތުރުވެގެން ދިއުމަކީ، އަޅުގަނޑުމެން އެބޭފުޅުން ކޮށްދެއްވި މަސައްކަތަށް އުޖޫރަ ދިނުމެއް ނޫން. އެހެންނަމަވެސް، ދޮށީ ރައްޔިތުންނަކީ އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައި ތިބި ބައެއްކަން ގަބޫލުކުރާ ވާހަކަ ދަންނަވާލަން ކުރާ ކަމެއް. މިރަށުގެ ރައްޔިތުންނަށް، މިރަށުގެ ޒުވާނުންނަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ޝައްކެއްވެސްނެތްގޮތުގައި، ލަފާފުރުމުގެ އިތުރަށް ބަނދަރު ތަނަވަސްވެގެން ދިޔައިމަ، ބަނދަރު ހެދިގެން ދިޔައިމަ، ވިޔަފާރީގެ އެތައްގުނަ ތަފާތު ފައިދާތައް ހޯއްދެވޭނެ.

އަދި ހަމައެއާއެކީ ޒުވާނުން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ޒުވާނުންނަށް ދިރިއުޅުން ކުރިއަށް ގެންދެވޭނެ ގޮތްތަކަށް ބަލާކަމަށްވަންޏާ، މިސަރަޙައްދުގައި ޓޫރިޒަމް ތަރައްޤީ ވާންޖެހޭނެކަމާ ދޭތެރޭގައި އަޅުގަނޑު ހިތުގައި ޝައްކެއްނެތް. އަދި މިވާހަކަ ވާނީ އެކިފަހަރުމަތިން އިޢުލާނު ކުރެވިފައި. އެކަމަކު އަނެއްކާވެސް މި އަންނަނީ ބަޖެޓުގެ މޫސުމް. ބަޖެޓުގެ މޫސުމް އަންނައިރު، މިހާރު މި ހިތަށްއަރަނީ ހިރިމަރަދޫއަށް ކުރިން ބޭނުންވާނީ ފެނާއި ނަރުދަމާބާއޭ؟ ނުވަތަ ހިރިމަރަދޫއަށް ކުރިން ބޭނުންވާނީ މިތާ ކައިރި ރިޒޯޓެއްގައި ޒުވާން ކުދިން ވަޒީފާ އަދާކުރެވޭނެ ފުރުޞަތު ތަނަވަސްވެގެން ދިއުންބާއޭ؟ މަލްޓިޕްލް ޗޮއިސް ކުއިސްޗަނެއް ކަމަށްވަންޏާ، ސުވާލެއް ކަމަށްވަންޏާ، މި ދެސުވާލުން ކޮންމެވެސް އެކެއްޗަކަށް ޖަވާބުދެވޭނީ. އެކަމަކު ޠަބީޢަތަށް ބިނާކުރާ ސުވާލަކަށް ޖަވާބުދޭ ކަމަށްވަންޏާ، ހުރިހާ ކަމެއްވެސް ބޭނުންވާނެ. އިންސާނުންގެ ބޭނުންތަކަކީ ނިމިދާ ކަންކަމެއް ނޫން. އެހެންނަމަވެސް، ކޮންމެބަޔަކުވެސް މަސައްކަތް ކުރާއިރު، މި ހުރިހާ ކަންތައްތަކެއް ކޮށްދެވޭތޯ ބަލާނެ. ދެން މި އަންނަނީ ތަރުތީބުގެ ވާހަކަ. ތަރުތީބު ކުރެވެންވާނެ.

އަޅުގަނޑު ހަމަ އުފަލާއެކީ ދަންނަވަން ބޭނުންވާ ވާހަކައަކީ، މިފަހަރު ޝައްކުނުކުރައްވާށޭ. މިފަހަރުގެ ބަޖެޓުގައި، އަންނަ އަހަރަށް އަޅުގަނޑުމެން ފާސްކުރާ ބަޖެޓުގައި، އުތުރުގެ ދެ އަތޮޅުގައި، އެންމެ އެކަހެރިކޮށް އޮތް ދެ އަތޮޅުގައި، ޝައްކެއްވެސްނެތްގޮތުގައި، ހިރިމަރަދޫ އަދި ކުރިނބީ އަދި މިހިސާބުގަނޑުގެ ރަށްރަށަށް މިއިން ފައިދާވާނެ. އަޅުގަނޑުމެން ބަޖެޓުން، ސަރުކާރުގެ ބަޖެޓުން، ހަމަ ފުރިހަމައަށް ސަރުކާރުގެ ބަޖެޓުން ހޭދަކޮށްގެން އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ކުޅުދުއްފުށީގެ އެއަރޕޯޓު ހެދުމުގެ މަސައްކަތް ފައްޓާނަން. އެއީ މިހާރު ނިންމާފައި އޮތް ކަމެއް. ހަމައެހެންމެ ށ.އަތޮޅު ފުނަދޫގައި، އާދެ، ފަރުކޮޅުފުނަދޫގައި އަޅުގަނޑުމެން އެއަރޕޯޓެއް ހަދާނަން. އެއީވެސް ހަމަ ނިންމާފައި އޮތް ކަމެއް. މިހާތަނަށް މިކަންކަން ކުރިއިރު، ހަމަ ރައްޔިތުން އަރިހު އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންނަށް ދަތިތަކެއްވެސް ހުރި. އެންމެ ފުރަތަމަ ކުޅުދުއްފުށީގައި އެއަރޕޯޓު ހަދަން އަޅުގަނޑުމެން މަސައްކަތް ކުރިއިރު، ކުޅުދުއްފުށީގެ ފަރާތުން އެވަރުގެ ތަރުޙީބެއް އަޅުގަނޑުމެންނަށް ލިބުނުނަމަ، އޭރު އެ އެއަރޕޯޓު ހެދިފައި އޮންނާނީ. އެހެންނަމަވެސް، އެ އެއްބާރުލުމެއް އަޅުގަނޑުމެންނަކަށް އޭރުގެ ކައުންސިލަކުން ނުލިބުނު. ނުލިބިގެން އަޅުގަނޑުމެންނަށް އެކަން ނުވެގެން ދިޔައީ. އެކަން ނުވެދިޔައިމާ ވާގޮތަކީ، ވިޔަފާރިކުރާ މީހަކު ކަމަކަށް ބަހައްޓާފައި ހުންނަ ފައިސާ، އެ ކަމެއް ނުވާކަމަށްވަންޏާ، އެކަމެއް އެހެންކަމަކަށް ބޭނުންކުރާނެ. އެހެންނަމަވެސް، މިހާރު ކުޅުދުއްފުށީގެ ރައްޔިތުން، ކުޅުދުއްފުށީ ކައުންސިލުން އެބަ ގަބޫލުކުރައްވާ، އަޅުގަނޑުމެން ހަދާގޮތަކަށް އެއަރޕޯޓު ހަދަން ދޫކޮށްލަންޖެހޭނެ ކަމަށް. ދެން އަޅުގަނޑުމެން ބަލަމުން ދިޔައީ، ބޮޑެތި ބިޔަ ހަރަދު ހިނގާ ކަންކަން ކަމަށްވާތީ، މިއިން ކޮންމެ އެއަރޕޯޓެއްވެސް ގާތްގަނޑަކަށް ސާދަވަރަކަށް މިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ. އަޅުގަނޑުމެން ބެލީ ބޭރުގެ ފަރާތަކުން، ނޫނިއްޔާ ރާއްޖޭގެ ފަރާތަކުން ސީ.އެސް.އާރު.ގެ އެހީއެއްގެ ތެރެއިން، އަޅުގަނޑުމެން ކޮންމެވެސް، އެމީހުންނަށް ބޭނުންހިފޭ އެއްޗެއް، އެ ރިޒޯޓު ހަދަން ރަށް ދީގެންނަމަވެސް، މިކަން ކުރުވޭތޯ. ލައްކަ އިންތިޒާރު ކުރެވިއްޖެ. އެކަމަކު މިކަންކަން އަދިވެސް ފުރިހަމަނުވެދާތީއާއެކީ، އަޅުގަނޑުމެން ނިންމާފައި، މިހާރު މި ހިމެނީ. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު ކުޅުދުއްފުށީގެ އެއަރޕޯޓުގެ މަސައްކަތް އަޅުގަނޑުމެން ފަށާނަން. މިއަންނަ އަހަރު ކުޅުދުއްފުށީ އެއަރޕޯޓުގެ ޚިދުމަތްވެސް އަޅުގަނޑުމެން ދޭން ފަށާނަން.

އެއާއެކީ ދެން ދަންނަވާލަން އޮތް ވާހަކައަކީ، މިކަން މިކުރަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ފަސޭހައަކަށްވެސްމެ. އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ފަސޭހައަށް. ޙަޤީޤަތުގައިވެސް. އަޅުގަނޑުމެން ހަނިމާދޫއަށް އަންނަނީ، ޝައްކެއްވެސްނެތްގޮތުގައި، ހަނިމާދޫއަކީ ވަރަށް މުހިންމު ރަށެއް، މިތަނުގައި. އެކަމަކު އެއާއެކީވެސް ހަނިމާދޫން ކުޅުދުއްފުށްޓަށް ގަދައިގައި ދާކަމަށްވަންޏާ، އަޅުގަނޑުމެން ކުރާ ދަތުރުގެ ވޭނާދޭތެރޭގައިވެސް ވިސްނައިލައްވަންޖެހޭ. އެހެންވީމާ، ހަނިމާދޫގައި އެއަރޕޯޓެއް އޮތުމަކީ ބޭނުންތެރި ކަމެއް. ހަމައެއާއެކީ، ކުޅުދުއްފުށްޓަކީ އުތުރުގައި އޮތް އެންމެ އާބާދީ ބޮޑު ރަށް ކަމަށްވެފައި އަދި އެ ހިސާބުގައި ހުރި ރަށްތަކަށް ބަލާކަމަށްވަންޏާ، ޞިނާޢީ އެތަކެއް މަސައްކަތް ކުރެވޭނެ، މަރުކަޒީ ހަބަކަށް ވާތަނަކީ ކުޅުދުއްފުށި. އެހެންވީމާ، ކުޅުދުއްފުށްޓަށް އެކަން އަޅުގަނޑުމެން ކުރަނީ.

ށ.އަތޮޅަކީ ބޮޑު އަތޮޅެއް. އެހެންނަމަވެސް، އަޅުގަނޑުމެން ޤުދުރަތީގޮތުން އުފެދިފައިހުރި ގޮތަށް ބަލާކަމަށްވަންޏާ، މިކަހަލަ ރަށްރަށަށް ބަލާއިރު، މިހުންނަނީކީ ހައުސް ރީފު ހުންނަ، ބޮޑެތި ލެގޫންލާފައި ހުންނަ، ހިމާޔަތް ލިބިފައި ހުންނަ ރަށްރަށެއް ނޫން. މި ހުންނަނީ ވަކިވަކިން އުފެދިފައި ހުންނަ ރަށްރަށް. އެހެންވީމާ، ށ.އަތޮޅަކީ ޙަޤީޤަތުގައިވެސް، ގިނަރަށްރަށަކީ ވަރަށް އެކަހެރިކޮށް، މިއަދުގެ ދަތުރުފަތުރުގެ މުވާސަލާތުގެ މިކަންކަން އައިސްފައި، ކުރިއެރުން އައިސްފައި އޮތްއިރުވެސް، ށ.އަތޮޅަކީ ދުރުގައި އޮތް އަތޮޅެއް. އެހެންވީމާ، އަޅުގަނޑުމެން މިކަންކަން ހައްލުކޮށްދޭން ބޭނުންވަނީ.

އެއާއެކީ، ދަތުރުފަތުރުގެ ފަސޭހަކަމުގެ އިތުރަށް، ފުރިހަމަވެގެންދާ ކަމަކީ ތިޔަބޭފުޅުންގެ ވަޒީފާގެ ފުރުޞަތު. އަޅުގަނޑުމެންގެ ސަރުކާރުން ދާދި އިހަށްދުވަހު ޓޫރިޒަމް ބިޑަށް، ނޫނިއްޔާ ޓޫރިޒަމުގެ މަސައްކަތް ކުރުމަށް ރަށްރަށް ދޫކުރުމަށް ހަމަޖައްސާފައި އޮންނަ އުސޫލަށް އަޅުގަނޑުމެން ބަދަލުގެނައީ، އެންމެންނަށް ފެންނަގޮތަށް، ޓްރާންސްޕޭރަންޓްކޮށް. އޭގެ މާނައަކީ އަޅުގަނޑުމެން ކުރާ ކަމެއް، މަޖިލީހުގައި ސުވާލު އުފައްދައި، ސުވާލު ކުރެވި އަދި ރައްޔިތުންނަށް ފެންނަގޮތަށް، މިހާރުގެ އިބާރާތުން ވެއްޖިއްޔާ، ދެފުށް ފެންނަގޮތަށް މިކަން ކުރުމަށްޓަކައި. މިކަން ކުރަން އަޅުގަނޑުމެން ކަނޑައަޅައިފައި އެއޮތީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި އެއޮތީ ސަރުކާރުން ހުށަހެޅީމަ. ކޮންމެ އަހަރަކުވެސް، ނޫނީ ކޮންމެ ދެ އަހަރަކަށް، ނޫނީ ކޮންމެ ތިންއަހަރަކަށް، ސަރުކާރުން ތަރައްޤީކުރަން ބޭނުންވާ ރަށްތައް އިޢުލާނު ކުރަންވާނެއޭ. އެ ރަށްތަކަށް އިސްކަންދެވޭނެ. މީގެކުރީގައި ދިޔަ ރަށްތައް، މީގެކުރީގައި ގޮސްފައި ހުރި ގޮތާ ދޭތެރޭގައި އަޅުގަނޑު ދަންނަވާލާނީ، ކޮންމެ މީހަކުވެސް ފުރުޞަތު ލިބޭކަމަށްވަންޏާ، އެއްވަރުގެ ފުރުޞަތު ލިބޭކަމަށްވަންޏާ، އެއަރޕޯޓެއް، ޓޫރިޒަމް ސަރަޙައްދެއް އޮތް ތަނެއް، ނޫނީ މާލޭ ބައިނަލްއަޤުވާމީ ބަނދަރު ކައިރީގައި ނޫނިއްޔާ، ޓޫރިޒަމް މަސައްކަތް ކުރާކަށް ބޭނުމެއް ނުވާނެ. އެއީ ފަސޭހަތަކެއް ހުންނާތީ. ހިންގުމުގެ ހަރަދު ކުޑަވެގެންދާތީ. އެހެންވީމާ، އުތުރަށް ދަތުރުކުރާ މީހުން މަދުވަނީ. އުތުރުގައިވެސް އެބަހުރި އަދިވެސް ނުހެދި ހުރި ރަށްރަށް. އެތައް އަހަރެއްވެފައި ހުރި ރަށްރަށް އެބަހުރި. އެހެންނަމަވެސް މީގެކުރީގެ ސަރުކާރުތަކުންވެސް ހުންނާނީ ނިންމާފައި، އެރަށްތައް ވަކިކޮށްފައި، އަލުން އެރަށް ހެދޭނެ ގޮތްތަކެއް ހަމަޖައްސަން. ހަމަ އެކަންއޮތީ މިހާރުވެސް އެގޮތަށް. އެހެންނަމަވެސް ގަބޫލުކުރައްވާ! މި ރަށްތައް މި ނަންގަވައިގެން މި އުޅުއްވަނީ ހަމަ އަޅުގަނޑުމެންގެ ހަމަ ދިވެހި ރައްޔިތުން. އެހެންވީމާ ކަންކަން ކުރާއިރު، ހަމަ އިޙުސާންތެރިކަމާއެކީ ކަންކަން ކުރުމަކީ އަޅުގަނޑުމެންގެ ސަރުކާރުން އިސްކަންދޭ ކަމެއް. މިދެންނެވި ގޮތަށް މިއަންނަ ދެއަހަރަށް، އޭގެ މާނައަކީ 2017 އާއި 2018ގެ ނިޔަލަށް އިޢުލާނުކޮށްފައި ހުރި ރަށްތައް، ގާތްގަނޑަކަށް އަޅުގަނޑު ހަނދާންވާގޮތުން ވެއްޖެއްޔާ 15 ވަރަކަށް ރަށް. އޭގެ ތެރެއިން 85 ޕަސެންޓު ރަށަކީ އުތުރުގެ ރަށްތައް. އެހެންވީމާ، އުތުރުގެ ރަށްތަކުގެ ތެރެއިން އަޅުގަނޑުމެން އިސްކަންދީފައި އެއޮތީ ހަމަ ހަޤީޤަތުގައިވެސް ށ. ހއ. ހދ.އަށް. ނ. އަތޮޅަކު ރަށެއް ނޯންނާނެ. ރ. އަތޮޅަކު ރަށެއް ނޯންނާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެއަރޕޯޓު ހަދަން ފެށީމާ، މި ރަށްތަކަށް ޝައުޤުވެރިވާ ފަރާތްތަކެއް މަދެއްނުވާނެ. އެހެންވީމާ، އެއާއެކީ އެ އަންނަނީ މުޅި އުތުރުގެ ތަރައްޤީ. މުޅި އުތުރަށް އަންނަ ތަރައްޤީ އަޅުގަނޑުމެންނަށް ފެނިގެންދާނީ އެކަންކަމާއެކީ. އެހެންވީމާ، ކުޅުދުއްފުށީގައި އެއަރޕޯޓެއް ހެދިފައި، ފަރުކޮޅުފުނަދޫގައި އެއަރޕޯޓެއް ހެދިފައި، ޓޫރިޒަމުގެ ރަށްތައް އުފެދިގެން ދިޔައިމާ، އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ތަރައްޤީ، މި ހިސާބުގަނޑަށް އަންނާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން.

އެއާއެކީ، ހަމަ ދަންނަވާލަން ބޭނުންވަނީ ހާލަތު ބަދަލުވާ ފަދައިން، އަޅުގަނޑުމެންގެ ވިސްނުމަށްވެސް ބަދަލުތައް އަންނާނެ. އެއީ ހުރިހާ ގިންތިއެއްގެ، ހުރިހާ ފަންތިއެއްގެ މީހުންގެ ވިސްނުމަށްވެސް ބަދަލު އަންނާނެ. ވެރިކަންކުރާ މީހުންގެ ވިސްނުމަށްވެސް ބަދަލު އަންނާނެ. ވެރިކަން ކުރަން ތިބޭ މީހުންގެ ކުރިއަށްދިޔުމުގެ ރޫޙެއް ނެތިއްޔާ، އަޅުގަނޑުމެން ތިބޭނީ ހަމަ ޤަދީމީ ޒަމާނުގައި ކަންތައްކުރާގޮތަށް، ހަމަ އެ ސްޓައިލަށް ކަންކަން ކުރަން. އެހެންވީމާ، ލޯނު ނަގައިގެން، ދައުލަތުގެ ބަޖެޓު ދަރަނިވެރިވެގެން ކަންތައްތައް ކުރުމަކީ އެއް ވިސްނުމެއްގައި، ތަޙައްމަލުކުރަން އުނދަގޫ، ނޫނީ ހައްލުކުރަން ދަތިކަމެއް ގޮތަށް ގަބޫލުކުރާ މީހުންނަށް، ކުރިއަށް ދިޔުމަށް ލޯނު ނަގައިގެން ކަންކަން ކުރުމަކީ، ދަރާފާނެތީ، ބޮލަކަށް ދައްކަންޖެހޭ ދަރަނި ބޮޑުވެދާނެތީ، މާ ފަސޭހައިން ގަބޫލުކުރެވޭނެ ކަންކަމެއް ނޫން. އެހެންނަމަވެސް، ކުރިއަށްދާން ބޭނުންވަނީ އުންމީދެއް އޮތީމަ، ދިރުމެއް ހުރީމަ. ރައްޔިތުންނަށް އެއަށްވުރެ އުފާވެރިކަން ހޯދައިދޭން ކަމަށްވެފައި، އަދި އެ ނަގާ ދަރަނިތައް އަދާކުރެވޭނެ ގޮތްތަކަށް އަޅުގަނޑުމެންނަށް ކަންތައްތަކެއް ތަރުތީބު ކުރެވޭ ކަމަށްވަންޏާ، ރައީސަކަށް ހުންނަ މީހާގެ ވިސްނުން، އެކަން ގަބޫލުކުރާކަމަށްވަންޏާ، ރައީސަކަށް ހުންނަ މީހާގެ ވިސްނުން ބަދަލުވާނެ.

އަޅުގަނޑުމެންނަށް މީގެކުރީގައި، އަޅުގަނޑުމެންގެ އެކި މަދަރުސާތަކުން، މަދަރުސާއޭ މިދަންނަވަނީ އެކި ވިސްނުންތަކުން އަޅުގަނޑުމެންނަށް ވިސްނައިދީފައި ނުވަތަ ވިސްނިފައި އޮތީ ރާއްޖޭގެ ބިންކޮޅެއް އަމިއްލަ ފަރާތަކަށް ވިއްކުމަކީ، އަމިއްލަ ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫނޭ. މިހާރު ވިސްނުމާއި، އެކަންކަމަށް އެގޮތަށް ވިސްނާ ޒަމާން އަޅުގަނޑުމެންނާ މާޒީވެ ހިނގައްޖެ. ރާއްޖޭގައި ބިން އެބައޮތް. ރާއްޖޭގެ ބިން ބޮޑުކުރެވެންވެސް އެބައޮތް. އެހެންވީމާ، ރާއްޖޭގެ ބިން ބޮޑުކޮށްގެން، އެތައް ސަތޭކަ މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ގެންނަން މި ސަރުކާރުން ބޭނުންވަނީ، މިދެންނެވިގޮތަށް ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ކޮށްދޭން. މީގެކުރިންވެސް އަޅުގަނޑުމެންނަށް މި ވިސްނުމުގައި ކަންކަން ކުރާކަމަށްވަންޏާ އަޅުގަނޑުމެންނަށް ހަމަ މިކަންކަން ކޮށްދެވެންވާނެ. އެހެންވީމާ، މިއަދު ބިން ވިއްކާތީ، ނޫނީ މިއަދު ބިން ހިއްކައިގެން، ބިން ވިއްކައިގެން، ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ބިން ވިއްކާތީ، ނޫނިއްޔާ ދިގު މުއްދަތަކަށް ކުއްޔަށް ތިބެވޭނޭގޮތް ތަނަވަސްކޮށްދިނީމަ، ކުރީގައި އަޅުގަނޑުމެން އެކަންކަމާ ދޭތެރޭގައި ވިސްނައި ފިކުރުކުރި މީހުންގެ ފިކުރަށް ބަދަލުތަކެއް އަތުވެއްޖެ. އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި ބިން ހިއްކައިގެން، ބިން ބޮޑުކޮށްގެން ކުރެވޭނެ ކަންތައް މަދެއްނޫން. މިހާރު ހަމައެކަނި މީހުން ދިރިއުޅޭ ރަށްރަށަކު ނޫން ބިން ބޮޑުކުރަންވީ. އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ، ވަސީލަތްތައް ތަނަވަސްކުރެވޭ ކަމަށްވަންޏާ، ނޫނީ ވަސީލަތްތައް ހޯދުމަށް އަޅުގަނޑުމެންގެ އުންމީދުތަކެއް، ނޫނީ ވިސްނުންތަކެއް ހުންނަ ކަމަށްވަންޏާ، ހަމަ ބޮޑެތި ބިޔަ ޝަހަރު އަޅުގަނޑުމެންނަށް ދޮޅުމަސްތެރޭގައި ހިއްކާލެވޭކަން އެބަ އެނގޭ. އެހެންވީމާ، ކީއްވެގެންތޯ ރާއްޖޭގައި ބިން ނެތިގެން މިއުޅެނީ؟ ރާއްޖޭގައި ބިން އެބައޮތް. ބިން ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރަންވީ. ބިން އަޅުގަނޑުމެންނަށް ލިބޭނޭގޮތަކާ ދޭތެރޭގައި ވިސްނަންވީ. މިއީކީ ކުރީގެ ވިސްނުމާއެކީ އަޅުގަނޑުމެން ފިކުރު ކުރަންވީ ކަންކަމެއް ނޫން. އެއާއެކީ އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، އެކަންކަމަށް ކުރި ހޭދަ، ނޫނީ ނަގާފައި ހުރި ލޯނު އަދާކުރެވޭނެ ގޮތަކަށް ވިސްނަންވީ.

އަޅުގަނޑުމެންނަށް ތިބެވިއްޖައީސް އަދި އިތުރު 5 އަހަރާ، އެއީ، ސިޔާސީ މީހެއްގެ ވިސްނުން، ސިޔާސީ ލީޑަރެއްގެ ވިސްނުން، އާންމުކޮށް ހުންނާނީ 5 އަހަރާ ހަމައަށް. އޭނަ ހޮވެން ބޭނުންވާނީ 5 އަހަރުގެ ތެރޭގައި، ކަންތައްތަކެއް ކޮށްދެވުނީމަ، ހޮވެންޏާ ހޮވޭނީ. އެކަމަކު ވަރުގަދަ އަސާސެއްގެ މައްޗަށް އިޤްތިޞާދާއި ރައްޔިތުންގެ ދިރިއުޅުން ބައްޓަންކުރާ މީހަކީ ޙަޤީޤަތުގައި ރައްޔިތުންނާ ދޭތެރޭގައި ވިސްނައި، ކުރިއަށްއޮތް ޒަމާންތަކުގައި ރައްޔިތުންނަށް އުފާވެރިކަމާއި ތަނަވަސްކަން ގެނެސްދޭން. އަދި ދިވެހިރާއްޖެއަކީވެސް ދުނިޔޭގެ ސަފުގައި، އަޅުގަނޑު ނުދަންނަވަން އެއްވެސްވަރަކަށް ސިންގަޕޫރާ އެއްފެންވަރަކަށް އަޅުގަނޑުމެން އައި ވާހަކައެއް. އެހެންނަމަވެސް، ދުނިޔޭގެ ސަފުގައި، ޝަރަފާއެކީ އުޅެވޭ ބަޔަކަށްވުމުގެ އުންމީދާއި ޢަޒުމު އަޅުގަނޑުމެންގެ ތެރޭގައި ހުންނަންވާނެ. ކީއްކުރަންތޯ ކޮންމެ މަންމައަކާއި ބައްޕަޔަކު، ގޯއްޗަށްދަންދެން ރަހުނުކޮށްފައި، ދަރިންނަށް ކިޔަވައިދޭން ލޯނު މި ނަގަނީ؟ އެއާ ތަފާތުތޯ، އަޅުގަނޑު ރާއްޖޭގެ އެކި ކަންކަމަށް ލޯނު ބޭރުން ނެގުމާ؟ ފަރުދީގޮތުން މިކަންކަން ހަމަ މަންމައިންނާއި ބައްޕައިން މި ކުރަނީ، ދަރިން ބޭރަށް ކިޔަވަން ފޮނުވަން. މިއީ އަޅުގަނޑުމެންގެ މުއްސަނދިކަން. މި ހުރިހާ ކުދިން ކިޔަވައިގެން އައުމަކީ އަޅުގަނޑުމެން އެދޭގޮތް. މިއީ މަންމައިންނާއި ބައްޕައިން އެދޭގޮތް. ކޮންމެ ޤައުމެއްގެ ކަންކަން ނިންމުމުގައި، އެ ޤައުމެއްގެ ކަންކަން އެ ކަންކަމަށް ސިކުނޑި ފޯރައި، އެކަންކަމަށް ޚިޔާލު ދެވޭވަރުގެ ފަންނީ ދަރިން އުފެދެންވާނެ. އަޅުގަނޑުމެންނަށް އެންމެ ހެޔޮގޮތް ނިންމައިދޭނީކީއެއް، އެތައްހާސް މޭލެއް ދުރުން އަންނަ މުޝީރެއް ނޫން. އޭނަ ދައްކާ ވާހަކައިގެ އޮށްޓަރެއް ހުރި މިންވަރު ވަޒަންކުރެވޭވަރުގެ މީހުން އަޅުގަނޑުމެންގެ ތެރޭގައި ތިބެންވާނެ. އެހެންނޫނީ ދުވަހަކުވެސް ދިވެހިރާއްޖެ ބޭނުންވާ ގޮތަކަށް ނުދާނެ.

ހަމަ ކުޑަކުޑަ މިސާލެއް ދަންނަވާނަން. ރާއްޖޭގެ ޓޫރިޒަމް ފެށިގެން އައިއިރު، ފެށެންވެގެން އައިއިރު، 1970ގެ ކުރީކޮޅުގެ އަހަރު ތެރޭގައި، ހަމަ އެންމެމޮޅު މުޝީރުން އައިސް ބުނީ، ދިވެހިރާއްޖޭގައި ޓޫރިޒަމަކީ އެއްގޮތަކަށްވެސް ކުރިއަށްދާނެ އެއްޗެއް ނޫނޭ. އެއީ ކީއްވެގެންތޯ؟ ވަރަށް ސާފު. ވަރަށް ސާފު ޖަވާބެއް. އެ ގޮތް ގަބޫލުކޮށްގެން އަޅުގަނޑުމެން ތިބިނަމަ، އަޅުގަނޑުމެން ތިބޭނީ ހަމަ ކުރީގެ ބޯދާ ވިސްނުމުގައި. އެއްވެސް ގޮތަކަށް ކުރިއަށްދެވޭނެ ވިސްނުމެއް ނޯންނާނެ. ސަބަބެއްކަމަށް މި މަތިކުރަނީ، މި ދައްކަނީ ދިވެހިރާއްޖެއަކީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާ ހުރިހާ އެއްޗެއް ބޭރުން އިމްޕޯޓުކޮށްގެން ކައިގެން އުޅޭ ބަޔެކޭ. އޭނައަށްވެސް އެނގިފައި އޮތީ ބޮޑު ހަނގުރާމައިގެ ތެރޭގައި އަޅުގަނޑުމެން މަގޫފަތްވެސް ކޭކަން. އެހެންވީމާ، ދިވެހިރާއްޖެއަކަށް ކުރިއެރުމެއް ނާންނާނެތާ! އެހެންވީމާ މި ލިޔަނީ، މި ރިޕޯޓުގައި މި ލިޔަނީ، ނިންމަމުން މި ލިޔަނީ، އެހެންވީމާ ދިވެހިރާއްޖެއަކަށް ޓޫރިޒަމުގެ ޞިނާޢަތެއް ތަރައްޤީއެއް ނުކުރެވޭނެއޭ.

40 އަހަރު ފަހުން މިއަދު ދުނިޔޭގެ ޔުނިވަރސިޓީތަކުގައި، ބޭރުގެ އެކި ކޮންފަރެންސްތަކުގައި، ޓޫރިޒަމުގެ ސަކްސަސް ސްޓޯރީ ކިޔައިދޭން މިދަނީ ދިވެހިން. ފަޚުރުވެރި، ޝަރަފުވެރި ދިވެހިން މިދަނީ ޓޫރިޒަމުގެ ވާހަކަ ކިޔައިދޭން. ދުނިޔޭގައިހުރި އެންމެ ރަނގަޅު ފެންވަރުގެ ހޮޓާތައް އިރާދަކުރެއްވިއްޔާ ﷲގެ ރަޙުމަތާއެކީ ދިވެހިރާއްޖޭގައި އެބަހުރި. ކުރީގައި އެނދެއް ވިއްކާލާއިރު 28 ޑޮލަރަށް ވިއްކާ ކަމަށްވަންޏާ، މިއަދު ދިވެހިރާއްޖޭގައި އެބަހުރި 5000، 6000 ޑޮލަރަށް ދުވާލަކު އެނދު ވިއްކާ ރިޒޯޓު. އެހެންވީމާ، ދުނިޔޭގެ ކޮންމެ ތަނެއްގައި ލިބެން ހުރި އެންމެ މުއްސަނދި ކެއުންވެސް މިއަދު ދިވެހިރާއްޖެއަށް ހަމަ އެ ބުނާހެން އިމްޕޯޓު ކޮށްގެން ލިބެން އެބަހުރި. މިއީ ދޮގެއްތޯ ކުރިއަށް ދިޔުމުގެ ރޫޙަކީ.

އެހެންވީމާ، ރާއްޖޭގެ ބިންވެސް ބޮޑުކުރަންޖެހެނީ. އެކަމަކު، ބޯދާ ވިސްނުމުގައި ތިބޭކަމަށްވަންޏާ، ކާކުތޯ ގަބޫލުކުރާނީ ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހޭދަކޮށްގެން، މި ޓޫރިޒަމަށް ޖާގަ ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން އާ އެއަރޕޯޓަކާއި އާ ރަންވޭއެއް ހަދާނެކަމަށް؟ މިއީ އަޅުގަނޑުމެން ކުރިމަތިލާ ޗެލެންޖް. މިއީ، އަޅުގަނޑުމެންނަށް ހުރި ގޮންޖެހުމަކީ. އަޅުގަނޑުމެންގެ މިހާރުއޮތް އެއަރޕޯޓު އެއޮތްގޮތަށް އޮންނަ ކަމަށްވަންޏާ، އަޅުގަނޑުމެންނަކަށް ޓޫރިޒަމް ތަރައްޤީ ކުރެވޭކަށްނެތް. ޝައްކެއްވެސްނެތް، މި ލޯނު އަދާކުރަމުންދަންދެން، ކޮންމެ ބޮލަކަށް، ނުވިހާ ކުދިންނަށްދަންދެން، އަގުމަގު ކުރާކަމަށްވަންޏާ، ބޮލަކަށްޖެހޭ ދަރަނީގެ ހިސާބު ޖެހިދާނެ. އެކަމަކު ހިސާބު ޖަހާފައި، އެ ހިސާބުޖަހާ މީހުން ކިޔައިދޭންވާނެ، މިކަން ނިމުނީމަ، ބޮލަކަށްޖެހޭ އާމްދަނީ އިތުރުވެގެން އަންނަ މިންވަރުވެސް. އެ ކިޔައިނުދެވޭ ކަމަށްވަންޏާ، ޒިންމާދާރުކަމާއެކީ ރައްޔިތުންނާ ހަމައަށް ގެނެސްދޭ މެސެޖުތަކެއް ނޫން އެ ގެނެވެނީ.

ކީއްވެގެންތޯ މާލެއާއި ހުޅުލެއާ ދޭތެރޭގައި ބުރިޖެއް އަޅަން މިއުޅެނީ؟ ބުރިޖެއްގެ މަސައްކަތް މި ކުރަނީ ކީއްވެގެންތޯ؟ ހަމަ ވަރަށް މީގެ ޖަވާބު ސާދާ އިނގޭތޯ! އަޅުގަނޑުމެންގެ ހުޅުމާލެއަކީ ހުރިހާ ދިވެހި ރައްޔިތުންގެ ހުޅުމާލެ. އެއީ، އަޅުގަނޑުމެން މި ގަބޫލުކުރީ ޒުވާނުންގެ ޝަހަރު ކަމަށް. އަޅުގަނޑަށް އެނގޭ، މިރަށުންވެސް މަދުމަދުންނަމަވެސް، ބަދަލުވާން ބޭނުންވާ މީހުން އެބަތިބި. ހަމަ ހުރިހާ ބޭފުޅުންނަށްވެސް، ބަދަލުވާން ބޭނުންވާ ބޭފުޅުންނަށް އަޅުގަނޑުމެން މަރުޙަބާ ކިޔަން އެބަ. ބަދަލުވާން ބޭނުންނުވާ ބޭފުޅުން، އެ ރަށެއްގައި ތިއްބަވާށޭ. މީގައި އެއްވެސްކަހަލަ މަޖުބޫރުކަމެއް ނޯންނާނެ. ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ބުރިޖު އަޅަންޖެހޭ ސަބަބަކީ، މިދެންނެވި ގޮތަށް މިހާރުވެސް ހުޅުމާލޭގައި ދިރިއުޅެމުން އެބަގެންދޭ، ސާޅީސްހާހަށްވުރެ އިތުރު އާބާދީއެއް. އެއީ ރާއްޖޭގައި، މާލެ ނަގާފައި އޮތް އެންމެ ބޮޑު ދެވަނަ އާބާދީކަންނޭނގެ. ހިތްޕުޅަށް ގެންނަވާ! އަޅުގަނޑުމެން އެއަރޕޯޓާއި މާލެއާ ދޭތެރޭގައި އަދި ހުޅުމާލެއާއި މާލެއާ ދޭތެރޭގައި ދަތުރުފަތުރަށް މިއަންނަ ބުރަ، ވިސްނަވާ!

ކުރިއަށް އޮތް މޫސުމުގައި، މިހާރު ދޫކޮށްފައި ހުރި ރަށްތައް ހެދިގެން، އިރާދަކުރެއްވިއްޔާ، މީގެ ދެއަހަރު ފަހުން މި ރަށްތައް ހުޅުވޭއިރު، ދެން މި ސަރަޙައްދުގައި އިތުރުވެގެންދާނެ އުޅަނދުތަކަށް ވިސްނަވާ! އަޅުގަނޑުމެން އަޑުއަހަމު، އަޅުގަނޑުމެންގެ ތެރެއިން ބެންކޮކަށް ގޮސްއުޅޭ މީހުން ބުނާނެ، ކާރޫބާރޫ ބޮޑު ގަޑިއެއްގައި، ޓުރެފިކް ބޮޑު ގަޑިއެއްގައި، ބެންކޮކް ސިޓީއެއްގެ ތެރޭގައި، މަގެއްގައި އިންނަން ޖެހިދާނެ، ޓުރެފިކްގައި ޖެހިގެން ތިންހަތަރު ގަޑިއިރު، ކާރު ގުޑާނުލާ. ތަފާތެއްނުވާނެ، މާލޭގެ މިދެންނެވި ހިސާބުވެސް، މި ދެންނެވި ގޮތަށް ތަރައްޤީވީމަ. މި ސަބަބަށްޓަކައި، މި ފަސޭހަ ހޯދުމަށްޓަކައި އަޅުގަނޑުމެން އެބަޖެހޭ، ޓޫރިޒަމް ކުރިއަށްގެންދަން ބޭނުންކަމަށްވަންޏާ، އަދި އަޅުގަނޑުމެންގެ ޒުވާނުން އެކި ހިސާބުން ވަޒީފާތަކަށް މާލެ ކައިރިއަށް ގެންނަކަމަށްވަންޏާ، މި ފަސޭހަ އެބަޖެހޭ ހޯދައިދޭން. އެއީ ކޮށްދޭންޖެހޭ ކަމެއް. އެއީ ސަރުކާރެއްގެ ޒިންމާ. އެހެންވީމާ ލާރި ހޯދައިގެންވެސް، ސަލާންޖަހައިގެންވެސް ތިންހަތަރުސަތޭކަ މިލިއަން ޑޮލަރު ހޯދައިގެން މިކަން ކުރަންޖެހޭ. މިހުންނަނީ ރާއްޖޭގެ ނިސްބަތުން އަދި ރާއްޖޭގެ ތާރީޚަށް ބަލާކަމަށްވަންޏާ، ބޮޑެތި ބިޔަ މަޝްރޫޢު. މިހުންނަނީކީ އެއްދުވަހުން ދެދުވަހުން، މީގެކުރީގައި ކުރެވިފައި ހުންނަ ކަންކަމެއް ނޫން. އެކަމަކު އެއީ އޭގެ ވިސްނުމުގައި ތަފާތު އޮތީމަ.

އަޅުގަނޑުމެންގެ ތެރޭގައި ހަމަ ބުނެ އުޅޭނެ ދޮގެއްތޯ، ނުފޯރާފޮތިން ފޫނުގަޅާ ވާހަކަ. އެކަހަލަ ވިސްނުމުގައި ތިބީމަ. އެކަމަކު އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑާ އެކީގައި މަސައްކަތްކުރާ ކެބިނެޓު ޓީމުގެ ވިސްނުމަކީ، ކިތަންމެ ކުޑަކުޑަ ފޮތިކޮޅެއް ދިނަސް، ތިމަންނަމެން ފޫގަޅާނަމޭ. އެހެންވީމާ، އެ ވިސްނުމުގައި ކުރިއަށްދާކަމަށްވަންޏާ ހަމަ މިކަހަލަ ކުދިކުދި ރަށްރަށުގެ ވިސްނުންވެސް ބަދަލުވާނެ.

ޒުވާނުން، ހިރިމަރަދޫގެ ޒުވާނެއްވެސް، ކުރިނބީގެ ޒުވާނެއްވެސް، މާލޭގެ ޒުވާނެއްވެސް ބޭނުންވާ ކަންތައްތަކެއް ހުންނާނެ. މުއްސަނދި ކަމުގައި އުޅެން ބޭނުންވާނެ. އަލަށް ޒަވާޖީ ޙަޔާތެއް ފަށައިގެން، ކުދިން ރަނގަޅުގޮތުގައި ބޮޑުކުރަން ބޭނުންވާނެ. އެކޮޅުގައި ހޮންޑާޑްރީމެއް ދުއްވަންޏާ، މި ކޮޅުގައިވެސް ހޮންޑާޑްރީމެއް ދުއްވާނެ. އެކޮޅުގައި އެކްސްޕްރެސޯ ބޯކަމަށްވަންޏާ، ކީއްވެގެންތޯ ހިރިމަރަދޫގައި އެކްސްޕްރެސޯ ނުބޮވެންވީ، އެހެންނޫންތޯ؟ އެކޮޅުގައި ބަރިސްޓާ، މި ކޮޅުގައި ބަރިސްޓާ. މިއީ، އަޅުގަނޑުމެން އިންސާނުންނަށްވީތީ ޠަބީޢީގޮތުން އަޅުގަނޑުމެން އެންމެން އެދޭ ކަންކަން. އެހެންވީމާ، މިކަންކަމަށް ޖާގަ ހޯދައިގެން، ގޮތްގޮތް ހޯދައިދިނުމަކީ، އެވަގުތަކު ވެރިކަން ހިންގުމަށް މަތިކޮށްފައި ތިބި ބަޔަކު ކޮށްދެންޖެހޭ ކަމެއް.

އެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ އެތައް ބައިވަރު ކަންތައްތަކެއް ނޫންތޯއޭ ފެނިގެން މިދަނީ؟ އިރު ހުރަހަށް، އުތުރު ދެކުނަށް ބެލިޔަސް އަޅުގަނޑުމެންނަށް މި ފެންނަނީ، ދެންމެ ކުރިނބީގައި ވާހަކަފުޅު ދެއްކެވި، އަޅުގަނޑުމެންގެ މިނިސްޓަރު މުޢިއްޒު ވިދާޅުވިގޮތަށް. ވަރަށް ހީވާގިކަމާއެކީ މަސައްކަތް ކުރައްވާ ވަޒީރެއް. އަދި އެ މަނިކުފާނުގެ ޓީމަކީވެސް ވަރަށް މުރާލިކަމާއެކީ މަސައްކަތް ކުރައްވާ ޓީމެއް. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ. މިކަހަލަ ބަނދަރުތައް އަވަސްކަމާއެކީ ހުޅުވިގެންދާތަން. ހަމައެހެންމެ، ޖެހިގެން އެ އިންނެވި މުޢިއްޒުގެ އަޚު ޠާރިޤަކީވެސް ހަމަ ވަރަށް މުރާލިކަމާއެކީ، ވަރަށް ހަކަތަ ހުރެގެން، ހަކަތައިގެ މަސައްކަތް ފަތަޙަކުރައްވަން އުޅުއްވާ ބޭފުޅެއް. އެހެންވީމާ، މިކަހަލަ ކަންކަން އަޅުގަނޑުމެން ކުރަން ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތް ކުރަން.

2018 ގައި ހަމައެކަނި ވެރިކަން ބޭނުންވެގެން، އެންމެކަމަކަށް ބިނާވެގެން އުޅެންޏާ، އަޅުގަނޑަކަށް ފަސޭހަކަމެއްނޫން، ކާޑުގެ އަގު ބޮޑުކުރުން އެއީކީއެއް. އެކަމަކު ކާޑުގެ އަގަށް ބަދަލުތައް އަންނަންޖެހޭ ސަބަބުތައް އެކިފަހަރުމަތިން އަޅުގަނޑުމެން ދެންނެވިން. ކިހިނެއްތޯ ދުނިޔޭގައި، ބާޒާރުގައި -/8 ރުފިޔާއަށް ކިލޯ ލިބޭ އެއްޗެއް ގެނެސް، މާލޭގައި -/2 ރުފިޔާއަށް އަބަދު ވިއްކާނީ؟ ކިހިނެއް ކުރެވޭނެ ކަމެއްތޯ އެއީ؟ ބައެއް ޤައުމުތަކުގައި މިކަންކަން ކުރާގޮތަކީ، މިސާލަކަށް، ރަށް ނުދެންނެވިޔަސް، އަޅުގަނޑުމެންގެ އަވަށްޓެރި އެއް ޤައުމު. ވަރަށް ގިނައިން ހަނޑޫ އުފައްދާ ޤައުމެއް. އެއްވަނަ ގުރޭޑާއި ދެވަނަ ގުރޭޑުގެ ހަނޑުލަކީ، އެ ރަށުގެ ރައްޔިތުން ކާން އެވޭލަބްލް އެއްޗެއް ނޫން. މިއީ ބާޒާރަށް ނެރޭ އެއްޗެއް ނޫން. އެއީ އެކްސްޕޯޓަށް ހުންނަ އެއްޗެއް. ތިންވަނަ ގުރޭޑުގެ ހަނޑޫ އެއީ އެ ރަށުގެ ރައްޔިތުން ކާން ހުންނަ ހަނޑޫ. މިއީވެސް ހަމަ އިންސާނުން. އަޅުގަނޑުމެންގެ ސަރަޙައްދުގައި އުޅޭ އިންސާނުންގެ ވިސްނުން. އަޅުގަނޑުމެން މިކަން ކުރާއިރު އެސް.ޓީ.އޯ. ކަހަލަ ކުންފުނިތަކުން ކިތަންމެވަރަކަށް ހޭދަކުރަން އުޅުނަސް، ކިތަންމެވަރަކަށް ހަރަދު ކުޑަކުރަން އުޅުނަސް، ސަރުކާރުގެ ބަޖެޓުން ހޭދަ އެބަކުރަންޖެހޭ، ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ ސަބްސިޑީއަށް. އާސަންދައާއި އެންސްޕާއިން ސަބްސިޑީއަށް އެބަ ހޭދަކުރަންޖެހޭ 1 ބިލިއަން ރުފިޔާ. 1000 މިލިއަން ރުފިޔާ. ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެއް. އަޅުގަނޑުމެންނަށް ލިބޭ އާމްދަނީއަކީ ގާތްގަނޑަކަށް 15 ހާސް ބިލިއަން.

ހުރިހާ ޕްރީ ސްކޫލްތަކެއް ސަރުކާރުން މި ހިންގައިދެނީ ހިލޭ. އެކަން ކުރަން ބޭނުންވާ ސަބަބަކީ ރައްޔިތުންނަށް އެ ދަތި އުފުލިޔަނުދީ، އެންމެ އިބްތިދާއީ ތަޢުލީމު އެކުދިންނަށް އަށަގެންނެވުން އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށް ދެކޭތީ. މިއިން ބަނދަރެއްގެ ވާހަކަ ދައްކާ ކަމަށްވަންޏާ، މި ދައްކަނީ ތިރީހަކަށް މިލިއަން ރުފިޔާގެ ވާހަކަ. ޒިންމާދާރުކަމާއެކީ މި ވާހަކަ ދައްކާ ކަމަށްވަންޏާ، މިއަހަރުގެ ބަޖެޓު މޫސުމް، ތިޔަބޭފުޅުން، ހުރިހާ ބޭފުޅުންވެސް، ޓީ.ވީ.ތައް ކައިރީ ތިއްބަވާ! ސަރުކާރު ޒިންމާދާރުކޮށް، ރައްޔިތުންނަށް ޒިންމާދާރުކަމާއެކީ މިއަށްވުރެ އުފާފާގަތި ދުވަސްތަކެއް ރައްޔިތުންނަށް ގެނެސްދޭން ވަކާލާތު ކުރައްވާ ބޭފުޅުން، މިފަހަރު އެ މަސައްކަތް ކުރައްވާގޮތް ހިނގާ ބަލަމާ! އަޅުގަނޑުމެން މިފަހަރުވެސް ޖަހާނަން، ހިރިމަރަދޫއަށްވެސް ކަންތައްތައް. އަޅުގަނޑުމެން މިފަހަރުވެސް ޖަހާނަން، ހުރިހާ ރަށަކަށްވެސް ކަންތައްތައް. މި ބަޖެޓަށް ވޯޓުދޭ މީހުންނާއި، ވޯޓުނުދޭ މީހުން ބައްލަވަން ތިއްބަވާ! އެއީވެސް ރައްޔިތުންގެ މަންދޫބުން. މިހާރު މިއޮތީ އަޅުގަނޑުމެންނާ އައިސް ދާދި ކައިރިން ބައްދަލުކުރާ ހިސާބުގައި ކައުންސިލް އިންތިޚާބު. މީގައިވެސް އަޅުގަނޑު ދަންނަވާލަން އޮތީ، ރައްޔިތުންގެ ފަރާތުން ބަސްކިޔައި، ކަންކަން ނިންމައި، އޭގެމައްޗަށް ސިޔާސަތު ބިނާކުރާ ހިސާބުގައި ތިބޭ ބައެއް ކަމަށްވަންޏާ، ރައްޔިތުންނަށް ކަންތައްތައް ފަސޭހަވާގޮތަކަށް، ކޮންމެ ފިކުރެއްގައި އެމީހުން ތިއްބަސް، މިކަންވާގޮތަށް އެއީ، ރައްޔިތުންގެ ޙައްޤުގައި ކޮށްދެންޖެހޭނެ ކަމެއް.

މިރަށުގައިވެސް ފުޓުބޯޅަ ދަނޑެއް ބޭނުން. ފުޓުސަލް ދަނޑު ބޭނުން. ބަށިކޯޓު ބޭނުން. އަދި އެހެން ކަންތައްވެސް ބޭނުން. އެކަމަކު ބިން ދައްކާ ހިސާބަށް ދިޔައީމަ، މިއިން އެއްވެސް ކަމެއް ކޮށްދޭކަށް ބޭނުމެއްނުވޭ. އެހެންވީމާ، މިއީ ކައުންސިލަރުންގެ ޒިންމާ. ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ވާކަމަށްވަންޏާ، އެކަންކަން ރައްޔިތުން ބަލައިގަތުމަށްޓަކައި ހަމަ ދެއަތުން މަރުޙަބާ ކިޔާފައި، ރަތްދޫލަ އަޅައިގެން، އެކަންކަން ކޮށްދޭ މީހަކު ރަށަށް އަރުވަންވާނީ. މިހާރު ތިޔައޮތީ ބަނދަރުވެސް ނިމިފައި ނޫންތޯ؟ އެހެންވީމާ، މިހާރު ނުޖެހޭނެ ބޮއްކުރާގައި ކަނބާކަށްވެސް ދޮގެއްތޯ؟ އެހެންވީމާ، މިކަންކަން ކޮށްދިނުމަކީ ކައުންސިލް އިންތިޚާބުތަކަށް ޝައުޤުވެރިވާ ބޭފުޅުންނަށް އަޅުގަނޑު މިއަދު ކުރާ އިލްތިމާސް. އަދި އެ ބޭފުޅުންނަށް ވޯޓު ދެއްވަން ތިއްބެވި ހިރިމަރަދޫގެ ރައްޔިތުންނަށް އަޅުގަނޑު ހަމަ ދަންނަވާ ދެންނެވުމެއް. ސަރުކާރާއެކީ މަސައްކަތް ކޮށްގެން، ރައްޔިތުން ބޭނުންވާ ފަސޭހަކަމާއެކީ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދޭވަރުގެ ޒިންމާ އުފުލާނެ، ޒިންމާދާރު ބޭފުޅުން ކައުންސިލަށް އިންތިޚާބު ކުރައްވާ! އޭރަށް ރަށަށް ބޭނުންވާ ތަރައްޤީ އަވަސްމިނުގައި އަންނާނެ.

ކިތަންމެ ރަށެއްގައި ހުންނާނެ، ފުޓުސަލް ދަނޑު ކަނޑަން ތަކުރާރުކޮށް، އެދިއެދި ފުޓުސަލް ދަނޑު ކަނޑާނެ ބިން ދައްކައި ނުދީފައި. އެހެންވީމާ، ކިހިނެއްތޯ އެތަނަށް ފުޓުސަލް ދަނޑު ގެންދާނީ؟ އެހެންވީމާ، މިކަހަލަ ގޮންޖެހުންތައް އަޅުގަނޑުމެންގެ ތެރޭގައި މިހިރީ. އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ފަހަތަށް ޖައްސާފައި، އަޅުގަނޑުމެންގެ ކުރިއަށް ދިއުމުގެ ރޫޙު އަބަދުވެސް އިސްކުރަން އެބަޖެހޭ. މިކަންކަން ކުރުމުގައި ވިސްނާވަޑައިގަންނަވާ! އަޅުގަނޑު ނުދެކެން، ހަމަ އަޅުގަނޑަކީވެސް ކެބިނެޓުގައި، ހަމަ އެތަކެއް ޒަމާން ވަންދެން، މީގެކުރިންވެސް މަސައްކަތްކުރި މީހެއް. އެކަމަކު ހަމަ ތެދުތެދަށް ދަންނަވާކަމަށްވަންޏާ މިހާރު މިއޮތް ކެބިނެޓަކީ ވަރަށް މުރާލި، ވަރަށް ހީވާގި، އަދި ވަރަށް އިޚުލާޞްތެރިކަމާއެކީ މަސައްކަތް ކުރައްވާ ކެބިނެޓެއް. ކޮންމެ ބޭފުޅަކުވެސް، އެބޭފުޅެއްގެ ދާއިރާއިން އަނެއް ވަޒީރަކަށްވުރެ ބާރަށް، އަވަހަށް، ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދޭން އަބަދުމެ އެދިވަޑައިގެން ތިއްބަވާ ބޭފުޅުން. ދެން އަޅުގަނޑުމެންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައިވެސް މިތިއްބެވީ ހަމަ ރޮކެޓް ސްޕީޑުގައި ކަންކަން ކުރައްވާ ބޭފުޅުން. އެއީ އަޅުގަނޑުމެންގެ ތެރޭގައި ތިބި ބައެއް. އަޅުގަނޑާ ދޭތެރޭގައިވެސް ވަރަށް އޯގާތެރި، އިޙުސާންތެރި ވާހަކަފުޅުތަކެއް ތިޔަ ދެއްކެވީ. އަޅުގަނޑުމެންވެސް މިކަމަށް މިއައީ ހަމަ ރައްޔިތުންނަށް ޚިދުމަތް ކުރާނަމޭހިތާ. އެކަންކަން ކުރެވޭތޯ އަޅުގަނޑުމެންވެސް މި ބަލަނީ.

2018 އަކީ އޭގެ ޒާތުގައި ރައްޔިތުންގެ ވޯޓުން ނިމޭ ކަމެއް. އެކަމަކު ރައްޔިތުން އަޅައިކިޔާއިރު، ކަންކަން ވެފައިހުރި މިންވަރަކާއި، އަދި ރައްޔިތުންގެ ފަސޭހައަށް، ރައްޔިތުންގެ ހަމަޖެހުމަށް ކަންތައްތައް ދާ މިންވަރަކާ، މި ބަލަންޖެހޭނެ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން މިވާހަކަ ދައްކާއިރު، އަޅުގަނޑުމެން މިމަޤާމުގައި ތިބެގެން މި ވާހަކަ ދައްކާއިރު، މި ޕޯޑިއަމުގައި ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ އެއް ފިކުރުގައި ޕީ.ޕީ.އެމް.ގެ ތެރޭގައި ތިއްބެވި، ޕީ.ޕީ.އެމް.ގެ މެންބަރުންގެ އެންމެ ހިތަށް ފަސޭހަ ދުވަސްތަކެއް ނޫން މި ހޭދަކުރަނީ. އެކަމަކު އަޅުގަނޑުމެން ވިސްނާލަންޖެހެނީ، އަޅުގަނޑުމެން ކޮންމެ މީހަކީ އުސޫލުތަކަކާ އެއްގޮތަށް ޚިދުމަތް ކުރަން އައިސް ތިބި ބައެއް. އަޅުގަނޑުމެން ރައްޔިތުންގެ ކައިރިއަށް އައިސް ވޯޓަށް އަހާއިރު ކީކޭތޯ ބުނަނީ؟ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި، އިޚުލާޞްތެރިކަމާއެކީ މަސައްކަތް ކުރާށޭ މިއައީ. ވޯޓެއް ދެއްވާށޭ! މިއީ ހަމަގައިމުވެސް އަޅުގަނޑު ރިޔާސީ ޕްރައިމަރީގައިވެސް އައިސް މިތާ ދެއްކި ވާހަކަ. ޕާޓީގެ ތެރެއިން ވޯޓު ހޯދަންވެސް. ހަމައެހެންމެ، ޤައުމީ އިންތިޚާބާ ކުރިމަތިލައިގެންވެސް އަޅުގަނޑު އައިސް ދެއްކި ވާހަކައަކީ މިއީ. އަޅުގަނޑު މަސައްކަތް ކުރާނަމޭ ރައްޔިތުންނަށް ބޭނުންވެފައިހުރި ކަންތައްތައް ކުރަން. އަޅުގަނޑު ބުނަމުން ގެންދިޔައިން، އަޅުގަނޑުގެ ވާދަވެރިންނަކީ އެއްގޮތަކަށްވެސް އެވެނި މީހަކާއި، މޫސައަކާއި ޙަސަނަކާއެއް ނޫނޭ. އަޅުގަނޑު ވާދަކުރަން ހުރީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްދެވޭތޯ. މައްސަލަހުރި، ހުރިހާ ތަނެއްގައި. އެއީ ސަރުކާރެއްގެ އިހުމާލެއް ނޫން. ހުރިހާ ތަނެއްގައިވެސް ހުންނާނެ މައްސަލަ. އަޅުގަނޑަށް ހަމަ އެންމެ ރަނގަޅު މެސެޖެއް ލިބުނު އެއްތަނަކީ، ދެން މި މަޢާފާއެކީ މިދަންނަވަނީ، ކުރިނބީގެ ކައުންސިލަރުންވެސް އެބަ ތިއްބެވި. ހަމަ ސަމާސައަކަށް ދަންނަވާލާ ވާހަކައެއް. ކުރީގައި އަޅުގަނޑު ކައިރީގައި ވިދާޅުވަމުން ގެންދިޔައީ، އެއީ އަޅުގަނޑު އިންތިޚާބަށް މަސައްކަތްކުރަން އައިއިރުވެސް، ތިމަންނަމެން އެންމެ ބޮޑަށް ބޭނުންވަނީ ބަނދަރޭ. ބަނދަރު ހަދައިދޭށޭ. އަޅުގަނޑު މިއަދު އައިސް އިށީނދެފައި "މިހާރު ބަނދަރު ނިމުނީ. އާނ ރައީސް، މިހާރު ތިކަން ނިމިއްޖެއޭ، އެކަމަކު ދެން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ފެނާއި ނަރުދަމާއޭ.] ހަމަ އަޅުގަނޑު އުފަލާއެކީ ބަލައިގަންނަން. އިރާދަކުރެއްވިއްޔާ، ފެނާއި ނަރުދަމާވެސް، މިރަށަށްވެސް ކުރިނބީއަށްވެސް، ހަމަ ޤާއިމުވެގެންދާނެ. އިފްތިތާޙުކޮށްދޭން އަންނާނީވެސް ހަމަ އަޅުގަނޑު، އިރާދަކުރެއްވިއްޔާ. އެހެންވީމާ އެކަންކަން ވާނެ.

އަޅުގަނޑުމެން އަބަދުވެސް ވިސްނަންވީ، ސަރުކާރެއް އައިސް އޮންނަނީ، ބަޔަކު އިންތިޚާބު ކޮށްގެން ވަކާލާތުކުރަން ފޮނުވަނީ އަބަދުވެސް ބޭނުންތަކެއް ފުއްދަން. ރައްޔިތަކަށްވާތީ، ދިރުންހުރި ތަނަކަށްވާތީ، މުޖުތަމަޢަކަށްވާތީ އަޅުގަނޑުމެންގެ ބޭނުންތައް ހުންނާނެ. އަބަދުވެސް ބޭނުންތައް ދާނީ ފުދެމުން، އިތުރުވަމުން. އެހެންވީމާ، އެކަންކަން ކުރަން ޤާބިލު ބަޔަކު ހޯދުމަކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެއާއެކީ އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ މުޖުތަމަޢުތަކަށް، މިރަށްރަށަށް ބޭނުންވާ، ރައްޔިތުންނަށް ބޭނުންވާ، މިދެންނެވި ކަހަލަ ޢުމްރާނީ އެކިއެކި ވަސީލަތްތައް ތަނަވަސްވެގެން ދިޔައިމަ، އޭގެބޭނުން ހިފާއިރު އަޅުގަނޑުމެންގެ ހިތަށް ގެންނަންޖެހެނީ، ދެން އަޅުގަނޑުމެންގެ ވެށްޓަށް އަންނަނީ ކޮންކަހަލަ ބަދަލެއްތޯ؟ ވެށީގެ މާނަ މިދެންނެވީ އެއްގޮތަކަށްވެސް ޤުދުރަތީ ވެށީގެ ވާހަކައެއް ނޫން. އަޅުގަނޑުމެންގެ މުޖުތަމަޢު، އަޅުގަނޑުމެން އެކަކު އަނެކަކާ ދޭތެރޭގައި މުޢާމަލާތު ކުރުމާއި، އިޙުސާންތެރިކަން އޮންނަނީ ކޮން މިންވަރަކަށްތޯ؟ އަޅުގަނޑުމެންގެ ރާއްޖޭގައި ދޮގެއްތޯ، އިހަށްދުވަހާ ޖެހެންދެން އެކިކަހަލަ ބޮޑެތި ޒަޚަމްތައް، ކަނޑިއާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގީ. ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކޮށްފައި، ބޮޑެތި ޢުޤޫބާތްތަކެއް ކަނޑައަޅަން ޖެހުނީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންނަށް އުނދަގޫބޮޑު މައްސަލައަކަށްވީމަ. އެހެންވީމާ، އެ މައްސަލަތައް ޙައްލުކުރަންޖެހޭ.

އެހެންވީމާ، މިރަށްރަށުގައި މިކަހަލަ ޚިދުމަތަށްދާއިރު، އަޅުގަނޑުމެން ޒުވާން ކުދިންނަށް ވިސްނައިދޭންޖެހެނީ، އަދި މަސްތުވާތަކެތީގައި އުޅޭ ކުދިންނަށް އިތުރަށް ވިސްނައިދޭންޖެހެނީ، ފުރަތަމަ އެކަމުން ނުކުތުން. ދެވަނަ ކަމަކީ މަސްތުވެގެން ހުރެގެންވެސް، އެހެން މީހެއްގެ ޙައްޤަށް އަރައިނުގަތުން. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވާނެ، މިހުރިހާ ކަމެއް ފުރިހަމަވެގެންދާއިރު، ހިރިމަރަދޫއަކީ ނަލަ ރީތި ރަށެއްގެ ގޮތުގައި އަޅުގަނޑުމެން ދައްކަން. އެއީ ހިރިމަރަދޫގެ ރައްޔިތުންނަށް، ނަމޫނާއެއްގެ ގޮތަށް އެހެން ރައްޔިތުންނަށް ނަލައެއްނުވާނެ، އަބަދުވެސް އެތަނުގައި ޖިސްމާނީ ބޮޑެތި ގެއްލުންތައް ލިބި، ބޮޑެތި ޖިނާއީ ކަންތައް ހިނގާކަމަށްވަންޏާ. ޢުމްރާނީގޮތުން ފުރިހަމަވިޔަސް އެއީކީ ޒީނަތްތެރި ތަނަކަށް ނުވާނެ. އަޅުގަނޑުމެންގެ ނަފްސުގެ ޒީނަތްތެރިކަންވެސް އަންނަނީ ހަމައެކަނި ރީތި ބުރުގާއަކުން ނޫން ދޮގެއްތޯ؟ ލިޕްސްޓިކަކުން އެކަންޏެއްވެސް ނޫން ދޮގެއްތޯ؟ އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި ގެންގުޅޭ ޚިޔާލަކީވެސް ރީތި އެއްޗަކަށް ވެގެން. އެހެންވީމާ، އެ އިޙުސާންތެރިކަމާއި، އެ އޯގާތެރިކަން އަޅުގަނޑުމެންގެ މުޖުތަމަޢަށް އަންނަން މި ޖެހެނީ. އެކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން އެކިކަހަލަ ޤާނޫނު މި ހަދަނީ. އެއްގޮތަކަށްވެސް އެއީކީ، މީހުންނަށް އަދަބުދޭން ބޭނުންވާތީ ކުރާ ކަންކަމެއް ނޫން.

މަދަރުސާއަށް ކުދިން ފޮނުވައިދެނީ މަންމައިންނާއި ބައްޕައިން. މި ފޮނުވަނީ ރަނގަޅު ތަރުބިއްޔަތެއް ކުރުމަށްޓަކައި. ހަމައެކަނި ފޮތުން ތަޢުލީމު ދިނުމަކަށް ނޫން. މަދަރުސާއަކީ އެކުއްޖެއްގެ ޒުވާން ޙަޔާތުގެ އެންމެ ގިނަ ވަގުތު ހޭދަކުރާ ތަން. އެހެންވީމާ، އެތަނުން ނުކުމެގެން އަންނައިރު ހަމައެކަނި އަންނާނީ ޕީ.އެޗް.ޑީ.އަކާ ހަމައަށް ފޮތް ގިރައި ހިތުދަސްކޮށްގެނެއް ނޫން. އުޅެންވެސް އެނގެންވާނެ. އެހެންވީމާ، މިކަހަލަ އެތައް ކަންތައްތަކެއް، އެތައް ދަރުސްތަކެއް ދޭތަނެއް ދޮގެއްތޯ، އަޅުގަނޑުމެން އުޅޭ ވެށްޓަކީ! ހަރަކާތްތެރިވާ ވެށްޓަކީ! އެހެންވީމާ، ކުރިނބީއަށް، ހިރިމަރަދޫއަށް މިއަންނަ އުމްރާނީ ތަރައްޤީއާއެކީ އަޅުގަނޑުމެން މިދެންނެވި ކަހަލަ ތަރައްޤީއާ ދޭތެރޭ ވިސްނާވަޑައިގަންނަވާ! މިކަން ވިސްނުމަކީ އަޅުގަނޑުމެން ދެން ކުރިމަގުގައި، އަޅުގަނޑުމެން ބޭނުންވާ އިތުރު ކަންތައްތައް ހޯދަން އެންމެ ފަސޭހަވެގެންދާނެ އެއްގޮތް. މިސާލަކަށް، އިތުރަށް ކުށްކުރާ މީހުން ގިނަވެއްޖެއްޔާ، ރީތި ޒީނަތްތެރި މުޖުތަމަޢަކަށް ހެދުމުގެ ބަދަލުގައި، ކުށްކުރާ މީހުން ގިނަވެއްޖެ ކަމަށްވަންޏާ، އަޅުގަނޑަށް ފެނާއި ނަރުދަމާއަށްވުރެ އިސްކަންދޭންޖެހޭނީ، މިތަނުގައި ޖަލެއް އަޅަންނޫންތޯ؟ ކާކުތޯ ޖަލެއް ބޭނުންވާނީ؟ އެކަމަކު ޠަބީޢީގޮތުން، ހާލަތު ނިޔާކުރަނީ، ކުށްވެރިން ގިނަވީމަ، ފުރަތަމަ ޖަލެއް އަޅަން. އެއީ އެހެން މީހުންގެ ރައްކަލަށްޓަކައި. މަސްތުވާތަކެތި ގިނަވެއްޖެ ކަމަށްވަންޏާ، އެއަރޕޯޓުގައި އެކަންޏެއްނޫންކަންނޭގެ، ބައްޅަ ސްކޮޑެއް ގެންގުޅެންޖެހޭނީ. މިއިން ކޮންމެ ރަށެއްގައި އަޅުގަނޑު ގެންގުޅެންޖެހޭނެކަންނޭނގެ، ބައްޅަ ސްކޮޑެއް. މިއަށްތޯ އަޅުގަނޑުމެން ހޭދަކުރަންވީ؟ އަޅުގަނޑުމެން އަމިއްލަ ރައްޔިތުންލައި، ހައްޔަރުކޮށް ގެންގުޅޭ ޖަލުތައްތޯ ގިނަކުރަންވީ؟ ކީއްތޯވާނީ އަޅުގަނޑުމެންގެ ވިސްނުމުގެ ދޮރު ހުޅުވާލިއްޔާ؟ ވިސްނުމަށް މި ބަދަލު ގެނައްޔާ ކީއްތޯވާނީ؟ ޖަލަށްނުދާން، ޖަލަށްދާވަރުގެ ކުށް ނުކުރަން އަޅުގަނޑުމެން ޢަޒުމެއް ކަނޑައެޅިއްޔާ ކީއްތޯވާނީ؟ އެހެންވީމާ، އެއީ ނަފުސަށް މި ގެންނަންޖެހޭ ބަދަލަކީ ދޮގެއްތޯ؟ މި ބަދަލު ގެނެވިގެން އަޅުގަނޑުމެން ދެން ކުރަންހުރި ކަންތައްތަކުގައި، ރަށްރަށަށް ބޭނުންވާ ޚިދުމަތްތައްވެސް ފުޅާކުރެވޭނީ ދޮގެއްތޯ؟ ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ، މިޒަމާނުގެ އެންމެ ތަރައްޤީގެ ހުރިހާ ވަސީލަތްތަކެއް. އެއީ މުވާސަލާތީ ކަންކަމަށް ބެލިޔަސް، އަދި އެހެނިހެން ކަންކަމަށް ބެލިޔަސް. އެކަމަކު މިކަންކަން ކުރުމަށް ފައިސާ ހޯދާއިރު، މި ދެންނެވި ކަހަލަ ކަންތައްތައް އަންނަންޖެހޭ.

އެހެންވީމާ، ސިޔާސީ ބޭފުޅުން ވާހަކަފުޅު ދައްކަވާއިރު، އަޅުގަނޑު ބޭނުންވަނީ މިވެނި މީހަކަށް މިވެނި ޙައްޤެއް ގެއްލުމުގެ ބަދަލުގައި ވިދާޅުވާން، ރައްޔިތުން ބޭނުންވަނީ މިވެނިމިވެނި ކަންތައްތައް ކުރިއަށް ގެންދާށޭ. އެހެންވީމާ، ޔާމީން ތިކަން ކުރާގޮތަށްވުރެ، މިކަން މިއަށްވުރެ ރަނގަޅަށް ކުރެވިދާނެއޭ، ވިދާޅުވެދެއްވާ! އަޅުގަނޑުމެން މިތިބީ އެކަހަލަ ވާހަކަ ދައްކަން މަޝްވަރާއަށް ހުޅުވައިލައިގެން. އަޅުގަނޑުމެން ދަންނަވައިގެން މިއުޅެނީ ސިޔާސީ ޕާޓީތަކުގައި، ޚިޔާލުތަފާތުވުން އޮންނާނެއޭ. އަޅުގަނޑުމެން ޕާޓީތެރޭގައިވެސް ޚިޔާލުތަފާތުވުން އެބައޮތް. އެކަމަކު އުސޫލުތަކަށް ބިނާކޮށް، ރައްޔިތުންނަށް ބޭނުންވާގޮތަށް ކަންކަން ނިންމުމުގެ ގާބިލުކަމާއި ކެރުންތެރިކަން އަޅުގަނޑުމެންގައި ހުންނަންވާނެ. އަޅުގަނޑުމެން ޕާޓީގައިވެސް އެކަން އޮންނަންވާނެ. އަޅުގަނޑުމެން، އުސޫލެއް ގަބޫލުކުރާ ބައެއް މިއީ. ޕާޓީތަކަކީ އެއްގޮތަކަށްވެސް ވަކިވަކި މީހުންގެ ވަށާ އެނބުރޭ އެއްޗެއް ނޫން. މީހުންގެ ވަށާ އެނބުރޭ ކަމަށްވަންޏާ، އެކެއްގެ ފަރާތުން މީހުންގެ ވަށައި ކަންކަން އެނބުރޭ ކަމަށްވަންޏާ، އަޅުގަނޑު ވަށައިކަންނޭނގެ މިހާރު މުގޯލި އަޅަންވާނީ. އެއީ ރައްޔިތުންނަށް ޚިދުމަތް ކުރަން މިވަގުތު ރައްޔިތުން އިންތިޚާބުކޮށްފައި ހުރި މީހަކީ އަޅުގަނޑު ދޮގެއްތޯ؟ އެހެންމީހަކު އިންތިޚާބެއް ނުކުރޭ. އެހެންވީމާ، މިއަންނަ އަހަރުވެސް ހިރިމަރަދޫގައި ނަރުދަމާ ނޭޅިއްޖެއްޔާ، ތިޔަބޭފުޅުން ސުވާލު ކުރައްވާނީ އެހެން ޕާޓީއެއްގެ ލީޑަރަކާ ނޫން. އަޅުގަނޑާ ސުވާލު ކުރައްވާނީ. އެހެންވީމާ، މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާ!

އަޅުގަނޑު އެދެނީ އަބަދުވެސް އަޅުގަނޑުމެންގެ ކުރިއަށް ދިޔުމުގެ ރޫޙު އިތުރުވެގެން ދިޔުން. އަޅުގަނޑަށް އެއްބާރުލެއްވުން ދެއްވަން، އަޅުގަނޑު ހަމަ މިއަދުވެސް އިލްތިމާސް ކުރަން. އަޅުގަނޑުގެ އަބަދުވެސް ހުންނަ ކަމެއް، ކުރިއަށް ދިޔުމުގެ ރޫޙު. އަނެއްކާ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ކޮށްދިނުން. އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް. މި ހުރިހާ ކަމެއް މި ދާއިރު، އަޅުގަނޑުމެންގެ އެތެރެއިންވެސް ފިއްތުން، ބޭރުންވެސް ފިއްތުން. ދެން ބުނާކަށް ނުވާނެކަންނޭނގެ، ގޭތެރެއިންވެސް ފިއްތުންކަންނޭނގެ. މިހިސާބަށް ދިޔައިމަ، ކަންކަމެއް ނުކުރެވޭނެ ދޮގެއްތޯ؟ ކޮންމެ މީހަކަށްވެސް ސަރުކާރެއް ހިންގަން ފުރުޞަތު ލިބޭ. ފަސްއަހަރު ކުރާ މީހުން، އެއަށްވުރެ ގިނައިން ކުރާ މީހުން، ދެއަހަރުބައިގައި ކުރާ މީހުން، ތިންދުވަހު ކުރާ މީހުންވެސް ތިބޭނެކަންނޭނގެ. އެއިން އެ ދައްކައިދެނީ އެމީހުންގެ ވިސްނުން ތަނަވަސްވެފައިހުރި މިންވަރު. ﷲ އަޅުގަނޑުމެންނަށް ބުއްދި މި ދެއްވަނީ، އެއީ އިންސާނުންނާއި ހައިވާނުންނާ ތަފާތުކުރުމުގެ ހަމައެކަނި ވަސީލަތް ދޮގެއްތޯ. އެ ބުއްދީގެ ބޭނުންކުރުންމަތީގައި އަޅުގަނޑުމެން ތިބެންޖެހޭ. ލޯކަލް ކައުންސިލްގެ އިންތިޚާބަށް ގޮސްފައި، އަނެއްކާވެސް ވަޙީދު ކުރިމަތިލަންޏާ ވަޙީދަށް ވޯޓުދޭއިރުވެސް.

އެހެންވީމާ، މިކަންކަމަށް ރިޢާޔަތް ކުރައްވާފައި، އަބަދުވެސް ކުރިއަށް ދިޔުމުގެ ރޫޙު ތިޔަބޭފުޅުންގެ ތެރޭގައި ގެންގުޅުއްވާ! އަޅުގަނޑާއެކީ މަސައްކަތް ކުރުމުގެ ފުރުޞަތު އޮންނާނެ. މިދެންނެވި ގޮތަށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރިއަށް ދިޔުމަށް ވޯޓުދޭން ބޭނުންކަމަށްވަންޏާ، ޔާމީނާއެކީ ކުރިއަށްދާނެ ޖާގަ، ހަމަ އިރާދަކުރެއްވިއްޔާ، ހަމަ ކިތަންމެ ދުރަކަށް ދަތުރުކުރިޔަސް އޮންނާނެ. އެކަމަކު އަޅުގަނޑަކަށް ފަސޭހައެއްނުވާނެ، ރާއްޖެ ފަސާދަކުރުމާއި، ރާއްޖޭގެ މަގުތައް، އަމާންކަން ގެއްލި، ނާމާންކަންމަތީގައި އޮންނައިރު ކުރާ ކަންތައްތަކުން ވަކި ފަރުދެއްގެ ޙައްޤު ގެއްލޭ ކަމަށް ބުނެ ވަކާލާތު ކުރާކަމަށްވަންޏާ. އެއަކަށް އަޑުއެހުމުގެ އެހާވަރުގެ ޤާބިލުކަމެއް އަޅުގަނޑުގެ ނުހުރޭ. އަޅުގަނޑަށް ބެލޭނީ ބޮޑަށް މުޅި މުޖުތަމަޢަށް ބޭނުންވާ ކަންކަން. އެހެންވީމާ، މީހުންގެ ގަޔަށް ވަޅިޖަހާ މީހުންނާއި، މީހުންނާ ދޭތެރޭގައި ބޮޑެތި ޢުދުވާން ހިންގާ މީހުންގެ ޙައްޤުތަކެއް ހުންނާނެ. ޝައްކެއްވެސްނެތް، އެ ޙައްޤުތައް ހޯދަން ކޯޓުގައި ތިން މަރުޙަލާ އޮންނާނެ. އެކަމަކު ތިން މަރުޙަލާއިން ނިންމީމާ، ރައީސަށް ލާޒިމުވަނީ، އެ ޙުކުމް ތަންފީޒު ކުރަން. އެހެންވީމާ، އޭގައި ތަފާތެއް އެބައުޅޭ.

އެހެންވީމާ، އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނާއެކީ، މަސްލަޙަތު އޮތް، ޒީނަތްތެރި މުޖުތަމަޢެއް ދައްކައިދޭ ބަޔަކަށް ދިވެހިރާއްޖެ ވެގެންދިޔުން. އަޅުގަނޑުމެންނާ ބެހޭގޮތުން އެންމެ ކުރީގެ ލިޔުންތެރިން، ސައްޔާހުން، ޒިޔާރާތްކޮށްފައި ހުރި މީހުން ލިޔެފައި ހުންނަނީ މިގޮތަށް ދޮގެއްތޯ ވާހަކަތައް. ވަރަށް ސިމްޕަލް ޖަޒީރާ ޤައުމުތަކެއް. އެތައް ބައިވަރު ރަށްތަކެއް ހިމެނޭ ޤައުމެއް. އެކަމަކު އެއްކޮށްލީމަ މިއީ ޤުދުރަތީގޮތުން ޕާރލް ނެކްލެސްއަކަށް ވަނީ. އެހާ އޯގާތެރި، މީހުން ބަލައިގަންނަ، އެހާ އާދައިގެ، އޯގާތެރި ބަޔަކު ތިބޭ ތަނެއް ދިވެހިރާއްޖެ އެއީ. މިއީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ދިވެހިރާއްޖެ ތަޞްވީރުކޮށްދީފައި އޮންނަ ގޮތް ދޮގެއްތޯ؟ މިހާރު މި ތަޞްވީރު ކިލަނބު ކޮށްލަންވީ ކީއްކުރަންތޯ؟ މި ތަޞްވީރު ކިލަނބުކޮށްލަން ބޭނުންކަމަށްވަންޏާ، އަޅުގަނޑުމެން ހިންގަވާ ރާއްޖޭގައި ނުތިބެމާ. އެހެން މީހުންނާއެކީ އަޅުގަނޑުމެން އިނގިރޭސިވިލާތަށް ދިޔައީމަ ރަނގަޅުވާނެ.

وعليكم السّلام.