ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށާއި، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫއަށް ވަޑައިގެން އެރަށުގެ ބަނދަރާއި، މިސްކިތް މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިއަދު މެންދުރު އޮތް މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަކުނުދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ރަށު ރައްޔިތުންނާއި މުޙާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި، ތަރައްޤީއަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ޙައްޤެއްކަމަށާއި، އަދުގެ ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަކީ ރާއްޖޭގެ އެކި ދާއިރާތަކަށް ދިމާވެފައިވާ ތަފާތު އެކި މައްސަލަތައް ޙައްލުކުރުމަށް ކުރާ މަސައްކަތްކަމުގައެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހާއްޞަކޮށް ރާއްޖޭގެ އުތުރުގެ ސަރަޙައްދުގެ ރަށްތަކުގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ބައެއް ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް އަލި އަޅުއްވާލައްވަފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އަންހެނުން ބާރުވެރިކުރުވުމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ރާއްޖޭގެ ސިޔާސީ ކަންކަމާއި ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި މަކުނުދޫ ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވަނީ ވެދުމަށް އަރުއްވާފައެވެ. މި ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އެރުއްވީ މަކުނުދޫ ކައުންސިލުގެ ރައީސް އަލްފާޟިލް މުޙައްމަދު ޝާކިރެވެ.

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ރައްޔިތުންގެ ލަފާ ފޭބުމުގެ ދަތިތަކަށް ޙައްލެއް ހޯދައިދެއްވުމުގެ ގޮތުން އެ ރަށުގައި ސަރުކާރުން ހޭދަކޮށްގެން މިއަދު ހުޅުއްވައިދެއްވި މި ބަނދަރަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި، މި ބަނދަރަކީ 790 ފޫޓު ދިގު، 375 ފޫޓު ފުޅާ ބަނދަރެއްކަން ފާހަގަކޮށްލެވެއެވެ.

މިއަދު މަކުނުދޫގައި ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި 'މަސްޖިދުލް ތަޤްވާ' މިސްކިތަކީ، ސަރުކާރުން 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ޢިމާރާތްކޮށްފައިވާ، 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ބަނދަރާއި މިސްކިތް ހުޅުވުމަށް ފަހު މަކުނުދޫގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދާއި، ދަޢުލަތުގެ ބައެއް ވަޒީރުންނާއި، މަޖިލިސް ބައެއް މެންބަރުންގެ އިތުރުން ސަރުކާރު ބައެއް ކުންފުނިތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.